ރެޖިސްޓްރީކޮށްގެން ނޫނީ އިލެކްޓްރޮލައިޓްސް އާއި ވިޓަމިންސް ހިމެނޭ ބުއިންތައް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފި އެވެ.
އެފްޑީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ސިއްހީ ހިދުމަތްތެރިންގެ ލަފަޔާއި އިރުޝާދެއް ނެތި އެފަދަ ބުއިންތައް ބޭނުންކުރުމަކީ އޭގެ ސަބަބުން ނޭދެވޭ ސިއްހީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިދާނެ ކަމެއް ކަމަށެވެ.
"މީގެ ފަހުން މިފަދަ ބުއިންތައް އެތެރެކޮށް ވިއްކޭނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅައިފައިވާ އުސޫލުތަކާއި އެއްގޮތަށް، ގައިޑްލައިން ފޯ ރެޖިސްޓްރޭޝަން އޮފް ނިއުޓްރާސޫޓިކަލްސް ގެ ދަށުން ރެޖިސްޓްރީކޮށް ހުއްދަ ލިބިގެންނެވެ،" އެފްޑީއޭގެ އިއުލާނުގައި ބުންޏެވެ.
އެ އޮތޯރިޓީން ބުނީ އެފަދަ ބުއިންތަކަކީ އެނާޖީ ބުއިމެއްކަމަށް ނުވަތަ ހައިޑްރޭޝަން ބުއިމެއްކަމަށް ލޭބަލްކޮށްފައިވީ ނަމަވެސް، އެކުެލެވޭ ބާވަތްތަކާއި އޭގެ މިންވަރު ނުބަލައި ކުޑަކުދިންނާއި ޒުވާނުން އަދި، އުމުރުން ދުވަސްވީ މީހުން ވެސް އެ ބުއިންތައް ބޭނުންކުރަމުންދާ ކަމަށެވެ.
އަދި، އެފަދަ ބުއިންތަކުގައި ހިމެނޭ ވިޓަމިންސް އާއި އިލެކްޓްރޮލައިޓްސް ހިމެނޭ މިންވަރާއި އަދި، ތަފާތު ކްލެއިމްތަކަށް ރިއާޔަތްކުރާއިރު، އެ ފަދަ ބުއިންތައް ގިންތި ކުރެވެނީ ނިއުޓްރާސޫޓިކަލްސްގެ ގޮތުގައި ކަމަށް ވެސް އެ އޮތޯރިޓީން ކުރި އިއުލާނުގައި ބުންޏެވެ.
އެފްޑީއޭއިން ބުނީ އެ އޮތޯރިޓީގައި ރެޖިސްޓްރީނުކޮށް އިމްޕޯޓުކުރާ އެފަދަ ބުއިންތައް ބޭހާއި ބެހޭ ގަވާއިދުގެ ދަށުން ހިފަހައްޓާނެ ކަމަށެވެ.








