މެންބަރު ކަމަކީ ކިހައިވަރެއްގެ ކަމެއްކަން މިހާރު އިހުސާސުވެއްޖެ އެވެ.

އާޓްވޯކް: އިސްމާއީލް އިމްދާދު/އަދަދު

އާޓްވޯކް: އިސްމާއީލް އިމްދާދު/އަދަދު

ރާއްޖެއަށް ސިޔާސީ ކަންކަން ތައާރަފުވެގެން އައިއިރު އެކަމުގައި އެންމެ ކުރީ ސަފުގައި ތިބީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ. ސިޔާސީ ބަދަލަކަށް އުއްމީދުކޮށްގެން ތިބިހައި ރައްޔިތުން ބަލަމުން ދިޔައީ އެ މެންބަރުންގެ އަމަލުތަކަށެވެ. މަޖިލީހުގައި އެ ދައްކާ ވާހަކައާއި، ގޮނޑި މައްޗަށް އަރައިގެން އެ ޖަހާ ސަކަރާތާއި އަތްއުކައުކާފައި ގޮވިހައި އަވަގުރާނައެއް ދިވެހިންނަށް ހައުދަހައި ކަމުދިޔަ އެވެ. އެ އިއްޒަތްތެރި މެންބަރުންގެ ދޫފުޅުން ގައުމުގެ ހައްގުގައި ނެރޭ ޅަވިޔަނީގެ އަޑާއި ފާފުގެ އަޑު އިވި، މަދު ބަޔަކު އޯކަށް ދެމުނަސް ގިނަ ބަޔަކު ތިބީ ތަމްސީލުވަމުން ދިޔަ އެ މަންޒަރުތަކާމެދު ހިތް ރުހިގެންނެވެ.

އޭރު އެ މަންޒަރުތައް ޓީވީން ބަލަންތިބި އެތައް ޒުވާނުންނެއް އެމީހުންގެ މުސްތަގުބަލު ކަނޑައަޅައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ވުމެވެ. އެހެން ނުވާންވީ ކީއްވެގެންތޯ އެވެ. އެކަމަށް ބޭނުންވާ ވަކި ހާއްސަ ތައުލީމީ ޝަރުތެއް ނެތެވެ. ކިހައި ފައްކާތޯ އެވެ. މެންބަރުންނަށް އެ ލިބެނީ ގައުމުގައި ބަޔަކަށް ލިބޭނަމަ ލިބޭނޭ އެންމެ ބޮޑު މުސާރަ އެވެ. ކިހައި އަރާމު ދިރިއުޅުމެއް އުޅެވޭނޭތޯ އެވެ. އެއާޕޯޓުންނާއި ދެންވެސް ދާހައި ތަނަކުން ވީއައިޕީ ހިދުމަތް ލިބޭނެ އެވެ. ކިހައި ބޮޑު ފަސޭހައެއްތޯ އެވެ. ބައެއް ކަހަލަ ކުށުގެ ރެކޯޑު ހުއްޓަސް، ނޫނީ ކުރިން ތުހުމަތު ކުރެވި ދައުވާ އުފުލިފައި އޮތަސް ވަރިހަމަ އެވެ. މިވަރުގެ ވަޒީފާއެއް އޮންނާނޭތޯ އެވެ.

އިތުރަށް އެހުރި އިނާޔަތްތައް ބަލާށެވެ. މެންބަރުކަން ކޮށް އަވަދިވެ، އުމުރުން ފަންސާސް ފަސް އަހަރުވީމާ ދައުލަތުން އިނާޔަތް ލިބޭނެ އެވެ. މެންބަރުކަމުގައި ހުންނައިރު ޑިއުޓީ ނުދައްކާ ގޮތަށް ކާރެއް ނެގެވޭނެ އެވެ. އެއްވެސް މުއައްސަސާއަކަށް ގޮސްފިނަމަ ހިދުމަތުގައި އިސްކަން ދެވޭނެ އެވެ. ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރަން ވިޔަސް އެތައް އިޖުރާއަތެކެވެ. މަޖިލިސް ތަޅުމުގައި 'އިއްޒަތްތެރި ރައީސް' އޭ ވިދާޅުވުމުގެ އިތުރުން ދޫ ހެލުމުގައި އެއްވެސް ގައިދެއް ނެތެވެ. ރުޅި އަންނަހައި މީހެއްގެ ނަން ކިޔާފައި ހަމަ ހެޓަކަށް ދޭންވީ އެވެ. މިހެން ގޮސް އިންސާނަކަށް ބޭނުންވާނޭ ހުރިހައި މިނިވަންކަމަކާއި އަރާމަކާ ލައްޒަތެއް އެއޮތީ ލިބިދީފަ އެވެ. އުފަލުގެ ކޮޅެއް ވެސް ނެތެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ދިރިއުޅުން އަޅުގަނޑުމެންނަށް ކަރުދާހުން ފެންނާން އޮތް ގޮތެވެ. މި ލައްޒަތަށް އުއްމީދުކޮށްގެން ތިބިހައި ބަޔަކަށް ހަގީގަތް މި ސާފުވީ ދާދި މިދާކަށްދުވަހު އެވެ. އަޅުގަނޑުމެންނަށް ބޮޑު މަންޒަރު ނުފެންނަނީ އެވެ. ތަކުލީފު އޮތީ މެންބަރުން ކެމެރާގެ ފުރަގަހުގައި ކުރާ މަސައްކަތުގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރުމަކީ ހަމައެކަނި ތަކުލީފު ބޮޑު ކަމަކަށް ވަނީއެއް ނޫނެވެ. އެކަން އެއްވަރު ވަނީ ދަރިޔަކު ވިހެއުމާ އެވެ. ސަހަރޯ އެވެ.

ވިހެއުމުގެ ވޭންވަރަކީ އެކަން ތަޖުރިބާ ނުކުރާ މީހަކަށް އިހުސާސު ކުރެވޭނޭ ވޭނެއް ނޫންކަމުގައި ކިޔާތީ އަޑުއަހަމެވެ. އެ އިހުސާސު ބުނެދިނުމަށްޓަކައި އެއާ އަޅައިކިޔާނޭ، ހިލާފެއް ނެތް، އެއްފަދަ އެހެން ވޭނެއް ވެސް ނެތެވެ. ދަންނަ މީހުން މިކަހަލަ ވާހަކަ ދައްކާތީ އަޑުއިވުނީމާ އަޅުގަނޑުމެން ކަހަލަ ނުދަންނަ މީހުން ކުރާ ކަމަކީ އެ ވާހަކަތައް ތެދުކޮށް ގަބޫލުކުރުމެވެ. އެހެންވެ، ވިހެއުމުގެ ވޭންވަރާ ގުޅޭގޮތުން ވެސް އަޅުގަނޑުމެން ހީކޮށްގެން ތިބީ ހަމަ އެގޮތެވެ. އެވަރުގެ އެހެން ތަކުލީފެއް ނޯންނާނޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް މެންބަރުކަން ކުޅައުމަކީ ދަރިޔަކު ވިހެއުން ވަރުގެ ވޭނެކޭ އެ މަޖިލީހުގެ މެންބަރަކު ވިދާޅުވީ އަޑު އިވުނީމާ އެ މަޖިލީހުގެ މެންބަރުންނާމެދު އަޅުގަނޑުގެ ހިތް ޝުކުރާއި ހަމްދަރުދީން ފުރުނެވެ. އެ މަޖިލީހުގައި ތިބި އަންހެން މެންބަރުންނަށް މަޖިލިސް މެންބަރުކަން ކުރުން ވާނީ ކޮށްފަރިތަ ކަމަކަށެވެ. އަޅުގަނޑު ހަމްދަރުދީވީ ފިރިހެން ބޭފުޅުންނާ މެދުގަ އެވެ. ވިހާ ޖިންސު ނޫން އަނެއް ޖިންސުގެ ބަޔަކު، އަޅުގަނޑުމެންނަށްޓަކައި އެ އުފުލަނީ ހައުދަހައި ބޮޑު ތަކުލީފެކޭ ހިތަށް އެރި އެވެ. އަޅުގަނޑުމެންނަށް އެ ތަކުލީފުގެ އަގު ވަޒަން ނުކުރެވި އެ ބޭފުޅުންނަށް ނިސްބަތްކޮށް ކުރެވިފައި ހުރީ ކޮންކަހަލަ ބޮޑެތި މަލާމާތް ހެއްޔެވެ؟

މެންބަރުކަމުގެ މަސައްކަތުގައި ޗުއްޓީއެއް ވެސް ނެތި އެ ބޭފުޅުން ރެޔާ ދުވާލު އުޅުއްވާއިރު، ދައުރުގެ ފަސް އަރަހަށް ބަހާލީމާ ކޮންމެ މެންބަރަކު އެ ވިހަނީ ކުޑަ ގައުމެއްގެ އާބާދީހައި ދަރީންނެވެ. އެ އުފުލަނީ އެހައި ތަކުލީފެވެ. ގިނައިން ވިހާ އަންހެނުން ވެސް ވިހަނީ އަހަރު ދެކޮޅު އެވެ. މިއަކީ އިންސާނަކަށް އުފުލޭނޭ ތަކުލީފެއް ހެއްޔެވެ؟ އަޅުގަނޑުވެސް ހިމެނޭހެން ރައްޔިތުންގެ ގިނަ ބަޔަކު މެންބަރުންނަށް ނިސްބަތްކޮށް ބަދުބަސް ބުނަމުން ގެންދިޔައީ މިއިން ކަމަކަށް ފިކުރާއެއް ނެތި އެވެ. ހެޔޮވާނީ ކިހިނެއް ހެއްޔެވެ؟

އަޅުގަނޑަށް މިއަދު ވިސްނިއްޖެ އެވެ. މެންބަރުންގެ މަސައްކަތް ބަލައިގެންފީމެވެ. މެންބަރުން އެވާ ގުރުބާނީތައް ވަނީ އަޅުގަނޑުމެންގެ ލޯތަކަށް ވެސް ސިއްރުންނެވެ. އަޅުގަނޑުމެންނަށް އެ މަންޒަރުތައް ފެނި، މެންބަރުންނާމެދު ހަމްދަރުދީވެ ކަރުނަ އަޅާތަން ބަލާން މެންބަރުން ބޭނުންފުޅު ނުވަނީ އެވެ. ދައުރު މެދަށް ދާއިރު މަޖިލީހުގައި ރަނގަޅު ބަހުސެއް ހިނގާތަން ނުފެނުމަކީ މެންބަރުން މަސައްކަތް ނުކުރާކަމުގެ ދަލީލެއް ނޫނެވެ. ސަރުކާރުން ފޮނުވާ ބިލެއް ފޮނުވާ ގޮތަކަށް ފާސްކޮށްލުމަކީ އެ މެންބަރުންގެ ގޮފަޅުކަމެއް ވެސް ނޫނެވެ. އެއީ ހިކުމަތު އަމަލީ އެވެ. ވިހެއުމުގެ ވޭންވަރުގެ ތެރޭގައި އަބަދުމެ ދެމިތިބޭއިރު ވެސް އެ ނެރުއްވާ ހިކުމަތާއި، ކަންކަން ކޮށްލައްވާ ފުރިހަމަ ކަމުގެ މައްޗަށް ތައުރީފާއި ސަނާ ކިޔުމުގައި ދެމި ތިބުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ގައުމީ ވާޖިބެއް ކަމުގައި ދެކެމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox