ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް ކާބޯތަކެތި އެތެރެކުރުމުގެ ބަދަލުގައި ބޭނުންވާ މިންވަރަށް ކާބޯތަކެތި ހައްދައި ބާޒާރަށް ނެރެވޭނެ މަގުފަހިކުރުން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މުއިއްޒު އެކްސް ގައި ވިދާޅުވީ ދަނޑުވެރިކަމުގެ ރޮނގުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިންނަށް ނަފާ އިތުރުވާނެ ގޮތަށް ކުރިއަށް ދެވޭނެ މަގު ކޮށައިދިނުމުގެ މުހިންމު މަސައްކަތުގައި މެދުނުކެނޑި ކުރިއަށްދިއުމަކީ ސަރުކާރުގެ އަޒުމެއް ކަމަށެވެ.
"ސަރުކާރުގެ އަމާޒަކީ، އެކަށައެޅިފައިވާ ބާވަތްތައް، އިމްޕޯޓްކުރުމާނުލައި، މި ރާއްޖެއަށް ބޭނުންވާ މިންވަރަށް ހައްދައި، ބާޒާރަށް ނެރެވޭނޭ މަގުފަހިކޮށްދިނުން. މި ރޮނގުން، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިންނަށް ނަފާ އިތުރުވާނޭގޮތަށް ކުރިއަށްދެވޭނެ މަގު ކޮށާދިނުމުގެ މުހިންމު މަސައްކަތް މެދުނުކެނޑި ކުރިއަށްގެންދިއުމަކީ އަޅުގަނޑުގެ އަޒުމެއް،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި، ކާބޯތަކެތީގެ އަގުތަކަށް އަންނަ ލޮޅުންތަކާއި، ދަތުރުފަތުރަށް ދިމާވާ ހުރަސްތަކުން ޤައުމު ސަލާމަތްކުރުމަށްޓަކައި، ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުން މުހިންމު ކަމަށެވެ.
"އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން، ދަނޑުވެރިކަމުގެ ބާވަތްތައް އަމިއްލަ ފަސްގަނޑުގައި އުފެއްދުމަކީ، ގައުމުގެ އިސްތިޤުލާލާ ގުޅިފައިވާ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

މީގެއިތުރުން ދަނޑުވެރިކަމުގެ ސިނާއަތު ފުޅާވެގެން ދިޔުމުން، ގައުމުގައި ބޭރު ފައިސާ ހިފެހެއްޓި، ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ދަނޑުވެރިކަމާއި މަސްވެރިކަމަށް ރާއްޖޭގެ ޖުމްލަ 56 ރަށެއް ދޫކޮށްފައިވާއިރު، އޭގެ ތެރެއިން ދަނޑުވެރިކަން ކުރަން ހާއްސަކޮށް ދޫކޮށްފައިވާ 39 ރަށް ހިމެނެ އެވެ.













