މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ރިސޯޓުތަކުގެ ހިސާބުތައް ރަނގަޅުތޯ ބެލުމަށް އޮޑިޓް ކުރަން ޖެހޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ޑރ. އަހްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމީޓީގައި މުނައްވަރު ވިދާޅުވީ މީރާއިން އެމްއެމްއޭއާ ހިއްސާކުރި ހިސާބުތަކުން ދައްކާ ގޮތުގައި އިންކަމް ޓެކްސް ދައްކަނީ 150 ރިސޯޓުގެ ތެރެއިން އެންމެ 50 ވަރަކަށް ރިސޯޓު ކަމަށެވެ. އެއާއެކު ރިސޯޓުތަކަށް ފައިދާ ނުވަނީތޯ ބަލަން ހިސާބުތައް ރަނގަޅުތޯ ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މީރާއިން ޝެއާކޮށްފައި އިން ހިސާބުން ގަބޫލުކުރެވޭ 150 ރިސޯޓުތަކުގެ ތެރެއިން ގާތްގަނޑަކަށް 50 ރިސޯޓު އެނގޭތޯ އިންކަމް ޓެކްސް ޕޭ ކުރަނީ. އިންކަމް ޓެކްސް ޕޭކުރަނީ އެންމެ 50 ރިސޯޓު،" މުނައްވަރު ވިދާޅުވި އެވެ.
"އޭގެ މާނައަކީ ކޮބައިތޯ. ފައިދާއެއް ނުވޭ ނުވަތަ ކޮންމެވެސް މައްސަލަތަކެއް. އެހެންވީމަ އޮޑިޓް ކުރަން އެބަޖެހެއެއް ނޫންތޯ. ކަންމަތީ ފިހާރައަށް އެކަންޏެއް ނޫން މީރާއިން ދާންވީކީ. އަޅުގަނޑުމެންގެ ޓޫރިޒަމް ހިސާބުތައް ރަނގަޅަށްތޯވެސް ބަލަން އެބަ ޖެހޭ."
ގަވަރުނަރު ވިދާޅުވީ ބިޒްނަސް ޕްރޮފިޓް ޓެކްސް ހޯދުމަށް މީރާގެ ވަރަށް ބޮޑު ޒިންމާއެއް އެބަ އޮތް ކަމަށާއި އެކަމަށް އެ އޮތޯރިޓީއަށް އިތުރު ބާރުތަކެއް ދޭންވެސް ޖެހޭ ކަމަށެވެ.
ރާއްޖޭގެ ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު ވެއްދުމަށްޓަކައި އަންނަ އަހަރުވެސް ބައެއް ކަންކަން އިތުރަށް ހަރުކަށި ކުރާނެ ކަމަށާއި ކަންކަން އިތުރަށް މޮނިޓާވެސް ކުރާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ.
"އެހެންވީމަ މި ޑޮލަރު އިތުރަށް ވެއްދުމަށްޓަކައި މި އަންނަ އަހަރު ތެރޭގައި އިތުރަށް ހަރުކަށި ކުރާނަން. ބަލަމުންދާނަން. މޮނިޓާކުރާނަން އެނގޭތޯ. މޮނިޓާ ކުރަން އެބަޖެހޭ. މޮނިޓާ ނުކުރީމަ ވާގޮތަކީ އެ ޑޮލަރެއް ނުވަދޭ ރާއްޖޭގެ ބޭންކިން ސިސްޓަމަކަށް. ބޭންކިން ސިސްޓަމަށް ނުވަންނަންޏާ ވާނެގޮތަކީ ހަގީގަތުގައި އެ ދައުރެއް ނުވާނެ ނޫންތޯ ރާއްޖޭގައި،" ގަވަރުނަރު ވިދާޅުވި އެވެ.
ރާއްޖޭގެ ބޭންކިން ސިސްޓަމުގެ ތެރެއަށް ވަންނަންޖެހޭ 5.9 ބިލިއަން ޑޮލަރުގެ ތެރެއިން ސިސްޓަމުގެ ތެރެއަށް ވަންނަނީ 3.8 ބިލިއަން ޑޮލަރު ކަމަށް މުނައްވަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު ވަންނަކަން ކޮންމެހެންވެސް ކަށަވަރުކުރެވޭނެ ގޮތްތައް ހޯދަން ޖެހޭ ކަމަށެވެ.








