އޭޝިއަން ޓެނިސް ފެޑެރޭޝަން (އޭޓީއެފް) އިން މި މަހު ނެރުނު ރޭންކިންގައި، އޭޝިއާ ބައްރުގެ 12 އަހަރުން ދަށުގެ ނުވަ ވަނަ އަށް އެންމެ މޮޅު އަންހެން ސިންގަލްސް ކުޅުންތެރިއަކަށް ރާއްޖޭގެ، އިސްރާ އާރާ އިބްރާހިމް ޝަފީއު ވެއްޖެ އެވެ.
މިއީ، އޭޝިއާގެ ރޭންކިންއެއްގައި ރާއްޖޭގެ ކުޅުންތެރިއަކަށް ލިބިގެންދިޔަ ފާހަގަަކޮށްލެވޭ ބޮޑު ކާމިޔާބީ އެކެެެވެ. މި ކުރިއެރުން ލިބިގެންދިޔައީ، އައިޓީއެފްގެ ސައުތު އޭޝިއާ ރީޖަނަލް ކޮލިފިކޭޝަން އިވެންޓުން ރާއްޖެ ހޯދި ނަތީޖާތަކާ އެކު އެވެ. ނޭޕާލުގައި މި މަހު ކުރިއަށްދިޔަ ކޮލިފިކޭޝަންގައި ރާއްޖޭގެ އަންހެން ޓެނިސް ޓީމުން ވަނީ ސްރީ ލަންކާ، ޕާކިސްތާން އަދި ނޭޕާލްގެ މައްޗަށް ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ.
މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އިސްރާ ވަނީ ލަންކާއާއި ދެކޮޅަށް ކުޅުނު ސިންގަލްސް މެޗު 6-2، 6-1 އިން ކާމިޔާބުކޮށްފަ އެވެ. އަދި ޑަބަލްސްގައި އިސްރާ އާއި ލަޔާރާ ވަނީ ޓައިބްރޭކްގައި ބަލިވެފައެވެ. އެހެން ނަމަވެސް ޕާކިސްތާނާ ދެކޮޅަށް ރަނގަޅު ނަތީޖާތަކެއް ނެރުނުއިރު، އިސްރާ ކުޅުނު ސިންގަލްސް މެޗު އޭނާ ވަނީ 6-1، 6-4 އިން ކާމިޔާބުކުރި އެވެ. އަދި، ނޭޕާލާ ދެކޮޅަށް އިސްރާ ނުކުތް ސިންގަލްސް މެޗުން ވެސް އޭނާ ވަނީ ކުރިހޯދައިފަ އެވެ. އެ މެޗުގެ ސެޓުތައް ގެންދިޔައީ، 6-1 ،6-3 އިންނެވެ.
ޑަބަލްސް އިވެންޓަށް ބަލާއިރު، އިސްރާ އާއި މަލަކާ މުހައްމަދު އަލީގެ ޕެއާ އިން 6-1، 7-5 އިން ޕާކިސްތާނުގެ ޕެއާއެއްގެ މައްޗަށް ކާމިޔާބު ހޯދާފަައިވެ އެވެ. ދެކުނު އޭޝިއާގެ މި ކޮލިފިކޭޝަންގައި އިންޑިއާއާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުތަކުން ވަނީ ބަލިވެފަ އެވެ. އެހެންވެ، ރޭންކިންގައި ވެސް ރާއްޖެ އޮތީ އިންޑިއާ އަށް ވުރެން ފަހަތުގަ އެވެ.
އައިޓީއެފް ރޭންކިންގެ 12 އަހަރުން ދަށުގެ ބައިގައި، ހަތް ވަނައިގައި އޮތީ އިންޑިއާގެ އަސީސް ކޯރް އެވެ. ދެން، ރޭންކިންގެ އެންމެ ކުރީގައި އޮތީ ރާއްޖޭގެ އިސްރާ އެވެ. އިސްރާ އޮތީ ނުވައެއްގަ އެވެ. ނޭޕާލްގެ ސާރާ ޕަންޓާ، 12 ވަނައިގައި އޮތްއިރު، 19 ވަނައިގައިި އިންޑިއާގެ ޕްރިޔާންގްޝީ ޗެޓަޖީ ހިމެނެ އެވެ. އަދި، 16 ވަނައިގައި ނޭޕާލުގެ އަރްޔާ ޕޫޑެލް އޮތްއިރު، 30 ވަނައިގައި އޮތީ އިންޑިއާގެ އަލީޒާ ސިމްރާ އެވެ. އަދި، ލަންކާގެ ތިޔާންސާ އޮތީ 33 ވަނައިގަ އެވެ.












