ޖިންސީ ފުރައްސާރައެއް ކުރިކަމުގެ ތުހުމަތުގައި ޖުޑީޝަލް ސާވިސް ކޮމިޝަނުން ސަސްޕެންޑުކޮށްފައި ހުރި ގާޒީ އަބްދުﷲ އިހްސާން އިސްތިއުފާ ދެއްވައިފި އެވެ.
ޖޭއެސްސީ އިން އޭނާ ސަސްޕެންޑު ކުރީ އޯގަސްޓު 19، ގަ އެވެ. އޭނާ ސަސްޕެންޑު ކުރީ 60 ދުވަހުގެ މުއްދަތަކަށެވެ. އެ މުއްދަތު ވަނީ މިދިޔަ ހޯމަ ދުވަހު ހަމަވެފަ އެވެ.
"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.
ގާޒީ އިހްސާން ސަސްޕެންޑު ކުރިއިރު ޖޭއެސްސީ އިން ބުނީ އޭނާ މަގާމުން ދުރުކުރީ ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
"އަބްދުﷲ އިހްސާންއާއި ގުޅޭގޮތުން ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅިގެން މައްސަލައިގެ ބާވަތަށާއި، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، އިސްވެދެންނެވުނު ގާނޫނުގެ 25 ވަނަ މާއްދާގެ ލ. ގައިވާ ގޮތުގެ މަތީން 19 އޮގަސްޓު 2026 ވަނަ ދުވަހުން ފެށިގެން ގާޒީ އަލްއުސްތާޒް އަބްދުﷲ އިހްސާން، ވަގުތީގޮތުން 60 ދުވަހަށް މަގާމުގެ މަސައްކަތުން ދުރުކުރުމަށް ފެނޭ،" އެ ކޮމިޝަނުން ބުނެފައިވެ އެވެ.











