ކާށިދޫ ބަލިކޮށް އޭދަފުށިން ގޯލްޑަން ފުޓްސަލް ޗެރިޓީ ޝީލްޑް އުފުލާލައިފި

Jan 3, 2026, 6:46 PM
އޭދަފުށީ ކުޅުންތެރިން ޗެރިޓީ ޝީލްޑާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

އޭދަފުށީ ކުޅުންތެރިން ޗެރިޓީ ޝީލްޑާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ޕެނަލްޓީ ޖަހައިގެން ކ. ކާށިދޫ އަތުން 3-1 އިން މޮޅުވެ، ބ. އޭދަފުށިން، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެރިޓީ ޝީލްޑް އުފުލާލައިފި އެވެ.

އޭދަފުށްޓަކީ، ގޯލްޑަން ފުޓްސަލް ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ތިން ވަނަ ޓީމެވެ.

މިިދިޔަ އަހަރުގެ ގޯލްްޑަން ފުޓްސަލް ޗެރިޓީ ޝީލްޑް މެޗުގައި އޭދަފުށި ވަނީ ލ. ގަން އަތުން 1-0 އިން ބަލިވެފަ އެވެ. ގަމުން ދެ ފަހަރު ޗެރިޓީ ޝީލްޑް ކާމިޔާބުކުރިއިރު، 2024 ވަނަ އަހަރު ވަނީ، ތ. ތިމަރަފުށި ބަލިކޮށް، ފުރަތަަމަ ފަހަރަށް ޝީލްޑް އުފުލާލައިފަ އެވެ. ގޯލްޑަން ފުޓްސަލް އިން ފުރަތަމަ ފަހަރަށް ޝީލްޑް މެޗު ބޭއްވިއިރު، 2023 ވަނަ އަހަރު، ތިމަރަފުށި 3-0 އިން ބަލިކޮށް، ޝީލްޑް އުފުލާލީ ކ. ގާފަރެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު ޝީލްޑް މެޗުގައި، ދެ ޓީމުގެ ފަރާތުން ވެސް ގިނަ ހަމަލާތަކެއް ފެނިގެންދިޔައިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު މެޗު އޮތީ 0-0 އިން އެއްވަރުވެފަ އެވެ. މެޗުގެ ތެރޭގައި، އޭދަފުށީގެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް ކާށިދޫ ގޯލު ބަލަހައްޓަމުން ދިޔަ، މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކިންގް، މުހައްމަދު ސަލީލް ވަނީ މަތަކޮށްފަ އެވެ. އަދި، އޭދަފުށީގެ ގޯލުގައި ހުރި އެ ޓީމުގެ ކީޕަރު، މުހައްމަދު ނާސިހު ވަނީ ކާށިދޫގެ އެޓޭކްތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މި ފަހަރުގެ ގޯލްޑަން ފުޓްސަލްގައި ވީޑިއޯ ސަޕޯޓްގެ ބޭނުންކުރަން ނިންމާފައިވާއިރު، މިރޭ ޝީލްޑް މެޗުގައި ވެސް ވަނީ ކާށިދޫން އެދިގެން ވީޑިއޯ ސަޕޯޓްގެ ބޭނުންހިފައިފަ އެވެ.

ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، މިއީ، ގޯލްޑަން ފުޓްސަލްގެ ޗެރިޓީ ޝީލްޑް މެޗެއް ޕެނަލްޓީ އަށް ދިޔަ ފުރަަތަމަ ފަހަރެވެ. ޕެނަލްޓީގައި އޭދަފުށީގެ ތަރި އަކީ ބަދަލު ކީޕަރު މުހައްމަދު ޝާން އެވެ. އޭނާ ވަނީ ކާށިދޫގެ ތިން ޕެނަލްޓީއެއް މަތަކޮށްފަ އެވެ. އެއީ، ކާށިދޫގެ އަބްދުﷲ ސުޒެއިރު، އިލްވާން މުހައްމަދު (އިއްލެ) އަދި އަހުމަދު މަޖީދުގެ ޕެނަލްޓީތަކެވެ. ކާށިދޫގެ އަޖުލާން އަބްދުލް ހަންނާން ވަނީ ޕެނަލްޓީ ވައްދާލައިފަ އެވެ.

އޭދަފުށިން ޕެނަލްޓީ ނާކާމިޔާބުވީ އަހުމަދު ފާތިން ފޮނުވާލި ޕެނަލްޓީ އެވެ. އެ ޓީމުން ޕެނަލްޓީތައް ކާމިޔާބުކުރީ، އިބްރާހިމް ޝަރީފް، އަލީ ނަސީމް (ދިއްލި) އަދި އުނައިޝް ޒުބެއިރު (އުނޭ) އެވެ.

މިއީ، ގޯލްޑަން ފުޓްސަލްގައި، ކާށިދޫ އަތުން އޭދަފުށިން ޖެހިޖެހިގެން ހޯދި ތިން ވަނަ މޮޅެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޒޯން ބުރުގެ މެޗުން 7-4 އިން މޮޅުވިއިރު، ޒޯން ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އޭދަފުށި ވަނީ މޮޅުވެފަ އެވެ. ޕެނަލްޓީގައި އެ ޓީމުގެ ތަރިއަކަށްވީ، މުހައްމަދު އަޖުފާން އެވެ. ޕެނަލްޓީގައި އެ މެޗުގައި ވެސް މޮޅުވީ 3-1 އިންނެވެ.

މި ފަހަރުގެ ޗެރިޓީ ޝީލްޑް މެޗުގެ ފައިސާ ވެސް ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރަން ނިންމައިފަ އެވެ. މި އަހަރުގެ ގޯލްޑަން ފުޓްސަލް މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް މާދަމާ ހަވީރު ފަށާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox