15 އޭޕްރީލް 2021 - 13:38 0
ފްލިކް (ކ) އާއި ނާގަލްސްމަން.-- ފޮޓޯ: އޭއެފްޕީ
15 އޭޕްރީލް 2021 - 13:38 0
މިއުނިކް (އޭޕްރީލް 15) - މި ސީޒަނަށް ފަހު ބަޔާން މިއުނިކްގެ ކޯޗުކަމުން ހަންސީ ފްލިކް ވަކިވުމުގެ ފުރުސަތު ބޮޑުވެފައިވާއިރު، އޭނާގެ ބަދަލުގައި އެ ޓީމުން ގެންނަން ބޭނުންވަނީ މި ވަގުތު އާރްބީ ލައިޕްޒިގާ ހަވާލުވެ ހުރި ޖަރުމަނުގެ ޒުވާން ކޯޗު ހޫލިއަން ނާގަލްސްމަން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މި އަހަރުގެ ޔޫރޯ އަށް ފަހު ޖަރުމަނު ގައުމީ ޓީމުގެ ކޯޗުކަން 14 އަހަރަށް ފަހު ދޫކޮށްލަން ޔަކީމް ލޯ ނިންމާފައިވާއިރު، ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ފްލިކް ގެންދަން މަސައްކަތްތަކެއް ފަށައިފަ އެވެ. އެންމެ ފުރަތަމަ ފްލިކަށް ހުށަހެޅުމެއް ލިބުނު ނަމަވެސް ބަޔާނުން އޭނާ ދޫނުކުރާނެ ކަމަށް އެ ކްލަބްގެ ޗީފް އެގްޒެކްޓިވް ކާލް-ހެއިންޒް ރުމެނިގާ ވިދާޅުވެފައިވީ ނަމަވެސް މިހާރު އެކަން ބަދަލުވަމުން އަންނަ ކަމަށް ޖަރުމަނުގެ ބިލްޑް ނޫހުން ރިޕޯޓްކޮށްފައިވެ އެވެ.
ރިޕޯޓްތައް ބުނާގޮތުން 2023 ވަަނަ އަހަރާ ހަމައަށް ފްލިކް ބަޔާނާ އެކު ހަދާފައިވާ އެއްބަސްވުމުގައިވާ ވަކި މާއްދާ އަކަށް ބެލުމަށް ފަހު މި ސީޒަން ނިމުމުން ފްލިކް ބަޔާން ދޫކޮށްލާނެ އެވެ. ފްލިކް ހަވާލުވާން ނިންމާފައިވަނީ ޖަރުމަނު ގައުމީ ޓީމާ އެވެ. ފްލިކް އަކީ ޖަރުމަނު ގައުމީ ޓީމުން 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، އެ ޓީމުގެ އެސިސްޓަންޓް ކޯޗެވެ. އަދި ފްލިކް ވަނީ 2014 އިން 2017 އަށް ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުގެ ސްޕޯޓިން ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
ބަޔާންގެ އެސިސްޓަންޓަކަށް ހުރި ފްލިކް، ހެޑް ކޯޗުކަމާ ހަވާލުވީ 2019 ވަނަ އަހަރު އެ ޓީމު ވަރަށް ބޮޑަށް ނުތަނަވަސްކަމެއްގެ ތެރޭގައި އޮއްވަ އެވެ. ޓީމުގެ ހާލަތު ބަދަލުކޮށް އޭނާ ވަނީ ބަޔާނަށް ޖަރުމަނު ލީގާއި ކަޕް އަދި ޗެމްޕިއަންސް ލީގު ހޯދައިދީފަ އެވެ. އަދި ފަހުން ޖަރުމަނު ސުޕަ ކަޕާއި ޔުއެފާ ސުޕަ ކަޕް އަދި ކްލަބް ވޯލްޑް ކަޕް ވެސް ހޯދައިދިނެވެ.
ރިޕޯޓްތައް ބުނާގޮތުން މިދިޔަ އަންގާރަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ބަޔާން ކެޓި މެޗަށް ފަހު ފްލިކް ވަނީ މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލަން ނިންމާފައިވާކަން ކްލަބްގެ ބައެެއް އޮފިޝަލުންނަށް އަންގައިފަ އެވެ.
އުމުރުން 33 އަހަރުގެ ނާގަލްސްމަން ކޯޗިން ކެރިއަރު ފެށީ 2016 ވަަނަ އަހަރު ހޮފެންހައިމް އިންނެވެ. އޭނާ ލައިޕްޒިގާ ހަވާލުވީ 2019 ވަނަ އަހަރު އެވެ. އެ ޓީމު ގޮވައިގެން މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ވާދަކުރި ނަމަވެސް މި ފަހަރުގެ މުބާރާތުގެ ދެ ވަނަ ބުރުން ލިވަޕޫލް އަތުން ވަނީ ކަޓައިފަ އެވެ. މީގެ ކުރިން ރެއާލް މެޑްރިޑްގެ ހުށަހެޅުމެއް ވެސް ލިބުނު ނާގަލްސްމަން އަންނަނީ ލައިޕްޒިގުގައި ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ.
Comment