ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ މުބާރާތް، އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަނުން ކަމަށްވާ ކ. ކާށިދޫ އާއި ބ. އޭދަފުށި ބައްދަލުކުރާ ފޯރިގަދަ ޗެރިޓީ ޝީލްޑް މެޗުން ފަށަން ނިންމައިފި އެވެ.
މި އަހަރުގެ ގޯލްޑަން ފުޓްސަލް މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ، އެޗްޑީ ހިއުންޑާއި އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަނުންގެ މެދުގައި ޗެރިޓީ ޝީލްޑް ކުޅޭ ގޮތަށް ރާވައި، އެ މެޗުން މުބާރާތް ހުޅުވާ ގޮތަށް ފެށީ 2023 އިން ފެށިގެންނެވެ. މީގެ ކުރިން 2016 ވަނަ އަހަރު އައިލެންޑާސް ކަޕްގެ ޗެމްޕިއަނާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން މެދުގައި ޝީލްޑް މެޗެއް ކުޅެގެން ތިމަރަފުށި ވަނީ ކާމިޔާބުކޮށްފަ އެވެ.
ގޯލްޑަންގެ ދެ ޗެމްޕިއަނުންގެ މެދުގައި ޗެރިޓީ ޝީލްޑް ކުޅުނު ފުރަތަމަ އަހަރު، ތ. ތިމަރަފުށި 3-0 އިން ބަލިކޮށް ކ. ގާފަރުން ޝީލްޑް ކާމިޔާބުކުރިއިރު، ޖެހިގެން އައި ދެ ފަހަރު ވެސް ޝީލްޑް އުފުލާލީ ލ. ގަމުންނެވެ. އެ ގޮތުން، 2024 ވަނަ އަހަރު ގަމުން ފުރަތަމަ ފަހަރަށް ޝީލްޑް އުފުލާލީ ތިމަރަފުށި އަތުން 3-2 އިން މޮޅުވެގެންނެވެ. އަދި، މިދިޔަ އަހަރު އޭދަފުށި އަތުން ޝީލްޑް މެޗުގައި ގަން މޮޅުވީ 1-0 އިންނެވެ.
ކާށިދޫ އާއި އޭދަފުށިން މި ފަހަރުގެ ޝީލްޑް މެޗުގައި ކުޅޭއިރު، މި ދެ ޓީމުން ވަނީ މިދިޔަ އަހަރު ޒޯން ބުރުގައި ދެ ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. އެ ގޮތުން، ޒޯން ބުރުގައި ކުޅުނު މެޗުން އޭދަފުށިން 7-4 އިން ކާށިދޫ ބަލިކުރިއިރު، ޒޯން ފައިނަލުގައި މި ދެ ޓީމު ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ޕެނަލްޓީގައި އޭދަފުށި މޮޅުވީ 3-1 އިންނެވެ.
މި ފަހަރުގެ ޗެރިޓީ ޝީލްޑް މެޗާ ކުރިމަތިލާއިރު، އޭދަފުށީ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، އިޝާން އިބްރާހިމް (ސައްޓު) މި ވަގުތު ހުރީ ގައުމީ ފުޓްސަލް ޓީމާ އެކު އެވެ. އަނެއްކޮޅުން، ކާށިދޫ އަށް ގޯލްޑަން ފުޓްސަލް ޗެމްޕިއަންކަން ހޯދައިދިން ކޯޗު، އަލީ ހައިޝަމް (ޗުމްޕު) ހުރީ ވެސް ކުޅުންތެރިއެއްގެ ގޮތުގައި ގައުމީ ފުޓްސަލް ޓީމުގަ އެވެ. ގައުމީ ފުޓްސަލް ޓީމުން ޗައިނާގައި ޓްރެއިނިން ކޭމްޕް ފުރިހަމަ ކުރަމުން އަންނަނީ މި މަހު 13-26 ގައި ތައިލެންޑުގައި ކުޅޭ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށެވެ.
ގޯލްޑަން ފުޓްސަލް ޗެރިޓީ ޝީލްޑްގައި، ކާށިދޫ އާއި އޭދަފުށިން ބައްދަލުކުރާ މެޗު ފަށާނީ މިރޭ 20:30 ގަ އެވެ. ޝީލްޑް މެޗަށް ފަހު، މާދަމާ ގޯލްޑަން ފުޓްސަލްގެ އަތޮޅު ބުުރުގެ މެޗުތައް ފަށާނެ އެވެ.
މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި، 119 ޓީމެއް/ރަށެއް ވާދަކުރާއިރު، މި ފަހަރުގެ މުބާރާތުގައި، 280 އަށް ވުރެން ގިނަ މެޗު ކުޅޭނެ އެވެ. މި ފަހަރުގެ މުބާރާތުގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވާއިރު، ފުރަތަމަ ދެ ހަފްތާ ތެރޭގައި، ހުރިހާ އަތޮޅެއްގެ މެޗުތައް ފެށިގެންދާނެ އެވެ.












