ޔަހޫދީންނާ އާދަޔާ ހިލާފު ގާތް ގުޅުމެއް އޮންނަ ޔޫއޭއީގެ މުހައްމަދު އަލައްބާރަށް ރަސްމާެލެއިން 500 ހެކްޓަރު ދޫކޮށްލުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ދަނޑިވަޅުގައި ރާއްޖޭގައި ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅޭވެ ވަކި ސަރަހައްދުތަކެއް އުފެދޭ ގޮތަށް މަޝްރޫއުތައް ކުރިއަށްނުގެންދިޔުމަށް އަދާލަތު ޕާޓީގެ ފަރާތުން ސަރުކާރަށް އިލްތިމާސްކޮށްފި އެވެ.
ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ސަރުކާރުން އަންނަނީ ވަމުންނެވެ.
އެ މައްސަލައިގައި ގިނަ ދިވެހިންގެ އެއް ކަންބޮޑުވުމަކީ ރާއްޖޭގައި ބޭރު މީހުންނަށް ވަޒަންވެރިވެވޭނެ މަގުފަހިވެގެންދިޔުމެވެ. ދީނީ އިލްމުވެރިންގެ ތެރެއިން ވެސް އެތައް ބަޔަކު އެކަމާ ދެކޮޅަށް އަޑުއުފުލަމުން އަންނައިރު އަދާލަތު ޕާޓީން ވަކި ގޮތެއް މިހާތަނަށް އޮތީ ހާމަނުކޮށެވެ. ނަމަވެސް، މިރޭ ނެރުނު ބަޔާނެއްގައި ރަސްމާލޭގެ ނަން ނުގެނެސް އެ ޕާޓީން ވަނީ އެ މަޝްރޫއު ކުރިއަށްގެންދާ ގޮތަށް ނުގެންދިޔުމަށް އެދިފަ އެވެ.
"ބޭރުގެ ފަރާތްތައް ދިގު މުއްދަތަކަށް ދިރިއުޅޭ ވަކި ސަރަޙައްދުތަކެއް އުފެދޭ ގޮތަށް މަޝްރޫޢުތައް ކުރިޔަށް ގެންދާ ނަމަ، ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި އާންމު މަސްލަޙަތާއި ދިވެހި ސަގާފަތާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް، ގޮންޖެހުންތައް ކުރިމަތިވެގެންދާނެ ކަމަށް އަދާލަތު ޕާޓީއިން ދެކެމެވެ. ވީމާ، މިގޮތަށް މަޝްރޫއު އެއް ކުރިއަށް ނުގެންދެވުމަށް ސަރުކާރަށް އިލްތިމާސްކުރަމެވެ،" އެ ޕާޓީން ނެރުނު ކުރި ބަޔާނުގައި ބުނެފައިވެ އެވެ.
އެ ޕާޓީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި އިންޓަރނޭޝަނަލް ރިއަލް އެސްޓޭޓު މަޝްރޫޢުތައް ކުރިޔަށް ގެންދިއުމުގައި ގެންގުޅޭ ސިޔާސަތުތަކަށް ބަދަލުތަކެއް ގެންނަންޖެހެ އެވެ.
އެގޮތުން، ބޭރުގެ ފަރާތްތަކުން ދާއިމީކޮށް ނުވަތަ ދިގު މުއްދަތަކަށް ދިރިއުޅޭނެ ތަންތަން ބިނާކުރުމުގެ ބަދަލުގައި، އެފަދަ މަޝްރޫއުތައް އަމާޒުކުރަންވާނީ ބޭރުގެ ފަރާތްތަކުން ޗުއްޓީ ހޭދަކުރުމަށް ބޭނުންކުރާ ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށް ކަމަށް އެ ޕާޓީން ދެކެ އެވެ. އެފަދަ އުސޫލަކުން މަޝްރޫޢުތައް ބައްޓަންކުރުމުން ރާއްޖޭގެ އިޖުތިމާޢީ ފޭރާމަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްވެވޭނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.
ރަސްމާލޭގެ މަޝްރޫއުއަށް މަގުފަހިކުރުމަށް ހުށަހެޅި ރިއަލް އެސްޓޭޓު ބިލުގައި އޮތީ ގާނޫނުއަސާސީން ބޭރުގެ ފަރާތްތަކަށް ބިން ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށް ކަނޑައަޅާފައި ވަނިކޮށް، އެ ހިމާޔަތް ފަހަނައަޅައި ގޮސް "ސަރެންޑާ އެންޑް ރީ-ގްރާންޓް" މޮޑެލް މެދުވެރިކޮށް ތާއަބަދަށް ލީސް އާވާ ގޮތަށެވެ. އެހެންވެ އެ ޝަހަރުގައި ބޭރު މީހުންނަށް ވަޒަންވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.
އެ ބިލުގެ 89 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ހާއްސަ ޒޯނުގައިވާ އެޕާޓްމަންޓްތަކާއި ޕްރޮޕަޓީތަކުގެ ލީސްހޯލްޑް ބޭރު މީހުންނަށް 99 އަހަރަށް ވިއްކޭނެ ކަމަށެވެ. އަދި ބޭރު މީހަކު މާސްޓާ ޑިވެލޮޕަރުގެ އަތުން ތަނެއް ގަތުމުން، ލިބެނީ ކުރީގެ ލީސްގެ ބާކީ އޮތް މުއްދަތެއް ނޫނެވެ.
އޭގެ ބަދަލުގައި، ކުރީގެ ލީސް ސަރުކާރަށް ދޫކޮށްލުމުން، ގަތް ފަރާތަށް ސީދާ އާ 99 އަހަރުގެ ލީސްއެއް އޮތޯރިޓީން ދޫކުރަން ޖެހޭނެ އެވެ. ބިލުގެ 78 ވަނަ މާއްދާގެ ށ. ގައިވާ ގޮތުން، މާސްޓާ ޑިވެލޮޕަރުގެ މުއްދަތު ހަމަވި ނަމަވެސް އެ ގޮތަށް ދޫކުރާ ލީސް ދެމިއޮންނާނެ އެވެ.
މި މޮޑެލްގެ ދަށުން ގަންނަ ބޭރު މީހުންނަށް އެ ޕްރޮޕަޓީ އެހެން ފަރާތްތަކަށް އަލުން ވިއްކުމާއި، ބޭންކުތަކަށް ރަހުނުކުރުމުގެ ފުރިހަމަ އިހުތިޔާރު ލިބިގެންދެ އެވެ. އެހެންކަމުން މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް ގެނައި އިންތިޒާމެއް ކަމަށް ބެލެވެ އެވެ.







