ފާއިތުވި ހަފުތާ ބަންދުގައި ފްރާންސްގެ އެކި ކަންކޮޅުތަކުގައި ހިނގި ހަމަނުޖެހުންތަކުގައި ގިނަ އަދަދެއްގެ ފިހާރަތަކުން މުދާ ފޭރިފައިވާތީ، މި ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އާ މުޒާހަރާތަކާ ގުޅިގެން އެ ގައުމުގެ އަގުބޮޑު މުދާ ވިއްކާ ބޮޑެތި ބުޓީކުތަކުގެ ބިއްލޫރިގަނޑުތައް ނިވާކޮށް، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.
މީގެ އިތުރުން، ބައެއް ފިހާރަތައް މިއަދު ނުހުޅުވުމަށް ވެސް ވަނީ ނިންމާފަ އެވެ.
ދުނިޔޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ފްރާންސަކީ، ޝެނެލް އަތްދަބަހާއި ހާމީސް ފަދަ އަގުބޮޑު ބްރޭންޑްތަކުގެ މުދާ ގަތުމަށް ބޭރުގެ ގިނަ އަދަދެއްގެ ކަސްޓަމަރުން ޒިޔާރަތްކުރާ ގައުމެކެވެ. މިއީ ދުނިޔޭގެ ބާޒާރުގައި މިފަދަ ތަކެއްޗަށް އޮތް ޑިމާންޑް ދަށްވަމުންދާ ދަނޑިވަޅެއްގައި، އެ ބްރޭންޑްތަކަށް އާމްދަނީ ހޯދުމަށް ވަރަށް މުހިންމު މާކެޓެކެވެ.
ނަމަވެސް، ފާއިތުވި ހަފުތާގައި ޕެރިސް، މާސޭ އަދި ބޯޑޯ ފަދަ ސިޓީތަކުގައި ހިނގި ހަމަނުޖެހުންތަކުގައި ސަތޭކައަށް ވުރެ ގިނަ ފިހާރަތަކުގެ ބިއްލޫރިތައް ތަޅާލައި، މުދާ ފޭރިފައިވާތީ، މިއަދު ފިހާރަތައް ހުޅުވައިގެން ތިބުމަކީ ނުރައްކާތެރި ކަމެއް ކަމަށް ބައެއް ވިޔަފާރިވެރިން ވަނީ ނިންމާފަ އެވެ.
ޕެރިހުގެ މަޝްހޫރު ޕްލޭސް ވެންޑޯމް ސަރަހައްދުގައި ހުންނަ ރޯލެކްސް އަދި ޑި ބިއާސްގެ ފިހާރަތައް މިއަދު ބަންދުވާނެ ކަމަށް އެ ތަންތަނުގެ މުވައްޒަފުން ބުނެފައިވެ އެވެ. އަދި ރިޗްމޮންޓް ކުންފުނީގެ އައި.ޑަބްލިއު.ސީ ފަދަ ބްރޭންޑްތަކުން ބުނީ، ފިހާރަތައް އަވަހަށް ބަންދުކުރާނީ މުޒާހަރާތައް ކުރިއަށްދާ ގޮތަށް ބަލާފައި ކަމަށެވެ.
ދިރިއުޅުމުގެ އަގުބޮޑުވުމާއި އާންމު ހިދުމަތްތަކަށް ކުރާ ހޭދަ ކުޑަކުރުމާ ދެކޮޅަށް އަޑުއުފުލުމަށް، ފްރާންސްގެ ދަރިވަރުންގެ ޔޫނިއަން (ޔޫ.އެން.އީ.އެފް) އާއި 2018 ވަނަ އަހަރު ސަރުކާރާ ދެކޮޅަށް ވަރުގަދަ ހަރަކާތްތަކެއް ހިންގި "ޔެލޯ ވެސްޓް" ގްރޫޕުން މިއަދު ހަވީރު ޕެރިހުގެ މެދުތެރޭގައި މުޒާހަރާ ކުރުމަށް ވަނީ ރާވާފަ އެވެ.







