ފޮތެއްގެ ތައާރަފު 3؛ ތޯމަސޯ ކަމްޕަނެއްލާގެ "ސިޓީ އޮފް ދަ ސަން"

ފޮތެއްގެ ތައާރަފު 3؛ ތޯމަސޯ ކަމްޕަނެއްލާގެ "ސިޓީ އޮފް ދަ ސަން"

ތޯމަސޯ ކަމްޕަނެއްލާއަކީ ސަތާރަވަނަ ގަރުނު ފެށުނު ދުވަސްވަރު އުޅުނު ޑޮމިނިކަން ފާދިރީއެއްގެ އިތުރުން، ފަލްސަފާވެރިއެއް އަދި ސިޔާސީ އިސްލާހީ ބަދަލުތަކަކަށް ވަކާލާތުކުރި ހަރުދަނާ ފިކުރެއްގެ ވެރިއެކެވެ. އޭނާ ދިރިއުޅުނީ ދީނީ ބާރުވެރިކަމާއި، އިސްތިއުމާރީ ބާރުތަކުގެ ނުފޫޒުގެ ތެރޭގަ އެވެ. ފިކުރީ މިނިވަންކަން ހަނިކޮށްފައިވާ މުޖުތަމައެއްގަ އެވެ. މި ނިޒާމުތަކާ ދެކޮޅަށް ތެދުވުމުގެ ނަތީޖާއެއްގެ ގޮތުން އޭނާއަށް ވަރަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހުނެވެ. އެގޮތުން، އިޓަލީގެ ދެކުނުގައި އޮތް ސްޕެއިންގެ ވެރިކަމާ ދެކޮޅަށް ރޭވުންތަކެއް ރޭވިކަމުގެ ތުހުމަތުގައި، ކަމްޕަނެއްލާ ގާތްގަނޑަކަށް ތިރީހަކަށް އަހަރު ޖަލުގައި ހޭދަކުރި އެވެ. މީގެ ތެރެއިން ގިނަ ދުވަސްތައް އޭނާ ހޭދަކުރީ ނުހަނު ދަތި އަދި އަނިޔާވެރި ހާލަތްތަކުގަ އެވެ.

ކަމްޕަނެއްލާގެ މަސައްކަތްތައް މިއަދުވެސް މުހިންމުވަނީ އޭނާގެ ތަފާތު ފިކުރުތައް އެއްކޮށްލާފައިވާ ގޮތުގެ ފުންކަމާއި ވަރުގަދަކަމުގެ ސަބަބުންނެވެ. އޭނާ މަސައްކަތް ކުރީ ދީނާއި، ސައިންސާއި، އަދި ސިޔާސަތު އެއްކޮށްލައިގެން މުޖުތަމައު ތަރުތީބުކުރާނޭ އެއްގޮތް ނިޒާމެއް ބިނާކުރުމަށެވެ. ދީނާއި ސިޔާސަތު އެއްކޮށްލުމުގެ މައުލޫއަކީ މިހާރު ވެސް ބަހުސް ކުރެވޭ މައުލޫއެކެވެ. އެކަމުގައި ހުރި ފައިދާއާއި ގެއްލުމުގެ މައްޗަށް އިންސާނުން ވާހަކަދައްކަން ފެށިތާ ކިތަންމެ ޒަމާނެކެވެ.

ތޯމަސް މޯ ފަދަ ލިޔުންތެރިންގެ ލިޔުންތަކުގައި ހުންނަ ފަދަ މަލާމާތުގެ ރާގާއި "ގަޔާ ދުރަށް" ވާހަކަ ދެއްކުމުގެ ބަދަލުގައި، ކަމްޕަނެއްލާގެ ލިޔުންތަކުން ފެންނަނީ އޭނާގެ ހިޔާލުތަކުގެ ޒިންމާ އުފުލުމާއި އެކަންކަން ތަންފީޒުކުރަން ބޭނުންވެފައިވާ މިންވަރާމެދު އޭނާގެ ހިތުގައި އޮތް ސާބިތު ޔަގީންކަމެވެ. އޭނާގެ މަޝްހޫރު ފޮތް "ދަ ސިޓީ އޮފް ދަ ސަން" އިން ހާމަވަނީ އިންސާނީ މުޖުތަމައަކީ ބުއްދީގެ ހަމަތަކުގެ މަތިން އަލުން ތަރުތީބުކުރެވިދާނެ އެއްޗެއްކަމާއި، އެއީ އަހުލާގީ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ފުރިހަމައަށް ގަބޫލުކުރިކަމެވެ.

Advertisement

"ސިޓީ އޮފް ދަ ސަން" ނުވަތަ އިރުގެ ސަހަރުގެ ވާހަކަ ބިނާވެފައިވަނީ ޔޫރަޕުގެ ދަތުރުވެރިއަކާއި ޖެނޯއާގެ އުޅަނދެއްގެ ކެޕްޓަނަކާ ދެމެދު ހިނގާ މަޝްވަރާއެއްގެ މައްޗަށެވެ.

މިހާތަނަށް މި ބެލުނު ތިން ފޮތަށް ބެލުމުން، އެ ޒަމާނުގައި ވާހަކަ ހުށަހަޅައި ދިނުމުގައި ހުރި އެއްގޮތްކަމެއް ފާހަގަކުރެވެ އެވެ. އެއީ ކޮންމެ ވާހަކައެއް ވެސް ފުރަތަމަ މީހާގެ ނަޒަރުން ކިޔައިދިނުމުގެ ބަދަލުގައި، ބަޔަކު ކުރާ ފިކުރެއް ނުވަތަ ބައެއްގެ މެދުގައި ދެކެވޭ ވާހަކައެއްގެ ގޮތުގައި ހުށަހަޅައި ދިނުމެވެ. އެއީ ވާހަކަ ހުށަހަޅައި ދިނުމުގައި މަގުބޫލު ގޮތެކެވެ. ބަޔަކު ދައްކަމުންދާ ވާހަކަތަކާމެދު ގޮތް ނިންމަމުންދާނީ ކިޔުންތެރިޔާ އެވެ.

އަދަދު ނޫހުގައި 'ފަޑިދުއްވާ ތުއްތުމަނިކު' ގެ ނަމުގައި ލިޔުންތެރިޔަކު ލިޔެފައިވާ، ތިރީގައި މިވާ އާޓިކަލްއަކީ މި ވައްޓަފާޅިއަށް ހުށަހަޅައިދީފައިވާ ހުށަހެޅުމެކެވެ. އެ ލިޔުމުގައި ވަނީ ޗާކީގޭގެ ފެންޑާގައި އެގޭގެ ވެރި ބާކީ ހުސައިންފުޅާ އޭނާގެ އަނބި ޑޯވަ ދަލެކާމަނިކެއާއި ދޮންނައިބު ތަކުރުފާނާ ތިން މީހުން، ދުން ގުޑުގުޑާއަށް އަޅައިގެން އެ ބުއިއެއްޗެއް ބޮމުން ދެއްކި ވާހަކަތަކެވެ.

އަޅުގަނޑުމެންގެ މިއަދުގެ ވާހަކައަށް އެނބުރިލަމާ ހިންގަވާށެވެ. ސިޓީ އޮފް ދަ ސަން ވާހަކައިގައި ކެޕްޓަން ކިޔައިދެނީ އޭނާއަށް ފެނުނު ތަފާތު އަދި އަޖައިބުކުރުވަނިވި ސިޓީއެއްގެ ވާހަކަ އެވެ. މި ސިޓީ ފަރުމާކޮށްފައިވަނީ އެއް މަރުކަޒަކަށް ބަރޯސާވާ ބޮޅުތަކެއްގެ ސިފައިގައި، ވަރަށް ފުރިހަމަ އަދި ހަރުދަނާ ރޭވުމެއްގެ ދަށުންނެވެ. މި ސިޓީ ހިންގަނީ ރަސްކަލެއް ނުވަތަ އިންތިހާބީ މަސްއޫލުވެރިންނެއް ނޫނެވެ. އޭގެ ބަދަލުގައި ސިޓީގެ އެންމެ އިސްވެރިއަކީ "ސޯލް" (އިރު) ގެ ނަމުން ނަންދެވިފައިވާ ފާދިރީއެކެވެ. އޭނާއަށް އެހީތެރިވުމަށްޓަކައި ބާރު، ހިކުމަތް، އަދި ލޯބި ރަމްޒުކޮށްދޭ ތިން މަސްއޫލުވެރިން ތިބެ އެވެ. މިތަނުގައި ހުރިހާ ކަމެއްގެ ބިންގަލަކީ އިލްމެވެ. ސިޓީގެ ފާރުތަކުގައި ސައިންސާއި، ހިސާބު އިލްމާއި، ނުޖޫމީ އިލްމުގެ ކުރެހުންތަކާއި މައުލޫމާތުތައް ފެންނަން ހުރެ އެވެ. މިއީ މިރަށުގެ މީހުންނަށް އަބަދުވެސް އައު ކަންތައްތައް ދަސްވުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރެވިފައިވާ ކަމެކެވެ.

އަމިއްލަ މިލްކިއްޔާތުގެ އެއްވެސް ކަމެއް މި ސިޓީއަކު ނޯވެ އެވެ. ތަކެއްޗާއި، ގެދޮރާއި، އަދި އާއިލީ ދިރިއުޅުމަކީ ވެސް އެންމެންގެ ހިއްސާ އޮންނަ، ޖަމާއީ ކަންކަމެވެ. ކުދިން ބޮޑުކުރަނީ މުޅި މުޖުތަމައު ގުޅިގެންނެވެ. އަދި އާބާދީގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ދަރިމައިވުމުގެ ކަންކަން ވެސް އޮންނަނީ ވަކި އުސޫލުތަކަކުން ކޮންޓްރޯލް ކުރެވިފަ އެވެ. ދަރިން ހޯދުމަކީ ރޭގަނޑު ކުރާނޭ ކަމެއް ނެތި ފޫހިވެގެން ކޮށްލާ ކަހަލަ ކަމެއް ނޫނެވެ. އެކަމުގައި އަމަލުކުރަންޖެހޭނީ ދައުލަތުގެ ގަވާއިދުތަކަށެވެ. އާބާދީގެ އަދަދަށްވުރެ އެ ސަހަރުގައި އިސްކަން ދެނީ އާބާދީގެ ކޮލިޓީއަށެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްވެސް އިންތިޒާމު ކުރެވިފައިވަނީ (އޭރުގެ ވިސްނުންތަކަށް ހަނިކޮށްގެން ބަލާއިރު) ބަދަހިކަމާއި، ހަލުވިކަމާއި، މުޅި މުޖުތަމައުގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންނެވެ.

ދީނީ ކަންކަމަކީ މި ސިޓީގެ އެންމެ މުހިންމު އެއް ތަނބެވެ. ތޯމަސް މޯރގެ "ޔޫޓޯޕިއާ" އާ ހިލާފަށް، ކަމްޕަނެއްލާގެ މި ސިޓީގައި މަސީހީ ދީނާއި، ތަބީއީ ފަލްސަފާއާއި، ނުޖޫމީ އިލްމު އެއްކޮށްލާފައި ވެ އެވެ. އެ ސިޓީގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި ތަބީއީ ކަންކަން ދެނެގަތުމަކީ އަޅުކަމުގެ ބައެކެވެ. އަމިއްލަ އެދުންތަކަށްވުރެ އެ ސަހަރުގެ ރައްޔިތުން ބޮޑަށް އިސްކަންދެނީ މުޅި ކައުނުގެ ނިޒާމަށެވެ.

މި ވާހަކައަކީ ވަރަށް ކުރު، އަދި ވަކި ތަރުތީބެއްގެ މައްޗަށް ބިނާވެފައިވާ ލިޔުމެކެވެ. މިއީ އަސަރުގަދަ ވާހަކައަކަށްވުރެ ބޮޑަށް "އާކިޓެކްޗުރަލް" ސިފަޖެހޭ ލިޔުމެކެވެ. މި ވާހަކައިގައި ވަކިވަކި މީހުންގެ ދިރިއުޅުމުގެ ހަނގުރާމަތަކެއް ނުފެނެ އެވެ. އޭގެ ބަދަލުގައި، މި ވާހަކައިގެ އަސްލު ބަތަލަކީ ސިޓީ އެވެ. އެއީ ނިޒާމެއްގެ ތެރެއިން ގަޑުބަޑުވުމާއި، ނޭނގުމާއި، އަދި އަހުލާގީ ފަސާދަ ނައްތާލުމަށް ފަރުމާކުރެވިފައިވާ ފުރިހަމަ ނިޒާމެކެވެ.

"ދަ ސިޓީ އޮފް ދަ ސަން" އަކީ ފުރިހަމަ މުޖުތަމައެއްގެ ތަސައްވުރު ނުވަތަ 'ޔުޓޯޕިއަން' ފިކުރުތައް އޭގެ އެންމެ މަތީ ދަރަޖައަށް ގެންގޮސްދޭ ފޮތެއް ކަމަށްވާތީ މިއީ ނުހަނު މުހިންމު މަސައްކަތެކެވެ. ތޯމަސް މޯރގެ ލިޔުންތަކުގައި ކަންކަމާ މެދު ސުވާލު އުފައްދާ ފަދަ ގޮތްތަކެއް ހުރި ނަމަވެސް، ކަމްޕަނޭލާގެ މި ފޮތުގައި ކަންކަން ބަޔާންކޮށްފައިވަނީ ވަރަށް ބޮޑު ޔަގީންކަމަކާ އެކުގަ އެވެ. "ޔުޓޯޕިއާ" އިން ކަންކަމާ މެދު ޝައްކު އުފެދުމަށް ޖާގަދޭއިރު، "ސިޓީ އޮފް ދަ ސަން" ބާރުއަޅަނީ ހުރިހާ ކަމެއް އެއް އުސޫލަކުން ތަރުތީބުވެފައި އޮތުމަށެވެ.

މި ފޮތަކީ ސިޔާސީ ތަސައްވުރުތަކަށް އައި ވަރަށް ބޮޑު ބަދަލެކެވެ. އުޓޯޕިއަން އުސޫލުތައް ބޭނުންކޮށްގެން މުޖުތަމައު އެއްކޮށް ކޮންޓްރޯލް ކުރެވިދާނެ ގޮތް މިފޮތުގައި ދައްކުވައިދެ އެވެ. އޭގެ ތެރޭގައި ތައުލީމަކީ ވަކި ފިކުރެއް އުފެއްދުމަށް ބޭނުންކުރާ ވަސީލަތަކަށް ވުމާއި، މުޖުތަމައުގެ ހަމަޖެހުމަށްޓަކައި އެންމެންގެ ހަރަކާތްތަކަށް ފާރަލައި ބަލަންޖެހުމާއި، އަދި ހަމަހަމަކަން ގާއިމުކުރުމަށްޓަކައި އަމިއްލަ ދިރިއުޅުމުގެ ސިއްރުތަކާއި މިނިވަންކަން ނައްތާލަން ޖެހުން ފަދަ ކަންކަން ހިމެނެ އެވެ. ހަގީގަތުގައި މިކަންކަމުން އެ ބުނެދެނީ މުޖުތަމައު ފުރިހަމަކުރަން އުޅުމުގެ ތެރޭގައި، އެ ފުރިހަމަކަން އަނިޔާވެރި ބާރުވެރިކަމަކަށް ބަދަލުވެގެންދާ ގޮތެވެ.

ތާރީހީ ގޮތުން ބަލާއިރު މި ފޮތުން ދައްކުވައިދެނީ އެ ޒަމާނުގައި އޮތް ފިތުނަވެރިކަމާއި، ދީނީ ހިލާފުތަކާއި، ނުތަނަވަސްކަމާ މެދު އުފެދުނު ކަންބޮޑުވުންތަކެވެ. އަދި އަމިއްލަ ދިރިއުޅުމުގެ މައްޗަށް ދައުލަތުން ބާރުފޯރުވުމާ މެދު ފަހުން އުފެދުނު ބަހުސްތަކަށް ވެސް މި ފޮތުން ބާރު ލިބެ އެވެ. މިއަދުގެ 'ޑިސްޓޯޕިއާ' ނުވަތަ ބިރުވެރި މުޖުތަމައުތަކުގެ ސިފަތައް ކަމަށްވާ، ވަކި ގޮތަކަށް ބައްޓަންކުރެވިފައިވާ އާބާދީތަކާއި، ވަކި ފިކުރެއް އުނގަންނައިދޭ ތައުލީމީ ނިޒާމުތަކުގެ އަސްލު ގުޅިފައިވަނީ ކަމްޕަނޭލާގެ މި ތަސައްވުރާ އެވެ.

މި ފޮތް މިއަދާ ހަމައަށް ވެސް މުހިންމުވާ އެއް ސަބަބަކީ އެފޮތުގައި މުސައްނިފުގެ ހިޔާލު ހުށަހެޅުމުގައި ގެންގުޅެފައިވާ ތެދުވެރިކަމެވެ. މިނިވަންކަމާއި މުޖުތަމައުގެ ފުރިހަމަ ތަރުތީބަކީ އެކުއެކީގައި ކުރިއަށް ގެންދެވޭނެ ދެ ކަމެއް ކަމަށް ކަމްޕަނޭލާ ދައުވާއެއް ނުކުރެ އެވެ. އޭގެ ބަދަލުގައި، މުޖުތަމައުގެ ހަމަޖެހުމަށްޓަކައި އަމިއްލަ ފަރުދުންގެ އަމިއްލަވަންތަކަމުން ގުރުބާން ކުރަންޖެހެނީ ކިހާ މިންވަރަކަށްތޯ އޭނާ ކިޔުންތެރިންނަށް ސުވާލު އުފައްދަ އެވެ.

މި ފޮތަކީ ހުވަފެނީ ތަސައްވުރެއްގެ އިތުރުން ދެވޭ އިންޒާރެއް ވެސް މެއެވެ. މުޖުތަމައު އެންމެ ފުރިހަމައަށް ތަރުތީބުކުރަން އުޅުމަކީ އިންސާނާގެ މިނިވަންކަން ގެއްލި، ހުރިހާ ކަމެއްގެ މައްޗަށް ބާރުވެރިކަން އިސްވާ މުޖުތަމައަކަށް މަގުފަހިވެދާނެ ކަމެއްކަން މި ފޮތުން އަބަދުވެސް ހަނދާންކޮށްދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީބިޓީ: ކަނޑު ކޮމިޝަނަކީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެއް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި "ކަނޑު ކޮމިޝަނަކީ" ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ރަސްމާލެ މަޝްރޫއުގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކޮށް، ބަޖެޓުން ބޮޑެތި އިސްރާފުތަކެއް ހިނގާނެ، ނަތީޖާއެއް ނުނެރެވޭނެ ސިޔާސީ އުކުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރަސްމާލެ މަޝްރޫއު: ބިމުގެ އަގާ ގުޅޭ ބަހުސް

ރަސްމާލެ މަޝްރޫއަށް ހިއްކާފައިވާ ބިމުގެ އަގު ކަނޑައެޅުމުގައި، ހަމައެކަނި ހިއްކުމަށް ހިނގި ހަރަދަށް ބެލުމުގެ ބަދަލުގައި މުސްތަގުބަލުގައި އެ ބިމުން ލިބޭނެ އިގުތިސާދީ މަންފާއާއި ބާޒާރުގެ އަގަށް ރިއާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން، މި މަޝްރޫއަށް ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި މާލީ އިލްތިޒާމްތަކަށް ޒިންމާވާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox