ރަސްމާލެ ހިއްކުމާ ހަވާލުވާން އެމްއޭސީއެލްއިން އައު ކުންފުންޏެއް، ކެޕިޓަލް އަކަށް 70 މިލިއަން ޑޮލަރު އިންވެސްޓު ކުރަނީ

އާޓްވޯކް: އިސްމާއިލް އިމްދާދު/އަދަދު

އާޓްވޯކް: އިސްމާއިލް އިމްދާދު/އަދަދު

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ ބިން ހިއްކުމުގެ މަސައްކަތާއި ހަވާލުވާން ސަރުކާރުގެ އެއާޕޯޓު ހިންގާ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އައު ކުންފުންޏެއް އުފައްދައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ރެޖިސްޓްރީން ދައްކާ ގޮތުގައި ޕެނިންސޫލާ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި އުފައްދާފައި މި ކުންފުނީގެ 100 ޕަސެންޓު ހިއްސާދާރަކީ އެމްއޭސީއެލް އެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އެމްއޭސީއެލްގެ ވެސް ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ޝަރީފެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކުންފުނި އުފެއްދީ ރަސްމާލެ ހިއްކުމުގެ މަޝްރޫއާއި ހަވާލުވުމަށެވެ. އެ މަޝްރޫއު މިހާތަނަށް ކުރިއަށް ގެންދިޔައީ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ. މި އަހަރުގެ ކުރީކޮޅު އެ މަޝްރޫއު ސަރުކާރުގެ އެކި ކުންފުނިތައް ގުޅިގެން އުފެއްދި މިޑްފްރީ ޒޯން އާއި ހަވާލުކުރުމުގެ އަޑުތަކެއް ވެސް އިވުނެވެ. އެ ވާހަކަތަކުގައި ރަސްމީ ކުލައެއް ނުޖެހެ އެވެ.

އެމްއޭސީއެލްގެ އައު ކުންފުންޏާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދިން އެކި މަސްދަރުތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި އަލަށް އުފެއްދި ޕެނިންސޫލާ ކުންފުނީގެ ކެޕިޓަލްގެ ގޮތުގައި 70 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) އިންވެސްޓް ކުރަން އެމްއޭސީއެލްގެ އިސްވެރިން ދަނީ މަޝްވަރާ ކުރަމުންނެވެ. އެކަމާމެދު މިހާތަނަށް ވަކި ގޮތެއް ނިންމިކަން ކަށަވަރެއް ނުވެ އެވެ.

އަލަށް އުފެއްދި ކުންފުންޏާއި ގުޅޭގޮތުން މި ނޫހުން އެމްއޭސީއެލްގެ އެމްޑީ ޝަރީފަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. އެ ކުންފުނީގެ މީޑިއާ ޓީމުން ބުނީ މައުލޫމާތު އިތުރަށް ސާފުކުރުމަށް ފަހު ހިއްސާކުރާނެ ކަމަށެވެ. ނަމަވެސް، މިހާތަނަށް އެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.

ރަސްމާލޭގެ އިތުރުން މި ކުންފުނިން އަލަށް ތަރައްގީ ކުރާ ބައެއް އެއާޕޯޓު ތަކާއި އެކި ރަށްރަށުގެ ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. މި ފަހުން ސަރުކާރުން ވަނީ އެމްއޭސީއެލް އަށް ބިން ހިއްކުމުގެ ބައެއް މަޝްރޫއުތައް ހަވާލުކޮށްފަ އެވެ.

ބިން ހިއްކުމުގެ މަސައްކަތަށް އެމްއޭސީއެލް އިން އައު ކުންފުންޏެއް އުފައްދަން ނިންމާފައި މިވަނީ މާކެޓު ރޭޓަށް ވުރެ މާ ބޮޑު އަގެއްގައި ޑްރެޖަރެއް ކުއްޔަށް ނަގައިގެން ގެންނަން އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަން މި ނޫހަށް ވަނީ ޔަގީންވެފަ އެވެ.

ވިސްލްބްލޮވަރަކު ނަން ނުޖަހާ ގޮތަށް ޝަރުތުކޮށް މި ނޫހަށް ދިން މައުލޫމާތުގައިވާ ގޮތުގައި، މި ޑްރެޖަރު ކުއްޔަށް ނަގަނީ 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) އަށެވެ. މިއީ އެމްޓީސީސީން ގެންގުޅޭ މި ސަރަހައްދުގެ އެންމެ ބޮޑު ޑްރެޖަރު ކަމުގައިވާ "މަހާޖައްރާފު" ގަންނަން ހަރަދުކުރި 31.8 މިލިއަން ޑޮލަރު (490 މިލިއަން ރުފިޔާ) އަށް ވުރެ ވެސް ބޮޑު އަދަދެކެވެ.

ރަސްމާލެ މަޝްރޫއަށް ބަލާއިރު، ޑިސެމްބަރު 18، 2023 ގައި ހިއްކަން ފެށި ރަސްމާލެ ހިއްކުމުގެ މަޝްރޫއުގައި ހިމެނޭ ޖުމްލަ 1153 ހެކްޓަރުގެ ތެރެއިން މިހާތަނަށް ހިއްކުނީ އެންމެ 13 ޕަސެންޓެވެ.

ރަސްމާލެ ހިއްކާ ނިންމާނެ ކަމަށް ބުނެ ރައީސް މުހައްމަދު މުއިއްޒު ފުރަތަމަ ދިން މުއްދަތަކީ އަށް މަސްދުވަހެވެ. އެ މުއްދަތުގައި އެންމެ 29 ހެކްޓަރު ހިއްކުމުން އިތުރު އަށް މަސް ބޭނުންވާ ކަމަށް ވިދާޅުވުމަށް ފަހު، މުއިއްޒު މިހާރު ދެއްވާ މުހުލަތަކީ މި ޑިސެމްބަރުގެ ނިޔަލަށެވެ.

ސަރުކާރުން ރަސްމާލެ ހިއްކުން ފުރަތަމަ ހަވާލުކުރީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އާ އެވެ.

ބިން ހިއްކުމުގެ ބަދަލުގައި ދިގު މުއްދަތަށް ބިންތަކެއް ލިބޭ ގޮތަށް ފެށި މަސައްކަތް ހުއްޓި ފުރަތަމަ ހެދި އެއްބަސްވުން މިހާރު ވަނީ ބާތިލުކޮށްފަ އެވެ. އެއަށްފަހު މަސައްކަތް މަޑުޖެހި، އެއްބަސްވުން ބާތިލުކުރަން ނިންމީ ސަރުކާރުންނެވެ.

މަޝްރޫއު އިތުރަށް ކުރިއަށް ގެންދިއުމަށް، އެޗްޑީސީ އިން ބޮޑު ލޯނެއް ނަގައިގެން ބިން ހިއްކުމުގެ މަސައްކަތް މިހާރު ހަވާލުކޮށްފައިވަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ) އަދި ޗައިނާގެ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އަދި ސީއެޗްއީސީ އާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox