ފޮތެއްގެ ތައާރަފު 1؛ އަފުލާތޫންގެ 'ޖުމްހޫރިއްޔާ'

ފޮތެއްގެ ތައާރަފު 1؛ އަފުލާތޫންގެ 'ޖުމްހޫރިއްޔާ'

މީލާދުގެ ހަތަރު ގަރުނު ކުރިން ޔޫނާނުގެ ސިޔާސީ މަސްރަހަށް އައި ބޮޑެތި ބަދަލުތަކާއެކު އިލްމީ ގޮތުން އައު ވިސްނުންތަކެއް އުފަންވެ، އިލްމީ ދާއިރާގެ އައު އަސްރެއް ފެށުނެވެ. ޕްލޭޓޯއަކީ މި ދުވަސްވަރު ޔޫނާނުގައި އުފެދުނު ފަލްސަފާވެރިއެކެވެ. އޭނާއަކީ ހުޅަނގުގެ ފަލްސަފާގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއްގެ އިތުރުން، ސިޔާސީ ކަންކަމަކީ ހަމައެކަނި އަމަލީ ގޮތުން ކުރާ ކަމެއްގެ ބަދަލުގައި، އެއީ ނިޒާމީ ގޮތެއްގައި ދިރާސާކުރެވިދާނެ އިލްމީ މައުލޫއެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ހުށަހަޅައިދެއްވި މުފައްކިރެވެ. އަޅުގަނޑުމެން ދިވެހިން އޭނާއަށް ކިޔައި އުޅުނު ނަމަކީ އަފުލަތޫން އެވެ.

އަފުލާތޫނުގެ ފިކުރުތަކަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވީ އޭނާގެ އުސްތާޒު ސޮކްރެޓީސް އެވެ. ސޮކްރެޓީސްގެ ދުނިޔޭގައި އޭނާއަކީ ނުފޫޒު ގަދަ ފަލްސަފާ ވެރިއެކެވެ. ވެރިކަމުގެ ނިޒާމެއް އޮންނާންވީ ގޮތާއި ދުނިޔޭގެ އިންތިޒާމުތައް ރަނގަޅުކުރުމުގެ މައްޗަށް ފިކުރުކުރާ ފަލްސަފާވެރިއެއްގެ ހައިސިއްޔަތުން އޭނާގެ ވިސްނުންތައް ފާޅުކުރަމުން ގެންދިޔަ އެވެ. ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ ޒުވާނުން ދިޔައީ އޭނާގެ ތަގުރީރުތައް އަޑުއަހަމުންނެވެ. އޭގެ ތެރޭގައި ޕްލޭޓޯ ވެސް ހިމެނުނެވެ.

މީލާދުގެ 399 ވަނަ އަހަރު އެތެންސްގެ ރައްޔިތުންގެ މައްޗަށް އެކުލެވޭ ޖޫރީއަކުން ސޮކްރެޓީސް މެރުމަށް ހުކުމް ކުރި ކުރުމަކީ ޕްލޭޓޯގެ ވިސްނުމަށް ދާއިމީ އަސަރުތަކެއް ކުރި ހާދިސާއެކެވެ. ސޮކްރެޓީސް މެރުމަށް ހުކުމްކުރެވުނީ ޔޫނާނުގެ ކަލާނގެތަކަށް އުރެދުމާއި، ދީނީ ގަބޫލުކުރުންތަކާ ހިލާފު ފަލްސަފާތައް ކުރިއަރުވަން މަސައްކަތްކުރާ ކަމުގެ ކުށުގަ އެވެ. ޖޫރީންގެ މި ނިންމުމުގެ ސަބަބުން އިޖުތިމާއީ އަދާލަތު ތަރުތީބުވެފައިވާ ގޮތާމެދު ޕްލޭޓޯ ވިސްނަން ފެށި އެވެ.

މި ފިކުރުތަކުގެ ތެރެއިން އޭނާއަށް ވިސްނުނީ އާންމު ރައްޔިތުންގެ ރައުޔާއި، މީހުންގެ ހިތްތަކާ ކުޅެލައިގެން އުފައްދާ ހިޔާލުތަކަކީ އަދުލުވެރިކަން ގާއިމުކުރުމުގައި އިތުބާރު ހިފޭނެ މަގުތަކެއް ނޫންކަމަށެވެ. މިކަންކަން ބަދަލުކުރުމަށްޓަކައި ސިޔާސީ މައިދާނަށް ސީދާ ގޮތުން ނުކުމެވަޑައިގަތުމުގެ ބަދަލުގައި، އޭނާ އިހުތިޔާރު ކުރެއްވީ ފަލްސަފާގެ ރޮނގެވެ. އޭނާ ވަނީ ނިޒާމީ ގޮތެއްގައި އިލްމީ ހޯދުންތައް ހޯދުމަށް ހާއްސަކޮށްގެން އުފެއްދި އެންމެ ފުރަތަމަ މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ "އެކަޑަމީ" ބިނާކުރައްވާފަ އެވެ. ފަހުން އުފެދުނު މަޝްހޫރު ފަލްސަފާވެރިންގެ ތެރޭގައި ހިމެނޭ އެރިސްޓޯޓަލް އަކީ އެ އެކަޑަމީގެ އުފެއްދުމެކެވެ. ޕްލޭޓޯ ދެކުނު ގޮތުގައި އެއްވެސް މުޖުތަމައުއަކަށް ހަމަޖެހުން އަންނާނީ އެތަނެއް ހިންގުމަށް އިސް މީހުންގެ ގޮތުގައި އިލްމުވެރި މީހުން އައްޔަނުކުރެވިގެންނެވެ.

"ދަ ރިޕަބްލިކް" ނުވަތަ 'ޖުމްހޫރިއްޔާ' މި ފޮތަކީ އަކީ ޕްލޭޓޯގެ އެންމެ ނުފޫޒުގަދަ މަސައްކަތެވެ. މި ފޮތުގައި އަހުލާގިއްޔާތާއި، ނަފްސާނީ އިލްމާއި، ތައުލީމާއި، ސިޔާސަތުގެ އުސޫލުތައް އެއް ތަސައްވުރެއްގެ ތެރެއިން ގެނެސް ދެއްވާފައި ވެ އެވެ. ފުރިހަމަ މުޖުތަމައުތަކާއި، އަދުލުވެރި ވެރިކަމާއި، އަދި ޑިމޮކްރަސީގެ ހަމަތަކާ ބެހޭގޮތުން މިހާރު މި ފެންނަ ފޮތްތަކުގައި ދެކެވިފައިވާ ގާތްގަނޑަކަށް ހުރިހައި އިލްމީ ބަހުސްތަކެއްގެ އަސްލު ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ގުޅިފައިވަނީ ޕްލޭޓޯގެ މި ފިކުރުތަކާ އެވެ.

"ދަ ރިޕަބްލިކް" މި ފޮތަކީ މިޒަމާނުގެ ފޯމެޓަށް ލިޔެފައިވާ ވާހަކައެއް ނޫނެވެ. އޭގެ ބަދަލުގައި، މި ފޮތް އެކުލެވިގެންވަނީ ބަހުސެއް ނުވަތަ ހިޔާލު ބަދަލުކުރުމެއްގެ މައްޗަށެވެ. މި ފޮތުގެ މައިގަނޑު ޝަހުސިއްޔަތަށް ޕްލޭޓޯ ދިން ނަމަކީ ސޮކްރޭޓީސް އެވެ. މި ލިޔުމުގެ ފަހުން ސޮކްރެޓީސްގެ ކެރެކްޓަރ އަކީ ޕްލޭޓޯގެ ފަލްސަފާތައް ފެތުރުމަށް ބޭނުންކުރި 'މައުތުޕީސް' ކަމަށް ވެގެން ދިޔަ އެވެ. މުޅި ފޮތުގައި ގެނެސް ދީފައިވަނީ ސޮކްރެޓީސް އެތެންސްގެ އެކި މީހުންނާ ކުރާ މަޝްވަރާތަކެވެ. ހުރިހައި މަޝްވަރާތަކެއްގެ ބިނާއަކީ އިންސާފަކީ ކޮބައިކަން ދެނެގަތުމެވެ. އިންސާފުގެ މާނައަކީ ކޮބައިކަން ދެނެގަތުމަށް ފެށި މި މަޝްވަރާ، މަޑުމަޑުން އިންސާފުވެރި މުޖުތަމައުއެއްގެ ތަސައްވުރަށް ފުޅާވެ، އެ މުޖުތަމައު ބިނާކުރާނެ ގޮތުގެ މައްޗަށް ބަދަލުވެގެން ދެ އެވެ.

އިންސާފަކީ ކޮބައިކަން ސާފުކޮށް ދެނެގަތުމަށްޓަކައި، އެއީ ކޮބައިކަން ބެލޭނޭ މިންގަނޑުތަކެއް އެކަށައެޅުމަށް ސޮކްރޭޓީސް ލަފާ ދެ އެވެ. އެގޮތުން އެ ވާހަކައިގެ ތެރެއިން ހިޔާލީ ރަށެއް ނުވަތަ ސިޓީއެއް ބިނާކުރެ އެވެ. މި ރަށަކީ ކޮންމެ މީހެއްގެ ވެސް އިންސާފުގެ ތަސައްވުރެވެ.

މި ރަށް ބިނާވަމުންދާއިރު، އެއީ ނިޒާމީ ގޮތުން ވަރަށް ބޮޑަށް އިންތިޒާމުވެފައިވާ ތަނަކަށް ވެގެން ދެ އެވެ. އެ ރަށުގައި ދިރިއުޅޭ ހުރިހައި ރައްޔިތުންގެ ދައުރު ކަނޑައެޅި، ރައްޔިތުން ގިންތި ކުރެވިފައި އޮތުމަކީ ރަށުގެ ހަމަޖެހުމާއި އިންސާފުގެ މައި ތަނބެވެ. އެރަށުގައި ރައްޔިތުން ބެހެނީ ތިން ގިންތިއަކަށެވެ. އެއީ މުޅި ރަށަށް ބޭނުންވާނޭ އަސާސީ ތަކެތި އުފައްދާ މަސައްކަތްތެރިންނާއި، ރަށް ދިފާއުކުރާ ސިފައިންނާއި، އަދި ރަށް ބަލަހައްޓާ ވެރިންނެވެ. މި ހިޔާލީ މުޖުތަމައުގައި އިންސާފު ގާއިމު ވަނީ، ކޮންމެ ބަޔަކުވެސް އެ ބައެއްގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށް، އެހެން ބައެއްގެ މަސައްކަތުގެ ތެރެއަށް އަތްނުބާނާ ހިނދެއްގަ އެވެ.

މަޝްވަރާ ކުރިއަށްދާވަރަކަށް، ޕްލޭޓޯގެ އެންމެ މަޝްހޫރު ބައެއް ފަލްސަފާތައް އޭނާގެ 'މައުތު ޕީސް' މެދުވެރިކޮށް މިފޮތުގައި ހުށަހަޅަ އެވެ. މި ރަށުގެ ވެރިންގެ ގިންތީގައި ހިމެނޭނީ ކުޑައިރުއްސުރެ ހަގީގަތާއި ބުއްދީގެ ބޭނުންކުރުމަށް ތަރުބިއްޔަތު ދީފައިވާ ފަލްސަފާވެރިންނެވެ. ތައުލީމީ ނިޒާމު އޮންނަނީ ވަރަށް ހަރުކަށިކޮށް ބެލެހެއްޓިފަ އެވެ. އަދި އަހުލާގީ މިންގަނޑުތަކަށް އުނިކަން އަންނަ ފަދަ ކުރެހުންތަކާއި ޅެންވެރިކަން އޮންނަނީ މަނާކުރެވިފަ އެވެ. ވެރިކަންކުރާ ފަންތީގެ މީހުން ދިރިއުޅެނީ އެންމެން އެކުގަ އެވެ. އެމީހުންގެ އަމިއްލަ މިލްކިއްޔާތެއް ނުވަތަ އާންމު އާއިލީ އޮނިގަނޑެއް ނޯވެ އެވެ. މިގޮތަށް ކަންކަން ހަމަޖައްސާފައިވަނީ ކޮރަޕްޝަނާއި އަމިއްލަ އެދުން އިސްކުރުމުގެ ސަބަބުން ސިޔާސީ ނިންމުންތަކަށް އެއްވެސް ނުފޫޒެއް ފޯރުވިޔަ ނުދިނުމަށެވެ.

މުޅި ބަހުސްގައި ޕްލޭޓޯ އޭނާގެ ވާހަކަތައް ވަރުގަދަކުރުމަށްޓަކައި ތަފާތު މިސާލުތައް ބޭނުންކުރެ އެވެ. އެންމެ މަޝްހޫރު އެއް މިސާލަކީ މުޖުތަމައަކީ ކަނޑުމަތީގައި ދަތުރުކުރާ އުޅަނދަކާ އެއްފަދަ ކުރާ މިސާލެވެ. މި އުޅަނދުގެ ކެޕްޓަނަކީ ޖިސްމާނީ ގޮތުން ބާރުގަދަ، އަދި ފަޅުވެރިންގެ މެދުގައި ނުފޫޒު ގަދަ މީހެކެވެ. ނަމަވެސް، އޭނާގެ ކިބައިގައި އުޅަނދު ދުއްވުމާއި ދަތުރުފަތުރުކުރުމުގެ އެއްވެސް އިލްމެއް ނެތެވެ.

އުޅަނދުގެ ހުންގާނު ހިފުމުގެ ބާރު ހޯދުމަށްޓަކައި، އެ އުޅަނދުގެ ފަޅުވެރިންގެ މެދުގައި އަބަދުވެސް އޮންނަނީ ކޯޅުމާއި ހަމަނުޖެހުމެވެ. އޭގެ ތެރެއިން އެއްވެސް މީހަކަށް އުޅަނދު ދުއްވާނެ ގޮތުގެ ތަމްރީނެއް ލިބިފައި ނެތެވެ. އެހެންނަމަވެސް ކޮންމެ ފަޅުވެރިއަކުވެސް ދައުވާ ކުރަނީ އުޅަނދު ދުއްވުމަށް ހުންގާނުގައި ހިފުމުގެ ހައްގު އޮތީ އޭނާއަށް ކަމަށެވެ. އުޅަނދުގެ ފަޅުވެރިންގެ ތެރެއިން އެއްބަޔަކު ކެޕްޓަނަށް ސަނާ ކިޔައި، އޭނާގެ ރުހުން ހޯދުމަށް މަސައްކަތް ކުރެ އެވެ. އަދި އެކަކު އަނެކަކަށް އޮޅުވާލައި، ވާދަވެރިންގެ އަޑު ކަނޑުވާލުމަށް އެކި އުކުޅުތައް ބޭނުން ކުރެ އެވެ. އެންމެ ފަހުން އުޅަނދުގެ ހުންގާނާ ހަވާލުވަނީ، އެންމެ މޮޅަށް ވާހަކަދައްކައިގެން މީހުންގެ ހިތްތައް ލަންބުވާލެވޭ މީހާ އެވެ. އެންމެ ގިނަ މީހުންގެ ރުހުން ލިބުނީ އޭނާ އަށެވެ.

މި އުޅަނދުގައި އުޅޭ މީހުންގެ ތެރޭގައި، ދަތުރުފަތުރުގެ ހަގީގީ އިލްމު ލިބިފައިވާ އެކަކު ހުރެ އެވެ. އޭނާއަކީ ތަރިތަކަށް ބަލައިގެން ދިމާ ހޯދުމާއި، ވައިގެ މިސްރާބު ދެނެގަނެ، އުޅަނދު އަމާން އައްސޭރިއަކަށް ގެންދާނެ ގޮތް ދަންނަ މީހެކެވެ. އެހެންނަމަވެސް، މި ބުނި އިލްމުވެރި މީހާއާ މެދު އެންމެން އިހުމާލުވެ، އޭނާއަށް މަލާމާތްކޮށް، އޭނާއަކީ އަމަލީ ގޮތުން ބޭކާރު މީހެއްގެ ގޮތުގައި ދެކެ އެވެ. އެއީ، މަޝްހޫރުކަން ހޯދުމަށްޓަކައި މީހުންނަށް ސަނާ ކިޔުމަށާއި، ވާދަވެރިކަމުގެ ތެރެއަށް ވަނުމަށް އޭނާ އިންކާރު ކުރާތީ އެވެ. އޭނާއަކީ އޭނާގެ ގާބިލުކަން ސާބިތުކޮށްދިނުމަށް ދުނިޔެވީ ހީލަތުގެ އުކުޅުތައް ބޭނުންކުރަން ދަންނަ މީހެއް ނޫނެވެ. އެކަމަށް ރުހޭ މީހެއް ވެސް ނޫނެވެ.

ޕްލޭޓޯގެ މި މިސާލަކީ ހަގީގަތުގައި ވަރަށް ފުން މާނައެއް އެކުލެވޭ ތަސައްވުރެކެވެ. މި މިސާލުގައި އެ ބުނާ ނަވަކީ ދައުލަތެވެ. ފަޅުވެރިންނަކީ ސިޔާސީވެރިންނެވެ. ނަވުގައި ތިބި އެހެނިހެން މީހުންނަކީ އާންމު ރައްޔިތުންނެވެ. އަދި ނަވުގައި ހުރި ހަގީގީ މާލިމީއަކީ ފަލްސަފާވެރިޔާ އެވެ.

މި ތަސައްވުރުގެ ޒަރީއާއިން ޕްލޭޓޯ ބަޔާންކުރައްވަނީ، ސިޔާސަތަކީ އިލްމާއި ހިކުމަތުގެ ބަދަލުގައި ހަމައެކަނި މީހުން ރުއްސުމުގެ މުބާރާތަކަށް ވެއްޖެނަމަ، އެއީ ނުރައްކާތެރި ކަމެއް ކަމަށެވެ. ގިނަ މީހުންގެ ތާއީދު ލިބިގެން ނިންމުމެއް ނިންމާފައި އޮތުމަކީ އެ ނިންމުމުގެ ރަނގަޅުކަން ދައްކުވައިދޭ ހުއްޖަތެއް ނޫންކަމަށް ޕްލޭޓޯ ދެކެ އެވެ. އަފްލާތޫނު ދެކުނީ ވެރިކަން ހިންގުމަކީ ނައު ދުއްވުމާއި އެއްފަދައިން ނުހަނު ބޮޑު އިލްމަކާއި ފަންނެއް ބޭނުންވާ ކަމެއް ކަމުގަ އެވެ. އަދި އެ ޒިންމާ ހަވާލުކުރުމުގައި އެކަމަށް އެންމެ ގާބިލުމީހާ ވަޒަންކުރުމުގައި ރައްޔިތުން އަބަދުވެސް ގޯސް ހަދާކަން އެއީ އޭނާ ސާބިކޮށްދޭން ބޭނުންވި ނުކުތާ އެވެ.

މި ވާހަކައިން ސާފުވެގެންދަނީ، ޑިމޮކްރަސީގެ ތެރެއަށް މަކަރުވެރި ސިޔާސީވެރިން ވެރިވެގަތުމުގެ ފުރުސަތު އޮތްކަމަށް އަފްލާތޫނު ގަބޫލުކުރެއްވި ސަބަބެވެ. ވެރިކަން ހިންގަން ދަންނަ ގާބިލު މީހުން އެއްފަރާތްކުރެވޭ ހިނދު، ދައުލަތަކީ މިނިވަން ތަނެއްގެ ގޮތުގައި ބޭރުފުށުން ފެނުނު ކަމުގައިވިޔަސް، ހަގީގަތުގައި އެ ދައުލަތް ދާނީ އެއްވެސް މިސްރާބެއް ނެތި އޮޔާ ބެހެމުންނެވެ.

"ދަ ރިޕަބްލިކް" މި ފޮތަކީ މުޅި މުޖުތަމައުއެއްގެ ސިފަތައް ކުރަހައިދީ، ސިޔާސީ ފިކުރުތައް ދިރާސާކުރުމުގެ ސަގާފަތް ބިނާކޮށްދިން މުހިންމު މަސައްކަތެކެވެ. ޕްލޭޓޯ ހަމައެކަނި ގާނޫނުތަކާމެދު ނުވަތަ ވެރިންނާމެދު ބަހުސްކުރެއްވީ އެއް ނޫނެވެ. އޭގެ ބަދަލުގައި، އޭނާ ދުނިޔެއެއް ތަސައްވުރުކޮށް، އެފަދަ ނިޒާމަކުން ނުކުމެދާނެ ނަތީޖާތަކާ މެދު ފުންކޮށް ވިސްނުމަށް ކިޔުންތެރިންނަށް މަޖުބޫރުކުރުވި އެވެ. މިއީ އޭގެ ފަހުން އުފެދުނު "ޔޫޓޯޕިއަން" އަދި "ޑިސްޓޯޕިއަން" އަދަބިއްޔާތުގެ ބިންގަލަށް ވެގެންދިޔަ އެވެ.

ތާރީހީ ގޮތުން ބަލާއިރު، މި ފޮތުގެ މުހިންމުކަން ބޮޑުވީ އެ ދުވަސްވަރު އެތެންސްގައި އޮތް ޑިމޮކްރަސީގެ އަސާސްތަކަށް މި ފޮތުން ގޮންޖަހާފައިވާތީ އެވެ. ހަމައެކަނި ސިޔާސީ ކަންކަމުގައި ބައިވެރިވުމުން އަދުލުވެރިކަން ގާއިމުކުރެވިދާނެތޯ، ނުވަތަ އަދަދުތަކާއި ދައްކާ ވާހަކައިގެ ކުޅަދާނަކަމަށްވުރެ ބޮޑަށް، ބުއްދިވެރިކަމާއި ތައުލީމު މުހިންމު ނޫންތޯ ޕްލޭޓޯ ސުވާލު އުފެއްދެވި އެވެ. މި ސުވާލުތަކަކީ އޭރުގެ މުޖުތަމައު ސިއްސުވާލައި، އެރިސްޓޮޓަލް ފަދަ، ޕްލޭޓޯގެ ފަހުގެ ފިކުރުވެރިންގެ މަސައްކަތްތަކަށް މަގުދެއްކި ކަންކަމެވެ.

މި ފޮތަކީ ސިޔާސީ އިލްމުގައި މިއަދުވެސް ނުފޫޒު ގަދަ ފޮތެކެވެ. "ދަ ރިޕަބްލިކް" ގައި ފުރަތަމަ ފަހަރަށް ފާހަގަކުރި ކަންކަން ކަމުގައިވާ، މާހިރުންގެ ވެރިކަމާއި، ސިޔާސީ ދާއިރާގައި ތައުލީމުގެ ދައުރާއި، އަދި ނިޒާމީ ތަރުތީބާއި މިނިވަންކަމާ ދެމެދު އޮންނަ ކުލަވަރުތަކަކީ، މިއަދުގެ ސިޔާސީ ބަހުސްތަކުން ވެސް ފެންނަން ހުރި ކަންކަމެވެ. ވިހިވަނަ ގަރުނުގައި ލިޔެވުނު ގިނަ "ޑިސްޓޯޕިއަން" ވާހަކަތަކަކީ ޕްލޭޓޯގެ ތަސައްވުރުގައިވާ "ފުރިހަމަ ސިޓީ" އިން ކުރިމަތިވެދާނެ ނުރައްކާތަކަށް ދީފައިވާ ރައްދުތަކެއްގެ ގޮތުގައި ބެލެވިދާނެ އެވެ.

"ދަ ރިޕަބްލިކް" އަކީ މިއަދުވެސް މުހިންމު ފޮތަކަށް ވަނީ އެފޮތުގައި ހުށަހަޅާފައިވާ ފަލްސަފާތަކަށް އެންމެން އެއްބަސްވާތީއެއް ނޫނެވެ. އޭގެ ބަދަލުގައި، އެފޮތުގައި އުފައްދާފައިވާ ސުވާލުތަކާ މެދު ވިސްނާލަން މަޖުބޫރުވާތީ އެވެ. ޑިމޮކްރަސީގެ އަސާސްތަކާއި ގިނަ މީހުން ނިންމާ ގޮތަށް ތަބާވުމުގައި ހުރި ހަގީގީ ގޮންޖެހުންތަކާމެދު މިފޮތުގައި ވާހަކަ ދައްކަ އެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކީ ހަގީގަތުގެ ބަދަލުގައި ވަގުތީ އަރާމާއި އުފަލަށް އިސްކަން ދީފާނެ ބައެކެވެ. އިލްމުގެ ބަދަލުގައި ދައްކާ ވާހަކައަށް އިސްކަން ދީފާނެ އެވެ. އަދި އިންސާފުގެ ބަދަލުގައި ހަމަޖެހުމަށް އިސްކަންދީފާނެ އެވެ. މި ފޮތުގެ ހުށަހެޅުންތަކުން މިފަދަ އުނދަގޫ ހަގީގަތްތަކާ ކުރިމަތިލާން ޕްލޭޓޯ ކިޔުންތެރިންނަށް މަޖުބޫރުކުރުވަ އެވެ. މި ފޮތަކީ ސިޔާސީ ފިކުރާއި ތަސައްވުރު ބައްޓަންކުރުމުގައި، މިހައި ދިގު މުއްދަތަކަށް، މިވަރުގެ ނުފޫޒެއް ފޯރުވާފައިވާ މަދު ފޮތްތަކުގެ ތެރެއިން ފޮތެކެވެ.

ފަހުގެ ޚަބަރު

ޒުވާނުންނާއި ޒަމާނީ މަސައްކަތުގެ މާހައުލު

ދިވެހި ޒުވާނުން މަސައްކަތްތަކާ ދުރުވަނީ ކަންނެތްކަމުން ކަމަށް ބުނާ ބުނުމަކީ ހަގީގީ ދިރާސާއެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއް ނޫނެވެ. ޒުވާނުން ވަޒީފާއަށް ނުކުތުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދިރިއުޅުމުގެ ހަރަދުތަކާ ނުބައްދަލު ދަށް އުޖޫރައާއި، މަސައްކަތުގެ މާހައުލުގައި ހައްގުވާ ރައްކާތެރިކަމާއި އިނާޔަތްތައް ނެތުމެވެ. އެހެންކަމުން، ވަޒީފާގެ ބާޒާރުން ދިވެހިން އެކަހެރިވާ ސަބަބުތައް ދެނެގަތުމަށް އިލްމީ ދިރާސާތަކެއް ކުރުން މުހިންމެވެ.

އެގާރަސަތޭކަ ނަވާރަ މީހުންގެ އެއްބަސްވުމާ ދެކޮޅު، 1120 ވަނަ މީހާ

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ރައީސް ޑރ. މުއިއްޒު ކަނޑައެޅުމަށް، އެ ޕާޓީގެ ކޮންގްރެސްގެ 1،119 މަންދޫބުން އިއްތިފާގުން ވަނީ ނިންމާފައެވެ. އެއްވެސް މީހެއްގެ އިއުތިރާޒެއް ނެތި މި ނިންމުން ނިންމި ނަމަވެސް، މިއީ ސިޔާސީ ގޮތުން ފުންކޮށް ވިސްނާލަންޖެހޭ ފަދަ ތަފާތު ނަތީޖާއެކެވެ.

އަހަރެމެން ދިވެހިންނާ ހެދި ކިހާ ބަޔަކު އިސްލާމްވެދާނެބާ؟

މުސްލިމުން އިސްލާމްދީން އުގެނި ދަސްކުރީ މާތް ނަބިއްޔާ މުހައްމަދުގެފާނުގެ އަރިހުންނެވެ. މުސްލިމުން އިތުރު އެކަލޭގެފާނުގެ އަރިހުން ދަސްކުރި އަމަލީ އިސްލާމްދީން އިސްލާމީ އުންމަތް އޭގެ ކުރިބޯއްޓަށް އަރާފައި ދުޝްމަނުންގެ އަތުން ބަލިވެ ބަގުދާދު ފުނޑި ސުންނާފަތިވީއިރުވެސް މުސްލިމުންގެ މެދުގައި ދިރިދިރި އޮތެވެ. މީގެ އެތައް މިސާލެއް ތާރީހުން ފެނެ އެވެ.

ގައުމީ އިގުތިސާދު ނާޒުކު ފައްތަރެއްގައި!

ރާއްޖޭގެ އިގުތިސާދީ ހާލަތު ނާޒުކުވެ، ޑޮލަރު ލިބުމުގެ ދަތިކަމާއި ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ އެތެރެކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ކުދި ވިޔަފާރިތައް ހުއްޓުމުގެ ބިރު ހީވެ، ބާޒާރުގައި ތަކެތީގެ އަގު އުފުލި އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.

އާގުބޯޓު ފަހަރު ބަނދަރުކުރާ ސަރަހައްދު ގައުމީ ސަލާމަތަށް ނުރައްކާ

މާލޭގެ 'ސޭފް އެންކަރޭޖް' ސަރަހައްދުގައި ބޮޑެތި އުޅަނދުފަހަރު އެޅުމަކީ ބްރިޖާއި އެއާޕޯޓް ފަދަ މުހިންމު އުމްރާނީ ވަސީލަތްތަކަށާއި ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން އުޅަނދުތައް ކަހައިގެން ގޮސް ހިނގާ ހާދިސާތައް އިތުރުވަމުންދާތީ، މި ސަރަހައްދު ބޭނުންކުރުމުގެ އުސޫލުތައް އަލުން މުރާޖައާކޮށް ރައްކާތެރިކަން ކަށަވަރުކުރަން ޖެހެއެވެ.

ޕީއެންސީގެ "އެލީޓުން" ރައީސަށް މިދެއްވާ މެސެޖަކީ ކޮބާ؟

ޕީއެންސީގެ އެތެރޭގެ އިންތިޚާބުތަކަކީ އެމްޑީޕީއާ ޚިލާފަށް ކޮންގްރެސްގެ ތެރެއިން ސިއްރު ވޯޓަކުން މަގާމުތައް ކަނޑައަޅާ އިންތިޚާބުތަކެކެވެ. ނަމަވެސް، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ޕާޓީގެ ރައީސްކަން އެމަނިކުފާނަށް ލިބިވަޑައިގަތުމާއެކު، ޕާޓީގެ އެތެރޭގެ މަސްލަހަތަށާއި އިންތިޚާބީ ނިޒާމަށް ބަދަލުތަކެއް އަންނަމުންދާކަން މި ލިޔުމުން ފާހަގަކުރެއެވެ.

ދަރިވަރުންނަށް ރާއްޖެ އިސްލާމް ވީދުވަސް ބުނެދިނުން

ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ ތާރީޚާއި އެކަމާ ގުޅޭ މުހިންމު ހާދިސާތައް ދަރިވަރުންނަށް އޮޅުންފިލުވައިދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މިގޮތުން އިސްލާމްދީނުގެ މާތްކަމާއި، އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ މަސައްކަތްޕުޅުން ރަންނަމާރީގެ ބިރުވެރިކަމުން ދިވެހިން ސަލާމަތްވި ގޮތުގެ މައުލޫމާތު ކުދިންގެ އުމުރާ ގުޅޭގޮތަށް ބުނެދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox