ޝަހުޒާން އާއި ލީވާންގެ އަޒުމާއި ހިތްވަރެއް ބަންދެއް ނުކުރެވޭނެ

ލީވާން އަދި ޝަހުޒާން

ލީވާން އަދި ޝަހުޒާން

ދިވެހިރާއްޖެ ނޫސްވެރިކަމުގެ ދިގު ތާރީހުގައި އިއްޔެއަކީ ކަޅު ދުވަހެކެވެ. ދައުލަތުގެ ވަލިއްޔުލްއަމުރާ ސުވާލެއް ކޮށްލުމުން، އެ ސުވާލުކުރި ނޫސްވެރިޔާގެ މައްޗަށް ވަގުތުން ދައުވާ އުފުލައި، ޖަލަށްލުމަށް ހުކުމް އިއްވުމާއި، ހަބަރެއް ލިޔުނު ނޫސްވެރިޔާ އަށް ދައުވާ އުފުލައި ވަގުތުން ޖަލަށް ލުމަށް ހުކުމް އިއްވުމެވެ.  މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުނު ވަރުގަދަ ހުރަހެކެވެ. ބިރު ދެއްކުމެވެ. 

ކޯޓު ހުކުމާއި ސުވާލު އުފެދޭ ކަންކަން

'އަދަދު' ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު އަށް ކުރި ހުކުމަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކަމެކެވެ. ޝަހުޒާންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް އިއްވުމުގެ ކުރިން، ރައީސް މުއިއްޒު ވަނީ އޮފީހުގެ ނޫސްވެރިންގެ މާލަމުގައި ޝަހުޒާނުގެ މައްޗަށް ހުކުމް ކަނޑައަޅާފައި ކަމަށް ބެލެވެއެވެ.

ކަން ހިނގައިދިޔަ ގޮތުން ކްރިމިނަލް ކޯޓުން އިއްޔެ ކަނޑައެޅީ އަދަބުގެ މިންވަރު ކަމަށް ގަބޫލު ކުރަން އަހަރެންނަށް ފަސޭހަ އެވެ. މުއިއްޒުއާ ސުވާލެއް ކުރިކަމަށްޓަކައި ޝަހުޒާން 15 ދުވަހަށް، އަދި ހަބަރެއް ލިޔުނު ކަމަށްޓަކައި ލީވާން އެ އޮތީ 10 ދުވަހަށް މާފުށީ ޖަލުގަ އެވެ. 

Advertisement

މި ދެ ނޫސްވެރިންނަށް ހުކުމް ޖެހީ ޖަވާބުދަރީވަން އެކަށީގެންވާ ފުރުސަތު ވެސް ދިނުމެއް ނެތި އެވެ. އެހެންވެ މިއީ ބޭއިންސާފު ޝަރީއަތެކެވެ. 

މި މައްސަލަގަނޑު ފެށުނީ ރައީސް އޮފީހުގެ މުވައްޒަފަކަށް މުއިއްޒު ދަންވަރު ގުޅުއްވި ކަމަށް ބުނާ ކޯލް ލޮގްތަކަކާ ގުޅޭގޮތުން ޝަހުޒާން މިދިޔަ ހޯމަ ދުވަހު މުއިއްޒުއަ ސުވާލުކުރުމުންނެވެ. އެއާއެކު، އަނގަބަންދުކުރުމުގެ އަމުރާ ހިލާފުވި ކަމަށް ބުނެ ސިފައިން އޭނާ ރައީސް އޮފީހުން ބޭރުކުރިއެވެ. މިއީ ނޫސްވެރިޔަ އެފަދަ ހުތުރު ގޮތަކަށް ރާއްޖެގެ ރައީސް އޮފިހުން ބޭރުކުރި ފުރަތަމަ ފަހަރެވެ. 

އަދުލެއް އިންސާފެއް ނެތް

މި މުޅި މައްސަލައިގައި ވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، އިންސާފު ގާއިމުކުރުމުގައި ބޮޑެތި ތަފާތުތަކެއް ހުރުމެވެ. ގާނޫނު އަސާސީން އެންމެންނަކީ ހަމަހަމަ ބައެއް ކަމަށް ކަނޑައަޅާފައި އޮތް ނަމަވެސް، މި މައްސަލައިން ފެންނަނީ މުޅިން ތަފާތުކުރުމެވެ. 

ކޯޓުން ނެރުނު އަނގަބަންދުކުރުމުގެ އަމުރާ ކަނޑައެޅިގެން ހިލާފުވެ، އެކި މަންސަތަކުގައި ވާހަކަ ދެއްކި ސިޔާސީ ލީޑަރުންނާއި، އެކްޓިވިސްޓުން އަދި ސޯޝަލް މީޑިއާގެ ނުފޫޒުގަދަ ފަރާތްތައް މަދެއް ނޫނެވެ. ނަމަވެސް އެއިން އެއްވެސް މީހަކާ މެދު ފިޔަވަޅެއް އެޅި ތަނެއް ނުފެނެއެވެ.

މިހާތަނަށް މި މައްސަލައިގައި ތަހުގީގު ހިންގައި، ދައުވާ އުފުލައި، އަދި އަވަސް އަރުވާލައިގެން ހުކުމް އިއްވާފައިވަނީ ހަމައެކަނި 'އަދަދު' ނޫހުގެ ނޫސްވެރިންނަށެވެ. މިއީ ވަކި ބަޔަކު ނައްތާލުމަށް ނުވަތަ ބިރު ދެއްކުމަށް ހިންގާ ސިޔާސީ ކަމެއްގެ ގޮތުގައި ގަބޫލު ކުރެވެނީ މިފަދަ ކަންކަން ފެންނަން ހުރުމުންނެވެ. 

ޝަހުޒާންގެ ސުވާލު ކޯޓު އަމުރާ ހިލާފުވާނަމަ، އެ ސުވާލު ބްރޯޑްކާސްޓްކުރި އެހެން ޓީވީތަކާއި މީޑިއާތަކުގެ ވެރިން، އެޑިޓަރުން ނުވަތަ ކޮންޓްރޯލްގައި ތިބި މުވައްޒަފުން ވެސް އެ ކުރީ ކުށެކެވެ. އެކަމެއް މުއިއްޒުއަކަށް ނުފެނެ އެވެ. ޕީޖީއަކަށް ނުފެނެ އެވެ. 

އެ މަންޒަރު ދުރަށް ފޮނުވިކަން ކްރިމިނަލް ކޯޓުގައި ތިއްބެވި މީހުންނަށް އެނގިފައި އޮވެދާެނެ އެވެ.  ޝޯޝަލް މީޑިއާގައި ދައުރުވަމުންދާ ސްޓޭޓަސްތަކާއި ވީޑިއޯތައް ވެސް ފެންނާނެވެ. ކޯޓުގެ ހުރުމަތް ކެނޑިކަމަށް ފަނޑިޔާރުން އަމިއްލަ އިސްނެގުމަށް ބެލޭނެ ކިތަންމެ ކަމެއް ގައުމު ވެސް އެހެން އެންމެންނަށް އެބަފެނެ އެވެ. 

އަހަރެންނަށް ވިސްނޭ ގޮތުގައި މިއުޅެނީ ދައުލަތުން އެވޯޑު ލިބުނު ސްކީލާން ޑޮކިއުމެންޓްރީން ފޮރުވިފައި ހުރި ހަގީގަތްތަކެއް ތިލަކުރި ހިސާބުން ފެށިގެން އަދަދާމެދު އޮތް ޒާތީ ހަސަދައެއް ކަމަށް ގަބޫލު ކުރެވެ އެވެ. 

މިފަދަ އެތައް ކަމެއް މަޒީން ފެންނަން ހުރުމުން، މިއަދު ޝަހުޒާނާއި ލީވާން  ޖަލަށް ލީ، އަދި އަހަރެންނާއި ހަސަންގެ މައްސަލަ ބަލަނީ މިއީ ހަމައެކަނި މައްސަލައެއް ބެލުމުގެ ބޭނުމުގައި ކުރާ ކަމަކަށް ވުރެ ބޮޑަށް، މި ނޫހުގެ މަސައްކަތްތައް ހުއްޓުވައި، ނޫސްވެރިކަމަށް ހުރަސްއެޅުމުގެ ނުބައި ނިޔަތުގައި ކަމަށް ގަބޫލުކުރެވެ އެވެ. 

އަހަރެމެން ބަންދުކުރިޔަސް، ޖަލަށް ލިޔަސް އަދަދުގެ އަޒުމެއް ނުގުޑަނެކަން ކަށަވަރެވެ. އެ ހިތްވަރު މިހާރު ޖަލުގައި އޮތް ދެ ނޫސްވެރިން އެންމެ ފަހު ވަގުތު ވެސް ދެއްކި އެވެ. 

އިއްޔެ ޖަލަށް ދިޔުމުގެ ކުރިން ޝަހުޒާން އާއި ލީވާންގެ އެންމެ ފަހު މެސެޖަކީ ވެސް މިއެވެ؛ "ބިރެއް ނުދެއްކޭނެ، ބިރެއް ނުވެސް ގަނޭ، އެނބުރި އަންނާނީ މާގަދަކޮށް،"

ލީވާން: ތަޖުރިބާކާރު އަދި ހީވާގި ނޫސްވެރިއެއް

ލީވާނަކީ ނޫސްވެރިކަމުގެ މަސައްކަތުގައި ޖަލުގެ ތަޖުރިބާ ކުރިންވެސް ހުރި، މަސައްކަތަށް ނުހަނު ވަގުތުދޭ ގާބިލް ނޫސްވެރިއެކެވެ.. ވީޑިއޯ ހެދުމާއި، ސޯޝަލް މީޑިއާ ބެލެހެއްޓުމުގައި އޭނާއަކީ ނަމޫނާ އެކެވެ.

ނޫސްވެރިކަމުގެ މަސައްކަތުގެ ތެރެއިން އޭނަ ޖަލަށްލި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އެންމެ ފުރަތަމަ މީގެ 10 އަހަރު ކުރިން ބަންދުކުރީ އަހަރެންނާއެކު އެވެ. އޭރު ވެސް، މިހާރު ވެސް ލީވާނުގެ މަސައްކަތުގެ އަޚުލާގާއި ހީވާގި ކަމާއި ކެރުމަށް ބަދަލެއް ނާދެ އެވެ. 

ޝަހުޒާން: ޖެހިލުންކުޑަ ސުވާލުކުރުންތެރިޔާ

ނޫސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމަކުން ފާހަގަވި ޝަހުޒާނަކީ ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. އޭނާއަކީ ތަހުގީގީ ނޫސްވެރިކަމުގެ އުކުޅުތައް ދަންނަ، ސުވާލުކުރަން ޖެހިލުންނުވާ ހުނަރުވެރިއެކެވެ. 'އަދަދު' ނޫހުގެ ވަރުގަދަ މޫނަކަށް އޭނާ ވީ ކުޑަދުވަސްކޮޅެއްގެ ތެރޭގައެވެ.

މިފަދަ ނޫސްވެރިންގެ ދެކެ ސިޔާސީ ވެރިންޖެހިލުވެ އެވެ. އެހެންވެ އެފަދަ ނޫސްވެރިންނާއި ސަރުކާރު ޖަވާބުދަރީ ކުރުވަން މަސައްކަތް ކުރާ ނޫސްތަކާމެދު ވެރިން ޖެހިލުވެ އެވެ. ނަމަވެސް މިފަދަ ޒަމާނެއްގައި ނޫސްވެރިކަމުގެ މިނިވަންކަން ބަންދުކުރަން ވެސް ހުދުމުހުތާރު ވެރިޔަކު މަސައްކަތް ކުރިޔަސް، އެއީ އަމުދުން ވާނެ ކަމެއް ނޫނެވެ. 

ގާނޫނުއަސާސީން އިމްތިޔާޒު ލިބިފައިވާ ނޫސްވެރިކަން ވެސް މިހާރު މިވަނީ  ކުށަކަށް ހަދައިފަ އެވެ.  ޝަހުޒާން އާއި ލީވާން ތިބީ މާފުށީ ޖަލުގެ ޔުނިޓު 12 ގައެވެ. އެކަމަކު އެމީހުންގެ އަޒުމަކީ ބަންދުކުރެވޭނެ އެއްޗެއް ނޫނެވެ. މިއީ ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

ރަސްމާލެ މަޝްރޫއު: ލީޑަރެއްގެ ނުފޫޒަށްވުރެ ގައުމު ބޮޑު

ރަސްމާލެ މަޝްރޫއަކީ ސިޔާސީ ފިކުރުތަކަށްވުރެ ބޮޑަށް ގައުމީ މަސްލަހަތާ ގުޅިފައިވާ ކަމަކަށްވާއިރު، މިކަމުގައި ސިޔާސީ ލީޑަރުންގެ ނުފޫޒުން އެއްކިބާވެ މިނިވަންކަމާއެކު ވިސްނަންޖެހެއެވެ. ނަމަވެސް މި މަޝްރޫއުގެ އެއްބަސްވުންތައް ސިއްރުކޮށްފައިވުމާއި މައުލޫމާތު ހާމަނުކުރުމުގެ ސަބަބުން، މިއީ ދައުލަތުގެ ހަޒާނާއަށް ބޮޑު ގެއްލުމެއް ލިބިދާނެ "ސްކޭމެއް" ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

މަޔޮއްޓޭގެ ބާ މިސްކިތް ބިނާކުރީ ދިވެހިންތަ؟

މަޔޮއްޓޭގައި ހުރި ތާރީޚީ ތަންގޯނީ މިސްކިތަކީ ދިވެހިރާއްޖޭގެ ހިރިގަލުގެ ބިނާވެއްޓާއި ގަލުވަޑާމުގެ ފަންނިއްޔާތާ ވަރަށް ބޮޑަށް އެއްގޮތް ސިފަތަކެއް އެކުލެވޭ ބިނާއެކެވެ. މި މިސްކިތް ބިނާކުރުމުގައި ބޭނުންކޮށްފައިވާ އުވަދެވުމާއި ހިރިގާ ކަނޑައިގެން ރޭނުމުގެ އުކުޅުތަކުން، އިންޑިއާ ކަނޑުގެ ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮތް މަސައްކަތްތެރިކަމުގެ ގުޅުން ހާމަވެއެވެ.

ރަސްމާލެ މަޝްރޫއު: ހުވަފެނީ ވާހަކަތަކާއި ޖަވާބު ނުލިބޭ ސުވާލުތައް

މި ލިޔުމަކީ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ތަސައްވުރަކީ ހަގީގަތާ ދުރު، ހިޔާލީ ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށް ލިޔެފައިވާ ލިޔުމެކެވެ. މީގެ އިތުރުން، އެ މަޝްރޫއަށް ބޭނުންވާ ބޮޑު ހޭދަ ކުރާނެ ފަރާތަކާއި، ފައިސާ ހޯދާނެ ގޮތަކާ މެދު މި ލިޔުމުގައި ވަނީ ސުވާލު އުފައްދާފަ އެވެ.

Newsletter

Get the latest news delivered straight to your inbox