ހުލާސާކޮށް އިއްޔެ: މުއިއްޒުގެ މާފަންނު ބައްދަލުވުން؛ "ވާނުވާގައި ތިބި މީހުން ދޫކޮށްލުމަކީ ކޮށްގެންވާނެ ކަމެއް ނޫން"

Dec 5, 2025, 2:11 AM
މާފަންނު ރައްޔިތުންނާއެކު ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

މާފަންނު ރައްޔިތުންނާއެކު ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ޝަރީއަތް ނިމެންދެން "ވާނުވާ ބަންދުގައި" ތިބީ ބޮޑެތި ކުށްކުށުގައި ތުހުމަތު ކުރެވޭ މީހުން ކަމަށާއި އެފަދަ މީހަކު ދޫކޮށްލުމަކީ އެމަނިކުފާނު ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވި އެވެ.

މާފަންނު ރައްޔިތުުންނާއެކު ކުރިއަށްގެންދިޔަ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ ވާނުވާ ބަންދުގައި ތިބީ ޓެރަރިޒަމް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން، މީހުން މެރުން، މާރާމާރީ ހިންގުން، ޑްރަގް ޓްރެފިކް ކުރުން ފަދަ ކުށްތަކުގައި ހިމެނޭ މީހުން ކަމަށެވެ.

އެފަދަ ކުށްތައް ކޮށްފައި ހުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ދޫކޮށްލުމަކީ އެމަނިކުފާނަށް ލިބިފައި އޮތް ހައްގެއް އަދި ފުރުސަތެއް ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ، އެފަދަ މީހަކު ދޫކޮށްލުމަކީ އެމަނިކުފާނު ކޮށްގެންވާނެ ކަމެއް ވެސް ނޫން ކަމަށެވެ.

"ފަސް މިނެޓެއް ނޫން އެއްވެސް ސިކުންތެއްގައި ދޫކޮށްލެވޭނެއޭ ވިދާޅުވިޔަސް ކުޑަކުދިންނާ ޖިންސީ ގޯނާ ހިންގާފައި ހުރި މީހެއް ކަމަށް ތުހުމަތު ކުރެވޭ މީހެއް، ޓެރަރިޒަމްގެ އަމަލެއް ހިންގާފައި ހުރި މީހެއް، މާރާމާރީ ނުވަތަ މަރުގެ ކަމެއް ކޮށްފައި ހުރި މީހެއް، ޑްރަގް ޓްރެފިކްކޮށްފައި ހުރި މީހެއް ދޫކުރާކަށް އަޅުގަނޑު ހިތުން އަޅުގަނޑަށް ލިބިފައި އޮތް ހައްގެއް ނޫން އަދި ފުރުސަތެއް ވެސް އަދި ކޮށްގެންވާނެ ކަމެއް ވެސް ނޫން. އެހެންވީމަ އެކަން ނުވަނީ،" މުއިއްޒު ވިދާޅުވި އެވެ.

ވާނުވާ ބަންދުގައި 347 މީހުން ތިބި ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭގެ ތެރޭގައި، މަރުގެ މައްސަލަތަކުގައި ހިމެނޭ 29 މީހަކާއި ޓެރަރިޒަމްގެ މައްސަލަތަކުގައި ހިމެނޭ 20 މީހަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ 117 މީހުންނާއި ޑްރަގް ޓްރެފިކިންގެ މައްސަލަތަކުގައި ހިމެނޭ 116 މީހުން ހިމެނޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ވާނުވާ ބަންދުގެ މާނަ އޮޅުވާލަން ވެސް މިރޭގެ ބައްދަލުވުމުގައި މުއިއްޒު މަސައްކަތް ކުރެއްވި އެވެ. ވާނުވާ ބަންދަކީ، ކުށެއްގައި ހައްޔަރު ކުރާ ހިސާބުން ފެށިގެން އެ މައްސަލައިގައި އޭނާއަށް ދައުވާއެއްކޮށް، އެ ދައުވާއަށް ހިންގާ ޝަރީއަތް ނިމެންދެން ބަންދު ކުރުން ކަނޑައަޅާ ކަނޑައެޅުމެވެ. އެކަމަކު، މިރޭގެ ބައްދަލުވުމުގައި މުއިއްޒު މަސައްކަތް ކުރެއްވީ ވާނުވާ ބަންދަކީ، ޝަރީއަތް ހިނގާ ނުހިނގާ ގޮތް ނޭނގި ބަންދުގައި ތިބުމުގެ ގޮތުގަ ސިފަ ކުރެއްވުމަށެވެ.

"[ސަރުކާރުން ކުރާ މަސައްކަތްތަކުގެ] ނަތީޖާއަކީ މިގޮތަށް މި ވާނުވާ ގޮތުގައި ކޮންމެ މީހެއްގެ ޝަރީއަތް ހިނގާނެ ދުވަހެއް، ތާވަލު ކުރާނެ ދުވަހެއް، އެއްވެސް ކަމެއް ނޭނގި ވާނުވާގެ ގޮތުގައި ތިބި ތިބުން ނިމުމަކަށް ގެނެސް މިއިން ކޮންމެ މީހެއްގެ ޝަރީއަތް ތާވަލު ކުރެވޭނެ ދުވަހާއި މި މައްސަލަތައް އަވަހަށް ބެލޭނެ ގޮތް ހަމަޖެހިގެންދިޔުމާއި މިކަންކަން ކޯޓުތަކުން އެބަ ހިންގާ ކަމުގެ މައުލޫމާތު އަޅުގަނޑަށް ދެންމެ އެޓާނީ ޖެނެރަލް ހިއްސާކޮށްދެއްވި،" މުއިއްޒު ވިދާޅުވި އެވެ.

ރޭގެ ބައްދަލުވުމުގައި، ވާނުވާ ބަންދު މުއިއްޒު ތަކުރާރުކޮށް ސިފަ ކުރެއްވީ ޝަރީއަތް ތާވަލު ކުރާނެ ދުވަސް ނޭނގި ބަންދުގައި ތިބުމުގެ ގޮތުގަ އެވެ. ޝަރީއަތުގެ ތާވަލު ނޭނގޭ މީހަކު ބަންދުގައި މިހާރު ނުތިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެ ކިޔާ ވާނުވާ، އެއީ ކުރީގައި ޝަރީއަތް ބޭއްވޭނެ ދުވަހެއް ނޭނގޭ، އެ ވާނުވާގައި. މިހާރު ކޯޓުން އެ މައުލޫމާތު ދެނީ ތާވަލު ކުރާނެ ދުވަސްތަކާއި ދެން އޮންނާނެ ދުވަހާ ކުރިއަށްވުރެ މާ ރަނގަޅަށް ތިމަންނަމެން އެބަ ހިއްސާ ކުރަމުން އެބަ ދަމޭ،" މުއިއްޒު ވިދާޅުވި އެވެ.

ވާނުވާ ބަންދާ ގުޅޭ ގޮތުން މުއިއްޒު ވާހަކަ ދެއްކެވީ އެކަމާ ޒުވާނަކު ކަންބޮޑުވުން ފާޅު ކުރުމުންނެވެ. އެ ޒުވާނާ އެންމެ ބޮޑަށް ފާހަގަ ކުރި މައްސަލައަކީ، ވާނުވާ ބަންދު އުވާލަން މުއިއްޒު ވީ ވައުދުތައް ނުފުއްދާ މައްސަލަ އާއި ކުރިއަށް ވުރެ ވެސް ގިނައިން މީހުންނަށް ވާނުވާ ބަންދު ޖަހާ މައްސަލަ އެވެ.

"އަޅުގަނޑު މިތަނުގައި މި ހުއްޓުނީ ޖައްބާރުވަންތް ﷲ އަށް ބިރުވެތިވެ، ރައީސް ކުރެއްވި ވައުދުތައް ފުއްދުމަށް ހަނދާންކޮށްދެމުން. ކޮބާތޯ ވާނުވާ ބަންދުން އުވާލަން ވީ ވައުދު؟ ވެރިކަމަށް 100 ދުވަސް ތެރޭގައި ވާނުވާ ބަންދު އުވާލާނަމޭ ބުނެ މި ވައުދު ދެ އަހަރު ވީއިރު ވެސް އޮތްތަނުގައި އޮތީ،" އޭނާ ބުންޏެވެ.

މުއިއްޒުގެ ސަރުކާރު، އެ ޒުވާނާ ސިފަ ކުރީ ވާނުވާ ސަރުކާރެއްގެ ގޮތުގަ އެވެ. އަދި ފާހަގަ ކުރީ، ދެ އަހަރު ތެރޭގައި ކުރިއަށް ވުރެ ގިނަ ވާނުވާ ބަންދުގައި ޖަހައިގެން "ރިކޯޑެއް" ހެދި ކަމެވެ.

"ވާނުވާ ބަންދު ޖެހުމުގެ ރިކޯޑެއް ތިޔަ ހެއްދެވީ ދެ އަހަރު ތެރޭގައި އެންމެ ގިނަ ވާނުވާ ޖެހި ވެރިކަމަށް ވެގެން. މިއީތޯ ދިވެހިންގެ ރާއްޖެއަކީ؟ މިއީ ވާނުވާ ރާއްޖެއެއް ނޫންތޯ؟ ރައީސްގެ އިހުމާލުން ފުރާނައެއް ވަނީ މިހާރު ވެސް ދުނިޔެ ދޫކޮށް ގޮސްފަ. ﷲ ސުބްހާނަހޫ ވަތައާލާ ޖަމީލްބެގެ ފުރާނައަށް ނިއުމަތް ލައްވާށި،" އޭނާ ބުންޏެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox