މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނީ ކުށްވެރިޔާގެ ފުރާނަ ނެތިކޮށްލުމަށްޓަކައި އޭނާގެ ކަރުގައި މަޅިއެއް އަޅުވައި ބާރުކުރުމަށްފަހު، އެ މަޅީގައި އޭނާ އެލޭނެ ގޮތަށް ދަންޖައްސައިގެން ކަމަށް ލިޔެފި އެވެ.
ސަރުކާރުގެ ފަރާތުން މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު އެވެ.
މި ބިލުގައި ބުނެފައިވާ ގޮތުން ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށްޓަކައި ބޭނުންކުރާ އާލަތްތަކާއި ތަކެތި، އަދި އެކަން ކުރާނެ ގޮތް، އެއީ، ކުށްވެރިޔާއަށް އެންމެ ވޭން ކުޑަވާނެ ގޮތަކަށް އަދި ވީއެންމެ އަވަހަކަށް އަދަބު ތަންފީޒުކުރެވޭނެ އާލާތްތަކާއި ތަކެއްްޗަށް އަދި ގޮތަކަށް ކަމުގައި ވާންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
މިގޮތުން ދަންޖެއްސުމަށް ބޭނުންކުރެވޭ ތަކެއްޗާއި، އާލާތްތަކާއި، ދަންޖެއްސުމުގެ ތަފްސީލީ އުސޫލުތަކާއި އިޖުރާއަތްތައް މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ބަޔާންކުރަން ޖެހޭނެ އެވެ.
ޝަރުއީ ހުރިހާ މަރުހަލާއެއް ނިމުމާއެކު އަދި ވާރިސުންގެވެސް ރުހުމާއެކު ކުށްވެރިޔާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމުގެ ކަންކަން ހިންގާ ބަލަހައްޓާނީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ޕެނަލަކުންނެވެ. އެ ޕެނަލް ކޮންމެ މައްސަލައަކަށް ވަކިން އެކުލަވާލާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިންނެވެ.
ހަތް މެންބަރުންގެ ޕެނަލްގައި ތިބޭ މެންބަރުން:
- މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝަނާ އޮފް ޕްރިޒަންސް އައްޔަންކުރާ އޮފިސަރެއް.
- ދިވެހި ފުލުހުންގެ އިސް އޮފިސަރެއްގެ ތެރެއިން ކޮމިޝަނާ އޮފް ޕޮލިސް އައްޔަންކުރާ އޮފިސަރެއް.
- ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕްރޮސެކިއުޓަރުންގެ ތެރެއިން ޕްރޮސެކިއުޓާ ޖެނެރަލް އައްޔަންކުރާ ޕްރޮސެކިއުޓަރެއް.
- ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރެއް.
- މެޑިކަލް ޑޮކްޓަރުންގެ ތެރެއިން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން އައްޔަންކުރާ ޑޮކްޓަރެއް.
- ސުޕްރީމް ކޯޓުން ކަނޑައަޅާ ފަރާތެއް.
- ދިވެހިރާއްޖޭައި ދީނީ ތަގްރީރުކުރުމާއި ދީނީ ނަސޭހަތް ދިނުމަށް ހުއްދަ ލިބިފައިވާ މީހުންގެ ތެރެއިން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ކަނޑައަޅާ ފަރާތެއް.
މަރުގެ އަދަބު ތަންފީޒުނުކުރެވޭނެ ގިނަ ހާލަތްތަކެއްވެސް ބިލުގައި ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ކުށްވެރިޔާ ބަލިވެ އިނދެއްޖެނަމަ، އޭނާ ވިހައި، ގަދަވެ، އޭނާގެ ދަރިފުޅުގެ އުމުރު ދެ އަހަރު ފުރެންދެން އަދި ކުށްވެރިޔާއަކީ އަންހެނެއް ކަމުގައިވާނަމަ، އޭނާގެ ތުއްތު ދަރިފުޅުގެ އުމުރުން ދެ އަހަރު ފުރެންދެން ވެސް މަޑުކުރަން ޖެހެ އެވެ.
އަދަބު ކަނޑައެޅިގެންދިޔަ ހުކުމް މުރާޖައާކުރުމަށް، ކުށްވެރިޔާގެ ފަރާތުން ހުށަހަޅާފައިވާނަމަ، މުރާޖައާގެ މައްސަލައާމެދު ކޯޓުން ކަނޑައެޅެންދެން އަދި މަރުގެ އަދަބު ތަންފީޒުކުރުން ފަސްކުރުމާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާނަމަ، އެ މައްސަލައަކާމެދު މި ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅެންދެން އަދަބު ތަންފީޒު ނުކުރެވެ އެވެ.
މީގެއިތުރުން ކުށްވެރިޔާގެ ސިއްހީ ހާލަތު އެކަށީގެންވާ މިންވަރަށްވުރެ ދަށްވެފައިވާނަމަ، އެ ހާލަތު ބަދަލުވެ، ސިއްހަތު ރަނގަޅުވަންދެން އަދި ކުށްވެރިޔާގެ ނަފްސާނީ ހާލަތު އެކަށީގެންވާ މިންވަރަށްވުރެ ދަށްވެފައިވާނަމަ، އެ ހާލަތު ބަދަލުވެ، ސިއްހަތު ރަނގަޅުވަންދެން އަދަބު ތަންފީޒެއް ނުކުރެވެ އެވެ.
މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ މަރުގެ މައްސަލަތަކުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގަ އެވެ.
މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންގެ ތެރެއިން ވަކި ބަރުދަނެއް ހަމަވާ މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ބެންޗުގެ އިއްތިފާގުން ހުކުމް ކުރާ ހާލަތުގައި ޑްރަގުގެ ބޮޑުންނަށް މަރުގެ އަދަބު ދިނުމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް މި ސަރުކާރުން ވަނީ ބަދަލު ގެނެސްފަ އެވެ.
މަރުގެ އަދަބު ދެވޭ ހާލަތުތައް
- 350 ގްރާމަށް ވުރެ އިތުރަށް ކެނަބިސް ޓްރެފިކް ކުރުން
- 250 ގްރާމާށް ވުރެ އިތުރަށް ޑައިމޯފިން ޓްރެފިކް ކުރުން
- 100 ގްރާމަށް ވުރެ އިތުރަށް ޖަދުވަލު 1 ގައި ވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުން
ރާއްޖޭގައި 1954 ވަނަ އަހަރުގެ ފަހުން މަރުގެ އަދަބު ތަންފީޒުކޮށްފައި ނުވެ އެވެ. އަދި 2024 ވަނަ އަހަރުގެ ނިޔަލަށް ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ނިމި މަރުގެ އަދަބު ދޭ ހިސާބުގައި ހަތަރު މީހަކު ތިބި ކަމަށް ސަރުކާރުން 2024 ވަނަ އަހަރު ހާމަކުރި އެވެ.
ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެންނަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ނިންމި އެވެ. އެހެން ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ސިޔާސަތު 2018 ގައި ބަދަލުކުރި އެވެ.
މަރުގެ އަދަބު ތަންފީޒު ކުރަން ކުރިން ވަކާލާތު ކުރެއްވި ނަމަވެސް، ޝަރުއީ ދާއިރާއަށް އިތުބާރު ނެތުމުން އެކަމަށް މިހާރު ތާއިދު ނުކުރައްވާ ކަމަށް ޔާމީން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ވިދާޅުވި އެވެ.








