ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ބޭނުންވާ ބިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ މިއަދު ހަވާލުކޮށްފި އެވެ.
އެކަމަށް ހާއްސަކޮށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އުލިގަމު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް، އަސަދުﷲ މުހައްމަދު އެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ، ހުސައިން ޝަފީގު އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، އާންމު ހިދުމަތުގެ މީޑިއާ (ޕީއެސްއެމް) އާ ވާހަކަދައްކަވަމުން ޝަފީގު ވިދާޅުވީ އެ މެރީނާގެ މަސައްކަތް މި މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.
އެމްޕީއެލްއިން އުލިގަމުގައި ތަރައްގީ ކުރުމަށް ނިންމާފައި ވަނީ 18 ޔޮޓުގެ ޖާގައިގެ މެރީނާއެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެ މެރީނާ އިތުރަށް ތަރައްގީވެ ވިޔަފާރި ކުރިއަރައި ދުނިޔޭގެ ފެންވަރުގެ ތަނަކަށް ބަދަލުވުމަކީ އުއްމީދެއް ކަމަށް ޝަފީގު ވިދާޅުވި އެވެ.
އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރަން އެމްޕީއެލްއާ ހަވާލުކޮށްފައިވާއިރު، އެ މަޝްރޫއުގެ ތަފުސީލެއް އަދި އެމްޕީއެލްއިން ހާމައެއް ނުކުރެ އެވެ.

ރާއްޖޭގައި އޮޕަރޭޓުކުރާ ސަފާރީތަކާއި ޔޮޓުތަކަށް އެކަށީގެންވާވަރުގެ ފަޅެއް ނުވަތަ މެރީނާއެއް ތަރައްގީވެފައި ނެތުމުގެ ކަންބޮޑުވުން އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ފާޅުކުރެ އެވެ. އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވެސް ވައުދުވެވަޑައިގެންނެވި އެވެ.
އެގޮތުން، މިދިޔަ ސަރުކާރުން ނިންމި ގޮތަށް، ދިޔަނެރު ފަޅުގައި ޔޮޓުތަކާއި ސަފާރީތަކަށް ރައްކާތެރި ފަޅެއް ތަރައްގީކޮށްދެއްވާނެކަމަށް މުއިއްޒު ވެސް ވައުދުވެވަޑައިގެންނެވި އެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް އެ މަސައްކަތް ކުރިއަކަށް ނުދެ އެވެ.












