ރަސްމާލެ ދޫކޮށްލުން: ސަރުކާރަށް ލިބޭނެ ކަމަށް ހައުސިން މިނިސްޓަރާއި ފިނޭންސް މިނިސްޓަރު ވިދާޅުވާ އަދަދު ދިމައެއް ނުވޭ

މުއްތަލިބު އަދި ޒަރީރު

މުއްތަލިބު އަދި ޒަރީރު

ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އީގަލް ހިލްސް ކުންފުންޏަށް ރަަސްމާލެ ދޫކޮށްލައިގެން ސަރުކާރަށް ލިބޭނެ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބާއި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވި އަދަދު ދިމައެއްނުވި އެވެ. 

ރަސްމާލޭގެ 500 ހެކްޓަރުގެ ބިން 99 އަހަރަށް އަދި އެތަނުގެ އިމާރާތްތައް މުޅި އުމުރަށް ދޫކޮށްލި އެގްރިމެންޓުގައި ސެޕްޓެމްބަރު 21، ގައި ސޮއި ކުރެއްވީ މިނިސްޓަރު މުއްތަލިބެވެ.

މިނިސްޓަރު މުއްތަލިބު މިހާރު އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ރަސްމާލެއިން 10 އަހަރުގެ ތެރޭގައި ސަރުކާރަށް ލިބޭނީ ތިން ބިލިއަން ޑޮލަރު ނުވަތަ 46 ބިލިއަން ރުފިޔާ ކަމަށެވެ. 

"އަޅުގަނޑުމެން މި އެކްސްޕެކްޓް ކުރަނީ، އެސެސްމެންޓް ދައްކާ ގޮތުން ތިން ބިލިއަނަށް ވުރެ ގިނަ ޑޮލަރު، ގާތްގަނޑަކަށް 46 ބިލިއަނަށް ވުރެ ގިނަ ރުފިޔާ، އެތަނުގެ 10 އަހަރުގެ ޑިވެލޮޕްމެންޓް ނިމޭ އިރު ސަރުކާރަށް ލިބޭނޭ،"  އެ އިންޓަވިއުގައި މުއްތަލިބު ވިދާޅުވެފައިވެ އެވެ. 

އެކަމަކު، ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފިނޭންސް މިނިސްޓަރު ޒަރީރު އިއްޔެ ވިދާޅުވީ، ރަސްމާލެ ޕްރޮޖެކްޓުން 10 އަހަރު ތެރޭގައި ސަރުކާރަށް 11 ބިލިއަން ޑޮލަރު ނުވަތަ 169 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. 

"ރަސްމާލޭގައި ކުރިއަށްގެންދާ މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ ޕްރޮޖެކްޓުން 10 އަހަރުގެ ޑިވެލޮޕްމަންޓުގެ ތެރޭގައި ގާތްގަނޑަކަށް 11 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ. އެއީ އަހަރަކު ގާތްގަނޑަކަށް 1.1 ބިލިއަން ޑޮލަރު،" ޒަރީރު އިނގިރޭސި ބަހުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ. 

މީގެ ކުރިން، ރަސްމާލެއަށް އީގަލް ހިލްސް އިން އިންވެސްޓު ކުރާނެ ކަމަށް ބުނާ އަދަދާމެދު ވެސް ވަނީ ހިޔާލު ތަފާތުވެފަ އެވެ. ރަސްމާލޭ އެއްބަސްވުމުގައި ސޮއި ކުރި ދުވަހު ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އީގަލް ހިލްސް އިން ރަސްމާލެއަށް 20 ބިލިއަން ޑޮލަރުގެ އިންވެސްޓްކުރާނެ ކަމަށެވެ. ނަމަވެސް އީގަލް ހިލްސް އިން ބުނީ އެ ކުންފުނިން ރަސްމާލެއަށް އިންވެސްޓު ކުރާނީ 12 ބިލިއަން ޑޮލަރު ކަމަށެވެ. 

ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށެވެ. ރަސްމާލެއިން ސަރުކާރަށް ލިބެނީ، އެތަނުގައި އަޅާ އިމާރާތް ޑިވެލޮޕަރު ފުރަތަމަ ފަހަރު ވިއްކާލުމުން ލިބޭ 10 ޕަސެންޓުގެ ފީއަކާއި ގަންނަ ފަރާތުން ދައްކަންޖެހޭ ހަތަރު ޕަސެންޓުގެ ފީއެކެވެ. އެތަނުގެ އޯނާޝިޕް ޓްރާންސްފާ ކުރާ ކޮންމެ ފަހަރަކު ވެސް ހަތަރު ޕަސެންޓުގެ ފީއެއް ލިބޭނެ އެވެ. 

 ރަސްމާލެ ދޫކޮށްލީ 99 އަހަރަށް ކަމަށް ސަރުކާރުން ބުނި ނަމަވެސް އެގްރިމެންޓު ފްރޭމްކޮށްފައި އޮތް ގޮތުން އެތަން އެއްކޮށް ގެއްލޭނެ އެވެ. ރަސްމާލެއިން ޕްރޮޕަޓީސް ގަންނަ މީހާއަށް ލިބޭ މީހާ އެތަން ވިއްކާލުމުން، އަލުން 99 އަހަރުގެ އާ ލީސް މުއްދަތެއް ފެށޭނެ އެވެ. އަދި ހިބައިން ދިނަސް އަނެއްކާ 99 އަހަރުގެ އާ ލީސް މުއްދަތެއް ފެށޭނެ އެވެ.

ރަސްމާލެ ހިއްކަން ފެށީ އެތަނަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް ހާއްސަކޮށް ހިއްކާ ރަށެއް ކަމަށް ބުނެ އެވެ. އަދި ރަސްމާލޭ ބޭރުގެ ބަޔަކަށް ކުއްޔަށް ވެސް ނުދެއްވާނެ ކަމަށް ސީދާ ރައީސް މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ. 

"އެތަނުން [ރަސްމާލެއިން] ހިއްކާ ކޮންމެ ބިމެއްގެ، ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން، ނޫނީ ހިލޭ ވެސް ލިބޭނެ ބިމެއްނޫން، ދެން އެތަނުން ހިކިގެން ދާނީކީއެއް،" މުއިއްޒު ވިދާޅުވެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox