ވަރުގަދަ ޓީމުތަކާ ކުޅެގެން ރާއްޖެ އަށް ފައިދާކުރާނެ: ސަމުއްޓެ

Sep 23, 2026, 8:35 AM
އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ މެޗަކަށް ފަހު ސަމުއްޓެ.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ މެޗަކަށް ފަހު ސަމުއްޓެ.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ރާއްޖެ އަށް ވުރެން ރޭންކިންގެ ގޮތުން ބަލާއިރު ރަނގަޅު އަދި ޓީމުގެ ފެންވަރަށް ބަލާއިރު ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ރާއްޖެ އަށް ކުރިއަށް ދިއުމުގައި ފައިދާ ކުރާނެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ) ބުނެފި އެވެ. 

މި ފަހަރުގެ ފީފާ ބްރޭކުގައި ރާއްޖޭން ތިން މެޗެއް ކުޅެ އެވެ. އެއީ، ޗައިނާގައި މާދަމާ އެ ގައުމާ ދެކޮޅަށް ކުޅޭ މެޗާއި ކިރްގިސްތާންގައި އެ ގައުމާ ކުޅޭ މެޗުގެ އިތުރުން ލެބަނަންއާ ބައްދަލުކުރާ މެޗެެވެ. 

މި މެޗުތަކަށް ރާއްޖޭން ބުރާސްފަތި ދުވަހު ޓްރެއިނިން ފެށުމަށް ފަހު، ހުކުރު ދުވަހު ހަވީރު ވަނީ ޗައިނާ އަށް ދިއުމަށް ފުރައިފަ އެވެ. އަދި، މެޗުގެ ކުރިން ޗައިނާގައި ޕްރެކްޓިސްތައް ކުރިއަށް އެބަގެންދެ އެެވެ. 

ރާއްޖޭގައި ކުރިއަށްގެންދިޔަ ޕްރެކްޓިސް ސެޝަންގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަމުއްޓެ ބުނީ، މި މެޗުތަކަކީ ހަގީގަތުގައި، ނޮވެމްބަރު މަހު ބަންގްލަދޭޝްގެ ވެރި ރަށް، ޑާކާގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ މެޗުތަކެއް ކަމަށެވެ. 

"ވަރުގަދަ އޮޕޯނަންޓްތަކާ ކުޅުނީމަ ބޭނުންވާ މިސްޓޭކްތަކާ އެއްޗެހި ރަނގަޅުކުރަން ފަސޭހަވާނެ. ކޯޗަށް ވެސް ފަސޭހަވާނެ. މިސާލަކަށް ބުނަންޏާ ތަންކޮޅެއް ދަށް ލެވަލެއް ރާއްޖެ އަށް ވުރެ ދަށް ލެވަލެއްގެ ޓީމަކާ ކުޅެންޏާ އަސްލު އެ އެއްޗެއް ނާންނާނެ. މީގެ ވަރުގަދަ އޮޕޮނަންޓުންނާ ކުޅުނީމަ ޕްލޭޔަރުންނަށް ވެސް އެނގޭނެ، އިމްޕްރޫވްވި ވަރާ މަަސައްކަތް ކުރަން ޖެހޭ ވަރު، މިސްޓޭކުތައް ވެސް ފޫބައްދަން ފަސޭހަވާނެ، ކޯޗަށް ވެސް ކުޅުންތެރިންނަށް ވެސް އެކްސްޕީރިއަންސާ އެކު،" ސަމުއްޓެ ބުންޏެވެ. 

ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަލުން ސަމުއްޓެ އަށް

ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ބޭންޑް އަލުން ސަމޫހު އަލީ (ސަމުއްޓެ) އަށް ދޭން ނިންމީ، އޭނާގެ ކިބައިގައި ޓީމު ލީޑުކުރުމުގެ ގާބިލުކަން ހުރުމުންނާއި ކުރިން ދިމާވި މައްސަލަތަކުން އަރައިގަންނަން ފުރުސަތު ދިނުމަށެވެ. ކޯޗު އުރްބާނީ ބުނިގޮތުގައި ސަމުއްޓެ އަތުން ބޭންޑް ނެގި ސަބަބަކީ ޓީމުގެ "އާއިލީ" ކަމެއް ކަމަށާއި، މިހާރު މުހިންމީ އެކަންކަން އިސްލާހުކޮށް ޒުވާން ކުޅުންތެރިންނަށް ނަމޫނާ ދެއްކުމެވެ.

މެޗަށް ފަހު، ގައުމީ ޓީމުން ދެން ދަތުރުކުރާނީ ކިރްގިސްތާންގެ ވެރި ރަށް ބިޝްކެކް އަށެވެ. އަދި، ބިޝްކެކްގައި މި މަހު 28 ވަނަ ދުވަހު ކިރްގިސްތާނާ މެޗެއް ކުުޅުމަށް ފަހު، އަންނަ މަހުގެ އެއް ވަނަ ދުވަހު ލެބަނަންއާ ދެކޮޅަށް ކުޅޭނެ އެވެ.

ޗައިނާ އޮތީ ފީފާ ރޭންކިންގެ 91 ވަނައިގަ އެވެ. ކިރްގިސްތާން 106 ވަަނައިގައި އޮތްއިރު، ލެބަނަން އޮތީ 115 ވަނައިގަ އެވެ. އަދި، ރާއްޖެ އޮތީ 173 ވަނައިގަ އެވެ. 

ރާއްޖޭން މިހާތަނަށް ޗައިނާއާ ދެކޮޅަށް ކުޅުނު ހަ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެންމެ ފަހުން، މި ދެ ޓީމު ބައްދަލުކުރި މެޗަކީ، ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި 2021 ވަނަ އަހަރު އެވެ. އެ މެޗުން ޗައިނާ ވަނީ 5-0 އިން މޮޅުވެފަ އެވެ. 

ރާއްޖޭން ވަނީ މީގެ ކުރިން ކިރްގިސްތާނާ ދެކޮޅަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފަ އެވެ. އެންމެ ފަހުން މި ދެ ޓީމުން ބައްދަލުކުރީ 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕްގެ ގްރޫޕް ސްޓޭޖުގަ އެވެ. އެ މެޗުން ކިރްގިސްތާން އަތުން 2-0 އިން ރާއްޖެ މޮޅުވިއިރު، ދެ ލަނޑު ޖެހީ ވެސް އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އޭގެ ކުރިން، 2011 ވަނަ އަަހަރުގެ އެކުވެރިކަމުގެ މެޗެއްގައި ރާއްޖޭން ކިރްގިސްތާން އަތުން 2-1 އިން މޮޅުވި އެވެ. އޭގެ ކުރިން، 1997 ވަނަ އަހަރު ރާއްޖެ އަތުން ކިރްގިސްތާން ވަނީ 3-0 އާއި 6-0 އިން މޮޅުވެފަ އެވެ. 

ލެބަނަން އިން ވަނީ މިހާތަނަށް ރާއްޖެއާ ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ. އެންމެ ފަހުން، ލެބަނަން އިން ރާއްޖެއާ ކުޅުނީ 2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގަ އެވެ. ލެބަނަން އިން ވަނީ އެ މެޗުގައި ރާއްޖެ އަތުން 1-0 އިން މޮޅުވެފަ އެވެ. 

ގައުމީ ޓީމުން ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ނެގި ސްކޮޑުގައި ތަފާތު ސަބަބުތަކާ ހެދި މުހިންމު ގިނަ ކުޅުންތެރިން ނުހިމެނެ އެވެ. ސަމުއްޓެ ބުނީ، މިހާރު އޮތް ސްކޮޑުން ވެސް ރަނގަޅު ފައިޓެއް ދޭން މަސައްކަތް ކުރާނެ ކަމަށެވެ. 

"އިރާދަކުރެއްވިއްޔާ، މިހާރު މި އޮތް ސްކޮޑުން ވެސް ރަނގަޅު ފައިޓެއް ދޭނަން. ހުރިހާ ޕްލޭޔަރުން ވެސް މިހާރު މަސައްކަތް އެ ކުރަނީ މުޅިން އާ ސިސްޓަމަކަށް، ކޯޗު ބުނިހެން، ބާސްކް ކުރަނީތާ. އަސްލު އެއީ އެއް ނޫން، ބަސް ޕާކު ކުރަނީއެއް ނޫން. ވިންގް ބެކުން ލައިގެން ހަމަ ކޯޗުގެ ސިސްޓަމަށް ހުރިހާ ޕްލޭޔަރުން ސެޓު ވޭތޯ މަސައްކަތް ކުރަނީ،" ސަމުއްޓެ ބުންޏެވެ. 

މި ފަަހަރުގެ އިންޓަނޭޝަނަލް ބްރޭކަކީ ރާއްޖޭގެ ކުޅުންތެރިންނަށް އާ ތަޖުރިބާ އެކެެވެ. މީގެ ކުރިން، އިންޓަނޭޝަނަލް ބްރޭކެއްގައި ގައުމީ ޓީމުން ތިން މެޗެއް ކުޅެފައިވަނީ، ސެންޓަރަލައިޒް ވެނިއުއެއްގަ އެވެ. އެއީ، އެއް ގައުމެއްގައި ކޭމްޕް ކޮށްގެން ތިބުމަށް ފަހު އެވެ. އެކަމަކު، މި ފަހަރުގެ މި ބްރޭކުގައި ރާއްޖޭން ތިން މެޗު ކުޅޭނީ ކުރު މުއްދަތެއްގެ ތެރޭގައި ދެ ގައުމަކަށް ދަތުރު ވެސް ކޮށްފަ އެވެ. 

ސަމުއްޓެ ބުނީ، މިއީ ވެސް ކަންތައްތަކެއް ދަސްވެގެން ކުރިއަށް އޮތްތާގައި ކުރިއަށް ދިއުމަށްޓަކައި މުހިންމު ތަޖުރިބާއެއް ހާސިލްކުރެވޭނެ ކަމެއް ކަމަށެވެ. 

"އެހެން ނޫންނަމަ އެއް ތަނެއްގައި ތިބެ ކުޅެނީ. މިހާރު މިއީ މުޅިން ތަފާތު އެކްސްޕީރިއަންސެއް. އޭރުން ކުރިއަށް އޮތްތާ ވެސް އެނގޭނެ ކަން ކުރަންވީ ގޮތާއި ކިހާ ވަރަަކަށްތޯ ރެޑީވާންޖެހޭނީ. އޭރަށް ފަސޭހަ ވެސް ވާނެ،" ސަމުއްޓެ ބުންޏެވެ. 

ގައުމީ ޓީމަށް ސަމުއްޓެ، އެނބުރި މި އައީ ބްރޭކަކަށް ފަހު އެވެ. އެންމެ ފަހުން، ޖޫން މަހު، މާލޭގައި ބޭއްވި ޑައިމަންޑް ޖުބިލީ މުބާރާތަށް ނެގި ސްކޮޑުގައި އަނިޔާ އާއި އެހެން ސަބަބަކާ ހުރެ ސަމުއްޓެ ނުހިމެނެ އެވެ. މި ފަަަހަރު ސްކޮޑަށް އެނބުރި އައުމުން އޭނާ އަށް ކެޕްޓަން ބޭންޑް އަލުން ހަވާލުކުރީ، ގައުމީ ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު، އިސްތަވާން އުރްބާނީ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox