ގަލޮޅު ދަނޑު ތަޅާލައި، ހުޅުމާލެ އަށް ރަސްމީ ދަނޑު ބަދަލުކުރަނީ

Jan 20, 2026, 9:43 AM
ގަލޮޅު ދަނޑު: މި ދަނޑު ތަޅާލައި، އާ ގޮތަކަށް އިމާރާތްކުރާއިރު، ރަސްމީ ފުޓްބޯޅަ ދަނޑު ގާއިމްކުރާނީ ދެން ހުޅުމާލޭ ފޭސް އެކެއްގައި.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ގަލޮޅު ދަނޑު: މި ދަނޑު ތަޅާލައި، އާ ގޮތަކަށް އިމާރާތްކުރާއިރު، ރަސްމީ ފުޓްބޯޅަ ދަނޑު ގާއިމްކުރާނީ ދެން ހުޅުމާލޭ ފޭސް އެކެއްގައި.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑު ތަޅާލައި، އެ ތަން އެހެން ގޮތަކަށް މަރާމާތު ކުރަން ހަަމަޖެހިފައިވާ ކަމަށާއި ރާއްޖޭގެ ރަސްމީ ފުޓްބޯޅަ ދަނޑު ދެން ގާއިމްކުރެވިގެންދާނީ ހުޅުމާލޭ ފޭސް އެކެއްގައި ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ގަލޮޅު ދަނޑާ ގުޅޭގޮތުން އަމާޒުވި ސުވާލަށް ދިން ޖަވާބުގައި މިނިސްޓަރު ރާފިއު ވިދާޅުވީ، ގަލޮޅު ދަނޑަކީ ރާއްޖޭގެ ކުޅިވަރުގެ ތާރީހާ ވެސް ވަރަށް ގުޅުން އޮތްތަނެއް ކަމަށެވެ. އެކަމަކު، ގަލޮޅު ދަނޑަކީ، ރަސްމީ ސްޓޭޑިއަމެއްގެ ސިފައިގައި، ތަރައްގީކޮށް ގާއިމްކުރަން، ބަލާއިރު، އެންމެ ރަނގަޅު ސަރަހައްދެއްގައި ގާއިމްވެފައި އޮތް ދަނޑެއް ނޫންކަން ރާފިއު ފާހަގަކުރެއްވި އެވެ.

"އިންޓަނޭޝަނަލް ސްޓޭޑިއަމެއްގެ ސިފައިގައި ގާއިމްކުރަން އެންމެ އެދެވޭ ތަނެއް ނޫން. އެހެން ކަމަަށް މި ވަނީ، އެތަނުގެ ސޭފްޓީ އާއި ސެކިއުރިޓީ އާއި އަަދި، އެހެނިހެން ގޮތްގޮތުން ވެސް ޕާކިން އާއި ޓްރެފިކް އާއި އާންމު ރައްޔިތުން ދިރިއުޅޭ ތަނެއްގެ މެދުގައި އެ އިނުމަކީ ކުޅިވަރުކުޅޭ ތަނެއް މިހާރު ގާއިމް ކުރަން ބަލާއިރު އެންމެ އެކަށީގެންވާ ތަނެއް ނޫން،" ރާފިއު ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ އެކިއެކި މުބާރާތްތައް ބޭއްވުމަށް ގަލޮޅު ދަނޑު އެކި ފަހަރު މަތިން މިދިޔަ އަހަރުތަކުގައި ވަނީ މަރާމާތުކޮށްފައި.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

އޭނާ ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ، ރާއްޖޭގެ ގައުމީ ސްޓޭޑިއަމް ހުޅުމާލޭ ފޭސް އެކަކަށް ބަދަލުކުރުން ކަމަށެވެ. އަދި، ގަލޮޅު ދަނޑަކީ ވެސް އެ ހުރި ގޮތަށް ދޫކޮށްލައިގެން ބެހެއްޓޭނެ ތަނެއް ނޫންކަން ފާހަގަކޮށް ރާފިއު ވިދާޅުވީ، ގަލޮޅު ދަނޑު ތަޅާލައިފައި، އެ ތަނަކީ، އާންމުންނަށް ފަސޭހައިން ބޭނުންކުރެވޭނެ، ކުޅިވަރު ކުޅޭ ތަނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ގަލޮޅު ދަނޑަކީ، ފިޒިކަލް އެކްޓިވިޓީ އަށް ކުޅުމަށް، ހަދާފައި އޮންނަ ތަނެއް، އެހެން ނަަމަވެސް ނެޝަނަލް ސްޓޭޑިއަމް ވެގެންދާނީ، ހުޅުމާލޭ ފޭސް ވަންގައި ގާއިމްކުރެވޭ ތަނަކަށް،" ރާފިއު ވިދާޅުވި އެވެ.

"އޭރުން، އަޅުގަނޑުމެންނަށް ސްޕޯޓްސް ސެކިއުރިޓީ އާއި އިންޓަނޭޝަނަލް ސްޕޯޓްސް ސެކިއުރިޓީގެ މިންގަނޑުތަކާ އެއްގޮތަށް ގާއިމްކުރެވިގެންދާނީ، އަދި، ޓްރެފިކް އާއި ޕާކިން އާއި މި ހުރިހާ ކަމަކަށް ބަލާފައި އެ ތަނުގައި އަޅުގަނޑުމެންނަށް މެނޭޖްކުރެވެން އޮތީމަ އެ ގޮތަށް އަޅުގަނޑުމެންގެ ވިސްނުމަކީ،"

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު: ގަލޮޅު ދަނޑު ކުޅިވަރު ކުޅޭ ތަނެއްގެ ގޮތުގައި އާ ގޮތަކަށް އިމާރާތް ކުރެވިގެންދާނެ ކަމަށް ވިދާޅުވި،--- ފޮޓޯ: ރައީސް އޮފީސް

ގަލޮޅު ދަނޑަށް މި ގެނެވޭ ބަދަލުތަކާއި ހުޅުމާލޭގައި ގާއިމްކުރާ ގައުމީ ސްޓޭޑިއަމްގެ މަސައްކަތް މިހާރު އޮތް ހިސާބަކާ ގުޅޭގޮތުން ސުވާލުކުރުމުން ރާފިއު ވިދާޅުވީ، ހުޅުމާލޭގައި ގާއިމްކުރާ ސްޓޭޑިއަމްގެ ކޮންސެޕްޓް ކުރެހުން ނިމިފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ، މި އަހަރު ތެރޭގައި މި މަސައްކަތް ފެށުމުގެ ކަންކަން އަޅުގަނޑުމެންނަށް ކުރެވިގެންދާނެ. އަދި ގަލޮޅު ދަނޑު މިހާރު ހުރިތަން ތަޅާލައި، މި ދެންނެވިހެން، އާ ކޮންސެޕްޓަކަށް، އެ ކޮންސެޕްޓް ވެސް ވަނީ ހެދިފައި، އާ ކޮންސެޕްޓަކަށް އެ އަށް ވުރެން ކުޑަ ސްކޭލެއްގައި އަޅުގަނޑުމެން ކުރިއަށްގެންދަން،" ރާފިއު ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުން ގަލޮޅު ދަނޑު ތަޅާލައި އެ ތަނުގައި އާ ދަނޑެއް އެޅުމުގެ މަސައްކަތްތަކެއް ކުރަން އިއުލާނުކުރި އެވެ. އެ ގޮތުން، ގަލޮޅު ދަނޑު ތަރައްގީ ކުރުމަށްޓަކައި އިންޑިއާގެ ލޯން އެހީގެ ތެރެއިން 55 މިލިއަން ރުފިޔާގެ ބަޖެޓެއް ވެސް ހަމަޖެއްސި އެވެ. އެއީ، ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އިންޑިއާ އިން ދޭ 40 މިލިއަން ޑޮލަރުގެ ލޯން އެހީގެ ތެެރެއިން ގަލޮޅު ދަނޑުގެ ތަރައްގީ އަށް ހަރަދުކުރަން، 2021 ވަނަ އަހަރުގެ ބަޖެޓްގައި 45،494،505 ރުފިޔާ ހިމެނި އެވެ. އޭގެ ފަހުން، އަހަރުތަކުގައި ވެސް އެ މަސައްކަތް ކުރަން ބެލި ނަމަވެސް އެކި ސަބަބުތަކާ ހުރެ އަމަލީ ސިފައެއް ނުޖެހުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox