ރިޕޯޓުމާދަމާ ބާއްވަނީ މި އަހަރުގެ އެންމެ މުހިންމު ވޯޓަށް ވެދާނެ ބައެއް ސަބަބުތައް

މާދަމާ ބާއްވަނީ މި އަހަރުގެ އެންމެ މުހިންމު ވޯޓަށް ވެދާނެ ބައެއް ސަބަބުތައް

މިއަހަރުގެ މިހާތަނަށް ކުރިއަށް ދިޔަ އިންތިހާބުތަކަށްވުރެ މާދަމާގެ އިންތިހާބު މުހިންމު ވެދާނެ ކަމަށް ވިސްނުމުގެ ފުރުސަތު އެބަ އޮތެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ މަގުބޫލުކަން ރިކޯޑު މިންވަރަކަށް ދަށް ވެފައިވާ ދަނޑިވަޅެއްގައި އިދިކޮޅު ޕާޓީގެ ލީޑަރު ހޮވަން ބާއްވާ އިންތިހާބެކެވެ.

އެމްޑީޕީގެ ދިދަތަކެއް. އެ ޕާޓީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ --- ފޮޓޯ: އަދަދު ފައިލް
އެމްޑީޕީގެ ދިދަތަކެއް. އެ ޕާޓީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ --- ފޮޓޯ: އަދަދު ފައިލް

މެއި 18، 2026، ގައި ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރު ދެބައިވުމުގެ ކުރިން، ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގެ "ލޭންޑްސްކްޕޭ" ބަދަލުކޮށްލި ދެ ތިން ވޯޓެއް މި އަހަރުގެ ތެރޭގައި ބާއްވައިފި އެވެ. 

ފުރަތަމަ އެކުއެކީގައި ބޭއްވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބުން ސާފު، ނަތީޖާއަކުން ސަރުކާރު ބަލިވީ އެވެ. ރިޔާސި އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބާއްވަން ފެނޭތޯ ބޭއްވި އިންތިހާބުން ސަރުކާރު ބަލިވީ ބޮޑު ތަފާތަކުންނެވެ. 

Advertisement

ތިން ވަނައަށް ބޭއްވި ވޯޓުގައި، ސަރުކާރުގެ ނުފޫޒާއި ފައިސާ އިންތިހާ ގިނައިން ބޭނުން ކުރިއިރު ވެސް ކާމިޔާބީއެއް ނުލިބުނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އުތުރު ދާއިރާގެ މެންބަރުގެ މަގާމަށް މީހަކު ހޮވަން ބޭއްވި އިންތިހާބެވެ. 

އެ ވޯޓުތަކުގެ ނަތީޖާ ލިބުނު ގޮތުން ރައީސް މުއިއްޒާމެދު ރާއްޖޭގައި އޮތް ތަސައްވުރު ބަދަލުވެއްޖެ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި މީކާއީލް އަހުމަދު ނަސީމާ ދެމެދު މާދަމާ ބާއްވާ، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު އެހާ މުހިންމު ވަނީ އެހެންވެ އެވެ. 

މި އަހަރުގެ މިހާތަނަށް ކުރިއަށް ދިޔަ އިންތިހާބުތަކަށްވުރެ މާދަމާގެ އިންތިހާބު މުހިންމު ވެދާނެ ކަމަށް ވިސްނުމުގެ ފުރުސަތު އެބަ އޮތެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ މަގުބޫލުކަން ރިކޯޑު މިންވަރަކަށް ދަށް ވެފައިވާ ދަނޑިވަޅެއްގައި އިދިކޮޅު ޕާޓީގެ ލީޑަރު ހޮވަން ބާއްވާ އިންތިހާބެކެވެ. 

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަކީ ބާރުގަދަ، ބާރުވެރި މަގާމެއް 

އެމްޑީޕީ އުފެދިގެން އައީ އިދިކޮޅު ޕާޓީއެއްގެ ގޮތުގަ އެވެ. އިދިކޮޅު ތިބެ މަސައްކަތް ކުރުމުގެ ހަރުދަނާ އަދި ތަފުސީލީ އުސޫލުތަކެއް ޕާޓީގެ އަސާސީ ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ. 

އަސާސީ ގަވާއިދު ބުނާ ގޮތުން، އެމްޑީޕީގެ ސަރުކާރެއް އޮތް ނަމަ ޕާޓީގެ އެންމެ އިސް ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ އެވެ. ނައިބު ރައީސްއަކީ އެމްޑީޕީގެ ބޭފުޅެއް ނަމަ ޕާޓީގެ ދެ ވަނައަށް އެންމެ އިސް ވާނީ ނައިބު ރައީސް އެވެ. ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅިއްޖެ ހާލަތުގައި އިންތިހާބު ނިމެންދެން ޕާޓީ ލީޑު ކުރަންޖެހެނީ ކެންޑިޑޭޓެވެ. 

އެކަމަކު، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮންނައިރު، ޕާޓީގެ އެންމެ އިސް ފަރާތަކީ ޗެއާޕާސަން އެވެ. އެއިރެއްގެ ހުންނަ އިސް ލީޑަރެއްގެ މަސްއޫލިއްޔަތު، އަސާސީ ގަވާއިދުގެ ދެ މާއްދާއެއްގައި ފުޅާކޮށް ބަޔާންކޮށްފައި އޮވެ އެވެ. 

ފުރަތަމަ މާއްދާއަކީ އަސާސީ ގަވާއިދުގެ 60 ވަނަ މާއްދާގެ ހ. އެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުން ޕާޓީގެ މަގްސަދުތައް ހާސިލް ކުރުމަށާއި ޕާޓީގެ އެއްބައިވަންތަކަން ގާއިމްކޮށް ދަމަހައްޓަން މަސައްކަތް ކުރުމަކީ ޕާޓީގެ އެސް ފަރާތުގެ ޒިންމާއެކެވެ. 

ޕާޓީގެ އެންމެ އިސް ފަރާތުން އެ މަސައްކަތް ކުރަންޖެހެނީ، ޕާޓީގެ އަސާސީ ގަވާއިދުން އޭނާއަށް ލިބިދޭ ހުދޫދުގެ ތެރެއިންނެވެ. އަދި އެ މަސައްކަތް ކުރުމުގައި ޕާޓީގެ ގުނަންތަކާ މަޝްވަރާކޮށް، އެކީގައި މަސައްކަތް ކުރަންޖެހެ އެވެ. 

"ޕާޓީގެ އެންމެ އިސް ފަރާތުގެ ވާޖިބަކީ ޕާޓީގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި އަދި ޕާޓީގެ އެއްބައިވަންތަކަން ގާއިމްކޮށް ދެމެހެއްޓުމަށްޓަކައި ޕާޓީގެ އަސާސީ ގަވާއިދުގެ ހުދޫދުގެ ތެރޭގައި ޕާޓީގެ ގުނަންތަކާ މަޝްވަރާކޮށް އެފަރާތްތަކާ އެކުއެކީގައި މަސައްކަތްކުރުން،" އަސާސީ ގަވާއިދުގައި ބުނެފައިވެ އެވެ. 

ޕާޓީގެ އެންމެ އިސް ފަރާތުގެ މަސްއޫލިއްޔަތު ދެން ބަޔާންކޮށްފައި އޮންނަނީ އަސާސީ ގަވާއިދުގެ 60. ވަނަ މާއްދާގެ ށ. ގަ އެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުން، ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމާއި ތަންފީޒު ކުރުމަކީ ވެސް ޕާޓީގެ އެންމެ އިސް ފަރާތުގެ ޒިންމާއެކެވެ. އެ މަސައްކަތް ކުރަންޖެހޭނީ ގައުމީ މަޖިލީހާއި ހިންގާ ކޮމިޓީ އާއި ޕާލަމެންޓަރީ ގްރޫޕުގެ މަޝްވަރާގެ މަތިންނެވެ. 

އަސާސީ ގަވާއިދުގައި ޗެއާޕާސަންގެ ބާރުތައް ބަޔާން ކުރާ މާއްދާގައި ބުނެފައިވާ ގޮތުން، "ޕާޓީގެ އެތެރޭގެ ކަންތައްތައް" ރާވައި، އިންތިޒާމްކޮށް، ބެލެހެއްޓުމުގެ އެންމެ އިސް ފަރާތަކީ ޗެއާޕާސަން އެވެ.  އޭގެ އިތުރުން ވެސް ޗެއާޕާސަންގެ މަސްއޫލިއްޔަތުތައް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. 

ޗެއާޕާސަންގެ މަސްއޫލިއްޔަތުތައް

1. ކޮންގްރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުން.

2. ޗެއާޕާސަންގެ މަގާމު ފިޔަވައި، މި އަސާސީ ގަވާއިދުގައި ބަޔާންކުރާ އެހެން ހުރިހާ އިންތިހާބުތައް އިންތިޒާމްކޮށް ރޭވުން

3. ޕާޓީގެ އިދާރީ ކަންތައްތައް ރާވާ ހިންގުން

4. ޕާޓީގެ މެންބަރުންގެ ތެރޭގައި ޑިމޮކްރެސީ މިންގަނޑުތަކާއި ހަމަހަމަކަން ކުރިއެރުވުމަށް މަސައްކަތްކުރުން

ގައުމީ މަޖިލީހުގެ ރިޕޯޓުތައް ކޮންގްރެސްއަށް ހުށައެޅުން.

5. މި އަސާސީ ގަވާއިދާއި ޕާޓީގެ ކޮންގްރެސް އާއި ގައުމީ މަޖިލިހުން ހަވާލުކުރާ އެހެނިހެން ކަންތައްތައް ހިންގުން

ޗެޕާސާންގެ މަސްއޫލިއްޔަތުތަކަށް ބަލާއިރު، ޕާޓީގެ އެންމެ މުހިންމު ދެ ގުނަވަން ކަމަށްވާ ކޮންގްރެސް އާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުން ހިމެނެ އެވެ. އަދި ޕާާޓީގެ މެންބަރުންގެ ތެރޭގައި ޑިމޮކްރަސީގެ މިންގަނޑުތައް ކުރިއެރުވުމަކީ ވެސް އާދައިގެ މަސައްކަތެއް ނޫނެވެ. 

އަދުގެ ސިޔާސީ ހާލަތާއި މާދަމާގެ އިންތިހާބު މުހިންމުވާ ބައެއް ސަބަބުތައް 

އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުން އެމްޑީޕީގެ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒު ކުރާނީ ޗެއާޕާސަން އެވެ. ވަގުތާއި ހާލަތަށް ބަލައި، ސަރުކާރު ޒިންމާދާރު ކުރުވުމަށް ކުރަންޖެހޭ މަސައްކަތުގައި ވެސް އިސްކޮށް ހުންނަންޖެހޭނީ ޗެއާޕާސަންއަށެވެ. 

ހިޔާލުފާޅު ކުރުން، ނޫސްވެރިކަން ފަދަ އަސާސީ ހައްގުތަކަށް ރައީސް މުއިއްޒުގެ ސަރުކާރުން ހުރަސްއަޅަމުން އަންނައިރު، އެކަންކަމާ ދެކޮޅަށް އަޑު އުފުލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާންޖެހޭނީ އެމްޑީޕީ އެވެ. ނަމަވެސް އެ މަސައްކަތް އެންމެ ރަނގަޅަށް ނުހިނގާކަން ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. 

މިއަދުގެ ސިޔާސީ މައިދާނުގައި އެމްޑީޕީގެ މުހިންމުކަން އެންމެ ސާދާކޮށް ބަޔާންކޮދެއްވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ. އެމަނިކުފާނުގެ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓުން މި ހަފުތާގައި ބޭއްވި ޖަލްސާއެއްގައި ޔާމީން ވިދާޅުވީ ރައީސް މުއިއްޒަށް ނޭވާ ލެވެނީ ވެސް އެމްޑީޕީ ހަރުދަނާނުވުމުން ކަމަށެވެ. 

"ރާއްޖޭގައި ރަސްމީކޮށް އޮތް އޮޕޮޒިޝަނަށް އޮތީ އެމްޑީޕީ. ދެން ކީއްވެތޯ އެމްޑީޕީ އިން މި މަސައްކަތް ނުކުރަނީ. އެބޭފުޅުން އިންތިޒާމްވާންޖެހޭ، އެބޭފުޅުންގެ ޕާޓީއަކީ ބައިބޯ، އިލްމީ މީހުންތަކެއް ތިބި ޕާޓީއެއް. މިހާރު މި ފެނިގެންދަނީ، މުއިއްޒު މި ބްރީތު ކުރެވެނީ ނޫނީ ނޭވާލެވެނީ އެމްޑީޕީ ސްލެކް ކަމުން. އެބޭފުޅުންގެ ފަރާތުން މަސައްކަތް ނުކުރެވޭތީ އެނގޭތޯ،" އެމަނިކުފާނު ވިދާޅުވި އެވެ. 

އެ ޖަލްސާގައި ޔާމީން ވަނީ އެމްޑީޕީއަށް ހިތްވަރުލައިދެއްވައިފަ އެވެ. 

"އެމްޑީޕީއަށް އަޅުގަނޑު މިރޭ ވެސް ހިތްވަރުދެން، އިލްތިމާސް ކުރަން އެބޭފުޅުންގެ މަސައްކަތްތައް ހަރުދަނާ ކުރައްވާފައި އެއަށްވުރެ ވަރުގަދަ ކުރައްވާށޭ. ކޮށި އަރާ ކަމަށް ހީވަންޏާ ކޮށިއަރަންޖެހޭނެ، ފަޔަށް ރަތް ހިނި އަރާހެން ހީވަންޏާ ރަތް ހިނި އަރައިގެން ހިރަން ވެސް ޖެހޭނެ،" ޔާމީން ވިދާޅުވި އެވެ. 

އެމްޑީޕީގެ އިންތިހާބު މުހިންމުވާ އަނެއް ސަބަބަކީ ވޯޓުލެވޭ އާބާދީ އެވެ. މާދަމާ އިންތިހާބުގައި 50،176 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. މިއީ ދިވެހިރާއްޖޭގެ އާބާދީގެ ވަރަށް ބޮޑު ބަޔެކެވެ. މިވަގުތަކީ އިދިކޮޅުގައި އެމްޑީޕީ އޮތް ދަނޑިވަޅަކަށްވެފައި، ވަގަށް ޕާޓީއަށް މެންބަރުން ވެއްދޭނެ ދޮރުތައް ގާތްގަނޑަކަށް ބަންދުވެފައިވާތީ، އެ އަދަދުގެ ބޮޑުކަން އިތުރުވެ އެވެ. 

ޑިސެމްބަރު 31 2025، ގެ ނިޔަލަށް ދިވެހިރާއްޖޭގެ އާބާދީއަކީ 415،294 މީހުންނެވެ. އޭގެ ތެރެއިން 18 އަހަރު ފުރި ވޯޓުލުމުގެ ހައްގު ލިބެނީ 293,630 މީހުންނަށެވެ. އެހެންކަމުން މުޅި ދިވެހިރާއްޖެއިން ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ތެރެއިން 17 ޕަސެންޓު މީހުންނަށް އެމްޑީޕީގެ އިންތިހާބުގައި ވޯޓު ލެވޭނެ އެވެ. 

މާދަމާގެ އިންތިހާބުން މޮޅުވެ ޗެއާޕާސަންގެ މަގާމާ ހަވާލުވާ ބޭފުޅާ ވެވަޑައިގަންނަވާނީ އެމްޑީޕީގެ މި ބައިލައްކަ މެންބަރުންގެ ލީޑަރަށެވެ. އެއީ ވަރަށް ބޮޑު ޒިންމާއެކެވެ. އެއީ ރިޔާސީ އިންތިހާބަކާ ކުރިމަތިލާއިރު ވެސް ބޮޑު އަދަދަކަށް ވާނެ އެވެ. އެހެންކަމުން އެމްޑީޕީގެ މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި ރިޔާސީ އިންތިހާބާ ހަމައަށް ގެންދިޔުމަކީ ވެސް ޗެއާޕާސަން އަދާ ކުރަންޖެހޭނޭ ބޮޑު ޒިންމާއެކެވެ. 

~~

މި އަހަރު ބޭއްވި އިންތިހާބުތަކުން ރައްޔިތުން ވަނީ އެ މީހުން އަޑު ސިޔާސީންނަށް ވަރަށް ބާރަށް އިއްވައިދީފަ އެވެ. ސަރުކާރަށް އޮތް ތާއީދު ކުޑަވަމުން އަންނަކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މިއީ އެމްޑީޕީ އަލުން ހަރުދަނާވާންވީ ވަގުތެވެ. 

މާދަމާގެ އިންތިހާބު ކާމިޔާބުކޮށް ޗެއާޕާސަންގެ މަގާމާ ބޭފުޅަކު ހަވާލުވާ ހިސާބުން އަނެއްކާ ވެސް ރައްޔިތުންގެ ހިޔާލު ހުރި ގޮތް ސާފުވާނެ އެވެ. އަދި ނަޝީދާއި މީކާއީލް ކުރެ ބޭފުޅަކު އިންތިހާބު ކާމިޔާބު ކުރެއްވި ނަމަވެސް އެކަން ވެގެންދާނީ ސިޔާސީ މަލަމަތި ބަދަލުކޮށްލާނެ އިވެންޓަކަށެވެ. 

ހަސަން މުހައްމަދު

އެޑިޓަރ

ނޫސްވެރިކަމުގެ ދާއިރާއާ 2007 ވަނަ އަހަރު ގުޅުނު ހަސަން މުހައްމަދަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ކަވަރުކުރުމުގައި ގިނަ ބަޔެއްގެ ރުހުން ހޯދި ނޫސްވެރިއެކެވެ. ފަހުން ބޮޑަށް ކަވަރުކުރީ ކޮރަޕްޝަނާއި އިންސާނީ ހައްގުތަކުގެ ދާއިރާ އެވެ. ކުރިން މަސައްކަތްކުރީ "ހަވީރު، "ސަން"، "މިހާރު" އަދި "މޯލްޑިވްސް އިންޑިޕެންޑެންޓް" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox