ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަސްބާހު އަލީ ނަސީރު އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.
އިތުބާރު ހުރި މަސްދަރުތަކަކުން ވަނީ އެޗްޑީސީގެ ބޯޑުން މި ނިންމުން ނިންމާފައިވާކަން އަދަދު ނޫހަށް ޔަގީންކޮށްދީފަ އެވެ.
މި ސަރުކާރުގައި އަސްބާހު ވަނީ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) ގެ ޑީއެމްޑީގެ މަގާމު ވެސް އަދާކޮށްފަ އެވެ. އޭނާ އެޗްޑީސީއަށް ބަދަލުވީ އެޗްޑީސީގެ އެމްޑީ މައުރޫފް ޖަމީލް އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް އާރުޑީސީގައި ހުންނެވި އަހުމަދު ޒުހައިރު ބަދަލުކުރުމުންނެވެ.
މިދިޔަ އިންތިހާބުތަކުގައި ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުަރިމަތިލާން ޖެހުމުން އަންނަނީ ކުންފުނިތަކުގެ އިސް މަގާމުތަކަށް ބަދަލު ގެންނަމުންނެވެ.
ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު އާއި އެގްރޯ ނެޝަނަލް ކޯޕަރޭޝަންގެ އެމްޑީ ހުސައިން ދީދީ ވަކިކޮށްފައިވާއިރު އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާނަށް ވެސް ވަނީ އިސްތިއުފާ ދިނުމަށް އަންގާފަ އެވެ.














