ފްރާންސްގައި ފިހާރަތައް ލޫޓުވައި ތަންތަނުގައި ހުޅުޖަހައިފި

Oct 18, 2026, 12:09 PM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ފަރަންސޭސިވިލާތުގެ ސްކޫލްތަކުގެ ހާލަތު ގޯސްވުމާއި ދިރިއުޅުމުގެ އަގުތައް އުފުލުމާ ދެކޮޅަށް އިއްޔެ ކުރި މުޒާހަރާތަކުގެ ތެރޭގައި، އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިފި އެވެ.

ފްރާންސްގެ ސަރުކާރުން "ނުރައްކާތެރި މިންވަރަކަށް ހަމަނުޖެހުން އިތުރުވެފައިވާ" ކަމަށް ސިފަކުރި މި މުޒާހަރާތަކުގައި ގާތްގަނޑަކަށް 550،000 މީހުން މަގުތަކަށް ނުކުމެފައިވާއިރު، މަދުވެގެން 1،200 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ވެރިރަށް ޕެރިހުގައި ރޭގަނޑުގެ ވަގުތާ ހަމައަށް ކުރިއަށްދިޔަ ކުރިމަތިލުންތަކުގައި، ހަމަނުޖެހުން ކޮންޓްރޯލްކުރާ ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ކަރުނަގޭހާއި ފެންބަޑި ބޭނުންކޮށްފަ އެވެ.

ޕެރިހުގެ އިތުރުން އެހެން ސަރަހައްދުތަކުގެ އިމާރާތްތަކުގައި ވެސް ވަނީ ހުޅުޖަހާފަ އެވެ. އޭގެ ތެރޭގައި ލިމޯޖްގެ ޓައުން ހޯލުގައި ރޯކޮށްލުމުގެ ސަބަބުން އެ އިމާރާތުގެ ފުރާޅުގެ ބައެއް ވަނީ ވެއްޓިފަ އެވެ.

މީގެ އިތުރުން، އެކި ސިޓީތަކުގެ ފިހާރަތަކުން މުދާ ފޭރުމުގެ އަމަލުތައް ހިންގާފައިވާއިރު، ސިޓީ ހޯލްތަކަށާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބޮޑުވަޒީރު ސެބަސްޓިއަން ލެކޯނޫ ވިދާޅުވި ގޮތުގައި މި ހަމަނުޖެހުންތަކުގައި ފުލުހުންގެ 150 އޮފިސަރަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.

ޕެރިހުގައި އިއްޔެ މެންދުރުފަހު ކުރިއަށްދިޔަ މައި ހިނގާލުން ފެނުނީ އަމާންކޮށެވެ. ބީބީސީއާ ވާހަކަދެއްކި ޒުވާނުންގެ ގްރޫޕަކުން ބުނީ އެމީހުންނަކީ ސުލްހަވެރިކަމަށް ލޯބިކުރާ ބައެއް ކަމަށާއި، އެމީހުން މަސައްކަތް ކުރަނީ ކަންކަން އިސްލާހު ކުރުމަށް ކަމަށެވެ. ނަމަވެސް އެއްވެސް ކަމަކަށް ބަދަލެއް ނާންނަ ކަމަށް އެމީހުން ބުންޏެވެ.

އެހެންނަމަވެސް، ދުވަސް ނިމެމުން ދިޔަވަރަކަށް ބައެއް ގްރޫޕްތަކުން މަގުތަކުގައި ހުޅުޖަހައި، ޕެރިހުގެ މަރުކަޒީ ސަރަހައްދުތައް ކަމަށްވާ ޕްލޭސް ޑި ލަ ރިޕަބްލިކް ފަދަ ތަންތަނުގައި ހުރި އުޅަނދުތަކުގައި ވަނީ ރޯކޮށްލާފަ އެވެ.

ފިހާރަތައް ސުންނާފަތިކޮށް، މަދުވެގެން އެއް ރެސްޓޯރަންޓް އެއްކޮށް އަނދައި ހުލިވެފައިވާއިރު، މުޒާހަރާގެ ބައިވެރިންގެ މެދުގައި ވެސް ތަޅާފޮޅުން ހިނގަމުންދިޔަ މަންޒަރު ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.

ޕެރިހުގެ މަރުކަޒީ ސަރަހައްދުގައި ހަމަނުޖެހުން ކޮންޓްރޯލްކުރާ ފުލުހުން މުޒާހަރާގެ ބައިވެރިންނާ ދިމާލަށް ދުވެފައި ގޮސް، ބައެއް މީހުންގެ ގައިގައި މުގުރުން ތަޅާ މަންޒަރު ވެސް ވަނީ ފެނިފަ އެވެ.

ލިޔޯންގެ މޭޔަރު ގްރެގޮރީ ޑޫސޭ ވިދާޅުވީ އެ ސިޓީގެ ޓޫރިސްޓް އޮފީހުގައި ރޯކޮށްލުމަކީ ސިޓީއަށް ލިބުނު ބޮޑު ހިތާމައެއް ކަމަށެވެ. އޭނާ ބީއެފްއެމްޓީވީއަށް ވިދާޅުވީ އެއީ ތާރީޚީ އަދި ފާހަގަކޮށްލެވޭ މުހިންމު އިމާރާތަކަށް ވުމުން އެކަމުގެ ސަބަބުން ވަރަށް ބޮޑު އަސަރެއް ކޮށްފި ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ބަޔަކު ވަނީ އަލިފާން ނިއްވާ މީހުންނަށް އެ ސަރަހައްދަށް ވަދެ އަލިފާން ނިއްވުމަށް ހުރަސްއަޅާފަ އެވެ.

ސެއިންޓް އެޓިއެންގެ މޭޔަރު ރެޖިސް ހުއާނިކޯ ސޯޝަލް މީޑިއާގައި ވިދާޅުވީ، އެ ސިޓީގައި ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި ގްރެނޭޑެއް ގޮވައި ޒުވާނެއްގެ އަތް ބުރިވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިފަދަ ހިތާމަވެރި ހާދިސާއެއް ދުވަހަކުވެސް ހިނގައިގެން ނުވާނެ ކަމަށެވެ.

އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި ވެރިރަށް ޕެރިހާއި، މާސޭ، ރެންސް، ޓޫލޫސް އަދި އޭންޖާސް ފަދަ ސިޓީތަކުގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަނީ ރޭވުންތެރިކަމާއެކު އަނިޔާވެރި އަމަލުތައް ހިންގާފަ އެވެ.

ޕެރިހުގެ އަންނައުނާއި ކާބޯތަކެތި ވިއްކާ ފިހާރަތަކުން މުދާ ފޭރިފައިވާއިރު، ލިލްގައި ހުންނަ އެޕަލް ސްޓޯރަކަށް ވަދެ އެތަނުގައި ހުރި ހުރިހާ މުދަލެއް ވަނީ ވަގަށް ނަގާފަ އެވެ.

ފަރަންސޭސިވިލާތުގެ ސެކަންޑަރީ ސްކޫލްތަކުގައި މުވައްޒަފުން މަދުވުމާއި އިމާރާތްތައް ބާވެ ހަލާކުވަމުންދާތީ، ފާއިތުވި ހަފުތާތަކުގައި އެތައް ލައްކަ ދަރިވަރުންނެއް ވަނީ މުޒާހަރާކޮށްފަ އެވެ.

އިއްޔެގެ މުޒާހަރާގައި ދަރިވަރުންގެ އިތުރުން ޓްރޭޑް ޔޫނިއަންތަކުގެ މެންބަރުންނާއި އެހެނިހެން އިދިކޮޅު ގްރޫޕްތަކުން ވެސް ވަނީ ބައިވެރިވެފަ އެވެ.

ފްރާންސަކީ އާންމުކޮށް މުޒާހަރާތަކާއި ހަމަނުޖެހުންތައް ހިނގާ ގައުމަކަށް ވީނަމަވެސް، މިފަހަރުގެ ހަމަނުޖެހުންތައް މި އައީ އެ ގައުމުގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގަ އެވެ.

ރައީސް އެމަނުއެލް މެކްރޮން އަންނަ އަހަރު މަގާމުން ވަކިވެވަޑައިގަންނަވާއިރު، އޭޕްރީލް މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ ކަނާތު ފިޔައިގެ ނޭޝަނަލް ރެލީގެ ލީޑަރު މަރީން ލެ ޕެން އާއި ވައަތު ފިޔައިގެ ލަ ފްރާންސް އިންސޫމީސް ޕާޓީގެ ޖީން-ލޫކް މެލެންޝޯން ކަމަށް ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކަ އެވެ.

މި މުޒާހަރާތަކުގައި ބައިވެރިވެވަޑައިގެންނެވި މެލެންޝޯން ވަނީ ފުލުހުން މުޒާހަރާގެ ބައިވެރިންނަށް "ހަމަލާދޭން ދޫކޮށްލާފައިވާ" ކަމަށް ތުހުމަތުކުރައްވާފަ އެވެ. ނަމަވެސް އޭނާ ވަނީ ފިހާރަތަކުން މުދާ ފޭރުމާއި ހުޅުޖެހުން ކުށްވެރިކުރައްވާފަ އެވެ.

މުޒާހަރާގެ ބައިވެރިންގެ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެޑިއުކޭޝަން މިނިސްޓަރު އެޑްވާޑް ގެފްރޭ ވަނީ އޮކްޓޫބަރު 8 ވަނަ ދުވަހު ދެއްވި އިންޓަވިއުއެއްގައި އިތުރު 3،000 ޓީޗަރުން ހަމަޖައްސައިދޭނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

އެހެން ނަމަވެސް، ސަރުކާރުގެ މި ނިންމުމާއެކު ވެސް މުޒާހަރާތައް ހުއްޓުމަކަށް ނައިސް، ދަނީ އިތުރަށް ވަރުގަދަވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސެލް ބްރޭންޑް 10 އަހަރަށް ޖަލަށް

އިނގިރޭސި އެކްޓަރު ރަސެލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެ، 10 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ފަނޑިޔާރު އޭނާ ސިފަކުރެއްވީ އަންހެނުންގެ ހައްގުތަކަށް އިހުތިރާމްނުކުރާ "ޖިންސީ ޝިކާރަވެރިއެއް"ގެ ގޮތުގައެވެ. މި ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުން އޭނާއަށް މިނިވަންވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

އެންވީޑިއާގެ ސީއީއޯއާގެ މައްސަލަ އެފްބީއައި އިން ތަހުގީގުކުރަނީ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް އާއި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އޮތް ގުޅުން އެފްބީއައި އިން ތަހުގީގު ކުރަން ފެށުމާ ގުޅިގެން، އެ ކުންފުނީގެ ބާޒާރުގެ އަގުން 250 ބިލިއަން ޑޮލަރު ވެއްޓިއްޖެއެވެ. މި މައްސަލައިގައި ރައީސް ޓްރަމްޕް ހުއަންގްއާ ވާހަކަދައްކަވާފައިވާއިރު، އެންވީޑިއާ އިން ބުނަނީ މިކަމުގެ ސަބަބުން ކުންފުނީގެ ސިއްރުތަކަށް ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް މިނިވަން ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox