ޕޮލެންޑުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ކްރަކޯވްގެ މައި މައިދާނުގައި، ހަރުކަށި ކަނާތު ފިޔައިގެ ފިކުރުގެ ނުފޫޒު ފޯރާފައިވާ ކަމަށް ބެލެވޭ ޕޮލެންޑް މީހަކު ބަޑިޖަހައި ހަ މީހަކު މަރާލައިފި އެވެ.
ފުލުހުން ވަނީ އޭނާގެ ގަޔަށް ބަޑިޖަހައި ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ އެ މީހާ ދިރިއުޅޭ ގޭގެ ތެރެއިން އިތުރު ތިން މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.
ޕޮލެންޑުގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެއް ސަރަހައްދު ކަމަށްވާ އެ ސިޓީގެ ތާރީޚީ މަރުކަޒުގެ ތެރެއަށް މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް އަތުރާލެވިފައިވާ މަންޒަރުތަކުގެ ސަބަބުން މުޅި ގައުމަށް ވަނީ ބޮޑު ސިހުމެއް ލިބިފަ އެވެ.
މީގެ ކުރިން މިފަދަ ހަމަލާތައް ތަޖުރިބާކޮށްފައިވާ ހުޅަނގު ޔޫރަޕްގެ އަވަށްޓެރި ގައުމުތަކަށް ވުރެ ޕޮލެންޑަކީ އަމާން ގައުމެއްގެ ގޮތުގައި އެ ގައުމުގެ ރައްޔިތުން ދެކެމުން އައި އައުމަށް މި ހާދިސާއާއެކު ވަނީ ބޮޑު ލޮޅުމެއް އަރާފަ އެވެ.
ޕޮލެންޑުގައި މީގެ ކުރިން ދުވަހަކުވެސް ފެނިފައި ނުވާ ފަދަ ބޮޑު މި ބަޑިޖެހުމުގެ ހާދިސާ ހިނގާފައި މިވަނީ، އިންޓަނެޓް މެދުވެރިކޮށް ފެތުރޭ ހަރުކަށި އަދި އަނިޔާވެރި ފިކުރުތަކުގެ ނުފޫޒުން އޮކްޓޯބަރު މަހުގެ ތެރޭގައި ސްކޫލްތަކުގައި ހިންގި ވަޅިން ހަމަލާދިނުމުގެ ސިލްސިލާ ހާދިސާތަކަކާ ގުޅިގެން ގައުމުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންޓީރިއާ މިނިސްޓަރު މާސިން ކިއަވިންސްކީ ވިދާޅުވީ، ހުރިހާ ހެކިތަކަކުން ވެސް ދައްކާ ގޮތުގައި ހަމަލާދިން މީހާއަށް ހަރުކަށި ކަނާތު ފިޔައިގެ ފިކުރުގެ ނުފޫޒު ފޯރާފައިވާ ކަމަށާއި، އެކަން އިތުރަށް ތަހުގީގު ކުރަމުންދާނެ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ފުލުހުންގެ އޮފިސަރުންނާއި އިންޓާނަލް ސެކިއުރިޓީ އެޖެންސީގެ އެޖެންޓުން ހަމަލާ ހިނގި ސަރަހައްދުގެ އިތުރުން ހަމަލާދިން މީހާގެ އާއިލީ ގޭގައި ވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ޕޮލެންޑުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ސިޓީގެ މަރުކަޒުގައި ދިން މި ހަމަލާގައި މަރުވެފައިވަނީ ހަތަރު އަންހެނުންނާއި ދެ ފިރިހެނުންނެވެ. މީގެ އިތުރުން، ދެ ފުލުހުންނާއި ހަމަލާދިން މީހާ ހިމެނޭހެން 17 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި މިހާތަނަށް ދެނެގަނެވިފައިވާ މަރުވި މީހުންގެ ތެރޭގައި އިނގިރޭސިވިލާތުގެ ރައްޔިތަކު ހިމެނެ އެވެ.
އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ، މި ހަމަލާގައި އަނިޔާވި ބޭރު ގައުމުތަކުގެ ފަސް މީހުންނަކީ އޮސްޓްރިއާ، ޖަރުމަނުވިލާތް، ޕޯޗުގަލް، ރަޝިއާ އަދި އިނގިރޭސިވިލާތަށް ނިސްބަތްވާ މީހުން ކަމަށެވެ.







