ތަންފީޒު ކުރެވިއްޖެ ނަމަ، ދިވެހިރާއްޖޭގެ "ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ އާންމު ގަވާއިދު" އަކީ ވެރި ރަށް މާލެ އަދި މުޅި ގައުމު ވެސް ބަދަލުކޮށްލާނެ ފަދަ އިންގިލާބީ ގަވާއިދެކެވެ.
ސަރުކާރުން އެ ގަވާއިދު ތަންފީޒު ކުރާ ނަަމަ، މާލޭގައި ދިރިއުޅޭ މީހުން ސިނގިރޭޓާއި ދުމުން ސަލާމަތްނުވެވިގެން އުޅޭކަށް ނުޖެހޭނެ އެވެ. އެއިރުން، ހިނގާބިނގާވެ އުޅޭ ގިނަ މަގުތަކުގައި އާއި އާންމުން އެއްވާ ތަންތަނާއި ކުޅިވަރު ކުޅޭ މައިޒާންތަކާއި ސްކޫލްތަކާއި ހޮސްޕިޓަލުތައް ކައިރި ސިނގިރޭޓެއް ނުބޮވޭނެ އެވެ.
ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ގާނޫނާއި ގަވާއިދު ނެގެހެއްޓުމުގެ ޒިންމާ ނަގައި، އެ ގަވާއިދު ތަންފީޒު ކުރާ ނަމަ، ވަކި ސިނގިރޭޓު ވިއްކުމާއި ވަގު ސިނގިރޭޓު މާކެޓުގައި ވިއްކުމާއި ގަންނަން ލިބުމާއި ދައުރުވުން މުޅީން ހުއްޓޭނެ އެވެ.
އެކަމަކު، މިއީ ދިވެހިރާއްޖެ އެވެ. ފެބްރުއަރީ 12، 2025، ގައި އަމަލު ކުރަން ފެށި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގަވާއިދު އޮތް ތަނެއްގައި އޮތީ އެވެ. އެ ގަވާއިދަށް ބަލައިގެން އުޅޭ މީހަކު، އެ ގަވާއިދު ތަންފީޒު ކުރަން އުޅޭ އޮފިޝަލަކު އަދި އެ ގަވާއިދު ތަންފީޒު ނުވެގެން ޝަކުވާ ކުރާނެ މީހަކު ނެތެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ އާންމު ގަވާއިދަކީ، ރައީސް މުހައްމަދު މުއިއްޒުގެ ދުންފަތް ޕޮލިސީގެ ދަށުން ގެނައި ބަދަލުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ބަދަލެވެ. އެއީ ނޮވެމްބަރު، 2024، ގައި ދުންފަތުން ނަގާ ޓެކްސް 100 ޕަސެންޓު ބޮޑު ކުރުމަށްފަހު އަދި މުޅި ރާއްޖެއިން ވޭޕް މަނާ ކުރުމަށްފަހު، ނެރުނު ގަވާއިދެކެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ އާންމު ގަވާއިދަށް ކުރު ތައާރަފެއް
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ އާންމު ގަވާއިދުގައި ބުނެފައިވާ ގޮތުން، އެ ގަވާއިދުގެ އެންމެ މުހިންމު މަގުސަދަކީ، ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކަށް ވެސް ދުންފަތުގެ ދުމުން ރައްކާތެރި ތިބުމުގެ ހައްގު ކަށަވަރުކޮށްދިނުމެވެ.
އެ ގަވާއިދުގައި އެކުލެވެނީ މައިގަނޑު ހަ ބާބެވެ. އެއީ؛
- ގަވާއިދުގެ ތައާރަފާއި މަގުސަދު ހިމެނޭ ގޮތަށް އިބްތިދާއީ މާއްދާތައް
- ދުންފަތުގެ ދުމުން މުޖްތަމައު ރައްކާތެރި ކުރަން ކުރާނެ ކަންކަން
- ދުންފަތުގެ ބާވަތްތަކުން ވިޔަފާރި ކުރުމުގައި ހިފަހައްޓަންޖެހޭ އުސޫލުތައް
- ދުންފަތުގެ ބާވަތްތައް އިސްތިހާރު ކުރުމާއި ޕްރޮމޯޓު ކުރުން މަނާ ކުރުން
- ދުންފަތުގެ ބާވަތްތައް ޕެކެޓުކޮށް ލޭބަލް ކުރުން
- ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުން
ދުންފަތުގެ ދުމުން އާންމުން ރައްކާތެރި ކުރަން އެ ގަވާއިދުގައި މުހިންމު ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. އެންމެ މުހިންމު ފިޔަވަޅަކީ އާންމު ތަންތަަނުގައި ސިނގިރޭޓު ބުއިން މަނާ ކުރުމެވެ. މިއީ، ގާނޫނާއި ގަވާއިދުތައް ކުރިން އޮތް ގޮތުން ވެސް މަނާ ކަމެކެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަންތަން
- މިސްކިތްތަކާއި މަދަރުސާތަކުގެ އިންޑޯ އަދި އައުޓްޑޯ ބައިތައް އަދި އެތަންތަނުގެ ވަދެ ނުކުންނަ ދޮރާށިތަކުގެ އިމުން ފެށިގެން 25 ފޫޓުގެ ރޭޑިއަސްގައި ހިމެނޭ އާންމު ތަންތަން
- ހޮސްޕިޓަލް، ކްލިނިކް އަދި ޔުނިވާސިޓީތަކުގެ އިންޑޯ އަދި އައުޓްޑޯ ބައި އަދި ވަދެ ނުކުމެ އުޅުމަށް ހަދާފައި ހުރި ދޮރާށިތައް ކުރިމަތި
- ބޭސް ފިހާރަ އަދި ސިއްހަތާއި ދުޅަހެޔޮކަން ކުރިއެރުވުމަށް ހަދާފައި ހުންނަ ތަންތަން
- ދައުލަތުގެ އެންމެހާ އިދާރާތައް، ސަރުކާރުގެ ކުންފުނިތައް، ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތައް، ސަރުކާރުގެ ޒިންމާ އަދާކުރާ އެންމެހާ ތަންތަނާއި އެތަންތަނަށް ވަދެ ނުކުންނަ ދޮރުމަތި
- މުސާރައަކަށް ނުވަތަ އުޖޫރަކަށް މަސައްކަތް ކުރާ ތަންތަނުގެ އިންޑޯ ބައިތައް
- އާންމު ދަތުރުފަތުރު ކުރާ އުޅަނދުތައް
- އެއާޕޯޓުތައް، ބަސް ސްޓޮޕުތައް، ޓެކްސީ ސްޓޭންޑުތައް، ކަނޑުގެ އުޅަނދުތައް ކައިރި ކުރަން ހަދާފައި ހުރި އުޅަނދުތައް، ފާލަންތައް އަދި ޖެޓީތައް.
- ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުމާއި މުނިފޫހިފިލުވުމަށް އަދި ހިތްފަސޭހަ ކުރުމަށް ވަދެ ނުކުމެ އުޅޭ ތަންތަން
- ކުޅިވަރު ކުޅޭ ސްޓޭޑިއަމްތަކާއި ކޯޓުތަކާއި ތަންތަނާއި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުމަށް އާންމު ތަންތަނުގައި ހަދާފައިވާ ތަންތަން
- އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ފުރުސަތު ބޮޑު ތަންތަން
- އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ފުރުސަތު ބޮޑު ސިނާއީ މަސައްކަތް ކުރާ ތަންތަން
- އެއްގަމު އުޅަނދު ޕާކު ކުރާ ތަންތަނާއި ކަނޑު އުޅަނދު ޑޮކް ކުރާ ސަރަހައްދުތަކާއި ވައިގެ އުޅަނދު މަޑު ކުރާ ސަރަހައްދުތަކުގެ ދޮރުމަތި
- ކުޑަކުދިންގެ ޕާކުތަކާއި މައިޒާންތަކާއި ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަކޮށްފައިވާ ސަރަހައްދުތައް
- ޒުވާނުންގެ މަރުކަޒުތަކާއި ޒުވާނުން ކުޅިވަރު ކުޅުމަށް ހާއްސަކޮށްފައިވާ ތަންތަން
- އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ތަންތަން އަދި ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަލަހައްޓާ ހުރިހާ ތަންތަން
- ފިހާރަތަކާއި މާރުކޭޓުތަކާއި އާންމުކޮށް ވިޔަފާރި ކުރާ ހުރިހާ ތަންތަން
- އެޕާޓްމަންޓުތަކުގެ ސިޑި އާއި ވައިގޮޅި ފަދަ އާންމު ތަންތަން އަދި ދަނާލާއި ހޮސްޓެލް ފަދަ ތަންތަން
- އެއް ގެއެއްވުރެ ގިނަ ގެތައް ވަދެ ނުކުމެ އުޅުމަށް ހަދާފައިވާ ގޯޅިތަކާއި ކޮޅު ބެދިފައިވާ ބަންޑާރަ ގޯޅިތައް
ފެންނަނީ ގަވާއިދު ތަންފީޒު ނުވާ މަންޒަރު
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގަވާއިދު ތަންފީޒު ކުރާނެ އިދާރާތައް އެ ގަވާއިދުގައި ވަނީ ވަރަށް ސާފުކޮށް ކަނޑައަޅައިދީފަ އެވެ. ގަވާއިދު ތަންފީޒު ކުރުމުގެ މައިގަނޑު ޒިންމާ ގަވާއިދުގެ ދަށުން ދީފައި ވަނީ ފަސް އިދާރާއަށެވެ. ކޮންމެ އިދާރާއަކުން ވެސް އެ ދާއިރާއަކާ ގުޅޭ ބައިތައް ތަންފީޒު ކުރަން ޖެހޭނެ އެވެ.
މި ރިޕޯޓުގެ ބޭނުމަށް މާލޭގެ މަގުތައް މައްޗަށް ނުކުތް އަދަދު ގެ ފޮޓޯގްރާފަރު ބުނާ ގޮތުގައި، ސިނގިރޭޓު ބުއިން މަނާ ތަންތަނުގެ ތެރެއިން، ސިނގިރޭޓު ނުބޯތަން ފެންނަނީ ހަމައެކަނި ސްކޫލްތަކާއި ހޮސްޕިޓާތައް ކައިރީގަ އެވެ.
ފެރީ ޓާމިނަލްތައް ކައިރީގަ އާއި ފިހާރަތަކުގެ ދޮރުތައްމައްޗާއި މާރުކޭޓާއި ބާޒާރުމަތި ފަދަ އާންމުން ގިނަ އަދަދަކަށް އުޅޭ ތަންތަނާއި ބައެއް މައިޒާންތަކުގައި ޖެޓީތައް ކައިރީގައި ވެސް ސިނގިރޭޓު ބޯ މަންޒަރު މި ނޫހުގެ ފޮޓޯގްރާފަރަށް ފެނުނެވެ. އަދި ބައެއް ކަނޑު އުޅަނދުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މަންޒަރު ވެސް އޭނާއަށް ފެނުނެވެ.
އެންމެ ފާހަގަވި އަނެއް ކަމަކީ، ސިނގިރޭޓު ބުއިން މަނާ ތަންތަނުގައި އެކަން އަންގައިދޭ ނިޝާނެއް ނެތުމެވެ. އެހެންވެ، ބައެއް ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކަން ގިނަ މީހުންނަށް ނޭނގުމަކީ އެކަށީގެންވާ ކަމެކެވެ. މިސާލަކަށް ޕާކިން ލޮޓުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނަލެވެ. އެކަމަކު އެކަން އަންގައިދޭ ނިޝާނެއް ނެތުމުން އެ ސަރަހައްދުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކަން މީހަކަށް ނޭނގިދާނެ އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަންތަނުގައި ބައެއް މީހުން ސިނގިރޭޓު ބޮނީ
ގަވާއިދު ތަންފީޒު ކުރަންޖެހޭ އިދާރާތައް
- ހެލްތު މިނިސްޓްރީ
- މޯލްޑިވްސް ކަސްޓަމްސް ސާވިސް
- ދިވެހި ފުލުހުންގެ ހިދުމަތް
- އިކޮނޮމިކް މިނިސްޓްރީ
- ސިޓީ ކައުންސިލުތައް، އަތޮޅު ކައުންސިލުތައް، ރަށު ކައުންސިލުތައް
ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ އާންމު ސަރަހައްދުތައް ބެލެހެއްޓުމަކީ އެތަންތަން ބަލަހައްޓާ އިދާރާއެއްގެ ޒިންމާއެކެވެ. މިސާލަކަށް މާލޭ ސިޓީ ކައުންސިލުން ބަލަހައްޓާ ޕާކިން ލޮޓުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކަން އަންގައިދޭ ބޯޑު ބެލެހެއްޓުމާއި ސްމޯކް ފްރީ ތަނަކަށް އެތަން ހެދުމުގެ ޒިންމާ ނަގަންޖެހޭނީ ކައުންސިލުންނެވެ.
"އާންމު ތަންތަން" ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވާ ތަންތަން ވަރަށް ސާފުކޮށް ގަވާއިދުގައި ލިޔެފައި އެބަ އޮތެވެ. އެއީ އެ ތަނެއްގައި މީހުން ހިނގާބިނގާވާ ނުވަތަ އެއްވެސް ހުރަހެއްނެތި އެ ތަނަކަށް މީހުން އައިސްގޮސްވާ ތަންތަނާއި އާންމުން މަޑުކޮށްލައިގެން ނުވަތަ އެހެންވެސް ބޭނުންތަކުގައި އެއްވެ އުޅެވޭ ގޮތަށް ހުންނަ ތަންތަނެވެ.
21 އަހަރުން ދަށުގެ މީހުންނަށް ދުންފަތް ވިއްކުން
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ އާންމު ގަވާއިދުގައި ހިމަނާފައިވާ އެންމެ މުހިންމު އެއް ނުކުތާއަކީ 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތް ނުވިއްކުމެވެ.
ގަވާއިދުގައިވާ ގޮތުން، 18 އަހަރު ނުފުރޭ ކުޑަކުދިންނާއި 21 އަހަރުން ދަށުގެ މީހަކަށް ދުންފަތް ވިއްކުމާއި އެ އުމުރުގެ މީހަކު ލައްވައި ދުންފަތް ވިއްކުމާއި އެތެރެ ކުރުމާއި ބޭރު ކުރުމާއި ބަންދު ކުރުމަކީ މަނާ ކަމެކެވެ.
ދުންފަތް ގަންނަ މީހަކީ 21 އަހަރުން ދަށުގެ މީހެއް ކަމަށް ޝައްކު ކުރެވޭ ނަމަ އޭނާގެ އައިޑީކާޑު ނުވަތަ އެހެން ވެސް ރަސްމީ ލިޔުމެއް ބެލުމަށްފަހުގައި މެނުވީ އޭނާއަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމަކީ ވެސް ގަވާއިދުގެ ދަށުން މަނާ ކަމެކެވެ.
ގަވާއިދުގައި ބުނެފައިވާ ގޮތުން، އުމުރުން 21 އަހަރު ނުފުރޭ މީހުންނާއި ކުޑަކުދިންނަށް ދުންފަތް ވިއްކުން މަނާކަން އަންގައިދޭ ނިޝާނެއް، ދުންފަތް ވިއްކާ ތަނެއްގައި ހުންނަންޖެހެ އެވެ.
ނަމަވެސް ގަވާއިދުގެ މި ބައި ފުރިހަމައަށް ތަންފީޒުނުވާކަން އެނގެ އެވެ. ސިނގިރޭޓު ވިއްކާ ތަންތަނުގައި މީހުންގެ އުމުރު ނުބަލާ ކަމަށް ވަރަށް ގިނަ ޒުވާނުން ބުނެ އެވެ. އަދި އުމުރުން 21 އަހަރު ނުފުރޭ މީހުންނާއި ކުޑަކުދިންނަށް ދުންފަތް ވިއްކުން މަނާކަން އަންގައިދޭ ބޯޑު ހުންނަނީ މަދު ފިހާރައެއްގަ އެވެ.
~~
ދުންފަތް ކޮންޓްރޯލް ކުރަން ގެންގުޅޭ ސިޔާސަތަކީ، ހަދާ ގަވާއިދަކީ އަދި ގާނޫނަކީ އޮއްޓަރު ހުރި އެއްޗަކަށް ވާންޖެހެ އެވެ. އޭގައި އޮއްޓަރެއް ހުންނާނީ ރަނގަޅަށް ތަންފީޒުވެގެންނެވެ. އެހެން ނޫނީ އާންމުންނަށް ލިބޭނީ ނުބައި މެސެޖެކެވެ.












