ނަފުސުގެ އެދުންވެރިކަން މަތަ ނުކުރެވި ހަލާކުވެގެން ދިޔަ ސިޔާސީ ލީޑަރުން

ހެންރީ 8 ވަނަ، ބިލް ކްލިންޓަން އަދި ފްރާންސުވާ އޮލާންޑް. އާޓްވޯކް: އިސްމާއީލް އިމްދާދު/ އަދަދު

ހެންރީ 8 ވަނަ، ބިލް ކްލިންޓަން އަދި ފްރާންސުވާ އޮލާންޑް. އާޓްވޯކް: އިސްމާއީލް އިމްދާދު/ އަދަދު

އެކި މައުލޫތަކަށް އެކި ވާހަކަ ލިޔަމުން ދަނިކޮށް، މި ފަހަކަށް އައިސް މޮނިކާ ލެވިންސްކީ މަތިން މާ ގަދަޔަކަށް ހަނދާންވެ، އެ ވާހަކަ އަލުން ބަލާލައި އެއްޗެއް ލިޔެލަންވީއޭ ހިތަށް އަރާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

އެމެރިކާގެ ރައީސަކާއެކު އޮތް ސިއްރު ގުޅުމުގެ ސަބަބުން މުޅި ދުނިޔޭގައި އޭނާގެ ނަން މަޝްހޫރުވެގެން ދިޔަ މޮނިކާ ލެވިންސްކީގެ ވާހަކައަކީ އަޅުގަނޑުގެ ހަނދާނުގައި ސިޔާސީ ފޯކްލޯރ އެއް ފަދައިން ހަރުލާފައި ހުރި ވާހަކައެކެވެ. އެ ހާދިސާ ހިނގިއިރު، އަޅުގަނޑަކީ ކުޑަކުއްޖެކެވެ. އެ ހަބަރުތައް އަޅުގަނޑު ދިރިއުޅުނު ރަށަށް ފޯރީ އެކި ދިމާދިމާލުން މަދު މަދުންނެވެ. މިތަނުން އިވޭ އަޑެއް ނުވަތަ އެތަނުން އިވޭ ޖުމްލައެކެވެ. "އެމެރިކާގެ ރައީސް" އޭ ކިޔައިގެން އެ ދުވަސްވަރު ވާހަކައެއް ދައްކާނަމަ އެބަޔަކު އެ ދައްކަނީ އެ ވާހަކަކަން އަޅުގަނޑުމެން ދަމައިގަންނަމެވެ. އޭރު އެވަރުން ފުދެ އެވެ. ސެޓެލައިޓް ޗެނަލްތަކާއި ސޯޝަލް މީޑިއާ ނެތް ޒަމާނެއްގައި ވެސް، އެ ހުތުރު ހާދިސާގެ އަޑު އަޅުގަނޑުމެންގެ ކަންފަތާ ހަމައަށް ވެސް ފޯރި އެވެ.

މިހާރު އެކަމާމެދަށް ވިސްނާލީމާ ހިތަށް އަރަ އެވެ. ރައީސަކަސް ރަސްކަލަކަސް، އެއީ ވެސް ހަމަ އިންސާނުންނެވެ. އަދި އިންސާނުންގެ ކިބައިގައި ހުންނަ ބަލިކަށިކަމަކީ ކޮންމެ މީހެއްގެ ކިބައިންވެސް ފެނިދާނެ ކަންކަމެވެ. ލޯބީގެ އެ އިހުސާސަކީ އާންމު މީހާއެކޭ އެއްފަދައިން ރައީސަކަށް ކުރިމަތިވެދާނެ 'މުސީބާތެކެވެ.' މުހިންމީ އެކަމުގައި އެ މީހަކު އަމަލުކުރާ ގޮތެކެވެ.

މި ހާދިސާ ނޫނަސް މިކަހަލަ ކިތަންމެ ކަމެއް ހިނގާފައި ހުންނާނޭކަން ކަށަވަރުވާތީ އަޅުގަނޑު އެކަމާ ގުޅޭގޮތުން ހޯދާބެލީމެވެ. އެތައް މިލިއަން ރައްޔިތުންގެ މައްޗަށް ވެރިކަން ކުރި ނަމަވެސް، އަމިއްލަ ނަފްސުގެ މައްޗަށް ބާރު ނުފޯރުވުނު އެތައް ރައީސުންނަކާއި ރަސްކަލުންގެ ތާރީހީ ލިޔުންތައް އިސާހިތަކު ފެންނާން ފެށި އެވެ.

މި ހާދިސާތަކުގެ އެކޮޅުމިކޮޅު ބަލައި، މި ފަތްފުށްތައް ކިޔާލީމާ ހިތަށް އެރި އެވެ. އިންސާނީ އެދުންވެރިކަމަކީ ވެސް މިއީ ހާދަ ފާޑެއްގެ އެއްޗެކެވެ. ހަގީގަތުގައި ވެރިންގެ މަގާމުގައި އެތިބޭ މީހުން، އެ ހިސާބަށް ދެވުމަށްފަހު އަލުން ވެފައި ހުރި ލޯތްބަކީ، ރިޔާސީ ބާރާއި އިންސާނީ އެދުންތައް ފުށުއަރާ ހިސާބުން އުފެދޭ ބާރެވެ. އޭގެ އަސަރު މުޅި ދުނިޔެއަށް ފެތުރިގެން ދިޔަ އެކަހަލަ ކިތަންމެ ހާދިސާތަކެއް ހުރީ ހިނގާފަ އެވެ. ދައުލަތުގެ އެންމެ މަތީ ބާރު ލިބުމަކީ އަމިއްލަ އިހުސާސްތައް ކޮންޓްރޯލް ކުރުމުގެ ސިފަ އޭގެ ޒާތުން ލިބޭ ކަމެއް ނޫންކަން ތާރީހުން އެވަނީ ތަކުރާރުކޮށް ސާބިތުކޮށްދީފަ އެވެ.

މިކަހަލަ ބައެއް ހާދިސާތަކަށް ބަލަމާ ހިނގާށެވެ.

ބިލް ކްލިންޓަން; ފަޅައިއެރުމުން ވެސް ހެދީ ދޮގު

ބިލް ކްލިންޓަނަކީ 1993 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރާ ހަމައަށް އެމެރިކާގެ ރައީސް އެވެ. ކާމިޔާބު ސިޔާސީ ޝަހުސިއްޔަތެކެވެ. އެތައް ބައެއްގެ ލޯބި ހޯއްދެވި ރައީސެކެވެ. މޮނިކާ ލުވިންސްކީއާ އޭނާއާ ދެމެދު އޮތް ގުޅުން ފެށުނީ 1990 ގެ އަހަރުތަކުގެ މެދުތެރޭގައި، މޮނިކާ ވައިޓް ހައުސްގެ އިންޓާންއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު އެވެ.

ކްލިންޓަނަށް މޮނިކާ ކަމުގޮސްގެން ލޯބި ހުށަހަޅައި، ދެކުދިން ރަށްޓެހިވެގެން އަށާރަ މަސް ދުވަސް ހޭދަކުރި ކަމަށް ވެ އެވެ. ހިލަރީ އަށް މިކަމުގެ ހިލަމެއްވީ ނޫސްތަކުން މިކަން ރިޕޯޓުކުރުމުން ކަމަށް ހިލަރީގެ ބައޯގްރަފީގައި އޭނާ ކިޔައިދީފައި އޮވެ އެވެ. މީޑިއާގައި އެ ވާހަކަ ދައްކާން ފެށުމުން ކްލިންޓަން އެކަން ދޮގުކުރި އެވެ. އެހެންނަމަވެސް ފަހުން ހުރިހައި ކަމެއް ހާމަވެ، ކްލިންޓަން ވަނީ ރައްޔިތުންގެ ކިބައިން މައާފަށް ވެސް އެދިފަ އެވެ.

މި ހާދިސާއަކީ ހަމައެކަނި ޒާތީ ގުޅުމަކާ ގުޅޭ މައްސަލައެއް ނޫނެވެ. މިއީ ދޮގު ހެކިބަސް ދިނުމާ ގުޅޭ ގާނޫނީ ބޮޑު މައްސަލައެކެވެ. ހުވާގެ މަތީގައި ހުރެ ކްލިންޓަން އެ ގުޅުމަށް އިންކާރު ކުރި އެވެ. އެ އިންކާރު ކުރުމުގެ ސަބަބުން، ދޮގު ހެކިބަސް ދިނުމާއި އިންސާފަށް ހުރަސްއެޅުމުގެ ތުހުމަތުގައި 1998 ވަނަ އަހަރު އޭނާ މަގާމުން ވަކިކުރުމުގެ މަރުހަލާ ވެސް ފެށުނެވެ. އެމެރިކާގެ ތިރިގޭގެ އަގުލަބިއްޔަތު އެކަމަށް އޮތަސް މަތިގެއިން ކްލިންޓަން ސަލާމަތްކޮށްދިނެވެ.

ފްރާންސުވާ އޮލާންޑް؛ ސްކޫޓަރެއްގައި ކުރެއްވި ސިއްރު ދަތުރުފުޅުތައް

މިއީ 2012 އިން 2017 އަށް ފުރާންސުގައި ރައީސްކަން ކުރެއްވި ފްރާންސުވާ އޮލާންޑްގެ ވާހަކަ އެވެ. ފްރާންސް ރީތިރީތި ފިލްމީ ތަރި، ޖޫލީ ގަޔޭ ފެނި އޭނާވީ ތިޔަކަލަހަ ހިތާއެއް ނޫނެވެ. ރައީސްގެ ކާރުކޮޅާއި ވަސީލަތްތަކާއި ހައިބަތުވެސް ރިޔާސީ ގަނޑުވަރަށް ދޫކޮށްލައްވާފައި ޖޫލީއާ ބައްދަލުކުރަން ސިއްރު ސިއްރުން އެ ކަނބުލޮގެ އެޕާޓުމަންޓަށް ވެސް ދަނީ އެވެ.

އެކަމަކު އޭނާގެ ވެރިކަމަށް ދެ އަހަރުވީތަނާ ބުޅާ ގޯނިން ބޭރުވެއްޖެ އެވެ. ފުރާންސުގެ މަޝްހޫރު ނޫސްތަކުން ވަނީ އޮލާންޑް ސިއްރު ގޮތެއްގައި ފިލްމީ ތަރި ޖޫލީ ގަޔޭއާ ބައްދަލުކުރައްވަން ވަޑައިގަންނަވާކަން ފަޅާއަރުވާލާފަ އެވެ. އޭނާ މި ދަތުރުތައް ކުރެއްވީ ހެލްމެޓް އަޅުއްވައިގެން ސްކޫޓަރެއްގަ އެވެ. އަދި އޭނާގެ ސެކިއުރިޓީ ޓީމުން ތިބެނީ ތަންކޮޅެއް ދުރުގަ އެވެ.

ފްރާންސަކީ އާންމުގޮތެއްގައި މީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް މާބޮޑު ފަރުވާލެއް ބަހައްޓާ ގައުމެއް ނޫނެވެ. މި ހާދިސާގައި ރައްޔިތުން ކަންބޮޑުވީ އެ ގުޅުމުގެ ސަބަބަކުން ނޫނެވެ. ރައްޔިތުންނަށް ބަލައިގަންނަން އުނދަގޫވީ އެކަން ކުރެއްވި ގޮތެވެ. ގައުމުގެ ރައީސަކު، ކުލި ނުދެއްކިގެން ފިލައިގެން އުޅޭ ޔުނިވަރސިޓީ ދަރިވަރަކު ފަދައިން، ސިއްރުސިއްރުން ޕެރިހުގެ މަގުތަކުގައި އުޅުއްވުމަކީ ރައްޔިތުންގެ މެދުގައި އޭނާގެ ގަދަރު ކުޑަވި ކަމަކަށް ވި އެވެ. މި ހާދިސާއާ ގުޅިގެން އޭނާއަށް އޮތް ތާއީދު ވަރަށް ބޮޑަށް ދަށަށް ދިޔަ އެވެ. އަދި އޭގެ ފަހުން ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް އޭނާ އަމިއްލަފުޅަށް އިންކާރު ކުރެއްވި އެވެ.

ޖޫލީއާ ބައްދަލުކުރައްވަން އޮލާންޑް ވަޑައިގެންނެވި ސްކޫޓަރު ވަނީ މީގެ ދެ އަހަރެއްހައި ދުވަސް ކުރިން ވިހިހާސް ޔޫރޯއަށް ނީލަމެއްގައި ވިއްކާލާފަ އެވެ. މިއީ އަދިވެސް އެ ދަތުރުތަކުގެ އަސަރު ފްރާންސުގެ ސިޔާސީ މަސްރަހުން ފިލައިނުދާ ކަމުގެ ހެއްކެކެވެ.

ހެންރީ 8 ވަނަ؛ އަމިއްލަ އެދުންތަކުން އުފަންވި ދީނީ އިސްލާހީ ބަދަލުތައް

ފަހުގެ ރައީސުންނަށް މި އަހުލާގު ލިބުނީ އިހުގެ ރަސްރަސްކަލުންގެ ފުށުންތޯއްޗެކެވެ. އެވެރިން ކުޅުނު ކުޅިތަކާ އަޅައިބަލާއިރު އަދުގެ ރައީސުންނަށް އެ ދާއިރާއިން ވެސް ކަމެއް ކުރެވިފައެއް ނެތެވެ.

އިނގިރޭސިވިލާތުގެ ހެންރީ 8 ވަނަ ރަސްގެފާނުގެ (1547-1509) ލޯބީގެ ހަޔާތުގައި ހިމެނެނީ އޭނާގެ އަގުވެއްޓޭ ފަދަ އަމަލުތަކެއް އެކަންޏެއް ނޫނެވެ. އެއީ މުޅި ގައުމުގެ ސިޔާސަތުތައް އަލުން ބައްޓަންކުރުމަށް ވެސް މެދުވެރިވި މައިގަނޑު އެއް ސަބަބެވެ.

އިނގިރޭސި ތަހުތު ވާރުތަކުރާނޭ ފިރިހެން ދަރިއަކު ހޯއްދެވުމަށް ކުރެއްވި އުންމީދުގައި، އޭނާގެ ފުރަތަމަ އަނބިކަނބަލުން ކެތަރިން އޮފް އެރަގަންއާ ކުރައްވައިގެން އުޅުއްވި ކައިވެނި ބާތިލުކުރުމަށް ހެންރީ ބޭނުންފުޅުވި އެވެ. އެއީ އޭން ބޮލީންއާ ކައިވެނި ބައްލަވައިގަތުމަށެވެ. ނަމަވެސް، ކެތޮލިކް ފައްޅީގެ އެންމެ އިސްވެރިޔާ (ޕޯޕް) މިކަމަށް އިންކާރު ކުރެއްވުމުން، ހެންރީ ކެތޮލިކް ފައްޅިއާ ގުޅުން ކަނޑާލައްވައި، "ޗާރޗް އޮފް އިންގްލޭންޑް" ގެ ނަމުގައި އަމިއްލަ ފައްޅިއެއް އުފެއްދެވި އެވެ.

މިކަމާ މެދު ފުންކޮށް ވިސްނާލުން މުހިންމެވެ. މުޅި ގައުމުގެ ދީނީ އޮނިގަނޑަށް އައި ބޮޑު ބަދަލާއި، ސިޔާސީ ހަލަބޮލިކަމާއި، އަދި އެތައް ގަރުނަކަށް ދެމިގެންދިޔަ ދީނީ ދެބަސްވުންތަކުގެ އަސްލަކީ، އެހެން އަންހެނަކާ ހިތާވެ، އޭނާ ހޯއްދެވުމަށް ރަސްގެފާނު ބޭނުންފުޅުވުމެވެ.

އަމިއްލަފުޅަށް ހެއްދެވި ގަވާއިދުތަކުގެ ތެރޭގައި ހެންރީ ޖުމްލަ ހަ ފަހަރު ކައިވެނި ބައްލަވައިގަތެވެ. އޭގެ ތެރެއިން ދެ އަނބިކަނބަލުންނަށް މަރުގެ އަދަބު ދެއްވި އެވެ. އަދި އޭނާގެ ކައިވެނީގެ ބޭނުންތަކާ އެއްގޮތަށް ގައުމުގެ ދީނީ އުސޫލުތައް ބަދަލުކުރުމަށް ޕާލަމެންޓަށް މަޖުބޫރުވި އެވެ.

މި ލިޔުމުގައި މި ގެނައީ ދެތިން ވާހަކައެކެވެ. މި ނޫނަސް މިކަހަލަ ކިތަންމެ ކިތަންމެ ހާދިސާއެއް އެހުރީ ފެންނާށެވެ. މާކުރީގެ ތާރީހުތަކުންނާއި ފަހުގެ ރެކޯޑުތަކުން ވެސް މިކަހަލަ ކިތަންމެ ވާހަކައެއް ފެންނާން އެބަހުއްޓެވެ. އެ ޒަމާނާ އަޅައިބަލާއިރު، މި ޒަމާނުގައި އެފަދަ ހާދިސާތައް ގިނައީއެއް ނޫނެވެ. މިހާރުގެ ދުނިޔޭގައި ކޮންމެ މީހަކީ ވެސް އޭނާ ދަންނަ މީހަކު ދަންނަ ކޮންމެވެސް މީހަކު ދަންނަ މީހަކާ ގާތް މީހެކެވެ. އެ މިންވަރަށް ދުނިޔެ މިއޮތީ ކުޑަވެފަ އެވެ. އެހެންވީމާ މިޒަމާނުގެ ވެރިން އުޅެންވާނީ މާ ބޮޑަށް ރައްކާތެރިވެގެންނެވެ.

ތެދެކެވެ. ވެރިންގެ ވެރިކަމުގެ ޝަރަފާއި، އިއްޒަތުގެ މޮޓޯކޭޑްތަކާއި، ގައުމީ ސަލާމުގެ އަޑުތައް އެއްފަރާތްކޮށްފައި ބަލާލާއިރު ފެންނާން ހުންނާނީ ހަމަ އަޅުގަނޑުމެންގެ ކޮންމެ މީހަކު ފަދަ އިންސާނެކެވެ. އޭނާގެ ކިބައިގައި ވެސް އިންސާނީ އެދުންތައް އެކުލެވިގެންވެ އެވެ. އޭނާއަކީ ލޯބިވާން ވެސް ދަންނާނެ މީހެކެވެ. އެ ލޯބީގައި ލޯބިވެރިން ކޮށްއުޅެފާނެ ކަހަލަ ކަންކަން ވެސް ކޮށް އުޅޭނޭ މީހެކެވެ. ލޯބިވެރިޔާއާ އެހެން މީހުން ގާތްގުޅުން އުފެއްދީމާ އެކަމާ ހަސަދަވެރި ވެސް ވެވޭނޭ މީހެކެވެ. އެ އިހުސާސުތައް އޭނާގެ ކިބައިގައި ހުރުމަކީ އޭނާއަށް ފާޑުކިޔުމެއް ނުވަތަ މަލާމާތެއް ރައްދުވާންޖެހޭ ސަބަބެއް ނޫނެވެ.

އެހެންނަމަވެސް އެމީހެއްގެ އަތްމައްޗަށް ސިފައިންގެ ލަޝްކަރުތަކާއި، އިދާރީ ބާރުވެރިކަން ދީފައިވާ މީހާއަކީ ލޯބީގައި ދީވާނާވެފައި ހުރި މީހަކަށް ވާކަށް އެއްވެސް ރައްޔިތަކު ނޭދޭނެ އެވެ. ވެރިމީހާގެ ރަސްމީ ވަގުތުގެ ތިން ހަތަރު ގަޑިއިރު ހޭދަކުރެވެނީ ލޯބިވެރިޔާއާ ޖެހޭ މައްސަލަތައް ހައްލުކުރަންކަމަށްވާނަމަ އެއީ ރައްޔިތުން ކަންބޮޑުވާނެ ކަމެކެވެ. ގައުމުގެ އެންމެ ހުރުމަތްތެރި ބިނާތަކުގައި ފާހިޝް އަމަލުތައް ހިންގައި، އެތަނުގެ ހުރުމަތް ކަނޑާލުމަކީ ވެސް ރައްޔިތުން ރުހޭނޭ ގޮތެއް ނޫނެވެ. ތާރީހުގައި މިކަހަލަ ކަންކަމާ ގުޅުވައިގެން ވެރިންނާމެދު އުފެދުނު މައްސަލަތައް އުފެދިފައި ހުރީ މި އިންތައް ފަހަނައަޅައި ދިޔައިމަ އެވެ.

ތާރީހުގެ ވާހަކަތައް ކިޔާންވީ ހަމައެކަނި އެކަން ހިނގިގޮތް ދެނެގަތުމަށްޓަކައި އެކަންޏެއް ނޫނެވެ. އެކަމުން އިބުރަތެއް ވެސް ހާސިލުކުރުމަށްޓަކަ އެވެ. ތާރީހީ ގަނޑުވަރުތަކުގެ ފާރުތަކާއި ރިޔާސީ މިންބަރުތަކުގެ ފުރަގަހުގައި ފޮރުވިފައިވާ ހަގީގީ ފިލާވަޅަކީ މިއީ އެވެ. ލީޑަރަކަށް ވުމަކީ އެއްވެސް ގޮތަކުން އަހުލާގީ ކުށެއް ނުކުރާ މީހަކަށް ވުމެއް ނޫނެވެ. އެއީ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރާ މީހަކަށް ވުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox