ދަނޑުވެރިކަމަށް ދޫކުރާ ރަށްތައް މާބޮޑަށް އިތުރުވެއްޖެއްޔާ ބޭރުގެ އިންވެސްޓްމެންޓު ލިބެން ދަތިވާނެ: މިނިސްޓަރު ޝިޔާމް

Sep 27, 2026, 11:34 PM
މިނިސްޓަރު ޝިޔާމް މިރޭގެ "އަހާ" ފޯރަމުގައި: ވިދާޅުވީ ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ޕްރޮޑަކްޝަން އިތުރުކުރަންޖެހޭ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

މިނިސްޓަރު ޝިޔާމް މިރޭގެ "އަހާ" ފޯރަމުގައި: ވިދާޅުވީ ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ޕްރޮޑަކްޝަން އިތުރުކުރަންޖެހޭ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ދަނޑުވެރިކަމާއި މަސްވެރިކަމަށް ދޫކުރާ ރަށްތަކުގެ އަދަދު މާ ބޮޑަށް އިތުރުވެއްޖެއްޔާ ބޭރުގެ އިންވެސްޓްމަންޓުތައް ރާއްޖެ ގެންނަން ދަތިވާނެ ކަމަށް މަސްވެރިކަމާ ބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ. 

"އަހާ" ފޯރަމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފުޑް ސެކިއުރިޓީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށްޓަކައި ދަނޑުވެރިކަމުން އުފައްދާ ތަކެތި އިތުރު ކުރަންޖެހޭ ކަމަށެވެ. ނަމަވެސް އެކަން ކުރަންޖެހޭ ގޮތަކީ އިތުރު ރަށްތައް ދިނުމުގެ ބަދަލުގައި، މިހާރު ވެސް ދަނޑުވެރިކަމަށް ދީފައި ހުރި ރަށްތަކުގެ ޕްރޮޑަކްޝަން އިތުރު ކުރުން ކަމަށެވެ. 

"ހުރިހާ ރަށެއްގައި ބަރާބަރަށް އެބޭފުޅުން ހުށަހަޅުއްވާފައި ހުރި ގޮތަށް މަސައްކަތުގެ ވޯކް ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށްދާ ނަމަ އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ބައެއް ބާވަތްތައް، މަދުވެގެން ބައެއް ބާވަތްތައް ސަބްސްޓިޓިއުޓް ކުރެވޭނެ،" ޝިޔާމް ވިދާޅުވި އެވެ. 

Advertisement

ދަނޑުވެރިކަމާއި މަސްވެރިކަމަށް ރާއްޖޭގެ ޖުމްލަ 56 ރަށެއް ދޫކޮށްފައިވާއިރު، އޭގެ ތެރެއިން ދަނޑުވެރިކަން ކުރަން ހާއްސަކޮށް ދޫކޮށްފައިވާ 39 ރަށް ހިމެނެ އެވެ.

ޝިޔާމް ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ މިންވަރަށް ކާނާ ހެއްދުމަށްޓަކައި، އިތުރު ރަށްތައް ދޫކުރުމަކީ ގޯހެއް ކަމަށެވެ. އޭނާ ވިދާޅުވީ މިހާ ކުޑަ އާބާދީއެއްގައި އެހާ ގިނަ ރަށްތައް ދަނޑުވެރިކަމަށް ދޫކޮށްފި ނަމަ ބޭރުގެ ވިޔަފާރިތައް ގެންނަން އުނދަގޫވާނެ ކަމަށެވެ. 

"އަޅުގަނޑުމެން މިހާ ބޮޑު ފުޑް ސެކިއުރިޓީގެ ގޯލެއް އެޗީވްކުރަން ބަލާއިރުގަ، ދިވެހިރާއްޖޭގައި މިހާ އަދަދަށް އެބަހުއްޓޭ ދަނޑުވެރިކަން ކުރަން ދެވިފައި، އެހެންވެއްޖެއްޔާ މިތަނަށް އިންވެސްޓު ކުރާނެ މީހަކު ނާންނާނެ. އެހެންނޫންތޯ ވާނީ؟ މިކަހަލަ ކުޑަ އާބާދީއެއްގައި މިހާ ގިނަ ރަށްރަށް ދަނޑުވެރިކަމަށް ދެވިފައި ހުރެއްޖެ ކަމަށްވަންޏާމު އެއީ ވަރަށް ބޮޑު ޗެލެންޖަކަށް ވާނީ އަޅުގަނޑުމެންނަށް ފޮރިން އިންވެސްޓްމެންޓްސް މިތަނަށް އެޓްރެކްޓް ކުރުވަން،" އޭނާ ވިދާޅުވި އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox