ގއ. ވިލިނގިލިއްޔަށް ފެން ފޯރުކޮށްދޭ އާރްއޯ ޕްލާންޓް މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ހަލާކުވެ، އެ ރަށަށް މިހާރު ފެން ފޯރުކޮށްދޭ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިކަމުގެ މައުލޫމާތު އެނގޭ މީހަކު އަދަދު އަށް ބުނީ ވިލިނގިލި ފެން ޕްލާންޓް ހަލާކުވުމުން ރަށަށް މިހާރު ފެން ގެންނަނީ ގއ. މާމެންދޫ ފެން ޕްލާންޓަކުން ކަމަށެވެ. އެގޮތުން ދޯންޏެއް މެދުވެރިކޮށް އެ ފެން ވިލިގިއްޔާ ހިސާބަށް ގެނެސް، ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދެނީ ޖެޓީން ފެށިގެން ފެން ޕްލާންޓަށް އަޅާފައި އޮތް ސާފުތާހިރުކަން ކަށަވަރުނުވާ ހޮޅިއަކުން ކަމަށް އޭނާ ބުންޏެވެ.
"ހިދުމަތް މިހާރު މިދެނީ ލ. އަތޮޅުން ދޯންޏެއް ހަޔާ ކޮށްގެން އެ ދޯނި ގއ. ވިލިނގިއްޔަށް ގެނެސްގެން. އެ ދޯނި ސާފުތާހިރުކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭ. އެ ދޯނި ގއ. މާމެންދޫ ޕްލާންޓަކުން ފެން މި ގެންނަނީ. ދޯންޏަށް ފެން އަޅައިގެން. ގއ. ވިލިނގިލި ޖެޓީން ފެށިގެން ގޮސް ޕްލާންޓާ ހަމައަށް ބޮޑު ހޮޅިއެއް އަޅާފައިވަނީ. އެ ހޮޅީގެ ސާފުތާހިރުކަމެއްވެސް ނޭނގޭ،" އޭނާ ބުންޏެވެ.
އޭނާ ބުނީ މާމެންދޫ ފެން ޕްލާންޓުން ވިލިގިއްޔަށް މިވަގުތު ފެން ގެނައި ނަމަވެސް ފެން ލިބެނީ އެކި ވަގުތުތަކުގައި ކަމަށާއި އޭގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތައް ދިމާވަމުންދާ ކަމަށެވެ.
"މިހާރު ބައެއް ގަޑިތަކުގައި ފެން މި ލިބެނީ. މިހާރު ހެނދުނު ލިބޭނެ. ދެން މެންދުރު ނުލިބޭނެ. ހަވީރު ލިބިދާނެ. އެގޮތަށް މިދަނީ. މިހާރު ފަސް ވަރަކަށް ދުވަސްވެއްޖެ މިހެން މިކަން ދިމާވެގެން އުޅޭތާ،" އޭނާ ބުންޏެވެ.
މި ނޫހަށް މައުލޫމާތު ދިން މީހާ ބުނީ ފެނުގެ ބައެއް މާއްދާތައް ހުންނަން ޖެހޭ މިންވަރަށްވުރެ މަތީގައި ހުރި ކަމަށާއި މިހާރު ރައްޔިތުންނަށް ދޫކުރާ ފެނަކީ އެންމެ ރައްކާތެރި ފެން ނޫން ކަމަށެވެ.
"އަޅުގަނޑުމެން ޓެސްޓުކުރިއިރު ވިލިނގިލީގައި ކުރިން އާންމުކޮށް މިއުޅެނީ 400 ނުވަތަ 300 ޓީޑީއެސް. އެކަމަކު މިހާރު ފެން ޕްލާންޓް ހަލާކުވެގެން ދޯނިން ފެން ގެނައުމުން މިހާރު ޓީޑީއެސް މިހުރީ 600 އަށްވުރެ މަތީގައި. އެއީ ރައްޔިތުންނަށް ބޭނުން ކުރެވޭ ވަރެއް ނޫން ހަގީގަތުގައި،" އޭނާ ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވިލިނގިލި ފެން ޕްލާންޓަށް މައްސަލަ ދިމާވީ އޭގެ މޯޓަރެއް ހަލާކުވުމުންނެވެ. އެ މޯޓަރު ރާއްޖެއިން ލިބެން ނެތުމުން އޭތި ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު، އެކަމަށް ގިނަ ދުވަސް ނަގާނެ ކަމަށް މައުލޫމާތު ލިބެ އެވެ.
ގއ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ވިލިނގިލީގައި 5،000 އެއްހާ މީހުން ދިރިއުޅެ އެވެ. އެ ރަށުން އެކި ހިދުމަތްތައް ހޯދަން އަތޮޅުގެ ގިނަ ބަޔަކު ދަތުރުކުރެ އެވެ. އަދި ރަށުގައި އާންމުކޮށް ބޭނުން ކުރަމުންދަނީ ސަޕްލައި ފެނެވެ.








