ޓޯކިޔޯ، ޖަޕާން (އޮކްޓޫބަރު 25) - އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ) އިން އަންނަ އަހަރުގެ ފީފާގެ އިންތިހާބުގައި މިހާރުގެ ރައީސް، ޖިއާނީ އިންފަންޓީނޯ އަށް ތާއީދުކުރަން ނިންމުމާ އެކު، އޭނާ އަށް މަގާމުގައި ހަތަރު ވަނަ ދައުރެއް ކަށަވަރުވުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.
އޭއެފްސީން އިންފަންޓީނޯ އަށް ތާއީދު އޮތްކަން ހާމަކުރީ ދާދި ފަހުން، ޖަޕާންގެ ޓޯކިޔޯގައި ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސެއްގެ ތެރެއިންނެވެ. މީގެ ކުރިން، އޭއެފްސީން ވަނީ ފީފާގެ މިހާރު އޮތް ލީޑަޝިޕާ ދެކޮޅަށް ތެދުވެފަ އެވެ.
ޔޫރަޕް، އުތުރު އެމެރިކާ، އަދި އޭޝިއާ ފުޓްބޯޅަ ފެޑެރޭޝަންގެ ބަޔާނާ އެކު އިންފަންޓީނޯ ޕްރެޝަރަށް
ފީފާގެ މުބާރާތްތަކުގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލަން އުޅުނު މައްސަލައިގައި، ޔޫރަޕާއި އޭޝިއާ އަދި އުތުރު އެމެރިކާގެ ފުޓްބޯޅަ އިދާރާތަކުން ގުޅިގެން ނެރުނު ބަޔާނަކާ އެކު ފީފާގެ ރައީސް އިންފަންޓީނޯ އަށް ބޮޑު ޕްރެޝަރެއް ވަނީ ކުރިމަތިވެފައި. މި ބަޔާނުގައި ގޮވާލާފައިވަނީ ފީފާގެ ނިންމުންތަކުގެ ސަބަބުން ގެއްލިފައިވާ އިތުބާރު އަލުން ހޯދުމަށް.
މިއީ، ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ނަމުގައި، ޕްރައިވެޓް އިންވެސްޓަރުންނަށް ފީފާ ވޯލްޑް ކަޕް ހިމެނޭހެން، ފީފާ މުބާރާތްތަކުގެ، 21 ޕަސެންޓް ހިއްސާ ވިއްކާލަން އުޅުނު ޑީލާ ހެދި ދުނިޔޭގެ ފުޓްބޯޅައިގެ ޕޮލިޓިކްްސްގެ ތެރޭގައި ފީފާގެ ރައީސް، އިންފަންޓީނޯ އަށް ޕްރެޝަރު އިތުރުވި ކަމެކެވެ. އެކަމަކު،
އޭގެ ފަހުން، އިންފަންޓީނޯ ވަނީ ގިނަ ގައުމުތަކަކަށް ދަތުރުކުރައްވައި، އަންނަ އަހަރުގެ އިންތިހާބަށް މަގާމު ކަށަވަރުކުރަން ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އެ ގޮތުން، އޮގަސްޓް މަހު އެފްރިކާ އަށް ކުރި ދަތުރުތަކުގެ ތެރެއިން، އެފްރިކާގެ ފުޓްބޯޅަ ފެޑެރޭޝަން (ކާފް) އިން ވަނީ އަންނަ މާޗް މަހު އޮންނަ ފީފާ އިންތިހާބުގައި އިންފަންޓީނޯ އަށް ސަޕޯޓްކުރަން ނިންމިކަން އިއުލާނުކޮށްފަ އެވެ.
އެފްރިކާ އެކޭ އެއްގޮތަށް އޭޝިއާ އިން ވެސް އިންފަންޓީނޯ އަށް ތާއީދުކުރަން ނިންމުމާ އެކީގައި، އަންނަ އަހަރުގެ އިންތިހާބުން އިންފަންޓީނޯ އަށް ކާމިޔާބު ލިބުމުގެ ފުރުސަތު ބޮޑު ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނެ އެވެ. އޭޝިއާ އިން އިންފަންޓީނޯ އަށް ތާއީދުކުރަން ނިންމުމަކީ، "ޔޫ-ޓާން" އެއް ގޮތަށް ބައިނަލްއަގުވާމީ މީޑިއާތަކުން ވަނީ ސިފަކޮށްފަ އެވެ.
އަންނަ މަހު، 18 ވަނަ ދުވަހު، ފީފާގެ އިންްތިހާބަށް ކުރިމަަތިލުމުގެ މުއްދަތު ހަމަވާނެ އެވެ. ފީފާގެ ރައީސްގެ މަގާމު ލިބޭނީ، ފީފާ މެމްބަރު، 211 ގައުމުގެ ތެރެއިން، މަދުވެގެން 106 ގައުމުގެ ތާއީދު ހޯދައިގެންނެވެ. މި ވަގުތަށް ބަލާއިރު، އިންފަންޓީނޯ އަށް މި ވަނީ، 47 ގައުމު ހިމެނޭ އޭއެފްސީ އާއި 54 ގައުމު ހިމެނޭ އެފްރިކާގެ ކާފްގެ ތާއީދު ލިބިފަ އެވެ.
އިސްތިއުފާ ދޭން އިންފަންޓީނޯ އެއްވެސް އިރެއްގައި ނުވިސްނަވާ
ޔުއެފާ އާއި ކޮންކަކަފްގެ ޕްރެޝަރު އިންފަންޓީނޯ އަށް އެކި ގޮތްގޮތުން ބޮޑުވެފައިވާއިރު، ފީފާގެ މައްސަލަ ބޮޑުވި ހުރިހާ ލިޔެކިޔުންތަކެއް އާންމުކުރަން، އިންފަންޓީނޯ އަށް ޔުއެފާ އިން ވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް މުހުލަތެއް ދީފަ އެވެ.
ލިޔެކިޔުންތައް އާންމުކުރަން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް ދީފި
ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.
އެކަމަކު، ފީފާ އިން އަންނަނީ ޔުއެފާ އާއި ކޮންކަކަޕް އިން އެމެރިކާގެ ކޯޓަށް ހުށަހަޅައިގެން ކުރިއަށްގެންދާ ލިޔެކިޔުންތައް އާންމުކުރަން ގޮވާލާ މައްސަލައިގައި ޑިޕްލޮމެޓިކް ވިސްނުމެއްގައި ކުރިއަށްދަމުންނެވެ. އަދި، ފީފާގެ ލިޔެކިޔުންތައް އާންމުކުރުމުގައި އަދި ވަކި ގޮތެއް ނިންމާފައިނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އޭއެފްސީގެ ބައްދަލުވުމަށް ފަހު، އިންފަންޓީނޯ، ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ، މަގާމުގައި ދެމިހުންނަން އަބަދުވެސް ސަޕޯޓް އޮންނަ ކަމަށާއި ވަކިވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
"ތި އެންމެންނަށް އެނގޭނެ، އަހަރެން އިންތިހާބުކުރީ، 211 މެމްބަރުންގެ ފެޑެރޭޝަނަކުން. ޑިމޮކްރަޓިކް ވިސްނުމަކުން ކަންކަން ބަލަންޏާ އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސަޕޯޓުން. ދެން، އެހެންވީމަ، މަގާމުގައި ދެމިހުރުމުގައި ވެސް ޑިމޮކްރަޓިކް ވިސްނުމެއްގައި ބަލަންޏާ މެޖޯރިޓީ އަށް ވިސްނަން ޖެހެނީ. ގިނަ ގައުމުތަކަކުން އަދިވެސް ތާއީދުކުރޭ،" 2016 އިން ފެށިގެން ފީފާ ރައީސްގެ މަގާމު ފުރުއްވަމުން އަންނަ އިންފަންޓީނޯ ވިދާޅުވި އެވެ.
"އަހަރެން މި ދަނީ ހުރިހާ ގައުމަކާ ވެސް ވާހަކަ ދައްކަމުން، އެންމެންގެ ކަންބޮޑުވުންތައް އަޑުއަހަމުން،"
އިންފަންޓީނޯގެ ލީޑަޝިޕުން ވަނީ ފީފާގެ ރިޒާވް ފަންޑުން ގައުމުތަކުގެ ޑިވެލޮޕްމަންޓަށް ދޭ ބަޖެޓް އިތުރުކުރުމުގެ ގޮތުން، ކޮންމެ ގައުމަކަށް އިތުރު 25 މިލިއަން ޑޮލަރު ދޭން ހުށަހަޅައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި، މިއީ ގިނަ ގައުމުތަކެއްގެ ތާއީދު އިންފަންޓީނޯ އަށް ލިބުނު އެއް ސަބަބެވެ.
ސްވިޒަލެންޑުގެ ޔުނިވާސިޓީއެއްގެ އެޑްމިނިސްޓްރޭޓިވް ރޯލަކުން ފާހަގަވެ، އެ ޔުނިވާސިޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މަސައްކަތް ފެށި އިންފަންޓީނޯ، ޔޫރަޕްގެ މައި ފުޓްބޯޅަ ޖަމިއްޔާ، ޔުއެފާއާ ގުޅުނީ 2000 ވަނަ އަހަރު އެވެ.
ޔުއެފާގެ ޑިރެކްޓާ އޮފް ލީގަލް އެފެއާޒްގެ މަގާމާއި ކްލަބް ލައިސަންސިން ޑިވިޝަންގައި މަސައްކަތް ކުރެއްވުމަށް ފަހު 2007 ވަނަ އަހަރު ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމު އިންފަންޓީނޯ އަށް ލިިބިވަޑައިގެންނެވި އެވެ.
އޭގެ ފަހުން، ޔުއެފާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގެން ޔުއެފާ ނޭޝަންސް ލީގު ތައާރަފް ކުރެއްވުމުގައި ވެސް އިސް މޭސްތިރިއަކީ ވެސް އިންފަންޓީނޯ އެވެ. އޭގެ އިތުރުން، ޔޫރަޕްގެ ތަފާތު 12 ސަރަަހައްދެއްގައި ޔޫރޯ ފުޓްބޯޅަ މުބާރާތް ބޭއްވިއިރު، އެ މަސައްކަތް އެންމެ ފުރަތަމަ ޕްލޭން ކުރުމުގައި ވެސް އިންފަންޓީނޯގެ ހިއްސާ ބޮޑެވެ.
ފީފާގައި އިންފަންޓީނޯގެ ލީޑަޝިޕުން މިހާތަނަށް ކުރެއްވި މަސައްކަތުން ގިނަ ކަންތައްތަކެއް ވަނީ ބަދަލުވެސް ކޮށްފަ އެވެ. އެ ގޮތުން، މި އަހަރުގެ ފީފާ ވޯލްޑް ކަޕްގައި 48 ގައުމު ވާދަކުރިއިރު، ކުރިއަށް އޮތް ވޯލްޑް ކަޕްގައި 64 ޓީމަށް އިތުރު ކުރުމުގެ ޕްލޭންތަކެއް ވެސް ކުރިއަށް އެބަދެ އެވެ. އަދި، ކޮންފަޑެރޭޝަން ކަޕް ބާއްވާ އަހަރުގައި އޭގެ ބަދަލުގަައި ފީފާ ކްލަބް ވޯލްޑް ކަޕެއް 24 ޓީމާ އެކު ބާއްވަން ނިންމައި، ފުރަތަމަ މުބާރާތް މިދިޔަ އަހަރު އެމެރިކާގައި ހޯސްޓްކުރި އެވެ.












