11 ވަނަ އިސްލާމިކް ރީޓެއިލް ބޭންކިން އެވޯޑްސް (އައިއާރްބީއޭ) ގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ދެ އެވޯޑެއް ހާސިލްކޮށްފި އެވެ.
ޕާކިސްތާނުގެ ކަރާޗީގައި ކުރިއަށްދިޔަ އިސްލާމިކް ރީޓެއިލް ބޭންކިން އެވޯޑްސްގައި އެމްއައިބީއަށް ލިބުނީ "ބެސްޓް ޑިޖިޓަލް ބޭންކިން އިނީޝިއޭޓިވް އެވޯޑް" އަދި ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އިސްލާމިކް ރީޓެއިލް ބޭންކްގެ އެވޯޑެވެ.
ބެސްޓް ޑިޖިޓަލް އިނީޝިއޭޓިވް އެވޯޑް އެމްއައިބީއަށް ލިބުނީ އެ ބޭންކުން ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމަށާއި ތަޖުރިބާތައް ރަނގަޅުކުރުމަށް ގެނެސްފައިވާ ސޮލިއުޝަންތަކުގެ ސަބަބުންނެވެ.
އެ އެވޯޑުގެ ސަބަބުން އެމްއައިބީން މޯބައިލް ބޭންކިން އާއި އޮންލައިން ހިދުމަތްތައް ކުރިއަރުވަން ޓެކްނޮލޮޖީއަށް ކުރާ އިންވެސްޓްމަންޓުގެ އަގު ވަނީ ވަޒަންކުރެވިގެން ގޮސްފަ އެވެ.
އެމްއައިބީއަށް ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އިސްލާމިކް ބޭންކްގެ އެވޯޑު ލިބިގެން ގޮސްފައިވާއިރު، އެ ބޭންކުން ޝަރިއާ ކޮމްޕްލަޔަންޓް ބޭންކިންގެ ހިދުމަތް ފުރިހަމައަށް ދެމުންދިޔުމުގެ އަގުވަނީ ވަޒަންކުރެވި އެވެ.
އެމްއައިބީން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އައު ޓެކްނޮލޮޖީތަކުގެ އެހީގައި ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް ކަމަށް އެ ބޭންކުން ބުންޏެވެ.
އެމްއައިބީއަށް ލިބުނު އެވޯޑުތަކާއެކު އެ ބޭންކުން ވަނީ ކަސްޓަމަރުންނާއި ޕާޓްނަރުންގެ އިތުރުން މުވައްޒަފުންނަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.
އިސްލާމިކް ރީޓެއިލް ބޭންކިން އެވޯޑްސްއަކީ ކެމްބްރިޖް އައިއެފްއޭ އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވާ އެ އެވޯޑަކީ އިސްލާމިކް ފައިނެންސް ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.










