ހޮރްމޫޒް ކަނޑުއޮޅިން މުދާ އުފުލަން އީރާނާއި އޮމާނުން އެއްބަސްވުމަކާ ގާތަށް

Aug 6, 2026, 11:15 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ހޮރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް މުދާ އުފުލުމަށް ހާއްސަ ރޫޓެއް ގާއިމްކުރުމާ ބެހޭ ގޮތުން އޮމާނާއެކު އެއްބަސްވުމަކަށް އަންނަން ގާތްވެފައިވާ ކަމަށް އީރާނުން ބުނެފި އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ، މި އެއްބަސްވުން މިހާރު އޮތީ "ނިމުމުގެ މަރުހަލާގައި" ކަމަށެވެ. ނަމަވެސް، އެ އެއްބަސްވުމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

ބަގާއީ އިންޒާރު ދެއްވި ގޮތުގައި، އޮމާނާއެކު އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ރައްކާތެރިކަން މުޅިން ކަށަވަރެއް ނުކުރެވޭނެ އެވެ. އޭނާ ވިދާޅުވީ އީރާނުގެ ބަނދަރުތައް އެމެރިކާއިން ބަންދުކޮށްފައި އޮތުމުގެ ސަބަބުން އެ ސަރަހައްދުގެ ސަލާމަތީ މަޝްރަހަށް އަދިވެސް ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަށް ފަހު، ދުނިޔޭގެ ތެލާއި ގުދުރަތީ ގޭހުގެ ފަސްބައިކުޅަ އެއްބައި އާންމުކޮށް އުފުލާ ހޮރްމޫޒް ކަނޑުއޮޅި އީރާނުން އޮތީ ބަންދުކޮށްފައެވެ.

އަންގާރަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ހޮރްމޫޒް ކަނޑުއޮޅި "ވަރަށް އަވަހަށް" ހުޅުވައިނުލައިފި ނަމަ އީރާނަށް "ވަރުގަދަ ހަމަލާތަކެއް" ކުރިމަތިވާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފަ އެވެ.

ޓްރަމްޕް މިހެން ވިދާޅުވީ، މި ހަފުތާގެ ފަހުކޮޅު މުދާ އުފުލުން އަލުން ފެށުމާ ގުޅޭ ގޮތުން ބޭއްވި މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އެމެރިކާގެ އިސް އޮފިޝަލުން ވިދާޅުވެފައި ވަނިކޮށެވެ. ނަމަވެސް، އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރަމުން ނުދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ މަޝްވަރާއެއްގެ ވިސްނުމެއް ނެތް ކަމަށް އީރާނުން ދަނީ ބުނަމުންނެވެ.

ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަކީ ދެ ގައުމުގެ ދެމެދުގައި މެދުވެރިން މެދުވެރިކޮށް ކުރިއަށްދާ މަޝްވަރާތަކުގެ އެންމެ މުހިންމު އެއް ނުކުތާ އެވެ.

ބުރާސްފަތި ދުވަހު ތެލުގެ އަގު ވަނީ ކުޑަކޮށް ދަށަށް ގޮސްފަ އެވެ. އޭޝިއާގެ މާކެޓްތަކުގައި ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 0.3 އިންސައްތަ ދަށަށް ގޮސް، ހުރީ 79.24 ޑޮލަރުގަ އެވެ.

ދުނިޔޭގެ ތެލާއި ގުދުރަތީ ގޭހުގެ 20 އިންސައްތަ އުފުލާ މި މުހިންމު މަގަށް ބުރޫއެރުމުގެ ސަބަބުން، ހަނގުރާމައިގެ މުއްދަތުގައި ހަކަތައިގެ އަގުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ.

ހަނގުރާމަ ފެށުނީއްސުރެ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އީރާނުން ބުނެފައިވަނީ އެ ސަރަހައްދުން ދަތުރުކުރާ ހުރިހާ އުޅަނދަކުން ކުރިން ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. އަދި އެ އެންގުމާ ހިލާފުވި ބައެއް އުޅަނދުތަކަށް އީރާނުން ވަނީ ހަމަލާދީފަ އެވެ.

ތެހެރާނާއި ވޮޝިންޓަނާ ދެމެދު އުފެދިފައިވާ އެންމެ ބޮޑު އެއް ހިޔާލުތަފާތުވުމަކީ، ކަނޑުއޮޅި ހުރަސްކުރާ އުޅަނދުފަހަރުގެ އަތުން ފީއެއް ނެގުމަށް އީރާނުން ކުރާ އިންޒާރެވެ.

ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުން ބޭނުންވަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގައި ހުންނަ މުދަލުގެ އަގުގެ 5 އިންސައްތަ އާއި 7 އިންސައްތައާ ދެމެދުގެ ފީއެއް ނެގުމަށެވެ. އޮމާނުން ހުށަހަޅަނީ 3 އިންސައްތައިގެ ފީއެއް ނެގުމަށެވެ. ނަމަވެސް އެމެރިކާއިން ބޭނުންވަނީ އެއްވެސް ފީއެއް ނުނަގައި ދަތުރުކުރެވޭނެ ގޮތް ހެދުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox