ތިލަފުށީ ވިޔަފާރި ބަނދަރުގެ ކީ ވޯލްގެ ބައިތަކެއް ހަދަން ސީއެޗްއީސީއާ ހަވާލުކޮށްފި

އެމްޕީއެލްގެ ކީވޯލްގެ ބައެއް ތަރައްގީކުރުމަށް ސީއެޗްއީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ: ބަނދަރުގެ ފުރަތަމަ ފިޔަވަހި ފަރުމާކުރަނީ ވެސް ސީއެޗްއީސީން --- ފޮޓޯ: އެމްޕީއެލް

އެމްޕީއެލްގެ ކީވޯލްގެ ބައެއް ތަރައްގީކުރުމަށް ސީއެޗްއީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ: ބަނދަރުގެ ފުރަތަމަ ފިޔަވަހި ފަރުމާކުރަނީ ވެސް ސީއެޗްއީސީން --- ފޮޓޯ: އެމްޕީއެލް

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން މޯލްޑިވްސް ޕޯޓްްސް ލިމިޓެޑު (އެމްޕީއެލް) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ކީ ވޯލްގެ މަސައްކަތް ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާ ހޯމަ ދުވަހު ހަވާލުކޮށްފި އެވެ. 

އެމްޕީއެލްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ބައިނަލްއަގުވާމީ މުދާ އުފުލާ ކޮންޓޭނަރު ބޯޓުފަހަރަށް ހާއްސަ  14.6 މީޓަރު ފުން، 375 މީޓަރު ދިގު ކީ ވޯލްއެއް ހެދުމާއި ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުތަކުގައި ބޭނުންކުރާ މުދާ އުފުލާ އުޅަނދުފަހަރަށް ހާއްސަ 5 މީޓަރު ފުން، 820 މީޓަރު ދިގު ކީ ވޯލްއެއް ހެދުން ހިމެނެ އެވެ.

ސީއެޗްއީސީއާ މި މަސައްކަތް ހަވާލުކުރިއިރު، އެ ބަނދަރުގެ ފުރަތަމަ ފިޔަވަހި ފަރުމާކުރުމުގެ މަސައްކަތް ވެސް ހަވާލުކުރީ އެ ކުންފުންޏާ އެވެ. ސީއެޗްއީސީއަކީ ބަނދަރު ތަރައްގީ ކުރުމާއި މެރިން އިންޖިނިއަރިންގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޕްރޮޖެކްޓުތަކެއް ނިންމާފައިވާ ގާބިލު ކުންފުންޏެކެވެ.

Advertisement

އެމްޕީއެލްއިން ވަނީ ސީއެޗްއީސީއާ އެކީ ސޮއިކުރި އެއްބަސްވުމުގެ ދަށުން ތިލަފުށީ ބަނދަރުގެ އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާކޮށް، މުދާ އުފުލުމާއި ބޭލުމުގެ ނިޒާމު މިހާރަށް ވުރެ ހަލުވި އަދި ފަސޭހަ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭނެ ކަމަށް ބުނެފަ އެވެ.

މީގެ ކުރިން އެމްޕީއެލްއިން ވަނީ ބަނދަރުގެ އެހެން މަސައްކަތްތަކެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ވެސް ހަވާލުކޮށްފަ އެވެ. މިދިޔަ މަހުގެ 1 ވަނަ ދުވަހު ދެ ކުންފުނީގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން 100 މީޓަރުގެ ޑޮމެސްޓިކް ކީ ވޯލްއަކާއި ތިން ހެކްޓަރުގެ ސަރަހައްދެއް ޕޭވް ކުރަން ހަވާލުކޮށްފަ އެވެ.

އެމްޕީއެލްއިން ޕޯޓު ތަރައްގީކުރަން ވިސްނާގޮތުގެ ޕްލޭން: މި ބަނދަރު މިހާރު ބޭނުންކުރާ ބަނދަރަށް ވުރެ 10 ގުނަ ބޮޑު ވާނެ --- ފޮޓޯ: އެމްޕީއެލް
އެމްޕީއެލްއިން ޕޯޓު ތަރައްގީކުރަން ވިސްނާގޮތުގެ ޕްލޭން: މި ބަނދަރު މިހާރު ބޭނުންކުރާ ބަނދަރަށް ވުރެ 10 ގުނަ ބޮޑު ވާނެ --- ފޮޓޯ: އެމްޕީއެލް

ބައިބަޔަށް ބަހާލައިގެން ތިލަފުށީ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކުރަމުން އަންނައިރު، އަންނަ އަހަރުގެ ނޮވެމްބަރު 11 އަށް މި ބަނދަރު ބޭނުންކުރަން ފަށާނެ ކަމަށް މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

ތިލަފުށީ ވިޔަފާރި ބަނދަރުގެ މަސައްކަތް އެއްކޮށް ނިމޭއިރު، އެމްޕީއެލްއިން ބުނަނީ، އެ ބަނދަރުގައި 1000 މީޓަރަށް ވުރެ ދިގު އިންޓަނޭޝަނަލް ކީ ވޯލްއަކާއި މާލޭގެ ނޯތު ހާބަރާއި ސައުތު ވެސްޓު ހާބަރު ބޭނުންކުރާ އުޅަނދުފަހަރަށް ހާއްސަކޮށްގެން 2000 މީޓަރަށް ވުރެން ދިގު ކީވޯލް ހިމެނޭ ގޮތަށް ޑޮމެސްޓިކް ޓާމިނަލްއެއް ހުންނާނެ ކަމަށެވެ. 

ތިލަފުށީ ވިޔަފާރި ބަނދަރުގެ އުސްއަލިތައް

  • 225 މިލިއަން ޑޮލަރު (3.4 ބިލިއަން ރުފިޔާ) ގެ ޕްރޮޖެކްޓެއް
  • ބަނދަރު ތަރައްގީކުރަނީ 10 ހެކްޓަރުގެ ސަރަހައްދެއްގައި
  • އެންމެ ބޮޑެތި އާގުބޯޓުފަހަރަށް ވެސް މަގަތުފާލަމާ ކައިރިކުރެވޭނެ
  • ބޭރު އެންކަރުގައި ބާއްްވައިގެން ކޮންޓޭނަރު ބޭލުން ހުއްޓާލާނެ
  • ބޯޓު ހުސްކުރަން ނަގާ ވަގުތު ހަތް ދުވަހުން ދެ ދުވަހަށް މަދު ކުރެވޭނެ
  • ގެންޓްރީ ކެރޭނާއި މޮބައިލް ހާބާ ކެރޭނު ފަދަ ޒަމާނީ ވަސީލަތްތައް ހުންނާނެ

އެމްޕީއެލްއިން ބުނި ގޮތުގައި ތިލަފުށީ މަޝްްރޫއުގެ މައިގަނޑު މަގުސަދަކީ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ، ޒަމާންވީ މުހިންމު އެތައް މައްސަލައަކަށް ހައްލު ހޯދައި ދިނުމާއި، ރާއްޖޭގެ ކަނޑުދަތުރުފަތުރާއި ލޮޖިސްޓިކްސް ދާއިރާއަށް އަންނަ ކުރިއެރުމާއި އެއްވަރަށް ބަނދަރުގެ ވަސީލަތްތައް ފުޅާކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމެވެ.

އެ ގޮތުން މި މަޝްރޫއު ނިމި، ތިލުފުއްޓަށް ވިޔަފާރި ބަނދަރު ކުރުމުން މިހާރު ބޭނުންކުރަމުން އަންނަ 40 އަހަރު ވާން ގާތްވެފައިވާ މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ. 

ތިލަފުށީގައި ހުންނަ ލޯކަލް ކޮންޓޭނަރު ޑީޕޯ: މި ތަނުގައި 20 ފޫޓުގެ 3000 ކޮންޓޭނަރު ބެހެއްޓޭ --- ފޮޓޯ: އެމްޕީއެލް
ތިލަފުށީގައި ހުންނަ ލޯކަލް ކޮންޓޭނަރު ޑީޕޯ: މި ތަނުގައި 20 ފޫޓުގެ 3000 ކޮންޓޭނަރު ބެހެއްޓޭ --- ފޮޓޯ: އެމްޕީއެލް

ހަމަ އެހެންމެ،  ބޭރު އެންކަރުގައި ބާއްވައިގެން ކޮންޓޭނަރުތައް ބާލަން ހިންގާ ގިނަ ވަގުތު ހޭަދަވާ، އުނދަގޫ އަދި ހަރަދު ބޮޑު އޮޕަރޭޝަންތައް ހުއްޓާލެވޭނެ ކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ. އަދި ތިލަފުށީ ބަނދަރުގައި ބަހައްޓާ ކޮންޓޭނަރު ބޭލުމުގެ މަސައްކަތަށް ހާއްސަ ކެރޭނުތަކާއެކީ، އޮޕަރޭޝަނަށް ބުރޫއަރާ މައްސަލަ ހައްލުކުރުމާއެކީ މުދާ ބާލަން ހޭދަވާ ވަގުތު ކުޑަކޮށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. 

އެމްޕީއެލްއިން ގަބޫލުކުރަނީ އާ ބަނދަރުގެ އިންފްރާސްޓްރަކްޗަރާއި ޒަމާނީ ވެއާހައުސްތައް ފަދަ ވަސީލަތްތަކާއެކީ ގިނަ ފައިދާތަކެއް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި މުދާ ކްލިއާކުރުމުގެ އޮޕަރޭޝަންތައް ލުއިފަސޭހަ ވުމާއި މިހާރު އަންނަ ވަރަށް ވުރެ ބޮޑެތި ބޯޓު ފަހަރު އައުމުން ފްރައިޓުގެ އަގު ކުޑަވެ، މުދަލުގެ އަގު ހެޔޮވުން ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި، މިއީ އިމްޕޯޓަރުންނާއި ޝިޕިން ލައިންތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ.

ތިލަފުއްޓަށް އޮޕަރޭޝަންތައް ބަދަލުކުރުމުގެ އެމްޕީއެލްއިން ވަނީ އެ ތަނުގައި ކޮންޓެއިނަރު ބަހައްޓަން ލޯކަލް ކޮންޓެއިނަރު ޑީޕޯއެއް ހަދާފަ އެވެ. އަދި މި ފަހުން އެ ކުންފުނިން ވަނީ ކުދި ބޯޓު ފަހަރަށް ތިލަފުށިން ކޮންޓޭނަރު ލޯޑުކުރުމުގެ ޓްރަޔަލްތައް ވެސް ކާމިޔާބުކަމާއެކު ނިންމާލާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

ވިލާ ކޮލެޖުން ކްރިމިނަލް ޖަސްޓިސް ޕްރޮގްރާމް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ޖިނާއީ އަދާލަތުގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި ތިން އަހަރު ދުވަހުގެ 'ބެޗެލަރ އޮފް ކްރިމިނަލް ޖަސްޓިސް' ޕްރޮގްރާމް އަލަށް ތައާރަފުކޮށްފިއެވެ. އަންނަ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކްރިމިނޮލޮޖީއާއި ފޮރެންސިކް ސައިންސް ފަދަ މުހިންމު މާއްދާތައް އަމަލީ ހުނަރާއެކު އުނގަންނައިދޭނެއެވެ.

ބްލޫ މެރީނާ ވިއު: 120 މިލިއަން ރުފިޔާގެ ބޮންޑެއް ހުޅުވާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާރްސީސީން ތަރައްގީކުރާ "ބްލޫ މެރީނާ ވިއު" މަޝްރޫއަށް ބޭނުންވާ 120 މިލިއަން ރުފިޔާ ހޯދުމަށްޓަކައި، 5 އަހަރުގެ މުއްދަތަށް ޚާއްސަ ބޮންޑެއް ވިއްކަން ފަށައިފިއެވެ. އަހަރަކު 8.5 ޕަސެންޓުގެ ފައިދާ ލިބޭ މި ބޮންޑުގައި އިންވެސްޓްކުރުމުގެ ފުރުސަތު އެންމެ ކުޑަވެގެން 10،000 ރުފިޔާއިން ފެށިގެން މިހާރު ވަނީ ހުޅުވާލާފައެވެ.

އައިލެންޑް އޭވިއޭޝަނަށް ކޮވިޑު ފަހުން ފައިދާވެއްޖެ

ކޮވިޑަށްފަހު ޖެހިޖެހިގެން ފަސް އަހަރު ގެއްލުމުގައި ހިންގުމަށްފަހު، މިދިޔަ އަހަރު އައިލެންޑް އޭވިއޭޝަނަށް 181.9 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ވެއްޖެ. ނަމަވެސް ސަރުކާރުން ދިން ގާތްގަނޑަކަށް 400 މިލިއަންގެ އެހީތެރިކަން ނުލައި ހިސާބުކޮށްފި ނަމަ، އެ ކުންފުންޏަށް ޓެކުހުގެ ކުރިން 170 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށް އޮޑިޓުން ދައްކާ.

ކެއާވަން ކްލިނިކަށް ކިމްސްގެ ޑޮކްޓަރުންގެ ޓީމެއް

އިންޑިއާގެ ކިމްސް ހޮސްޕިޓަލުގެ 10 ދާއިރާއަކުން ޚާއްސަ ޑޮކްޓަރުންގެ ޓީމެއް މި މަހު ކެއާވަން ކްލިނިކުގައި ބަލިމީހުން ބެއްލެވުމަށް ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތްތަކަށް އާސަންދަ އާއި އެކި އިންޝުއަރެންސްތައް މެދުވެރިކޮށް ފަރުވާ ހޯދޭނެ ކަމަށް އެ ކްލިނިކުން ބުނެއެވެ. އެޕޮއިންޓްމަންޓް ހެއްދެވުމަށް 9233335 ނުވަތަ 9233336 ނަންބަރަށް ގުޅުއްވައިގެން ކުރިއަށް ގެންދެވޭނެއެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

Newsletter

Get the latest news delivered straight to your inbox