'ހިމާޔަތްކުރަން' ކުރާ މަސައްކަތުގެ ސަބަބުން ހީނަރުވަމުންދާ ދިވެހި ބަސް!

މިއީ ދިވެހި ޗެޓްޖީޕީޓީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކުރެހުމެއް

މިއީ ދިވެހި ޗެޓްޖީޕީޓީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކުރެހުމެއް

ދިވެހިންގެ ހަތަރުލައްކަ ހަމަނުވާ ކުޑަކުޑަ އާބާދީ ދިރިއުޅޭ ޖަޒީރާތަކުގައި އެބައިމީހުން މޮށެއުޅެން ވަކި ބަހެއް އޮންނަކަމާއި، އެބަހަށް ހާއްސަ އަކުރުތަކެއް ވެސް ހުންނަކަމާމެދު އަޖައިބުވެ އެތައް ފަރަންޖީއަކު އެ ވާހަކަ ދައްކަ އެވެ. މޮށެއުޅެން ބަހެއް ލިބި އޮތުމަކީ އޭގެ ޒާތުގައި ހާއްސަ ކަމަކަށް ވަނީ އެއީ ތިމާގެ ޝަހުސިއްޔަތުގެ ބަޔަކަށް ވާތީ އެވެ. މިނިވަންކަން ލިބިއޮތް ގައުމެއްގައި ދިރިއުޅުމާއި، އެ ގައުމަށް ނިސްބަތްވާ އަމިއްލަ ބަހެއް އޮތުމާއި، އަމިއްލަ އަކުރުތަކެއް ލިބިވުމަކީ ކުޑަ ފަހުރެއް ނޫންކަން އިހުސާސުނުވާ، ނުވަތަ އެކަމާ ދެބަސް ވާނޭ މީހުން ކޮންމެ މުޖުތަމައުއެއްގައި ވެސް އުޅޭނެ އެވެ. އެއީ ދުނިޔެ ނިމިދާންދެން ވެސް އެކަން އޮންނާނޭ ގޮތެވެ.

ދިވެހިބަސް ހީނަރުވަމުންދާ ވާހަކަ ދެކެވޭތާ ކިތަންމެ ޒަމާނެކެވެ. އަދިވެސް ދަނީ ހީނަރުވަމުންނެވެ. ދިވެހި އަދަބިއްޔާތުގެ ހިނގައިގަނެވުނު ދައުރުގެ ލިޔުންތެރިން ވެސް މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި ލިޔުއްވާފައި ވެ އެވެ. މިމަގުން ގޮސް ބަހެއް ނެތިގެން ދާނީ ލައްކަ ޒަމާނަކުންނެވެ.

އާންމު ގޮތެއްގައި ބަހެއް ނެތިގެންދަނީ ކުއްލިއަކަށް، އެއްފަހަރާއަކުން ނޫނެވެ. އެއީ ވަގުތާއެކު މަޑުމަޑުން ފަނޑުވަމުންގޮސް އާދެވޭ ނަތީޖާއެކެވެ. ބަހެއް ނެތި ދިޔުމުގެ ލިސާންތަކުގެ ތެރޭގައި އެ ބަހެއް އާންމު ތަންތަނުގައި ބޭނުންކުރުން ހުއްޓުމާއި ސްކޫލްތަކާއި، މަސައްކަތުގެ މާހައުލުތަކާއި، އަދި ރަސްމީ ލިޔެކިޔުންތަކުން އެ ބަހެއް ފޮހެވިގެން ދިޔުން ހިމެނެ އެވެ. އެންމެ ފަހުން، އެ ބަސް ދެމި އޮންނަނީ ހަމައެކަނި ދޮށީ އުމުރުގެ މީހުންގެ ހަނދާންތަކުގަ އެވެ. އަދި އެ ހަނދާންތައް ނެތިދިއުމާއެކު، އެ ބަސް މުޅިން ދުނިޔެއިން އުވިގެން ދެ އެވެ. ބަހެއް ނެތިގެންދާއިރު، އެ ބަހާ ގުޅިފައިވާ ދުނިޔެ ބަލާނެ ތަފާތު ތަސައްވުރެއް ނުވަތަ ހާއްސަ ވިސްނުމެއް ވެސް އެ ބަހާއެކު ގެއްލިގެން ދެ އެވެ.

ބަސްބަހާ ބެހޭ މާހިރުން އަންދާޒާކުރާ ގޮތުގައި، ދުނިޔޭގައި މިހާރު ބޭނުންކުރާ ގާތްގަނޑަކަށް ހަތްހާސް ބަހުގެ ތެރެއިން ދެބައިކުޅަ އެއްބައި ބަސް ވަނީ ނެތިދިއުމުގެ ބިރުވެރިކަމުގެ ތެރޭގަ އެވެ. ޔުނެސްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކޮންމެ ދެ ހަފުތާއަކުން އެއްފަހަރު ދުނިޔެއިން ބަހެއް ނެތިގެން ދެ އެވެ. މިކަން މިހެން ދިމާވާ ސަބަބުތަކާއި އެކަން ހިނގާ ގޮތް ދެނެގަތުމަކީ، އިތުރު ބަސްތައް ނެތިދިއުމުން ސަލާމަތްކުރުމަށް އެޅޭނެ އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ފިޔަވަޅެވެ.

ބަހެއް ނެތިގެން ދިއުމަށް ކުރިމަތިވަނީ މަދެކަބައިވަރެއް ނޫން ސަބަބުތަކެކެވެ. ސިޔާސީ ބާރުވެރިކަން ހޯދުމަށްޓަކައި އެތައް ބަހެއް ނައްތާލައިފި އެވެ. ދީނީ ނުފޫޒު ގަދަކުރުމުގެ މަސައްކަތުގެ ތެރެއިން ވެސް އެތައް ބަހެއް ގެއްލި ގޮސްފި އެވެ. މިގޮތަށް ހުރި ސަބަބުތަކުގެ ތެރެއިން، ބަސްބަހާ ބެހޭ ކަންކަން ދިރާސާކުރާ މީހުން އެއްބަސްވާ ބައެއް ކަންކަމަށް ބަލަމާ ހިނގާށެވެ.

ބަހެއް އުވިދިއުމަށް މެދުވެރިވާ އެންމެ އާންމު އެއް ސަބަބަކީ ދިގު މުއްދަތަކަށް ކުރިމަތިވާ ސިޔާސީ ފިއްތުންތަކެވެ. ބާރުގަދަ ބަހަކީ ވަޒީފާއާއި، ތައުލީމާއި އަދި ދައުލަތުގެ ނުފޫޒާ ގުޅިފައިވާ ބަހެއް ކަމުގައި ވާނަމަ، މަދު ބަޔަކު ވާހަކަދައްކާ ބަސްތަކަށްވުރެ އެ ބަހަކަށް އިސްކަންދިނުމަށް މީހުންނަށް މަޖުބޫރުވެ އެވެ. މީގެ ސަބަބުން އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުން ހޯދުމަށްޓަކައި އަމިއްލަ މައިބަސް ދޫކޮށްލުމުގެ ފުރުސަތު ބޮޑުވެ އެވެ.

މީގެ މިސާލުތައް އިސްތިއުމާރީ ތާރީހުން ފެންނަން އެބަހުއްޓެވެ. އެމެރިކާ، އޮސްޓްރޭލިއާ އަދި އެފްރިކާގެ ބައެއް ސަރަހައްދުތަކުގައި އިސްތިއުމާރީ ބަސްތަކަކީ ވެރިކަމާއި، ތައުލީމާއި އަދި ވިޔަފާރީގެ ބަސް ކަމުގައި ހެދުމުން، އެ ސަރަހައްދުތަކުގެ އަސްލު ބަސްތައް ވަރަށް ބާރަށް އުވިގެންދިޔަ އެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް، ބާރުގަދަ ބަސް ދަސްކުރުމަކީ ދަރިންގެ މުސްތަގުބަލަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ދެކި، މައިންބަފައިން އެމީހުންގެ އަސްލު ބަސް ދަރިންނަށް ދަސްކޮށްދިނުން ހުއްޓާލި އެވެ. ދެން އިސާހިތަކު އެ ބަސްތައް މަރުވެގެން ދިޔައީ އެވެ.

ރާއްޖޭގައި ވެސް ތާނަ އަކުރު ސަލާމަތްކުރެވިފައި އެއޮތީ ކިރިޔާ ނޫންތޯ އެވެ. ދިވެހި ބަސް ބޭނުންކުރި ކަމުގައި ވީނަމަވެސް ދައުލަތުގެ ރަސްމީ އަކުރަކީ އިނގިރޭސި އަކުރު ކަމުގައިވީ ޒަމާނެއް ވެސް ދިވެހި ތާރީހުން ފެންނާން އެބައޮތެވެ. އިނގިރޭސިއާ ބީރައްޓެހި ދިވެހި ހަތީބުން ހުތުބާ ވެސް ކިޔަންޖެހެނީ އިނގިރޭސި އަކުރުން ލިޔެ ދިނީމަ އެވެ.

ބަހެއް ދެމިއޮތުމުގައި މަދަރުސާތަކަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ. ތައުލީމު ދިނުމުގައި ހަމައެކަނި ވަކި ބަހަކަށް އިސްކަންދީ، އަނެއް ބަސް ބޭނުންކުރުން ހަނިކޮށްފިނަމަ، ގޭގައި ވާހަކަދައްކާ ބަހަކީ މާބޮޑު އަގަކަށް ނެތް އެއްޗެއް ކަމަށް ކުދިންނަށް ވިސްނެ އެވެ. މީގެ ސަބަބުން ޖީލުތަކުގެ މެދުގައި އޮންނަ ބަހަވީ ގުޅުން ކެނޑިގެންދެ އެވެ. މިފަދަ ހާލަތްތަކުގައި ކުދިންނަށް އެމީހުންގެ މައިންބަފައިންގެ ބަސް ވިސްނުނު ކަމުގައިވިޔަސް، އެ ބަހުން ވާހަކަދައްކަން އުނދަގޫވުން ނުވަތަ ވާހަކަދައްކަން ބޭނުންނުވުން ފަދަ ކަންކަން މެދުވެރިވެ އެވެ.

ބަސްބަހާ ބެހޭ ގޮތުން ދަންނަ މީހުން ލިޔެފައި އޮތީތީ ކިޔާލެވުނު ކޮންމެ ލިޔުމެއްގައި ވެސް ބާރު އަޅަނީ ކުދިންގެ މާދަރީ ބަހަށް އިސްކަން ދިނުމަށެވެ. މާދަރީ ބަހަށް ފަރިތަވުމަކީ އެ ނޫން ބަހަކަށް ނުފަރިތަވާންޖެހޭ ސަބަބެއް ވެސް ނޫނެވެ. ފަރިތަކަމާއެކު ދެބަހުން ނުވަތަ ތިންބަހުން ވާހަކަ ދައްކާ އާބާދީ މިހާރު ވެސް އުޅެނީ ބިލިއަނުން މަތީގަ އެވެ.

ދިވެހި ޒުވާނުންނަށް ދިވެހި ބަސް ނޭނގެޔޭ ބުނާ ބުނުމަކީ ކަން އޮތް މިންވަރަށްވުރެ ބޮޑުކޮށްލައިގެން ދައްކާ ވާހަކައެކެވެ. ހަގީގަތުގައި ތަފާތު އަންނަނީ ވިސްނަން ބޭނުންކުރާ ބަހުގެ ސަބަބުންނެވެ. މި ޒަމާނުގައި ރާއްޖޭގެ ވަރަށް ގިނަ ކުދިން ވިސްނަން ބޭނުންކުރާ ބަހަކީ އިނގިރޭސި ބަހެވެ. އެހެން އެކަން ވެފައި އެއޮތީ އެކުދިން އުޅެބޮޑުވި މާހަލުގައި ދިވެއްސަށްވުރެ އިނގިރޭސި ބަސް ތިޔާގިވީމަ އެވެ. ދިވެހި ބަހުން ހުރި ލިޔުންތައް މަދުވުމާއި، ކުދިންގެ އުމުރާ ގުޅޭ ވީޑިއޯ އާލާތްތައް ގިނައިން ހުރީ އިނގިރޭސި ބަހުން ކަމަށްވާތީ އެހެން އެކަން ވީ އެވެ. އެއީ އަޅުގަނޑުމެންގެ ހަރު މީހުން އެ ކުދިންނަށް ފަހިކޮށްދިން މާހައުލެވެ.

