އިންޒާރުގެ މެސެޖު ގެނެސްދޭ މީހާ ގަތުލުކޮށްގެން ރައްކާތެރިކަން ހޯދުން

ކަޅު ބާޒާރުގެ އަގުވާހަކަ ދެއްކުން މަނާކުރުމަށް ބިލް މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފައި

ކަޅު ބާޒާރުގެ އަގުވާހަކަ ދެއްކުން މަނާކުރުމަށް ބިލް މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފައި

ސިޔާސީ ފަލްސަފާތަކުގެ ތެރޭގައި އޮތް އެންމެ ދުވަސްވީ އެއް ބަހުސަކީ، ސަރުކާރަކުން އާންމު ކަންކަމުގެ ތެރެއަށް ވަދެ، ނުފޫޒު ފޯރުވަންޖެހޭ މިންވަރާ ބެހޭ ބަހުސެވެ. އެތައް ސަތޭކަ އަހަރެއްވީ މި ބަހުސްގައި އެތައް މިސާލުތައް ފެނި އެތައް ނަޒަރިއްޔާއެއް ވަނީ އުފަންވެގެން ގޮސްފަ އެވެ. އެއް ބަޔަކު ގަބޫލުކުރާ ގޮތުގައި، ސަރުކާރުން ކަންކަމުގެ ތެރެއަށް ވަންނަންވާނީ ވަރަށް ބޮޑަށް މަޖުބޫރުވެގެން، އަދި މައިގަނޑު ގޮތެއްގައި ވަކިވަކި ފަރުދުންގެ އަމަލުތަކުގެ ސަބަބުން އަނެކުންނަށް ގެއްލުންވާ ހާލަތްތަކުގަ އެވެ. އަނެއް ބަޔަކު ދެކޭގޮތުގައި އެކަން ކުރަންވާނީ މާކެޓް ފެއިލްވެ، ވަސީލަތްތައް އަލުން ބެހުމުގައާއި އާންމު ހިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރުން އެކަމުގެ ތެރެއަށް ވަންނަންޖެހޭ ހިސާބުންނެވެ. އަދިވެސް މިފަދަ ކިތަންމެ ނަޒަރިއްޔާއެކެވެ.

މި ސިޔާސީ ބަހުސްގެ ތެރެއަށް މިހާރު މިވަނީ އައު ނަޒަރިއްޔާއެއް ވަދެފަ އެވެ. މިއީ ނަޒަރިއްޔާއެއްގެ ގޮތުގައި ބަލައިގަތުމަށް ސިޔާސީ އިލްމުގެ މާހިރުންނަށް އިލްތިމާސްކޮށް، ދައުވަތު އަރުވަމެވެ. އެ ނަޒަރިއްޔާއަކީ، "ސަރުކާރަށް މައްސަލައެއް ހައްލުނުކުރެވޭ ހާލަތުގައި، އެ މައްސަލައިގެ ސީރިއަސްކަން އާންމުންނަށް އެނގުނަނުދީ ހިފެހެއްޓުމަށްޓަކައި ކަންކަމުގެ ތެރެއަށް އަތްބޭނުން" މި އެވެ.

ދިވެހިރާއްޖޭގައި ބޭރު ފައިސާ ކޮންޓްރޯލް ކުރުމާ ގުޅޭގޮތުން ސަރުކާރުން އެ އެޅުއްވި ފިޔަވަޅަކީ މި ދެންނެވި ފަލްސަފާގެ ސާފު މިސާލެކެވެ. އެމެރިކާ ޑޮލަރުގެ ކަޅު ބާޒާރެއް ރާއްޖޭގައި އޮންނާތާ އެތައް ދަހަރެއް ވެއްޖެ އެވެ. އެއީ ސިއްރެއް ނަމަ، އެއީ ރަށު އެންމެންނަށް އެނގޭ ބޮޑު ސިއްރެކެވެ. ދަތުރުފަތުރަށާއި، ތައުލީމަށާއި، ބޭސްފަރުވާއަށާއި، މުދާ އެތެރެކުރުމަށް ނުވަތަ ވިޔަފާރިއަށް ޑޮލަރު ބޭނުންވާ ކޮންމެ މީހަކަށްމެ، ރަސްމީ ރޭޓާއި އަނދިރި ބާޒާރުގެ އަގާ ދެމެދު އޮތް ބޮޑު ތަފާތު ވަރަށް ރަނގަޅަށް އެނގެ އެވެ.

Advertisement

ޑޮލަރު އަގުބޮޑު ވަނީ ނޫސްތަކުގައި ޖަހާ ސުރުހީތަކުގެ ސަބަބުންކަމަށް ސަރުކާރުގެ ވަޒީރަކު ވިދާޅުވިޔަސް، އަޅުގަނޑު ހިތައިގެން ހުރީ އެއީ އެމަނިކުފާނު ދެއްކެވި ސިޔާސީ ވާހަކަފުޅެއް ކަމަށެވެ. އެއީ އެގޮތަށް ގަބޫލުކުރައްވާތީ ދެއްކެވި ވާހަކަފުޅެކޭ ކުޑަކޮށް ވެސް ހިއެއް ނުކުރަމެވެ. ނޫސްތަކަކީ ޑޮލަރުގެ ވިޔަފާރިކުރާ ބައެއް ނޫނެވެ. ކަޅު ބާޒާރެއް ނުވަތަ އަނދިރި ބާޒާރެއް އުފެއްދީ ނޫސްތަކަކުންނެއް ނޫނެވެ. ޑޮލަރުގެ އަގު ކަނޑައެޅުމަކީ ނޫސްތަކުގެ އެޑިޓަރުންނަށް ކުރެވޭނޭ ކަމެއް ނޫނެވެ. އެހެންނަމަވެސް، މި އިގުތިސާދީ މައްސަލައަށް އޮތް އެންމެ ރަނގަޅު ހައްލަކީ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރި މިންވަރުގެ ހަބަރުތައް ޝާއިއުކުރުން މަނާކުރުން ކަމުގައި ރައްޔިތުންގެ މަޖިލީހަށް މިހާރު އެއޮތީ ފެނިފަ އެވެ.

އަޅުގަނޑު ދެކޭ ގޮތުގައި މިއީ އިގުތިސާދީ ސިޔާސަތަށް ގެނައި ވަރަށް "ވިސްނުންތެރި" ކުރިއެރުމެކެވެ. މި ހަރުދަނާ ފިޔަވަޅާއެކު އިގުތިސާދީ އަދި ސިޔާސީ އިލްމުގައި އައު ފިކުރީ މަދަރުސާއެއް އުފަންވެގެން ދިޔަކަމީ އަޅުގަނޑުމެން ނުހަނު އުފާ ކުރަންޖެހޭނޭ ކަމެކެވެ. މީގެ ކުރިން އިގުތިސާދީ މާހިރުންނަށް ގަބޫލުކުރެވިފައި އޮންނަ ގޮތުގައި، އެއްޗެއްގެ ބާޒާރު އަގާއި ރަސްމީ އަގާ ދެމެދު ބޮޑު ތަފާތެއް އުޅޭނަމަ، ސަރުކާރުން ބަލަންޖެހޭނީ އޭގެ އަސްލު ސަބަބުތަކަށެވެ. އެ ބޭފުޅުންނަށް ވިސްނިފައި އޮތްގޮތުގައި، އެކަހަލަ މައްސަލަތަކުގެ އަސްލު ސަބަބު ދެނެގަތުމަށްޓަކައި ސަޕްލައި އާއި ޑިމާންޑް، ބޭރު ފައިސާގެ ރިޒާވް، މަނިޓަރީ ސިޔާސަތު، ދިވެހި ފައިސާއަށް އޮތް އިތުބާރު، އިމްޕޯޓަށް ބަރޯސާވާ މިންވަރު، ފަތުރުވެރިކަމުގެ އާމްދަނީ އަދި އެކްސްޗޭންޖް ކޮންޓްރޯލް ކުރާ ނިޒާމުގެ އެކި މަރުހަލާތައް ވެސް ދިރާސާ ކުރަން ޖެހެ އެވެ. އެކަމަކު މި ހުރިހާ ކަމަކީ، އެކަންކަން ކުރުމަށް ވަރަށް ގިނަ ވަގުތާއި ވަސީލަތް ހޭދަވާނޭ ކަންކަމެވެ. އޭގެ ބަދަލުގައި ރާއްޖޭގެ ބަރުލަމާނުން މި ހޯދި ހައްލު މާ ހަލުވިވެފައި ފަސޭހަ އެވެ. ރަސްމީ ރޭޓާއި ބާޒާރުގެ އަގާ ދިމާނުވާނަމަ، އެ ދެ އަގު އެއްވަރުކުރަން މަސައްކަތް ކުރުމުގެ ބޭނުމެއް ނެތެވެ. ކުރަންޖެހޭ ކަމަކީ، ދެވަނަ އަގުގެ ވާހަކަ ނޫސްތަކުގައި ލިޔުން ހުއްޓުވުމެވެ. އޭރުން އެކްސްޗޭންޖް ރޭޓުގެ މައްސަލަ ހަބަރުތަކުން ފެންނާކަށް ނޯންނާނެ އެވެ. އޭގެ މާނައަކީ މައްސަލަ ހައްލުވީ އެވެ.

ދިވެހިރާއްޖެއިން މި ހޯދި، މި އީޖާދީ ވިސްނުން އެހެން ދާއިރާތަކަށް ފުޅާކުރެއްވުމަށް ސަރުކާރަށް ހިތްވަރު ދެމެވެ. އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު އުފުލުމަކީ ސިޔާސީ ގޮތުން ސަރުކާރަށް ތަކުލީފަކަށް ވާނަމަ، ކާބޯތަކެތީގެ އަގު ނޫސްތަކުގައި ޖެހުން މަޖިލީހުން މަނާކުރެވިދާނެ އެވެ. ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވާނަމަ، އެ ތަފާސްހިސާބުތައް ހާމަކުރުމަކީ އިގުތިސާދީ އިތުބާރު ގެއްލުވާލަން ދޭ ހަމަލާއެއްގެ ގޮތުގައި ބެލވިދާނެ އެވެ. ދައުލަތުގެ ދަރަނި ބޮޑުވެގެން އުނދަގޫވާނަމަ، އެއީ ސިއްރު މައުލޫމާތެއްގެ ގޮތުގައި ހަމަޖެއްސިދާނެ އެވެ. ކުށްކުރުން އިތުރުވާނަމަ، ކުށާގުޅޭ ހަބަރުތައް ފެތުރުން މަނާކުރެވިދާނެ އެވެ. ހޮސްޕިޓަލްތަކުން ފަރުވާނުލިބޭނަމަ، އެފަދަ މައްސަލަތައް ވެސް ނޫސްތަކުގައި ރިޕޯޓުކުރުން މަނާކޮށްގެން އެ މައްސަލަ ހައްލުކުރެވިދާނެ އެވެ. މިތައް މަގުން ކަންކަން ގެންދިޔައިމާ، އިސާހިތަކު ރާއްޖެއަކީ ދުނިޔޭގެ އެންމެ ފުރިހަމަ އިގުތިސާދު އޮތް ގައުމަށް ވެގެން ހިނގައިދާނެ އެވެ.

ސަމާސަ ވާހަކަތައް ދޫކޮށްލަމާ ހިންގަވާށެވެ. ސަރުކާރުން މިޖެހި ސަކަރާތަކީ އާދައިގެ ކަމެއް ނޫނެވެ. ރައްޔިތުންނަށް މައުލޫމާތެއް ލިބުމަށް އޮތް ވަސީލަތެއް ބަންދުކުރަން ސަރުކާރުން އަމާޒު ހިފާނަމަ އެއީ އާދައިގެ މިންވަރަކަށްވުރެ ބޮޑަށް އަޅުގަނޑުމެން ސަމާލުވާންޖެހޭނޭ ކަމެކެވެ.

ވެރިކަމެއްގައި ކޮރަޕްޝަން އިތުރުވާ ވަރަކަށް، ސިއްރުކުރަންޖެހޭ ކަންތައްތައް ގިނަވާނެ އެވެ. ސިއްރުކުރަންޖެހޭ ކަންތައްތައް ގިނަވާ ވަރަކަށް، މައުލޫމާތު ކޮންޓްރޯލް ކުރަންޖެހޭ މިންވަރު އިތުރުވާނެ އެވެ. އަދި މައުލޫމާތު ކޮންޓްރޯލް ކުރަންޖެހޭ މިންވަރު އިތުރުވާ ވަރަކަށް، ނޫސްވެރިކަމަކީ އެ ސަރުކާރަކަށް އޮތް ބިރަކަށް ވާނެ އެވެ. ހަގީގީ ނޫސްވެރިކަމަކީ މި ސަރުކާރަށް ބިރަކަށް ވެގެން މިއުޅެނީ މިހެންވެގެންނެވެ.

ހަގީގަތަށް ވާހަކަ ދައްކަމާ ހިންގަވާށެވެ. ކަޅު ބާޒާރުގެ ރޭޓަކީ ހަމައެކަނި ފައިސާ މާރުކުރާ މީހުން ފަތުރާ އަދަދެއް ނޫނެވެ. އެއީ އިގުތިސާދުގެ ދުޅަހެޔޮކަން އަންގައިދޭ މައުލޫމާތެކެވެ. ރަސްމީ ރޭޓާ، އަސްލު ލިބެންހުރި އަގާ ދެމެދު އޮތް ފަރަގުން ބުނެދެނީ ތަކެތީގެ ތަދުކަމާއި، އިގުތިސާދަށް ގެއްލިފައި އޮތް އިތުބާރާއި، ސަރުކާރުގެ ސިޔާސަތުތަކުގެ ނާކާމިޔާބީގެ ވާހަކަ އެވެ. ކަޅުބާޒާރުގެ ޑޮލަރުގެ އަގަކީ، އިގުތިސާދީ ގޮތުން އެތަކެއް ކާމިޔާބީއެއް ހޯދިއްޖެކަމަށް ދައުވާކުރާ މި ސަރުކާރުގެ ދައުވާތައް މިނެކިރޭނެ މިނިވަން ވަސީލަތެކެވެ. އެ މައުލޫމާތު ފެތުރުނަ ނުދީ ހުއްޓުވުން ސަރުކާރަށް މުހިންމު ވަނީ މި ސަބަބަށްޓަކައި އެވެ.

މެސެޖާއި މެސެޖު ގެނެސްދޭ މީހާގެ ތަފާތު އޮޅުވާލުމަކީ ހުދުމުހުތާރު ސަރުކާރުތަކުގެ އަބަދުގެ ވެސް އާދައެކެވެ. ނޫސްވެރިޔާއަކީ ހަގީގަތުގައި މެސެޖު އުފުލާ މީހާ އެވެ. އޭނާ އެ އުފުލައިދެނީ ކުރިމަތިވެފައިވާ، ނުވަތަ ކުރިމަތިވަމުން އަންނަ ނުރައްކަލެއްގެ އިންޒާރުގެ ހަބަރެކެވެ. އެ ހަބަރު ގެނެސްދިނީތީ އޭނާ މަރާލުމަކީ، އޭނާ އެ ހަބަރުކުރި ނުރައްކާ ފިލައިދާނޭ ސަބަބެއް ނޫނެވެ. މިކަމަށް ފަރުވާލެއް ނުބަހައްޓައި ސަރުކާރުން އެ ނިންމެވީ ގައުމީ ހަމަޖެހުމާއި، ޒިންމާދާރުކަމާއި، ގައުމީ މަސްލަހަތު ނުވަތަ އިގުތިސާދީ ރައްކާތެރިކަމުގެ ނަމުގައި ނޫސްވެރިޔާ މަރާލުމަށެވެ. ސަރުކާރުގެ ބޭނުމަކީ ކަމުގެ ހަގީގަތް ކޮންޓްރޯލް ނުކުރެވޭތީ ހަގީގަތް ސިފަކޮށްދޭ ގޮތް ކޮންޓްރޯލް ކުރުމެވެ.

ޑޮލަރަކީ މަޖިލީހަށް ކިޔަމަންވާނެ އެއްޗެއް ނޫނެވެ. ސަރުކާރުގެ ތަރުޖަމާނު ވަޓްސްއެޕް ގުރޫޕެއްގައި ދޭ އިރުޝާދަކަށް، ރައީސް މުއިއްޒު ވެވަޑައިގަންނަވާ ކޯފާއަކަށް ޑޮލަރެއް ނުސިހޭނެ އެވެ. ޑޮލަރު ބޭނުންވާ މީހާ އެ ހޯދަން މަސައްކަތް ކުރާނެ އެވެ. ޑޮލަރު ގެންގުޅޭ މީހާ އެ ވިއްކާނެ އަގެއް އަމިއްލައަށް ނިންމާނެ އެވެ. ސަޕްލައި އާއި ޑިމާންޑްގެ އާލަމީ ގާނޫނަކީ މަޖިލީހުން ހަދާ ގާނޫނުތަކަށް ބޯލަނބާ އެއްޗެއް ނޫނެވެ. މުއާމަލާތްތައް ރެގިއުލޭޓްކޮށް، ގަވާއިދާ ހިލާފަށް ފައިސާ މާރުކުރާ މީހުންނަށް ގާނޫނުން އަދަބު ދެވިދާނެ އެވެ. ނަމަވެސް، އެއީ ކަޅު ބާޒާރު އުފަންވާން މެދުވެރިވާ އިގުތިސާދީ ހާލަތުތައް ފޮހެލެވޭނޭ ހައްލެއް ނޫނެވެ. މާދަމާގެ ބާޒާރު އަގު މިއަދުގެ ރަސްމީ އަގަށްވުރެ މަތިނަމަ، ނޫހުގައި އެ ވާހަކަ ލިޔުން މަނާކުރުމަކީ މޫސުމާ ބެހޭ ހަބަރުތައް ފެތުރުން މަނާކޮށްގެން ވިއްސާރަ ހުއްޓުވަން އުޅުން ކަހަލަ ކަމެކެވެ.

ޑިމޮކްރަސީއެއްގައި ސަރުކާރުގެ ތަންފީޒީ ބާރު އަމާޒުކުރަންވާނީ މައްސަލައިގެ އަސްލަށެވެ. ޑޮލަރު ތަދުނަމަ، އެކަން ހައްލުކުރާށެވެ. ގަވާއިދާ ހިލާފަށް ފައިސާ މާރުކުރާ މީހުން އުޅޭނަމަ، އެކަންކަމަށް ހުރި ގާނޫނުތައް ތަންފީޒުކުރާށެވެ. ރަސްމީ ނިޒާމު ފެއިލްވެފައިވާނަމަ، އެ ނިޒާމު އިސްލާހުކުރާށެވެ. ސަރުކާރުގެ ސިޔާސަތުތައް ކާމިޔާބުނަމަ، ހެކިތަކާއެކު އެކަން ދައްކައިދީ، ނޫސްވެރިންނަށް ފެންނަ އަދަދުތައް ލިޔަން ދޫކޮށްލާށެވެ. ރަސްމީ ރޭޓާ މެދު އިތުބާރު އޮތް ސަރުކާރަކުން، ނުރަސްމީ ރޭޓެއް ޝާއިއުކޮށްފާނެތީ ބިރުގަންނަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ އެވެ.

                   

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކުމުގެ ރިފަރެންޑަމެއް ނަގަން ބިރުގަންނަނީ ކީއްވެ؟

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި ވައުދާ ހިލާފުވުމެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ބޭރުގެ ފަރާތްތަކަށް ބިން ނުދޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، މިހާރު މި މަޝްރޫއުގެ ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށްވެސް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

ކުށުގެ ވާހަކަ: ދަރިފުޅަށް ގޯނާކުރަން ވާގިވެރިވި މަންމަގެ ހިޔާނާތް

އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމަށް އެ ކުއްޖާގެ މަންމަ މަގުފަހިކޮށްދިން. އަދި މި ލާއިންސާނީ އަމަލުގައި، ދަރިފުޅު ރައްކާތެރިކުރުމުގެ ބަދަލުގައި މަންމަ ވަނީ ގަސްދުގައި އެހެން ފިރިހެނަކަށް އެ ކުއްޖާ ޖިންސީ ގޮތުން ބޭނުންކުރުމަށް އެހީތެރިވެ، އެންމެ އަސާސީ އިތުބާރުގެ ގުޅުމަށް ހިޔާނާތްތެރިވެފަ.

އެމްއޭސީއެލްގެ ރެކޯޑު ފައިދާގެ ފަރުދާގައި ބޮޑު ދަރަނި

އެމްއޭސީއެލްއަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ނަގުދު ފައިސާ މަދުވެ އެ ކުންފުނީގެ މާލީ ހާލަތަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ. މިދިޔަ އަހަރު ނިމުނުއިރު ކުންފުނީގެ ތިޖޫރީގައި ހުރި ފައިސާ ދެބައިކުޅަ އެއްބަޔަށް މަދުވެފައިވާއިރު، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ.

އަހަރެމެން މި ތަކުރާރުކުރަނީ މާޒީ ހެއްޔެވެ؟

އިންސާނީ ދަހިވެތިކަމާއި، ހަމަ އެ ފޮނި ވާހަކައާއި، މުސްތަޤްބަލުގެ ޖީލުތަކުން ބަލަން ބޭނުންނުވާ ހަމަ އެ ނުރައްކާ މިއަދުވެސް މިވަނީ އަޅުގަނޑުމެންގެ ކުރިމަތީގައި. 2026 ގެ ރާއްޖެއަކީ 1887 ގެ ރާއްޖެއެއް ނޫނެވެ. އެކަމަކު، ސަރުކާރެއްގެ މިހާރުގެ ވަގުތީ ސަލާމަތަށްޓަކައި ޤައުމުގެ މުސްތަޤްބަލު ސޮއިކޮށް ދޫކޮށްލައިފިނަމަ، ނަތީޖާ ނުކުންނާނީ ހަމަ ކުރީގެ ގޮތަށް.

ތިޔަ އެއްޗެއްގައި ސޮއިކުރުމަށްވުރެ ޝަހީދުވުންވެސް ރަނގަޅޭ

ޔަހޫދީންގެ މިތުރަކާ ގުޅިގެން ވާނެ ހެވެއް ނޯންނާނެ އެވެ. އިނގިރޭސިންގެ މުށުތެރެއަށް ވެއްޓިގަތުމާ ނައިބުތުއްތު ދެކޮޅުހެއްދެވިހިނދު، ދިވެހި ދައުލަތުގައި ތިބި ވެރިން އޭރުކީ ލަވަޔަކީ ހަމަ މިހާރުވެސް މި އިވޭ ލަވަޔެވެ. މިއީ އިގުތިސާދީ ކަމެކެވެ. ސިޔާސީ ކަމެކެވެ. ލައްކަ މަންފާވީނަމަ، އަހަރުތަކެއް ފަހުން އިނގިރޭސިންގެ އަތުން މިނިވަންވާކަށް ނުޖެހުނީސްތާ އެވެ!

ރަސްމާލެ މައްސަލައިގެ ނުރައްކާތައް ދިރާސާކުރުމުގެ އިލްތިމާސް

ނޮވެމްބަރު 3 ގައި ގައުމު ދިފާއުކުރި ސިފައިން، ފުރާނަ ގުރުބާންކުރީ ވަކި ތަރައްގީގެ މޮޑެލްއަކަށް ނުވަތަ އިގުތިސާދީ ސިޔާސަތަކަށް ނޫނެވެ. އެމީހުން ދިފާއުކުރީ ދިވެހިންގެ މުސްތަގުބަލުގެ ސާހިބުންނަކީ ދިވެހިން ކަމުގައިވުމުގެ ހައްގެވެ. އެ ހައްގަކީ މިއަދު ވެސް ހަމަ އެ ދަރަޖައިގައި ދިފާއުކުރަންޖެހޭ ހައްގެކެވެ.

ރަސްމާލެ: ވަތަން ވިއްކާލުން އަދި ޑިޖިޓަލް އިސްތިއުމާރު

ރަސްމާލެ މަޝްރޫއާއި ބިދޭސީންނަށް ރެސިޑެންސީ ވިއްކުމަކީ ގައުމުގެ އަމިއްލަވަންތަކަމާއި ބިމުގެ މުގައްދަސްކަން ގެއްލި، ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުގެ އިސްތިއުމާރީ ބާރުގެ ދަށަށް ރާއްޖެ ހިނގައިދާނެ ކަމެކެވެ. ކުރު މުއްދަތުގެ މާލީ މަންފާއަށްޓަކައި ގައުމުގެ ވަސީލަތްތައް ދިގު މުއްދަތަށް ދޫކޮށްލުމަކީ އަމިއްލަ ވަތަނަށް ވެވޭ ހިޔާނާތެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox