ކޮންޓޭނަރު ސްކޭނަރު ހަރުކުރަން 51 މިލިއަން ރުފިޔާ ބޭނުންވޭ، ފިނޭންސުން ދޫކުރަން އުޅެނީ އެންމެ 15 މިލިއަން

މާލޭ ވިޔަފާރި ބަނދަރު: އެ ބަނދަރުގައި ކޮންޓޭނަރު ސްކޭނަރު ހަރުކުރަން 51 މިލިއަން ބޭނުންވާ ކަމަށް ކަސްޓަމްސް އިން ބުނޭ --- ފޮޓޯ: އަދަދު

މާލޭ ވިޔަފާރި ބަނދަރު: އެ ބަނދަރުގައި ކޮންޓޭނަރު ސްކޭނަރު ހަރުކުރަން 51 މިލިއަން ބޭނުންވާ ކަމަށް ކަސްޓަމްސް އިން ބުނޭ --- ފޮޓޯ: އަދަދު

މާލޭ ވިޔަފާރި ބަނދަރުގައި ކޮންޓޭނަރު ސްކޭނު ކުރާ މެޝިނެއް ބަހައްޓަން ޖުމްލަ 51 މިލިއަން ރުފިޔާ ބޭނުންވި ނަމަވެސް ފިނޭންސް މިނިސްޓްރީން އެކަމަށް އެންމެ 15 މިލިއަން ރުފިޔާ ދޫކުރަން އުޅޭ ކަމަށް ކަސްޓަމްސް އިން ބުނުމުން ބަޖެޓު ކޮމިޓީގައި އެކަމާމެދު މަޝްވަރާކޮށްފި އެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުކުރީ ކަސްޓަމްސް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އިސް އޮފިޝަލުންނެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން ކަސްޓަމްސްގެ ޗީފް ސްޕްރިންޑެންޓު އަބްދުﷲ އަލީ ވިދާޅުވީ، އެ މުއައްސަސާއިން ފުރަތަމަ ވެސް މިކަމަށް ހަރަދުވާނެ ކަމަށް އަންދާޒާކުރީ 51 މިލިއަން ރުފިޔާ ކަމަށެވެ. އޭގެ ބަދަލުގައި އެންމެ 15 މިލިއަން ރުފިޔާ ދޭން ނިންމައި، އެގޮތަށް ރިކުއެސްޓް ކުރުމަށް އެދުނީ ފިނޭންސް މިނިސްޓްރީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން މިނިސްޓްރީގަ ދެންނެވީ ފުލް އެމައުންޓު ނުލިބި ކިހިނެތްހޭ މި ޕްރޮސެސް ކުރިއަށް ގެންދާނީ. ހަމައެކަނި 15 މިލިއަން ރުފިޔާ ލިބިގެން އެކަމެއް ކުރިއަކަށް ނުގެންދެވޭނޭ. އެއީ އެކަން ވެފަ އިން ގޮތަކީ،" އަބްދުﷲ ވިދާޅުވި އެވެ.

ނަމަވެސް ފިނޭންސް މިނިސްޓްރީން މިކަމުގައި މައުލޫމާތު ދިނީ އެހެން ގޮތަކަށެވެ. އަދަދު އާއި ވާހަކަދައްކަވަމުން ފިނޭންސުގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވީ ކޮންޓޭނަރު ސްކޭނަރު ހަރުކުރަން ކަސްޓަމްސް އިން ފުރަތަމަ އެދުނީ 15 މިލިއަން ރުފިޔާއަށް ކަމަށެވެ. އެ ފައިސާ ދޭން ހަމަޖެއްސީ މި އަހަރުގެ ބަޖެޓުންނެވެ.

އެ އަދަދު ސިސްޓަމުގެ ތެރެއިން ރިކުއެސްޓް ކުރަން އެދުމުން ކަސްޓަމުން އެކަން ކޮށްފައިނުވާ ކަމަށާއި 51 މިލިއަން ހަރަދުވާނެ ކަމަށް ބުނެ އެ އަދަދު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިދޭން ކަސްޓަމްސް އިން އެދުނީ ފަހުން ކަމަށް ސާއިދު ވިދާޅުވި އެވެ.

ކަސްޓަމްސް އިން ފައިސާގެ ވާހަކަ ދެއްކުމުން ބަޖެޓު ކޮމިޓީގެ މުގައްރިރު އަހުމަދު ސަލީމު ވަނީ 15 މިލިއަންގެ އިތުރުން ބޭނުންވާ ފައިސާ ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދެއްވި ކަމަށް ވިދާޅުވެފަ އެވެ.

"އެއް ގޮތަކީ، އެމީހުން ރާވާފަ އޮތީ އެމްޕީއެލްގެ ތެރެއިން އެބައި ކަވަރުކުރާ ގޮތަށް އިނގޭތޯ. ދެވަނަ ގޮތަކަށް އޮތީ ފިނޭންސް މިނިސްޓްރީން އެކަން ކޮށްދޭ ގޮތަށް. ކޮންމެ ގޮތެއް ވިޔަސް އެކަން އޮތީ ވާ ގޮތަށް. ޓެންޑާއެއް ކޮންގެން ވެސް އެންމެ ފުރަތަމަ ނުޖެހޭނެ ކަންނޭނގެ އެއްކޮށް ދޭކަށެއް ލާރިއެއް،" ސަލީމް ވިދާޅުވި އެވެ.

އެހެން ވިދާޅުވުމަށްފަހު އެމްޕީއެލް އަށް ފުރުސަތު ދިނުމުން އެ ކުންފުނިން ވާހަކަ ދެއްކި އޮފިޝަލު ވިދާޅުވީ ސްކޭނަރު ބެހެއްޓުމަށް އެމްޕީއެލްގެ ބަޖެޓުން ވެސް މިވަގުތު ބޮޑު ހަރަދެއް ކުރެވެން ނެތް ކަމަށެވެ. މި ވާހަކަ އާއެކު ސަލީމް ތަކުރާރުކުރެއްވީ ފިނޭންސް މިނިސްޓަރު ދެއްވި ޔަގީންކަމެވެ.

ކަސްޓަމްސް އިން ދެން ފާހަގަކުރި މައިގަނޑު ކަންބޮޑުވުމަކީ ޖާގައިގެ ދަތިކަމެވެ. އެގޮތުން ކޮންޓޭނާ ސްކޭނަރު ބަހައްޓަން 10 މީޓަރުގެ ޖާގައެއް ބޭނުންވާ ކަމަށާއި ސްކޭނަރުގެ ރޭޑިއޭޝަން އިން ސަލާމަތްވުމަށް 50 މީޓަރުގެ ޖާގައެއް ބޭނުންވާކަން ކަސްޓަމްސް އިން ފާހަގަކުރި އެވެ. ނަމަވެސް، 10 މީޓަރުގައި ލެޑް އިންސިއުލޭޓެޑް ފާރެއް ބެހެއްޓުމުން 50 މީޓަރުގެ ޖާގަ ބޭނުންނުވާނެ ކަން ކަސްޓަމްސް އިން ވަނީ ފާހަގަކޮށްފަ އެވެ.

ގިނަ މަޝްވަރާތަކަކަށްފަހު ބޭނުންވާ ޖާގަ ދެވޭނެ ކަމަށް ކަސްޓަމްސް އަށް އެމްޕީއެލް އިން މިހާރު އަންގާފައިވާ ކަމަށް ވެސް ކަސްޓަމްސް އިން މިއަދުގެ ކޮމިޓީގައި ބުންޏެވެ. ކޮންޓޭނަރު ސްކޭން ކުރަން މިހާތަނަށް އެކުލަވާލާފައިވަނީ ދެ ޕްލޭނެކެވެ. އެއީ ބެލްޓެއްގެ މަތިން ކޮންޓޭނަރު ދުއްވުން ނުވަތަ ކޮންޓޭނަރު އުފުލާ ލޮރީ ނުވަތަ އުޅަނދު ސްކޭން ތެރެއިން ދަތުރުކުރުމެވެ.

މި ގޮތަށް ކޮންމެ މިނެޓަކުން ތިން ކޮންޓޭނަރު ސްކޭން ކުރެވޭނެ ކަމަށާއި ދުވާލެއްގެ މައްޗަށް މާލޭ ބަނދަރުން ކޮންޓޭނަރު ބޭރުކުރާ މިންވަރާ ބަލާއިރު މިއީ ރަނގަޅު ސްޕީޑެއްކަން ކަސްޓަމްސް އިން މިއަދު ފާހަގަކުރި އެވެ.

ކަސްޓަމްސް އިން އިތުރަށް ފާހަގަކުރި ކަންކަމުގެ ތެރޭގައި ސްކޭނަރުގެ މެއިންޓެނަންސް އަށް އަހަރަކު ލައްކައެއް ނުވަތަ ދެ ލައްކަ ޑޮލަރު ހަރަދުވާނެ އެވެ. ނަމަވެސް، އެ އަދަދަށްވުރެ އެތައް ގުނައެއް އިތުރަށް ސްކޭނަރު ބޭނުންކޮށްގެން އާމްދަނީ ހޯދޭނެ ކަމަށް ކަސްޓަމުން ފާހަގަކޮށްފައިވެ އެވެ.

އެގޮތުން، ސްކޭނަކަށް 1،000ރ، ގެ މަގުން ފައިސާ ނަގައިފިނަމަ އަހަރަކު މިހާރު ކްލިއާ ކުރާ 60،000 އެއްހާ ކޮންޓޭނަރުން 60 މިލިއަނެއްހާ ރުފިޔާގެ އާމްދަނީ އެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް ކަސްޓަމްސް އިން މިއަދު ފާހަގަކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox