އާބާދީ60: ތިނަދޫގެ ތައުލީމީ ބިންގާ އެޅުއްވި ބަތަލުން

ތިނަދޫ އާބާދީ 60

ތިނަދޫ އާބާދީ 60

ގދ. ތިނަދޫގެ ދެވަނަ އާބާދީއަށް 60 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ރަށް އަލުން އާބާދުކުރުމަކީ ހަމައެކަނި ޢިމާރާތްތަކެއް ބިނާކުރުމެއް ނޫނެވެ. ގެދޮރު އެޅުމާއި، މަގުތައް ހެދުމާއި، ދިރިއުޅުން އަލުން އާރާސްތުކުރުމުގެ އިތުރުން، މުޖުތަމަޢެއް ފުރިހަމައަށް ބިނާކުރެވޭނީ އެ މުޖުތަމަޢެއްގެ ދަރިންނަށް އުނގަންނައިދީގެންނެވެ. ތިނަދޫގެ ތަޢުލީމީ ތާރީޚުން ފެންނަ އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ސަރުކާރުގެ ފުރިހަމަ ތަޢުލީމީ ނިޒާމެއް ގާއިމުވުމުގެ މާ ކުރިންވެސް، ވަކިވަކި ފަރުދުންނާއި އާއިލާތަކުން އެ ޒިންމާ އަމިއްލައަށް އުފުލާފައިވާ މިންވަރެވެ. ގދ.ތިނަދޫގައި ތަޢުލީމީ ދާއިރާއަށް ދީފައިވާ އަހައްމިއްޔަތުކަމަކީ ޒަމާނުއްސުރު އޮތް ކަމެކެވެ. ރަސްމީ މަދަރުސާތައް އުފެދުމުގެ ކުރިން، ތިނަދޫގެ ކުދިން އުނގެނެމުން ދިޔައީ އެދުރުބޭފުޅުންނާއި އެދުރުދައިތައިންގެ އަރިހުން، އެ ބޭފުޅުންގެ ގޭގެއިންނެވެ. އެ ބޭފުޅުން ކިޔަވައިދެއްވީ ކީރިތި ޤުރުއާނާއި، ދީނީ ޢިލްމުގެ އިތުރުން ދިރިއުޅުމުގެ ޢާންމު ކަންކަމަށް ބޭނުންވާ އަސާސީ މަޢުލޫމާތެވެ. އެއިން ކޮންމެ ފަރުދެއްގެ ނަން ލިޔެވިފައިވާ ތާރީޚުން ފެންނަން ނެތް ނަމަވެސް، ފަހުން އުފެދުނު ތަޢުލީމީ ބިނާތަކުގެ އަސްލަކީ އެ ބޭފުޅުން އަޅުއްވައިދެއްވި ބިންގަލެވެ. ކްލާސްރޫމްތަކާއި، މިނިސްޓްރީތަކާއި، ރަސްމީ ކިޔަވައިދިނުމުގެ ޚިދުމަތްތައް ފެށުމުގެ މާ ކުރިންވެސް ތަޢުލީމު ދެމިއޮތީ، އެހެން މީހުންގެ ދަރިންނަށް އުނގަންނައިދިނުމަށް އެ ބޭފުޅުން އިޚްލާޞްތެރިކަމާއެކު ކޮށްދެއްވި ޚިދުމަތްތަކުގެ ސަބަބުންނެވެ.

މި ރޮނގުން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ޝަޚްޞިއްޔަތަކީ އައްޝައިޚް ޙުސައިން ތަކުރުފާނެވެ. ޢިލްމު އުނގެނުމަށްޓަކައި އެ މަނިކުފާނު ހުވަދު އަތޮޅުން ބޭރަށް، ފަލަސްތީނުގެ ޤުދުސްގައާއި، ޔަމަނުގެ ޙަޟްރަމައުތަށާއި، މިޞްރުގެ ޖާމިޢުލްއަޒުހަރަށް ދަތުރުކުރެއްވިއެވެ. ނަމަވެސް، އެ މަނިކުފާނުގެ ޙަޔާތްޕުޅުން ފެންނަން އޮތް އެންމެ މުހިންމު ކަމަކީ އެނބުރި ރަށަށް ވަޑައިގެން ކުރެއްވި މަސައްކަތްޕުޅެވެ. އެ މަނިކުފާނު އުނގެނިވަޑައިގަތް އެއްޗެއްގެ ބޭނުންކުރައްވައިގެން އެހެން މީހުން ތަމްރީނުކުރެއްވިއެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދާނެ މުދައްރިސުން އުފެއްދެވިއެވެ.

ޝައިޚް ޙުސައިން ތަކުރުފާނު ފަހުން "މަދަރުސަތުލް އަޞްބާޙު" ގެ ނަމުގައި މަދަރުސާއެއް ބިނާކުރެއްވިއެވެ. ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި މިއީ ހުވަދުއަތޮޅުގައި އެންމެ ފުރަތަމަ ގާއިމުކުރެވުނު މަދަރުސާއެވެ. މި މަދަރުސާ އުފެދުނު ސީދާ ތާރީޚެއް ކަށަވަރުވެފައި ނެތް ނަމަވެސް، ބައެއް ލިޔުންތަކުގައި ވަނީ އެއީ 1929 އާއި 1931 އާ ދެމެދުގެ ދުވަސްވަރެއް ކަމަށެވެ. ފާހަގަކޮށްލަންޖެހޭ މުހިންމު ކަމަކީ، މަދަރުސަތުލް އަޞްބާޙަކީ ޝައިޚް ޙުސައިން ތަކުރުފާނުގެ އަމިއްލަފުޅު މަދަރުސާއެއް ކަމާއި، އެ ތަން ހިންގުމުގެ ހުރިހާ ޚަރަދެއް ބެލެހެއްޓެވީ ވެސް އޭނާ އަމިއްލަފުޅަށް ކަމެވެ. އެއީ ރަށްރަށުގެ މަދަރުސާތަކަށް ދައުލަތުން ޚަރަދުކުރާނެ ފުރިހަމަ ނިޒާމެއް ނެތް ޒަމާނެއްގައި، އަމިއްލަ ޢިލްމާއި ވަސީލަތްތައް ބޭނުންކުރައްވައިގެން، އަންނާން އޮތް ޖީލުތަކުގެ ލާބަޔާއި މަންފާއަށްޓަކައި މުއައްސަސާއެއް ބިނާކުރެއްވުމުގެ މާތް މަޤްޞަދުގައެވެ.

Advertisement

28 އޮކްޓޯބަރު 1955 އާ ހަމައަށް އައިއިރު، އެތައް އަހަރެއްގެ ބުރަ މަސައްކަތުން "މަދަރުސަތުލް އަމީރު އިބްރާހީމް" (މަދަރުސަތުލް އަޞްބާޙަށް އޭރު ކިޔުނު ނަން) ވަނީ ސާނަވީ ފެންވަރަށް ތަރައްޤީކުރެވިފައެވެ. އެ މަދަރުސާގެ މުޤައްރަރުގައި އިސްލާމްދީނާއި، ދިވެހިބަހާއި، ހިސާބާއި، ޖިއޮގްރަފީގެ އިތުރުން ޢަރަބި، އުރުދޫ އަދި އިނގިރޭސި ބަސް ހިމެނުނެވެ. މީގެއިތުރުން ކުޅިވަރާއި، ފަތަން ދަސްކޮށްދިނުމާއި، ކައްކަން ދަސްކޮށްދިނުމާއި، ކެޑޭޓް ޙަރަކާތްތައް ފަދަ އިތުރު ޙަރަކާތްތައް ވެސް ކުރިއަށް ގެންދެވުނެވެ. އެ ތަނުގައި ކިޔަވައިދެއްވި މުދައްރިސުންގެ ތެރޭގައި އައްޝައިޚް ޔޫސުފް ސިދްޤީ، މޫސާ ފަތުޙީ، ޙަކީމް ޙުސައިން ޢަފީފް، ޙަސަން ޙަލީމް، އިބްރާހީމް ރުޝްދީ، މުޙައްމަދު ރަޝާދު، މުޞްޠަފާ މަންޞޫރު، އިބްރާހިމް ރާޝިދު، މުޙައްމަދު ޢަލީ (އަލަގޭ ބެއްޔާ)، މުޙައްމަދު ވަހީދު ބިހުގޭ، އިބްރާހިމް ރަޝީދު، އަދި ޤާސިމް ރަޝާދު ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. މީގެ ތެރެއިން ގިނަ ބޭފުޅުންނަކީ ރާއްޖެއާއި ރާއްޖޭން ބޭރުން ތަޢުލީމް ޙާޞިލްކުރައްވައިގެން ތިއްބެވި ޢިލްމީ ބޭފުޅުންނެވެ.

މަދަރުސަތުލް އަމީރު އިބްރާހިމް
މަދަރުސަތުލް އަމީރު އިބްރާހިމް

މި މަދަރުސާ ހިންގުމުގައި އޮތީ ހަމައެކަނި މުދައްރިސުންގެ ދައުރެއް ނޫނެވެ. ތިނަދުއާއި އެ އަތޮޅުގެ ތަނަވަސް އަދި ޤާބިލު ފަރާތްތަކެއްގެ އެހީތެރިކަމާއެކު އުފެއްދި ޖަމްޢިއްޔާއެއްގެ ދައުރު ވެސް ބޮޑެވެ. މިގޮތުން ސިލޯނަށް އެކްސްޕޯޓްކުރާ މަހުން ލިބޭ އާމްދަނީގެ ބައެއް މުދައްރިސުންގެ މުސާރައަށާއި، ޢިމާރާތް މަރާމާތުކުރުމަށާއި، އެހެނިހެން ޚަރަދުތަކަށް ހޭދަކުރެވުނެވެ. އަދި ދަރިވަރުންނަށް ބޭނުންވާ ފޮތްފަންސުރާއި، ޔުނީފޯމް ފޮއްޗާއި، ބޫޓާއި ކުޅިވަރު ސާމާނު ވެސް ފޯރުކޮށްދެވުނެވެ. ކުޑަކުދިންނަށް ތަޢުލީމުގެ ބިންގާ އެޅުމަށް އަވަށްތަކުގައި މަކްތަބުތައް ހުރިއިރު، "މަކްތަބުލް އިރުޝާދު" އަދި "މަކްތަބުލް ޢުލޫމް" މެދުވެރިކޮށް ލިޔަންކިޔަން ނުދަންނަ ބޮޑެތި މީހުންނަށް އުނގަންނައިދިނުމުގެ ފުރުޞަތު ފަހިކޮށްދެވުނެވެ.

ޝައިޚް ޙުސައިން ތަކުރުފާނު އަޅުއްވައިދެއްވި ތަޢުލީމީ ބިންގަލުގެ މަތީގައި ފަހުގެ ޖީލުގެ ޢިލްމީ ބޭފުޅުންގެ ބުރަ މަސައްކަތާއެކު ފުޅާވެ ކުރިއަރަމުން އައި ހުވަދުއަތޮޅުގެ ތަޢުލީމު ދިނުމުގެ ހުރިހާ ކަމެއް 1959 ވަނަ އަހަރު ތިނަދޫގައި ހިންގި ސަރުކާރާ ދެކޮޅު ހަމަނުޖެހުންތަކާ އެކު ވަނީ އެއްކޮށް ހަލާކުވެ އުވި ގޮސްފައިވެއެވެ. 

މި ހާދިސާއަށް ފަހު، ހުވަތު އަތޮޅުގައި އޮތް ތަޢުލީމީ ނިޒާމު އެއްކޮށް ނެތި ގޮސްފައިވަނިކޮށް، ގދ. އަތޮޅަށް އަލުން ތަޢުލީމު ދިނުމުގެ މަސައްކަތް ފައްޓަވައި ދެއްވި ބޭފުޅަކީ މޫސާ ފަތުޙީއެވެ. މޫސާ ފަތުޙީއަކީ ދިގު މުއްދަތެއްގައި އިންޑިޔާގައި ހުންނަވައިގެން ތަޢުލީމު ޙާސިލުކުރައްވާފައިވާ، ޢިލްމު އުނގެނުމާއި އުނގަންނައިދެއްވުމަށް ވަރަށް ލޯބިކުރެއްވި ބޭފުޅެކެވެ. މަޑަވެލީގެ ކަތީބުކަމުގައި ހުންނަވައިގެން މޫސާ ފަތުޙީ، 1962 އިން 1966 އަށް "މަދަރުސަތުލް ފަލާޙް" ހިންގަވައިދެއްވިއެވެ. މި މަދަރުސާއަކީ މަޑަވެލީ ކުދިންނާއި ތިނަދޫއިން އެރަށަށް ހިޖުރަކުރި ޢާއިލާތަކުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގި ތަނެކެވެ. މޫސާ ފަތުޙީގެ އިތުރުން އަޙްމަދު ޙަބީބާއި (ޕާމްޝޭޑް)، މުޙައްމަދު ޢަލީއާއި (އަލަގޭ ބެއްޔާ)، މުޙައްމަދު ރަޝީދު ގަޒީރާ، އަދި އުޘްމާން ޒަކީ (މަޑަވެލީ ރޯނުގެ) އެތަނުގައި ކިޔަވައިދެއްވިއެވެ. އެއީ އެ ދުވަސްވަރު ހުވަދުއަތޮޅުގައި ޔުނީފޯމް އަޅައިގެން ކުދިން ކިޔަވަން ދިޔަ ހަމައެކަނި މަދަރުސާއެވެ. މީގެއިތުރުން އަތޮޅު ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން މޫސާ ފަތުޙީ އަތޮޅުގެ އެކި ރަށްރަށަށް ދަތުރުކުރައްވައި، ތަޢުލީމީ ޚިދުމަތް މެދުކެނޑިފައިވާ ރަށްރަށުގައި އަލުން ކިޔަވައިދިނުން ފެށުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވިއެވެ.

ދިރިއުޅޭނެ އަމިއްލަ ރަށެއް ނެތް ޙާލަތުގައި ވެސް، އެބޭފުޅުން ދިޔައީ މަދަރުސާއެއް ބިނާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަމިއްލަ ދިރިއުޅުން އަލުން އާރާސްތުކުރަމުން ދިޔައިރު ވެސް، އެންމެ ބޮޑު އިސްކަމެއް ދިނީ އަންނަން އޮތް ޖީލު ތަޢުލީމުން މަހުރޫމުވިޔަ ނުދިނުމަށެވެ.

ތިނަދޫ މީހުން އަލުން އެނބުރި ރަށަށް އައިސް ގެދޮރު ބިނާކޮށް ދިރިއުޅުން އާރާސްތުކުރަން ފެށިއިރު ވެސް، ތަޢުލީމަކީ އެންމެ އިސް ޒިންމާކަމުގައި ދެކުނެވެ. އާ މަދަރުސާ ހުޅުވުމުގެ ކުރިން، މޫސާ ފަތުޙީ އިސްނަންގަވައިގެން ގަޒީރާ މުޙައްމަދު ރަޝީދާއި މުޙައްމަދު ޒުހައިރު މެދުވެރިކޮށް ރަށުގެ ހުރިހާ ގޭގެއަށް ގޮސް، ސްކޫލް ޢުމުރުގެ ކުދިން ދެނެގަނެ ބެލެނިވެރިންނާ ވާހަކަދެއްކެވިއެވެ. ކުދިން ސްކޫލަށް ފޮނުވުމަށް ހިތްވަރުދީ، އެކަމުގައި އެއްވެސް ދަތިކަމެއް އޮތްނަމަ އެކަމަށް ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ޔުނީފޯމާއި ފޮތް ފަންސުރު އަމިއްލަ ޚަރަދުގައި ހަމަޖައްސަވާގޮތަށް ނިންމެވިއެވެ.

މިކަމުން ދޭހަވަނީ ހަމައެކަނި މަދަރުސާއެއް ހުޅުވުމުގެ ބަދަލުގައި، ކޮންމެ ކުއްޖަކަށް ވެސް ތަޢުލީމުގެ ފުރުޞަތު ހޯދައިދިނުމަށް އެ ބޭފުޅުން ކުރެއްވި އިޚްލާޞްތެރި މަސައްކަތެވެ. މިގޮތުން "މިޞްބާޙުލް ހުދާ" ހުޅުވުނީ 31 ޖެނުއަރީ 1970 ގައެވެ. އަދި ޖެހިގެން އައި ދުވަހު ކިޔަވައިދޭން ފެށުނެވެ. މިއީ ތިނަދޫގައި އަލުން ވަޒަންވެރިވި ފަހުން ހުޅުވުނު ފުރަތަމަ މަދަރުސާއެވެ. މި މަދަރުސާވެސް ކުރިއަށް ގެންދެވުނީ އެތައް ބައެއްގެ އެހީތެރިކަމާއެކުގައެވެ. ޙަކީމް ޙުސައިން ޢަފީފް ނާޒިރުގެ މަޤާމު ފުރުއްވިއިރު، މޫސާ ފަތުޙީ، އަޙްމަދު ޙަބީބު (ޕާމްޝޭޑް)، މުޙައްމަދު ޒާހިރު (އެތެންސް)، މުޙައްމަދު ޒުހައިރު (މާގަލާ)، މުޙައްމަދު ޢަލީ (އަލަގޭ ބެއްޔާ)، ޤާސިމް އަންވަރު އަދި ޢަލީ ފާއިޒް ފަދަ ބޭފުޅުން ތަޢުލީމީ ގޮތުން ބޮޑެތި ޚިދުމަތްތަކެއް ކުރެއްވިއެވެ.

އަންހެން ބޭފުޅުން ވެސް މި މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރެއްވިއެވެ. ސަވޭރާ އާމިނަތު ޙުސައިން (އާމިނާ މަނިކެ)، ޕާމްޝޭޑް ޢާއިޝަތު ޙަބީބާ (ޢައިސާ މަނިކެ) އަދި ގްރީން ސްޓާރ މަރިޔަމް ޤާސިމް (މަރިޔަމްފާނު)، އަޙްމަދު ޙަބީބާއެކު ދަރިވަރުންނަށް އަތްތެރި މަސައްކަތާއި ކެއްކުން ފަދަ ޢަމަލީ ކަންކަން ދަސްކޮށްދެއްވިއެވެ. ތިނަދޫގެ ތަޢުލީމީ ތާރީޚުގައި މި ބޭފުޅުންގެ ނަންތައް ފަވާލެވިފައިވަނީ، އެއްވެސް ތަފާތުކުރުމެއް ނެތި، ތިނަދޫގެ ދަރިންގެ ކުރިމަގަށްޓަކައި އެ ބޭފުޅުން ވެދެއްވި އަގުހުރި ޤުރުބާނީގެ ސަބަބުންނެވެ.

އަތްތެރި މަސައްކަތުގެ މައުރަޒުން މިސްބާހުލް ހުދާ ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ތެރެއިން.
އަތްތެރި މަސައްކަތުގެ މައުރަޒުން މިސްބާހުލް ހުދާ ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ތެރެއިން.

މިޞްބާޙުލް ހުދާއިން ތަޢުލީމު ހާސިލުކުރުމަށް އަތޮޅުގެ ހުރިހާ ރަށެއްގެ ކުދިންނަށްވެސް ފުރުސަތު ފަހިކޮށްދެއްވާފައި އޮތުމާއެކު، މިޞްބާޙުލް ހުދާއަށް ތަޢުލީމު ހާސިލުކުރަން ބޭނުންވި ހުރިހާ ކުދިންނަށް ޖާގަ ނުދެވޭ ހިސާބަށް ދިއުމުން، މޫސާ ފަތުޙީގެ ބޮޑު އެހީތެރިކަމަކާއެކު އިތުރު ހަތަރު މަކްތަބެއް އުފެއްދެވިއެވެ. އެއީ މުޙައްމަދު ޢަލީގެ ބެއްލެވުމުގެ ދަށުން ހިންގި މަކްތަބުލް ޢުލޫމް، ޢަލީ ފާއިޒްގެ ބެއްލެވުމުގެ ދަށުން ހިންގި މަކްތަބުލް އާލިޔާ، ޤާސިމް އަންވަރުގެ ބެއްލެވުމުގެ ދަށުން ހިންގި މަކްތަބުލް ހިދާޔާ އަދި މުޙައްމަދު މާހިރުގެ ބެއްލެވުމުގެ ދަށުން ހިންގި މަކްތަބުލް ނޫރާނީއްޔާއެވެ. މި ހަތަރު ބޭފުޅުންނަކީވެސް އައްޝައިޚް ޙުސައިން ތަކުރުފާނާ ހިސާބުން ދެމިގެން އައި ތަޢުލީމީ ސިލްސިލާއަށް ނިސްބަތްވާ ބޭފުޅުންނެވެ. އެއް މުދައްރިސަކު އަނެއް މުދައްރިސަކު ތަމްރީނުކޮށް، އެ ޢިލްމު ޖީލަކުން ޖީލަކަށް ފޯރުކޮށްދެމުން ގޮސް، އެތައް އަހަރެއްގެ ހަލަބޮލިކަމާއި، ރަށް ފަޅުވުމާއި، ރަށްވެހިކަން ގެއްލުމުގެ ހިތްދަތި ދުވަސްތަކަށްފަހު، ތިނަދޫ އަލުން އާބާދުކުރުމުގައި އެހީތެރިވެދިނީ ހަމަ އެ ތަޢުލީމީ ސިލްސިލާއެވެ.

1972 ވަނަ އަހަރު މިޞްބާޙުލް ހުދާ އަތޮޅު ކޮމިޓީގެ ދަށަށް ބަދަލުކުރެވުނު ނަމަވެސް، އެ ތަނުގެ ތަޢުލީމީ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދިޔައެވެ. ފަހުން ސަރުކާރުން އަތޮޅު ތަޢުލީމީ މަރުކަޒު ހުޅުވުމުން، މިޞްބާޙުލް ހުދާގެ ދަރިވަރުންނާއި މުދައްރިސުން އެ މަރުކަޒަށް ބަދަލުކުރެވުނެވެ. އަދި މޫސާ ފަތުޙީ އެ މަރުކަޒުގައި އިސްލާމް މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. މީގައި މުހިންމު ކަމަކީ، ތިނަދޫގައި ތަޢުލީމީ މަސައްކަތްތައް ފެށުނީ އަތޮޅު ތަޢުލީމީ މަރުކަޒަކުން ނޫން ކަމެވެ. އަދި އެ މަރުކަޒު އުފެދުނީ ތަޢުލީމީ ގޮތުން ހުސްކަމެއް އޮތް ތަނަކަށްވެސް ނޫނެވެ. އެ މަރުކަޒަށް ލިބުނީ ތިނަދޫގެ ރައްޔިތުން ކުރިންވެސް ބިނާކޮށްފައިވާ ދަރިވަރުންނާއި، މުދައްރިސުންނާއި، ތަޢުލީމީ މުޖުތަމަޢެކެވެ.

އަތޮޅު ތަޢުލީމީ މަރުކަޒު ހޯދުމަކީވެސް ބުރަ މަސައްކަތަކަށް ވިއެވެ. ސަރުކާރުން ކޮމިއުނިޓީ ސްކޫލް މަޝްރޫޢަށް ފުރަތަމަ ހޮވި ރަށްތަކުގެ ތެރޭގައި ތިނަދޫ ހިމެނިފައެއް ނުވެއެވެ. އަޙްމަދު ޙަބީބާއި މުޙައްމަދު ޒުހައިރު، ތިނަދޫގައި ސްކޫލެއްގެ މުހިންމުކަމާ ބެހޭގޮތުން ޑރ. މުޙައްމަދު ޒާހިރު ޙުސައިނާ ތަކުރާރުކޮށް މަޝްވަރާކުރެއްވިއެވެ. އެންމެ ފަހުން އެ މަޝްރޫޢު ކުރިއަށްދިޔައިރު، ބޭނުންވާ ގަލާއި ދޮންވެލި ހޯދުމުގެ ޒިންމާ އޮތީ ރައްޔިތުންގެ ބޮލުގައެވެ. ރަށުގެ އަންހެނުންނާއި ފިރިހެނުން ނިކުމެ އެ ތަކެތި ޖަމާކުރިއެވެ. އަތޮޅު ތަޢުލީމީ މަރުކަޒު 27 މާރިޗު 1984 ގައި ހުޅުވުނުއިރު، އެއީ ރަށުގެ އަމިއްލަ ފަރާތްތަކުގެ އިސްނެގުމުގެ މަތިން ކުރިއަށް ގެންދެވުނު ކިޔަވައިދިނުމާއި، އިންތިޒާމުތަކާއި، ކެތްތެރިކަމާއި ގުރުބާނީގެ ދިގު ތާރީޚެއްގެ ނަތީޖާއެވެ.

މި ހުރިހާ ކަމަކީ ގުޅިލާމެހިފައިވާ އެއް ތާރީޚެއްގެ ގޮތުގައި ބަލާއިރު، އެ ކުރެވުނު މަސައްކަތުގެ ބުރަކަމާއި މަތިވެރިކަން އިތުރަށް ސާފުވެއެވެ. އެބޭފުޅުން ޢިލްމު ހޯދުމަށް ރާއްޖޭގެ އަދި ދުނިޔޭގެ އެކިތަންތަނަށް ދަތުރުކޮށް، އެ ޢިލްމު ރަށަށް ގެނައެވެ. އަދި އެ ޢިލްމު އެހެން މީހުންނަށް އުނގަންނައިދީ ރަށުގައި ތަޢުލީމީ ޖީލުތަކެއް ބިނާކުރިއެވެ. އައްޝައިޚް ޙުސައިން ތަކުރުފާނު އަމިއްލަ މުދަލުން ޚަރަދުކުރައްވައިގެން ތަޢުލީމު ފަތުރައި، ސްކޫލް ހިންގެވިއެވެ. ލިޔަންކިޔަން ދަސްނުވެ ތިބި ބޮޑެތި މީހުންނަށް އެ ފުރުޞަތު ހޯދައިދިނެވެ. ތިނަދޫ ފަޅުވެ، މީހުން ބަދަލުވާން ޖެހުނު ހިނދުވެސް، އެހެން ތަންތަނުގައި ތިބެގެން ކުދިންނަށް ކިޔަވައިދިނުން ހުއްޓައެއް ނުލައެވެ. އަދި އަލުން ރަށަށް ރުޖޫޢަވުމަށްފަހު، އަމިއްލަ ދިރިއުޅުން އާބާދުކުރުމާއެކު ތަޢުލީމީ ބިނާތައްވެސް އަލުން އާބާދުކުރިއެވެ.

މީގެ އެއްވެސް ކަމަކީ އެތައް ބަޔަކު އަމިއްލަ އެދުމެއް ނެތި ކުރި ބުރަ މަސައްކަތާ ނުލާ ވީ ކަންކަމެއް ނޫނެވެ. މިއަދުގެ ޖީލުތަކަށް ވާރުތަވެފައިވާ ކޮންމެ މުއައްސަސާއެއްގެ ފަހަތުގައިވަނީ، އަމިއްލަ އިޚްތިޔާރުގައި ބުރަ އުފުލައި، އެ މަސައްކަތުގެ ފައިދާ އަންނަން އޮތް ޖީލުތަކަށް ލިބޭނެކަމުގެ އުންމީދުގައި މަސައްކަތްކުރި ބައެކެވެ. އެ މަސައްކަތުގެ ނަތީޖާ މިއަދު އަޅުގަނޑުމެންނަށް ފެންނަނީ ވަރަށް އާދައިގެ ކަންކަމުގެ ގޮތުގައެވެ. ކުލާސްރޫމަކާއި، މުދައްރިސަކާއި، ސްކޫލަކީ މިއަދުގެ ކޮންމެ ކުއްޖަކަށްވެސް ލިބެންޖެހޭ އަސާސީ ކަންކަމެވެ. ނަމަވެސް އެއީ އާދައިގެ ކަންކަމަށް ވެފައި އޮތުމަކީ، އެކަންކަން ހާސިލުކުރުމަށްޓަކައި ކުރެވުނު އާދަޔާޚިލާފު ބުރަ މަސައްކަތްތައް އަޅުގަނޑުމެން ހަނދާން ނައްތާލަންޖެހޭ ސަބަބެއް ނޫނެވެ.

މި ވާހަކަތަކަކީ ހަމައެކަނި ތާރީޚީ ލިޔުމެއްގެ ގޮތުގައި ބެލުމަށްވުރެ މާ މުހިންމު ވާހަކަތަކެކެވެ. ތިނަދޫގައި ބޮޑުވާ ކޮންމެ ޒުވާނަކު ދަންނަންޖެހޭ ކަމަކީ، މި ރަށުގެ ބަޔަކު ޢިލްމު ހޯދުމަށް ދުނިޔޭގެ އެކި ކޮޅުކޮޅަށް ދަތުރުކޮށް، އެނބުރި އައިސް އެހެން މީހުން ތަމްރީނުކުރި ކަމެވެ. އަމިއްލަ މުދަލުން ޚަރަދުކޮށްގެން މަދަރުސާތައް ހިންގި ބަޔަކު ތިބި ކަމެވެ. ކޮންމެ ބަޔަކުވެސް ތަޢުލީމީ އާ ޖީލެއް އުފެއްދި ކަމެވެ. ރަށް ދޫކޮށް ދާންޖެހުނު ހިނދުވެސް ދަރިންނަށް ކިޔަވައިދިނުން ހުއްޓާނުލި ކަމެވެ. އަދި އަމިއްލަ ދިރިއުޅުން އަލުން ބިނާކުރަމުން ދިޔައިރުވެސް، އަންނާން އޮތް ޖީލުތަކަށްޓަކައި މުއައްސަސާތައް ބިނާކުރުމުގެ ހިތްވަރު އެ މީހުންގެ ކިބައިގައި ހުރި ކަމެވެ. މިއީ ހަމައެކަނި އަމިއްލަ ނަފްސަށްވުރެ މުޖުތަމަޢުގެ ލާބައަށް އިސްކަންދީގެން ޚިދުމަތްކުރުމާއި، ފަރުދީ ޒިންމާ އުފުލުމުގެ ފުރިހަމަ މިސާލުތަކެވެ.

އާބާދީ 60 ފާހަގަކުރަމުންދާއިރު، މި ނަންތަކަކީ ތިނަދޫގެ ރައްޔިތުންގެ ހަނދާނުގައި އަބަދުމެ ދެމިގެންވާންޖެހޭ ނަންތަކެކެވެ. އެބޭފުޅުން ބިނާކުރެއްވީ ހަމައެކަނި މަދަރުސާތަކެއް ނޫނެވެ. އެ ބޭފުޅުން ދޫކުރެއްވީ، ދަތި އުނދަގޫ ޙާލަތްތަކުގައާއި ރަސްމީ އެހީތެރިކަން ނެތް ދަނޑިވަޅުތަކުގައި، ތިނަދޫގެ ރައްޔިތުން އެކަކު އަނެކަކަށްޓަކައި ކޮށްދީފައިވާ މަތިވެރި ޚިދުމަތްތަކުގެ ދިރިހުރި ހެކިތަކެވެ. އަންނަން އޮތް ޖީލުތަކަށް ތަރިކައިގެ ގޮތުގައި ލިބެންޖެހޭނީ ހަމައެކަނި އިމާރާތްތަކެއް ނޫނެވެ. އެ ތަންތަން ބިނާކުރީ ކޮންބައެއްކަމާއި، އެ މީހުންވި ޤުރުބާނީއާއި، ކުރިމަތިލީ ގޮންޖެހުންތަކާއި، އެހުރިހާ ދަތިތަކަކާއެކުވެސް ޚިދުމަތުގައި ދެމިތިބި ސަބަބުތަކުގެ ޢިލްމުވެސް އެ ޖީލުތަކަށް ވާރުތަވާންޖެހެއެވެ. 

މުއައްސަސާތައް ހަނދާން ބަހައްޓާފައި، އެ ތަންތަނުގެ ފަހަތުގައިވާ އިންސާނީ ބުރަ މަސައްކަތުގެ ހަނދާންތައް ފޮހެވިގެންދާން ދޫކޮށްލައިފިނަމަ، އަޅުގަނޑުމެންނަށް ރައްކާތެރިކުރެވޭނީ ތާރީޚުގެ ފެންނަން އޮތް ބައި އެކަންޏެވެ. އަދި މި ބޭފުޅުން ތިނަދޫގެ ރައްޔިތުންނަށްޓަކައި ކޮށްދެއްވި ބުރަ މަސައްކަތްތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްނުދެވިއްޖެނަމަ، އެއީ އެ ބޭފުޅުންގެ ޚިދުމަތުން ހިތްވަރުލިބުމުގެ ފުރުޞަތު އޮތް އާ ޖީލުތަކަށް ވެވޭ ވަރަށް ބޮޑު ބޭއިންސާފެކެވެ.                   

ނޯޓު: މި ލިޔުން ބިނާކޮށްފައިވަނީ މުޙައްމަދު ޒުހައިރު ލިޔުއްވާފައިވާ "ހަވަރު ތިނަދޫއިން މީހުން ބޭލުމުގެ ކުރިއާއި އޭގެފަސް" މި ފޮތުގައިވާ މައުލޫމާތުގެ މައްޗަށެވެ. މީގައިވާ ނަންތަކާއި، ތާރީޚުތަކާއި، އަދި މުއައްސަސާތަކުގެ ތަފްސީލުތައް ނަގާފައިވަނީ ތިނަދޫއާއި ހުވަދުއަތޮޅުގެ ތައުލީމީ ހަޔާތާ ގުޅޭގޮތުން އެ ފޮތުގައި ބަޔާންކޮށްފައިވާ ވާހަކަތަކުންނެވެ.

ފަހުގެ ޚަބަރު

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

މާލެއިން ވޮޝިންޓަނަށް؛ 'ވިޔާނުދާ' ނޫސްވެރިންގެ އަސަރާއި ނަތީޖާ

އެމެރިކާގެ ރައީސް ޓްރަމްޕް ވަކި ނޫސްވެރިންތަކެއް ވައިޓް ހައުސްއަށް ވަނުން މަނާކުރުމުން، އެކަށީގެންވާ އިޖުރާއާތެއް ނެތި އެފަދަ ނިންމުންތައް ނުނިންމޭނެ ކަމަށް އެ ގައުމުގެ ކޯޓުން ވަނީ ކަނޑައަޅާފައެވެ. ހަމައެފަދައިން، ރާއްޖޭގެ ރައީސް އޮފީހުން ވެސް "އަދަދު" ނޫހުގެ ނޫސްވެރިން ބައްދަލުވުންތަކަށް ވަނުން މަނާކޮށްފައިވަނީ، ރައީސް މުއިއްޒާ ކުރިމަތިކުރި އުނދަގޫ ސުވާލަކާ ގުޅިގެން އެއްވެސް ލިޔުމެއް ނުވަތަ ޖަވާބެއް ދިނުމަކާ ނުލައެވެ.

ދިވެހިރާއްޖޭގައި އޮތީ އިސްލާމީ ޓޫރިޒަމެއް؛ ސަބަބުތައް މިއޮތީ!

ދިވެހި ޓޫރިޒަމް ދާއިރާ އިޝްތިހާރު ކުރަން ތިބި މީހުން އެއީ ލާދީނީ ކާފަރު ޓޫރިޒަމެއްކަމަށް ސިފަކުރަމުންދާނަމަ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ މުސްލިމުންނަށް އެދެވެނީ ކޮން ކަހަލަ މެސެޖެއްހެއްޔެވެ؟ އެމީހުންނަށް އެކަންޏެއް ނޫނެވެ. ދީނީ ހަރުކަށި ވިސްނުމުގެ އަހުލުވެރިންނަށް ވެސް އެދެވެނީ ކޮން ކަހަލަ ދައުވަތެއްހެއްޔެވެ؟

ރަދުން ކޮންޓްރޯލް ކުރެއްވި ސިއްރުވެރި ބޮޓޭނިކަލް ވިޔަފާރި

ތާވައްކާށި ނުވަތަ ކަނޑުކާށީގެ ވިޔަފާރިއަކީ ތާރީޚީގޮތުން ދިވެހި ރަދުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުން ހިންގި ސިއްރުވެރި މޮނޮޕޮލީއެކެވެ. ސީޝެލްސްގެ ރަށްތަކުން އޮޔާލައިގެން ރާއްޖެއަށް ލައްވާ މި ކާށިތަކަކީ ހަމައެކަނި ރަދުންނަށް ޚާއްޞަ އެއްޗެއްގެ ގޮތުގައި އޭރު އޮތީ ކަނޑައަޅާފައެވެ. މި ކާށީގެ ސައިންޓިފިކް ނަން ރާއްޖެއަށް ނިސްބަތްވަނީ، އެ ދުވަސްވަރު ދިވެހިރާއްޖެ މެދުވެރިކޮށް މި ތަކެތި ދުނިޔޭގެ ބާޒާރަށް ތައާރަފުވެފައިވާތީއެވެ.

Newsletter

Get the latest news delivered straight to your inbox