މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި؛ "މަޖިލީހަކީ ރައީސް އޮފީހުގެ ޑެސްކެއް، ތިއްބެވީ ބޮޓުން، ކުލީ މެންބަރުން"

Oct 19, 2026, 9:11 PM
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދެވޭ އަގުބޮޑު ހެލްތު އިންޝުއަރެންސާއި ހާއްސަ އިނާޔަތްތައް ކަނޑާލުމަށް އެދި އާންމުން ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށާއި ސަރުކާރުގެ ސުޕަ މެޖޯރިޓީ ޕާޓީ، ޕީއެންސީއަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މީކާއިލް ވަނީ މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ކުޑަކުޑަ ޑެސްކެއްގެ ގޮތުގައި ސިފ ކުރައްވައި، ސަރުކާރުގެ މެންބަރުންނަކީ ބޮޓުން އަދި ކުލީ މެންބަރުން ކަމަށް ވިދާޅުވެފަ އެވެ. އެ ވާހަކަ ހުއްޓުވުމަށް މަޖިލީހުގެ ރިޔާސަތުން ވެސް އަދި ޕީއެންސީގެ ބައެއް މެންބަރުން ވެސް މަސައްކަތް ކުރެއްވި އެވެ. 

"ވިހި ވަނަ ރައްޔިތުންގެ މަޖިލިސް، މި ދަންނަވާ ކުލީ މެންބަރުންގެ މަޖިލިސް. ބޮޓުންގެ މަޖިލިސް. އިއްޒަތްތެރި ރައީސް،" މީކާއީލް ވިދާޅުވި އެވެ.

އޭނާ މި ތުހުމަތު ކުރެއްވީ ރަސްމާލެ ވިއްކާލުމުގެ މައްސަލައާމެދު ރައްޔިތުންގެ މެދުގައި ނުރުހުން އިންތިހާއަށް އޮތްވައި، ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހެޅުއްވުމުގެ އުސޫލު ބަދަލު ކުރެއްވުމަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު ހުށަހެޅުއްވި އިސްލާހަށް އިޝާރާތް ކުރެއްވުމަށް ފަހު އެވެ. 

ޑިމޮކްރެޓިކް ހަމަތަކާ ހިލާފު ބަދަލުތައް ގެންނަން ސަރުކާރު ބޭނުންވާ ބިލްތައް މީގެ ކުރިން ހަންނާން މަޖިލީހަށް ހުށަހަޅުއްވާފައިވެ އެވެ. 

މީކާއިލް ވިދާޅުވީ، މަޖިލިސް މެންބަރުންގެ މުސާރަ އާއި އިނާޔަތްތަކާ މެދު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަނީ މަޖިލީހުގެ ޕާފޯމަންސް ދަށްވުމުން ކަމަށެވެ. މަޖިލީހުން ރައްޔިތުން އެދޭ ފަދަ މަސައްކަތެއް ކުރެވޭ ނަމަ، މުސާރައާއި އިންޝުއަރެންސާ މެދު ރައްޔިތުންގެ މާ ބޮޑު ކަންބޮޑުވުމެއް ނޯންނާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މި ރައްޔިތުންގެ މަޖިލީހަކީ ޕާފޯމް ނުކުރެވޭ އަދި ރައީސް އޮފީހުގެ ކުޑަކުޑަ ޑެސްކަކަށް ބަދަލުވެފައިވާ ތަނެއްގެ ގޮތުގައި ރައްޔިތުންނަށް ފެންނަ ނަމަ، މި ދޭ މުސާރައެއް ވެސް، އިނާޔަތެއް ވެސް، އިންޝުއަރެންސެއް ވެސް ހައްގު ކަމަކަށް އެ މީހުންނެއް ނުދެކޭނެ ކަމަށް މީކާއިލް ވިދާޅުވިއެވެ.

ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދުން މައިނޯރިޓީގެ އަޑުއަހަން ތަސައްވުރުކުރި ނަމަވެސް، ސަރުކާރުގެ ކުލީ މެންބަރުން ލައްވައި ގަވާއިދުތައް ބަދަލުކޮށް މައިނޯރިޓީގެ އަޑު ކަނޑުވާލަން މަސައްކަތް ކުރާ ކަމަށް މީކާއިލް ތުހުމަތު ކުރެއްވި އެވެ.

މީކާއިލްގެ ވާހަކަފުޅުގައި މެންބަރުންނަށް ބޮޓުން އަދި ކުލީ މެންބަރުން ސިފަކުރެއްވުމުން، ރިޔާސަތުން ވަނީ އެފަދަ އިބާރާތްތައް ބޭނުން ނުކުރެއްވުމަށާއި، އެއީ މަޖިލީހުގެ އިމުން ބޭރުވުން ކަމަށް ބުނެ މީކާއިލްގެ ވާހަކަ ހުއްޓުވަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް، ރިޔާސަތުގެ އެ އެންގުމަށް ރައްދު ދެއްވަމުން މީކާއިލް ވިދާޅުވީ މެންބަރުންގެ އަމަލުތަކާ މެދު ހިޔާލު ފާޅުކުރުމަކީ ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި ގާނޫނުއަސާސީއަކީ ޕީއެންސީ އަސާސީ ގަވާއިދެއް ނޫން ކަމަށާއި، ރައްޔިތުންގެ މަޖިލީހަކީ ޕީއެންސީގެ ސެނެޓެއް ނުވަތަ ހަރުގެ ޖަލްސާއެއް ވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ސިއްހީ އިންޝުއަރެންސުން ދައުލަތަށް ވަނީ ހަރަދުކުޑަ، ޕެޓިޝަން ހުށަހެޅީ މެންބަރުންނާމެދު ފިތުނަ އުފައްދަން: ފަލާހު

މަޖިލިސް މެންބަރުންގެ އިންޝުއަރެންސް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނަކީ މެންބަރުންނާމެދު ފިތުނަ އުފެއްދުމަށް ކުރި ކަމެއް ކަމަށް ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ އާސަންދައިގެ ބަދަލުގައި މިހާރު އޮތް އިންޝުއަރެންސް ނިޒާމަކީ ދައުލަތަށް ހަރަދު ކުޑަ އަދި ފައިދާހުރި ނިޒާމެއް ކަމަށެވެ.

ރައްޔިތުންގެ ކަންބޮޑުވުން ހުރީ ތަފާތުކުރުން ބޮޑުވުމުން، މަޖިލީހުގެ މެންބަރުން އަމަލުކުރާ ގޮތުން

މި ބަހުސްގައި ވާހަކަދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުވެސް ވަނީ މަޖިލިސް މެންބަރުންނަށް އެކަނި ލިބޭ ހާއްސަ އިނާޔަތްތަކާ މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ތާއީދުކުރައްވާފަ އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، އާންމު ރައްޔިތުންނަށް ނުލިބޭ ބޮޑެތި އިނާޔަތްތަކާއި، ހާއްސަ ޕެންޝަނާއި އިންޝުއަރެންސް މެންބަރުންނަށް ލިބޭތީ ރައްޔިތުން ނުރުހެނީ 20 ވަނަ މަޖިލީހުގެ ކަންކަން ހުރި ގޮތުންނެވެ. މަޖިލީހުން ރައްޔިތުންގެ މުހިންމު މައްސަލަތަކަށް ހައްލު ނުގެނެސްދީ، ގާނޫނުއަސާސީން ކަނޑައަޅާފައިވާ ކަންކަން ވަކި މީހަކަށް ބާރު ލިބޭ ގޮތަށް ބަދަލުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމިއްލަފުޅަށް ކަރުގައި މަޅި ޖެއްސެވުމުން ރައްޔިތުން ބުނާނެ ދެން އަމިއްލައަށް ކަރުގައި މަޅި ޖަހާ ބަޔަކަށް ކޮން ޕެންޝަނެއްހޭ، ކޮން އިންޝުއެންސެއް ބޭނުންވާނީ،" މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަށް އިޝާރާތް ކުރެއްވުމުގެ ގޮތުން މައުރޫފް ވިދާޅުވި އެވެ. 

މެންބަރު މައުރޫފު އަދި މެންބަރު ޝަމްހީދު
މެންބަރު މައުރޫފު އަދި މެންބަރު ޝަމްހީދު

ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުން އޮތީ ދައުލަތުގެ ތެރޭގައި އޮތް ބޮޑު ތަފާތުކުރުމުގެ ސަބަބުން ކަމަށެވެ. 

އެގޮތުން އޭނާ ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ އާންމު ރައްޔިތެއްގެ މެދުމިން މުސާރައަކީ 9،000 ރުފިޔާ ކަމަށްވާއިރު، މަޖިލިސް މެންބަރުންގެ މުސާރައިގެ ބޮޑު ފަހަރެއް އެބަ ހުއްޓެވެ. 

އެއްވެސް ދިވެހި ރައްޔިތަކު ފުރާނައިން މިނެކިރިގެން ނުވާނެ ކަމަށާއި، ދައުލަތެއްގެ ކުރިމަތީގައި މުޅި ރައްޔިތުންގެ ފުރާނަ އެއް ހަމައެއްގައި އޮންނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަތޮޅުތެރޭގެ ރަށްރަށުގައި ތިބޭ ރައްޔިތުންނާއި މާލޭގައި ތިބޭ މީހުންނަށް ސިއްހީ ހިދުމަތް ލިބުމުގައި ހުރި ތަފާތުތަކާއި، އެންމެ ބުރަކޮށް މަސައްކަތްކުރާ ނަރުހުންނާއި ޓީޗަރުންނަށް ނުލިބޭ ބޮޑެތި އިނާޔަތްތައް މެންބަރުންނަށް ލިބޭ މައްސަލަ ވެސް އޭނާ  ފާހަގަ ކުރެއްވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox