ތުރުކީ އާއި އިސްރާއީލުގެ ނުތަނަވަސްކަމަކީ ހަމައެކަނި "ބަހުގެ ހަމަލާތަކެއް" ކަމަށް އެމެރިކާގެ މަންދޫބު ސިފަކުރައްވައިފި

Apr 18, 2026, 10:05 AM
ސޫރިޔާއަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ހާއްސަ މަންދޫބު އަދި ތުރުކީވިލާތަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރު ޓޮމް ބަރަކް، 2026 އޭޕްރިލް 17 ވަނަ ދުވަހު ބޭއްވި ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ ފަސްވަނަ އަންޓަލްޔާ ޑިޕްލޮމަސީ ފޯރަމްގައި ވާހަކަދައްކަވަނީ (ހޭންޑްއައުޓް / އަންޓަލްޔާ ޑިޕްލޮމަސީ ފޯރަމް / އޭއެފްޕީ)

ސޫރިޔާއަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ހާއްސަ މަންދޫބު އަދި ތުރުކީވިލާތަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރު ޓޮމް ބަރަކް، 2026 އޭޕްރިލް 17 ވަނަ ދުވަހު ބޭއްވި ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ ފަސްވަނަ އަންޓަލްޔާ ޑިޕްލޮމަސީ ފޯރަމްގައި ވާހަކަދައްކަވަނީ (ހޭންޑްއައުޓް / އަންޓަލްޔާ ޑިޕްލޮމަސީ ފޯރަމް / އޭއެފްޕީ)

ތުރުކީވިލާތާއި އިސްރާއީލާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމަކީ ހަމައެކަނި "ބަހުގެ ހަމަލާތަކެއް" ކަމަށް ސިފަކުރައްވައި، ސަލާމަތީ އަދި ހަކަތައިގެ މަޝްރޫއުތަކުގައި ދެ ގައުމުގެ މެދުގައި ސަރަހައްދީ އެއްބާރުލުން އިތުރުކުރުމަށް އެމެރިކާގެ މަންދޫބު ޓޮމް ބަރަކް ބާރުއަޅުއްވައިފި އެވެ.

އަންޓާލިއާ ޑިޕްލޮމަސީ ފޯރަމްގެ ޕެނަލްއެއްގައި ވާހަކަދައްކަވަމުން ބަރަކް ވަނީ، ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ މެދުގައި ކުރިމަތިލުމެއް ހިނގައިފާނެ ކަމަށް ބުނެ ދެ ގައުމުގެ ބައެއް އޮފިޝަލުން ދައްކަވާފައިވާ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ތުރުކީއަކީ އެ ގައުމަކާ ކުޅެލެވޭނެ ފަދަ ގައުމެއް ނޫން،" ބަރަކް ވިދާޅުވި އެވެ.

ބަރަކް ވިދާޅުވި ގޮތުގައި، ދެ ގައުމަކީ ވެސް ފުޅާވަމުންދާ ބާރުތަކެއްގެ ގޮތުގައި މީޑިއާތަކުން ސިފަކުރަމުންދާތީ، ދެ ގައުމަށް ވެސް ހަގީގަތް އޮޅިފައިވާ ކަމަށެވެ.

"ތެލް އަވީވްގައި ހުރެފައި ހެނދުނު ހޭލައިގެން ނޫސް ބަލައިފިނަމަ ފެންނަނީ ކޮން އެއްޗެއް؟ ނޫހުގައި އޮންނަނީ ވިއެނާއިން ފެށިގެން ދިވެހިރާއްޖެއާ ހަމައަށް ފެތުރިފައިވާ އޮޓޯމަން އެމްޕަޔާ 2.0 (އުސްމާނީ ހިލާފަތު) ގެ ކުރެހުމެއް."
އެމެރިކާގެ މަންދޫބު ޓޮމް ބަރަކް.

"އިސްތަންބޫލްގައި ހުރެފައި ހޭލައިގެން ނޫސް ކިޔާއިރު ފެންނަނީ 'ގްރޭޓަރ އިސްރާއީލް' (ބޮޑު އިސްރާއީލް) ގެ ވާހަކަ."

ތުރުކީވިލާތަކީ 1949 ވަނަ އަހަރު އިސްރާއީލް ދައުލަތް ބަލައިގަތް މުސްލިމް އަޣުލަބިއްޔަތު އޮތް ފުރަތަމަ ގައުމެވެ. އަދި އެ ގައުމުގެ ޒަމާނީ ތާރީޚުގެ ބޮޑު ބަޔެއްގައި ސަލާމަތީ އަދި ވިޔަފާރީގެ ގޮތުން ގާތް ގުޅުމެއް ދެ ގައުމުގެ މެދުގައި އޮތެވެ.

ނަމަވެސް، 2010 ވަނަ އަހަރު ގާޒާއަށް އެހީ ހިފައިގެން ދިޔަ ތުރުކީގެ 'މާވީ މަރުމަރާ' އުޅަނދަށް އިސްރާއީލް ސިފައިން ހަމަލާދީ އޭގައި ތިބި 10 މީހަކު މަރާލި ހާދިސާއަށް ފަހު، ދެ ގައުމުގެ ގުޅުން ވަނީ ގޯސްވެ ފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާ މެދު އިސްރާއީލުން އަމަލުކުރާ ގޮތަށް ތުރުކީ ސަރުކާރުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

'ދެވަނަ އީރާން'؟

ދެ ގައުމުގެ ގުޅުން އިއާދަކުރުމަށް 2023 ސެޕްޓެމްބަރު މަހު އެންމެ ފަހުން ކުރި މަސައްކަތުގެ ތެރެއިން، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިއުޔޯކުގައި ބައްދަލުކުރައްވައި ފުރަތަމަ ފަހަރަށް ސަލާމްކުރެއްވި އެވެ. ނަމަވެސް، އޮކްޓޯބަރު 7 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާ އާއި އޭގެ ފަހުން ގާޒާގައި ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން ޖެހިގެން އައި މަހު އެ ގުޅުން ވަނީ މެދުކެނޑިފަ އެވެ.

އޭގެ ފަހުން ދެ ގައުމުގެ ސިޔާސީ ބޭފުޅުންގެ މެދުގައި ބަހުގެ ހަމަލާތައް ވަނީ ވަރުގަދަވެފަ އެވެ. އެގޮތުން މިދިޔަ މާޗު މަހު އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވަނީ ތުރުކީއަކީ ކުރިމަގުގައި "ދެވަނަ އީރާނަށް" ވެދާނެ ގައުމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

އެމެރިކާ ސަރުކާރުން ދަނީ އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ބައިވެރިވުމާއި، މުޅި ސަރަހައްދުގައި އިސްރާއީލުން ހިންގާ އަސްކަރީ ހަރަކާތްތަކަށް ފުރިހަމައަށް ތާއީދުކުރަމުންނެވެ. އެހެންނަމަވެސް، ތުރުކީއަކީ ނޭޓޯގެ މެންބަރަކަށް ވުމާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުރުދުޣާނަށް ކުރައްވާ އިހުތިރާމުގެ ސަބަބުން، ދެ ގައުމުގެ ގުޅުން އިއާދަކުރުމަށް އެމެރިކާގެ އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.

އަންޓާލިއާގައި ބޭއްވި ފޯރަމްގައި ބަރަކް ވިދާޅުވީ، އީރާން ހަނގުރާމައިގެ ސަބަބުން ހަކަތައިގެ އަގުތަކަށް އައި ލޮޅުންތަކުން އެނގިގެންދިޔައީ، ހަކަތައިގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ސަރަހައްދީ އެއްބާރުލުން އޮތުމުގެ މުހިންމުކަން ކަމަށެވެ.

"ހުރިހާ އެއްޗެއްވެސް އަންނަނީ ތުރުކީ މަގުން. އެއީ ފައިބަރ އޮޕްޓިކްސް ކަމަށްވިޔަސް. އަޅުގަނޑުމެން މި ދައްކަނީ އަޒަރުބައިޖާނާއި އަރުމީނިއާގެ ވާހަކަ، އެތަންތަނުން ތެލާއި، ގޭހާއި، މައުލޫމާތާއި، ޑޭޓާ އަދި ތަކެތި ދަނީ ދައުރުވަމުން. އެ ތަކެތި ދަނީ ކޮންތާކަށް؟ ކޮން މަގަކުން؟" އޭނާ ވިދާޅުވި އެވެ.

"އެހެންކަމުން، އިސްރާއީލުން އަބޫދާބީއާ ގުޅުނު ފަދައިން ތުރުކީއާ ގުޅުން ބަދަހިކުރުމަކީ މުހިންމު ކަމެއް. ސައުދީ އަރަބިއްޔާއަށް ވެސް އިސްރާއީލާ ގުޅިގެން މަސައްކަތް ކުރެވިދާނެ. އިސްރާއީލުގެ ރައްޔިތުންގެ ފާގަތިކަމަށްޓަކައި އޮތް ހައްލަކީ މިއީ ކަމަށް އަޅުގަނޑު ދެކެން."

ތުރުކީގެ ޚާރިޖީ ވަޒީރު ހާކާން ފިދާން ވެސް ވަނީ ހޯމަ ދުވަހު ބަރަކްއާ ބައްދަލުކުރައްވާފައެވެ. ދެ ބޭފުޅުންވެސް ސިފަކުރެއްވި ގޮތުގައި މިއީ ވަރަށް "ކާމިޔާބު" ބައްދަލުވުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox