ޓެރަރިޒަމް އާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ އެންމެ މަތީ ވެރިޔަކަށް މޫސާ އަލީ ޖަލީލް އައްޔަނުކޮށްފި އެވެ.
އެންސީޓީސީގެ ވެރިޔަކަށް މޫސާ އައްޔަނުކޮށްފައިވާކަން ސަރުކާރުގެ ތަރުޖަމާނު، މުހައްމަދު ހުސެއިން ޝަރީފް ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދެއްވައިފަ އެވެ. އެކަން ކަށަވަރުކުރުމަށް މި ނޫހުން ގުޅުމުން އޭނާ ފޯނެއް ނުނަންގަވަ އެވެ.
މޫސަ ވަނީ މި އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންފަ އެވެ.
މޫސާ އަލީ ޖަލީލަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3، ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ރާއްޖެ ސަލަމާތް ކުރުމުގައި ވަރަށް އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެކެވެ. އެގޮތުން ސިފައިންގެ މައި މަރުކަޒަށް ކެނޑިނޭޅި ހަމަލާތައް އަމާޒުވަމުންދިޔަ ވަގުތު، ދުޝްމަނުންގެ ހަރަކާތްތައް ހުރިނެތް ގޮތް ބެލުމަށް ސިފައިންގެ ތެރެއިން ނުކުމެވަޑައިގެންނެވި ސިފައިންގެ ބޭކަލުންގެ ތެރެއިން އިސްވެރިއެއްގެ ގޮތުގައި ހުންނެވި ބޭފުޅާ އެވެ.
މޫސާ އަލީ ޖަލީލް ވަނީ ރިޓަޔާ ކުރެއްވުމުގެ ކުރިން ކޯސްޓު ގާޑުގެ ޑައިރެކްޓަރުގެ މަގާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ވެސް އަދާ ކުރައްވައިފަ އެވެ.

ޖުމުލަ 31 އަހަރަށްވުރެ ގިނަ ދުވަހު ސިފައިންގެ ބޭކަލެއްގެ ގޮތުގައި ހިދުމަތް ކޮށްދެއްވި މޫސާ އަލީ ޖަލީލް ރިޓަޔާ ކުރެއްވިއިރު، އޭނާއަށް ވަނީ ނުވަ ކުލަ އާއި 11 މެޑަލް ލިބިވަޑައިގެންފަ އެވެ.
އޭގެ ފަހުން އޭނާ ވަނީ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ. އަސްކަރީ ގޮތުން މޫސާ އަލީ ޖަލީލް ކުރެއްވި އަގުހުރި ހިދުމަތް ފާހަގަކޮށް މި ސަރުކާރުގައި އޭނާއަށް ވަނީ ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވައިފަ އެވެ.









