ދިރާގުގެ މުވައްޒަފުން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސްނެގުމާއި ބައިވެރިވުން އިތުރުކުރުމުގެ މަގުސަދުގައި ތައާރަފުކުރި 'ޕިޗް ފޯ ޕަރޕަސް' ޕްލެޓްފޯމްގެ ފުރަތަމަ އެޑިޝަން ކާމިޔާބުކުރި ޓީމުތައް އެ ކުންފުނިން އިއުލާންކޮށްފި އެވެ.
'ޕިޗް ފޯ ޕަރޕަސް' އަކީ އިޖުތިމާއީ ޒިންމާ އަދާކުރުމުގައި މުވައްޒަފުންގެ ބައިވެރިވުން އިސްކޮށް، އެ މުވައްޒަފުންގެ ހިތްތަކާ އެންމެ ބޮޑަށް ގުޅިފައިވާ އިޖުތިމާއީ ކަންކަން ދެނެގަތުމަށްފަހު، އެ ކަންކަމުގައި އަމަލީގޮތުން ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ދިރާގުން ފަރުމާކުރި މިފަދަ ފުރަތަމަ ސީއެސްއާރު ޕްރޮގްރާމެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ އެޑިޝަނަށް ދިރާގުގެ މުވައްޒަފުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު، ޖުމްލަ 20 ޓީމަކުން 15 ޕްރޮޕޯޒަލް ވަނީ ހުށަހަޅާފައެވެ. އަދި ޕްރޮގްރާމްގެ ފައިނަލް ޕިޗް އިވެންޓް ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު، އެންމެ ފާހަގަކޮށްލެވޭ 3 ޕްރޮޖެކްޓެއް ވަނީ ހޮވާފައެވެ.
ހޮވުނު 3 ޕްރޮޖެކްޓް:
- އީ.އޯ.ސީ ރިޕްލް (އިފެކްޓް – ބ. ޑިޖިޓަލް އިންކްލޫޝަން އެންޑް ކޮންޓެންޓް ކްރިއޭޝަން):ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން، ޑިޖިޓަލް އިންކްލޫޝަންއަށް އިސްކަންދީގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
- ރޯޑްވައިޒް (ކޮމިއުނިޓީ ޓީމް – ކޮމިއުނިޓީ ރޯޑް ސޭފްޓީ އިނިޝިއޭޓިވް):މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މުޖުތަމައު ހޭލުންތެރިކުރުވުމަށާއި، ޒިންމާދާރުކަމާއެކު މަގުމަތީގެ އާދަތައް ބެހެއްޓުމަށް ބާރުއެޅުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.
- އޮޑިސީ (ދަ ލިވިންގް ކެންވަސް އެންޑް ގްރޯތް ސްކޮޑް):ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށާއި، ތަފާތު އައު ގޮތްތަކަށް ތިމާވެށީގެ މައުލޫމާތު ފޯރުކޮށްދިނުމާއެކު، ރާއްޖޭގެ ކަނޑޫފާތައް ހިމާޔަތްކުރުމަށް ރާވާފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮޖެކްޓްތައް ކާމިޔާބުކުރި ޓީމުތަކުން ކުރިއަށް އޮތް މަސްތަކުގައި އެ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުމަށް ވަނީ ތައްޔާރުވެފަ އެވެ. ކާމިޔާބުކަމާއެކު ބޭއްވުނު "ޕިޗް ފޯރ ޕާރޕަސް" ގެ ފުރަތަމަ އެޑިޝަނަކީ، މުވައްޒަފުންގެ ފުރިހަމަ ބައިވެރިވުމާއެކު އިޖުތިމާއީ ޒިންމާ އަދާކުރުމަށް ލިބުނު ބޮޑު ހިތްވަރެކެވެ. މި ޕްރޮގްރާމްގެ ސަބަބުން ކުންފުނީގެ އެކި ދާއިރާތަކުގެ މުވައްޒަފުން އެކުވެ، އެމީހުން އެންމެ ލޯބިކުރާ ކަންކަމަށް ވަކާލާތުކުރުމުގެ ފުރުސަތު ލިބި، މުޖުތަމައަށް ހެޔޮ ބަދަލުތައް ގެނައުމުގައި އަމަލީގޮތުން ބައިވެރިވުމުގެ ފުރުސަތު ވަނީ ފަހިވެފަ އެވެ.

