ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއަށްފަހު ކުންފުނިތަކަށް ގެންނަ ބަދަލުތަކުގެ ތެރެއިން ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާރިފް އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝާހިދު މަގާމުން އިއްޔެ ވަކިކޮށްފި އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި އެ ދެ މީހުން މަގާމުން ވަކިކުރީ އިންތިހާބުން ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެންނެވެ.
މީގެއިތުރުން ފެނަކައިގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ޖިހާދު އަދި ފެނަކައިގެ ޗީފް ރިސޯސް އޮފިސަރު (ސީއާރްއޯ) އަބްދުﷲ ސަނޫން ވެސް އިއްޔެ ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ކުންފުނިތަކުގެ ވެރިންތަކުގެ ތެރެއިން އިއްޔެ އެންމެ ފުރަތަމަ ވަކިކުރީ ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު އެވެ. އެއަށްފަހު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ރިޝްވާން މަގާމުން އިސްތިއުފާ ދޭން އެންގުމުން، އޭނާ ރޭ އިސްތިއުފާ ދިނެވެ.
ސަރުކާރުގެ އެކި ކުންފުނިތަކުގެ ވެރިން މަގާމުން ވަކިކުރާ ސަބަބެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

އެމްޕީއެލްގެ އެމްޑީއަކަށް ރިޝްވާން އައްޔަނުކުރީ އެ މަގާމުގައި އޭރު ހުންނެވި މުހައްމަދު ވަޖީހު އިބްރާހިމް ވަކިކުރުމަށް ފަހުގަ އެވެ. ވަޖީހު އެ މަގާމުން ވަކިކުރީ ރައީސް މުހައްމަދު މުއިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމްއާ މައްސަލަ ޖެހުނު ދުވަސްވަރުގަ އެވެ.
ފެނަކައިގެ އެމްޑީއަކަށް ނަޖާހު އައްޔަނު ކުރީ އެ މަގާމުގައި އޭގެ ކުރިން ހުރި އިބްރާހިމް މުއާޒް ރަޝީދު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.
ނިމިގެންދިޔަ އިންތިހާބާ ދިމާކޮށް ރަށްރަށުގައި ފެނަކައިން އެތައް ސަތޭކަ ވަޒީފާއެއް އުފެއްދި އެވެ. އެ ވަޒީފާތައް ދީފައިވަނީ ސަރުކާރަށް މެޖޯރިޓީ ހޯދުމުގެ ގޮތުންނެވެ.
މީގެއިތުރުން އެމްޕީއެލް އިން ވެސް ގިނަ އަދަދެއްގެ ވަޒީފާ ދީ، އިންތިހާބާ ދިމާކޮށް ޕްރޮމޯޝަންތަކެއް ވެސް ދިންކަން މި ނޫހަށް އެނގިފައިވެ އެވެ.












