އިރާނަށް ދިނުމަށް ރާވާފައިވާ ހަމަލާތައް މަޑުޖައްސާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.
ޓްރަމްޕް މިކަން އިއުލާނު ކުރެއްވީ ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ވިދާޅުވަމުންނެވެ.
ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި އެމެރިކާގެ އަސްކަރިއްޔާ އޮތީ އިރާނާ ދެކޮޅަށް ހަމަލާދިނުމަށް ފުރިހަމައަށް ތައްޔާރުވެފަ އެވެ. ނަމަވެސް، އިރާނާއި މެދުއިރުމަތީގެ އެހެން ގައުމުތަކުން އެދިފައިވާ އެދުމަކަށް، ހަމަލާދިނުން މިވަގުތަށް މަޑުޖައްސާލުމަށް އޭނާ ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. މި ނިންމުން ނިންމެވީ އެއްބަސްވުމެއްގެ އަސާސީ ކަންކަމާ މެދު ދެފަރާތުން އެއްގަލަކަށް އެރުމުން ކަމަށް ޓްރަމްޕް ފާހަގަކުރެއްވި އެވެ.

މި ހުށަހެޅިފައިވާ އާ އެއްބަސްވުމުގެ ދަށުން ހޮރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމާއި، އިރާނުގެ ނިއުކްލިއާ ނުރައްކާ އެއްކޮށް ހުއްޓާލުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ހަމަލާތައް މަޑުޖައްސާލުމަށް ނިންމި ނިންމުމުގައި އިޒްރެލުން ވެސް ބައިވެރިވާ ކަމަށާއި، ނަމަވެސް މިކަން ދެމިއޮންނާނީ ވަރަށް އަވަހަށް ފައިނަލް އެއްބަސްވުމަކަށް އާދެވުމުން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
މިދިޔަ ބުދަ ދުވަހު އެމެރިކާއިން އިރާނަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް ރައީސް ޓްރަމްޕް ކުރިން ވިދާޅުވެފައިވީ ނަމަވެސް، ފާއިތުވި ދުވަސްތަކުގައި އެމެރިކާގެ އެއްވެސް ހަމަލާއެއް އިރާނަށް އަމާޒުވެފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ.
އެމެރިކާއިން ހަމަލާ ދޭން ތައްޔާރުވުމާއެކު އިރާނުން ބުނީ ހަމަލާ ދީފި ނަމަ ދުޝްމަނުން ފުނޑުފުންޑު ކޮށްލާނެ ކަމަށެވެ.