ދެންއޮތީ ބަސް ހީނަރުވަމުންދާ މައްސަލަ ފާހަގަވުމުން އަޅުގަނޑުމެން އަމަލުކުރާ ގޮތެވެ. އަޅުގަނޑު ހިތުން ރާއްޖޭގައި ތިބި 'ދިވެހިބަހުގެ ވެރިކަމަށް ދައުވާކުރާ' ކިތަންމެ ބައެއްގެ ސަބަބުން ދިވެހި ބަހަށް ލިބެނީ ކުޑަ ގެއްލުމެއް ނޫނެވެ. މީހުން ދިވެހި ބަސް ދެކެ ފޫހިވުމުގެ އެއް ސަބަބަކީ މިފަދަ ބޭބޭކަލުންކަމަށް އަޅުގަނޑު ހަމަ ޔަގީނުން ވެސް ދަންނަވާނަމެވެ. އޭގެ ތެރެއިން ގިނަ ބޭކަލުންނަށް ކުރެއްވޭ ކަމަކީ ޒުވާނުންނަށް ދިވެހިބަހުން ވާހަކަ ދައްކަން ނޭނގޭކަމުގެ މައްޗަށް ހަޖޫޖެއްސެވުމެވެ. ހެޔޮގޮތް ބުނެނުދޭށެކޭ ނޫނެވެ. އެހެންނަމަވެސް އެކަމުގައި ވެސް ހަމަޔަކާއި ހުދޫދެއް އޮންނާންވާނެ އެވެ. ބައެއް ބަސްވާރުން ދިވެހިބަސް ކޮށްޓަކަށްލައި، ވަށައިގެން ތިބެ ފޯރިމަރަމުން ގެންދަނީ މަތިމަތިފުށުން ލިބިއޮތް ޒާތީ މުދަލެއް ރައްކާތެރިކުރާ ބީދައިންނެވެ. ދަންނަވަމެވެ. ހިމާޔަތްކުރުމުގެ ހިފެހެއްޓުމާއި އޮބެހެއްޓުން ދޫކޮށްލަކީ ދިވެހި ބަހަށްޓަކައި އެޅޭނޭ ފުރަތަމަ ރަނގަޅު ފިޔަވަޅެވެ.

ދިވެހިބަހޭ ވިދާޅުވެ އެ ނެރުއްވާ އައު ލަފުޒުތައް ބަލާށެވެ. މިހާރުގެ ކުދިން އެ ބަސްތައް އިވި ބިނދިބިނދިފައި ހޭނތަން ފެނުނީމާ ކޯފާއެއް ވާނެ ކަމެއް ނެތެވެ. ބަޔަކު އަޑުވެސް ނާހާ ލަފުޒުތަކެއް ތައާރަފުކޮށް، މިއީ ދިވެހިބަހޭ، މިއަދުން ފެށިގެން ކަލޭމެން ބޭނުންކުރާނީ މި ލަފުޒުތަކޭ ބުނުމަކީ ދިވެހިބަހުގެ ވެރިކަމަށް ދައުވާކުރުން ނޫން ކޮންކަމެއް ހެއްޔެވެ؟ އެއީ ބަސް ހިމާޔަތްކުރުމުގައި އަމުދުން 'ސަމަކާރީ' ގޮތެއް ވެސް ނޫނެވެ.

ހަގީގަތް ގަބޫލުކުރައްވާށެވެ. ދުނިޔޭގެ އަށް ބިލިޔަނުގެ އާބާދީގައި ދިވެހި ބަހުން ވާހަކަ ދައްކައި އުޅެނީ އެންމެ ހަތަރުލައްކައެއްހައި މީހުންނެވެ. ދިވެހި ގައުމުން ބޭރުގައި އެ ބަސް ބޭނުން ނުކުރެވޭއިރު، ދިވެހިރާއްޖެއަކީ ދިވެހިންނަށް ބޭނުންވާ ދަތްކޮށްޓިއެއްގެ މިންވަރު ވެސް އުފައްދާ ގައުމެއް ނޫނެވެ. އެހެންވީމާ، ދުނިޔެއާ މުއާމަލާތުކުރެވޭނޭ ބަހަކަށް ޒުވާނުން ފަރިތަވުން ލާޒިމެވެ. އެއީ މައްސަލައަކަށް ނުހަދާށެވެ.

ދިވެހި ބަސް ރައްކާތެރިކުރުމަށް ބޭނުންކުރާނޭ އެހެން އުކުޅުތައް ހޯދަން ޖެހެ އެވެ. ސުކޫލު މާހައުލުގައި، ދިވެހި ބަހުން ކިޔަވައިދެވޭން އޮތް މާއްދާއެއް ނަމަ ދިވެހި ބަހުން ކިޔަވައިދޭށެވެ. ކުދިން ސުކޫލަށް ދަނީ އުނގެނޭށެވެ. އެހެންވީމާ، ވަކި މާއްދާއެއް ކުދިންނަށް ފަހުމު ނުވަނީ ދިވެހި ބަހުން ކިޔަވައިދޭތީކަމަށް ބަލައި، އެހެން ބަހަކުން ކިޔަވައިދިނީމާ އެކުދިންގެ ނަޒަރުގައި ދިވެހި ބަހުގެ މުހިންމުކަން ދަށްކޮށްލެވެ އެވެ. އިސްލާމާއި ދިވެހީގެ އިތުރުން އިޖުތިމާއީ އިލްމުތަކާ ގުޅުންހުރި އެހެން މާއްދާތައް ވެސް ދިވެހި ބަހުން އުނގަންނައިދިނުމަކީ ކުރެވިދާނެ ކަމެކެވެ. އެއީ އެކުދިންގެ އިނގިރޭސި ބަހުގެ ފެންވަރު ވެސް ދަށް ވާނޭ ކަމެއް ނޫނެވެ.

މީގެ އިތުރުން ވެސް ލައްކަ ކަމެކެވެ. ދިވެހި ފިލްމުތައް އުފެއްދުން ގިނަކުރުމާއި، ދިވެހި ބަހުން ހުންނަ ވާހަކަތައް ލިޔާ މިންވަރު އިތުރުކުރުމަށް ވެސް ބާރު އެޅިދާނެ އެވެ. ބާރުއަޅާ ވާހަކަ ބުނީމާ އެކަން ކުރާނީ ގާނޫނަކުން ނޫނެވެ. ޝައުގުވެރިކަން އުފައްދައިގެންނެވެ. ދިވެހި ބަހުން ކިތަންމެ މޮޅު ފޮތެއް ލިޔުނަސް، އެ ފޮތް ގަންނާނޭ މީހުންގެ އަދަދު ނިކަން މަދެވެ. އެއީ ގައިމު ވެސް ދިވެހިބަހުން ފޮތް ލިޔުމަށް އޮތް އިގުތިސާދީ ހުރަހެކެވެ. އެ ހުރަސް ނައްތާލުމަށް ބަހުގެ އެކަޑަމީއަށް ނުވަތަ ބަހުގެ ވުޒާރާއަށް ކުރެވޭނޭ ކަމެއް އޮތްތޯ ދިރާސާކުރަންވީ އެވެ. ލިޔާ މީހުންނާއި، ދިވެހިބަހުން ފިލްމާއި ތަމްސީލާއި ލަވަ އުފައްދާ މީހުންގެ މަސައްކަތް ބަލައިގަނެ އަގުވަޒަންކުރާތަން ވެސް ދައްކަންވީ އެވެ.

އެކަމަކު، އަޅުގަނޑުމެން ދައްކާނީ ހުސް ވާހަކަ އެވެ. ދުނިޔޭގައި އުވިދިޔަ ބަސްތައް އުވިދިޔައީ ހިމާޔަތްކުރަން ބަޔަކު މަސައްކަތް ނުކުރާތީކީ ނޫނެވެ. މަސައްކަތް ކުރެވުނު ގޮތުގެ ސަބަބުންނެވެ. އެހެންވީމާ، ހިނދުކޮޅަކަށް ހުއްޓިލައިގެން ތިބެ، ނަތީޖާއެއް ނެރެވޭނޭ ގޮތަކީ ކޮބައިތޯ ބަލަން ނިކަން ރަނގަޅު ސައްލާއެއް ކުރަމާ ހިންގަވާށެވެ. ޒުވާނުން ދިވެހިބަހަށް ނުފަރިތަ ވުމަކީ ނުފުއްސަވާ ވަރުގެ ފާފައެއް ކަމުގައި ދެއްކުން ހުއްޓާލައި އެކަމުގެ ސަބަބުތައް ހޯދަން ޒުވާނުންނާ ވާހަކަ ދައްކާށެވެ. ހައްލު ފެންނާނީ އަސްލު މައްސަލަ އޮޅުން ފިލައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox