ތާޒާ އާފަލެއް ދެ ދަތްޕިލަ ދޭތެރޭ ތާށިކޮށް ފިއްތައިލުމަށް ފަހު، އެ އާފަލު ހަފައިލުމުގެ މަސައްކަތް އަހަރެމެން ހަވާލު ކުރަނީ، ކޮލު މަސްގަނޑާއެވެ. ވަޅިއަކުން ނުކޮށޭހާ ހަރު މަސްގަނޑެއް ހަފައިލުމުގައި ވެސް ދެ ދަތްޕިލަޔަށް ބާރު ހޯދަނީ ކޮލު މަސްގަނޑުންނެވެ.
ސިޑިއަކުން މައްޗަށް އަރަންވެއްޖެ ނަމަ، ބިމުގެ ދަމާ ބާރާ ދެކޮޅަށް ތިބާގެ ހަށިގަނޑު މައްޗަށް ގެންގޮސްދެނީ ފިނދުމަސްގަނޑު (މާކަޅުވާމަހާއި އުނަގަނޑާ ދެމެދު އުސްކޮށް ބޯކޮށް ފުރަގަހަށް އޮންނަ މަސްގަނޑު)ގެ ބާރުގައެވެ. އެ މަސްގަނޑަށް ބޭނުންވާ ހަކަތަ އާއި ފަންވަރު ހޯދުމަށްޓަކައި، މުޅި ހަށިގަނޑަށް ލޭ ފޮނުވައިދޭ މިންވަރު ހަލުވިކުރުމަށްޓަކައި ހިތުގެ ހިނގުން އަވަސްވެއެވެ. އަދި ސިޑިއަކުން ތިރިއަށް ފައިބާ ނަމަ، އެ ކަމުގެ ޒިންމާ އުފުލަނީ ދެފައިގެ އެހެން މަސްތަކެކެވެ.
އެހެންކަމުން، އިންސާނާގެ ހަށިގަނޑުގެ ކޮންމެ މަސްކޮޅަކީ އަދި ކޮންމެ މަސްގަނޑަކީ އޭގެ ޒާތުގައި ނުހަނު މުހިންމު ޒިންމާއެއް އަދާކުރާ އެއްޗެކެވެ. އެ ޒިންމާ އަދާކުރުމަށް އެއިން މަސްކޮޅަކަށް އަމުރު ކުރާކަށް ނުޖެހެއެވެ. އެމީހެއްގެ ހިތުގައި އެކަމެއް ކުރުމަށް ނިންމާ ހިނދުން، އެ މަސްގަނޑެއް ނުވަތަ އެ މަސްކޮޅެއް އެ ޒިންމާ އަދާކުރެއެވެ.
އެހެން ނަމަވެސް، އިންސާނާގެ ހަށިގަނޑުގައި އެކި ބޮޑުމިނުގެ އެތައް މަސްގަނޑަކާއި އެތައް މަސްކޮޅެއް އެކުލެވޭ އިރު، އޭގެ ތެރެއިން އެންމެ ވަރުގަދައީ ކޮން މަސްކޮޅެއް ނުވަތަ ކޮން މަސްގަނޑެއް ހެއްޔެވެ؟ އެއް ބަޔަކު ބުނާ ގޮތުގައި، އިންސާނާގެ ހަށިގަނޑުގެ އެންމެ ބާރު ގަދަ މަސްގަނޑަކީ، ދެ ދަތްޕިލަ ހަރަކާތްތެރިކުރުވާ ކޮލު މަސްކޮޅެވެ.
ނަމަވެސް ސައެންސްވެރިންގެ ހިޔާލު މިކަމުގައި ތަފާތެވެ. ހަގީގަތުގައި މަސްގަނޑެއްގެ ބާރުގަދަކަން ކަނޑައެޅޭނީ "ބާރު" މާނަ ކުރާ ގޮތެއްގެ މަތިންނެވެ. އެމެރިކާގެ މެސެޗޫސެޓްސްގެ ޓަފްޓްސް ޔުނިވަސިޓީ ސްކޫލް އޮފް މެޑިސިންގެ ޑިޕާޓްމަންޓް އޮފް ރިހެބިލިޓޭޝަން ސައެންސަސްގެ ކްލިނިކަލް ޕްރޮފެސަރު ސާރާ ގިލީލޭންޑް ވިދާޅުވާ ގޮތުގައި މަސްގަނޑެއްގެ ބާރުމިން ބުނެދޭން އެނގޭނީ، ދެނެގަންނަން ބޭނުންވަނީ، އެ މަސްގަނޑަކުން އެވްރެޖް ގޮތެއްގައި އުފައްދާ ބާރުތޯ ނުވަތަ މުޅި މަސްގަނޑުން އެކުގައި އުފައްދާ ބާރުތޯ ކަނޑައެޅިގެންނެވެ.

އެ ގޮތުން ބަލާއިރު، ހަށިގަނޑުގެ ބޮޑު މަސްގަނޑަކުން އުފައްދައިދޭ ޖުމްލަ ބާރު ބަލައިފި ނަމަ، އެއީ އެންމެ ބާރު ގަދަ މަސްގަނޑު ކަމަށް ބުނެވިދާނެއެވެ. ނަމަވެސް، އެއަށް ވުރެ ކުޑަ މަސްގަނޑަކުން ނުވަތަ ކުޑަ މަސްކޮޅަކުން އުފައްދާ ބާރަކީ އެ މަސްކޮޅުގެ ބޮޑުމިނާ އަޅައި ބަލާއިރު، އެކަށީގެންވާ ވަރަށް ވުރެ ގަދަ ބާރެއް ނަމަ، އެއީ އެންމެ ބާރު ގަދަ މަސްގަނޑު ކަމުގައި ވެސް ބެލެވިދާނެއެވެ.
ޔުނިވަސިޓީ އޮފް ސައުތު ފްލޮރިޑާގެ މަރްސޯނީ ކޮލެޖް އޮފް މެޑިސިންގެ އެސޯސިއޭޓް ޕްރޮފެސަރު އަދި ފިޒިއޮލޮޖިސްޓް ޑޮމިނިކް ޑީއަގޮސްޓީނީ ވިދާޅުވާ ގޮތުގައި ސައެންސްވެރިން އާންމު ގޮތެއްގައި މަސްގަނޑެއްގެ ބާރުގަދަ މިންވަރު ކަނޑައަޅަނީ އެ މަސްގަނޑަކުން އުފައްދާ ޖުމްލަ ބާރަށް ބަލައިގެންނެވެ. އެ ގޮތުން ބަލާއިރު ހަށިގަނޑުގައިވާ އެންމެ ބާރުގަދަ މަސްގަނޑަކީ ފިނދުމަސްގަނޑު ކަމަށް ސައެންސްވެރިން އެއްބަސްވެއެވެ.
ސަބަބަކީ، މުޅި ހަށިގަނޑު އުފުލައިދިނުމަށް ބޭނުންވާ ބާރު އުފައްދަނީ އެ މަސްގަނޑުންނެވެ. އެ ގޮތުން ހިނގުމާއި ސިޑިން އެރުމާއި ތަނެއްގައި އިށީނދެ އިނދެ ތެދުވުމަށްޓަކައި ހަށިގަނޑު އުފުލައިދެނީ އެ މަސްގަނޑެވެ. އެއާ ޚިލާފަށް މީހަކު ދުވާއިރު، އެކަމުގައި އެންމެ ބާރުގަދަ ކަމަށް ބުނަން ޖެހެނީ، ހަތަރު މަސްގަނޑުގެ މައްޗަށް އެކުލެވިގެންވާ ފަލަމަސްގަނޑެވެ. އެ ހަތަރު މަސްގަނޑަކީ ވެސް އެކުގައި މަސައްކަތްކުރާ މަސްތަކެވެ.
ކޮޅަށް ހުރުމާއި ދުވުމާއި ފުންމުމަށް ބޭނުންވާ ބާރު އުފެއްދުމުގައި، ފައިގެ ފަލަމަސްގަނޑުގެ ހަތަރު މަސްގަނޑާ އެކުގައި ބައިވެރިވާ އަނެއް މަސްގަނޑަކީ ކުޑަކަޅުވާގެ ދެ މަސްގަނޑެވެ. މި ހަ މަސްގަނޑުން އުފައްދާ ބާރަކީ، މުޅި ހަށިގަނޑުން އުފައްދާ އެންމެ ބޮޑު ބާރެވެ.
ނަމަވެސް، އިންސާނާގެ ކޮލު މަސްކޮޅަކީ ވެސް ސައިޒުން ކިތަންމެ ކުޑަ ނަމަވެސް، ހަށިގަނޑުގެ އެންމެ ބޮޑެތި މަސްގަނޑުތަކަށް ދޫކުރާ މަސްކޮޅެއް ނޫނެވެ. އޭގެ ބޮޑުމިނާއި، ބޮޑުމިނުގެ ނިސްބަތުން އުފައްދާ ބާރަށް ބަލާއިރު، ހަށިގަނޑުގެ އެންމެ ބާރު ގަދަ މަސްގަނޑަކީ ކޮލު މަސްކޮޅު ކަމަށް ބަލަންޖެހެއެވެ.
ކޮލު މަސްކޮޅަކީ ވަރަށް ގިނައިން ފައިބަރު އެކުލެވޭ މަސްކޮޅަކަށް ވުމުން، ދެދަތްޕިލަ ފިއްތައި ބާރުކޮށްލުމުގައި އާދަޔާ ޚިލާފު ގަދަ ބާރެއް، މިމަސްކޮޅުން އުފައްދައެވެ. އެހެންކަމުން، ހަރު ދަގަނޑު ފަދަ ހިކިމަހާއި ކުންނާރު އޮށް ފަދަ ހަރު ތަކެތި ހަފައި ކުދިކޮށްލުމަކީ، ދަތްތަކުގައި ވަރު ހުރިއްޔާ މާ އުނދަގޫ ކަމެއް ނޫނެވެ.
މަސްކޮޅެއްގެ ބާރު ގަދަކަން ކަނޑައެޅުމުގައި، އެ މަސްކޮޅެއްގައި ހުންނަ ތަހައްމަލު ކުރުމުގެ ގާބިލުކަމަށް ވެސް ބަލަންޖެހެއެވެ. އެ ގޮތުން ބަލާއިރު، އިންސާނާގެ ހިތަކީ ވެސް ހަފައިލެވޭ ޒާތުގެ ހަރު މަސްކޮޅެކެވެ. ނަމަވެސް އެއީ ވަރުބަލިކަމާއި ކަންނެތްކަން ނުދަންނަ ގުނަވަނެކެވެ. އިންސާނާ ވުޖޫދުވާ ހިނދުން ފެށިގެން ނޭވާ ދޫކުރުމާ ހަމައަށް އެ މަސްކޮޅު މެދުނުކެނޑި މަސައްކަތް ކުރެއެވެ.
އެވްރެޖް ގޮތެއްގައި 24 ގަޑިއިރުގެ ތެރޭގައި އެއް ލައްކަ ފަހަރު ހިތް ވިންދު ޖަހައެވެ. ނުވަތަ ޕަންޕު ކުރެއެވެ. މި ބުރަ މަސައްކަތުގައި 24 ގަޑިއިރުގެ ތެރޭގައި 9500 ލިޓަރުގެ ލޭ ހަށިގަނޑުގެ ގުނަވަންތަކަށް ފޮނުވައިދެއެވެ. ދުވާލުދާ ހަތަރުދަމު ބުރަ މަސައްކަތުގައި އުޅެ ވަރުބަލިވެގެން މީހާ ނިދިޔަސް، އޭނާގެ ހިތް ހޭލައި ހުރެ ލޭ ޕަންޕުކޮށްދީގެން އޭނާގެ ގުނަވަންތަކުގައި ދިރުން ދަމަހައްޓައިދެއެވެ. އެހެންވީމާ، ހިތުގެ ބާރު ގަދަކަން މިންކުރާނީ ކިހިނެއް ހެއްޔެވެ؟
ދުލަކީ ވެސް ވަރުބަލިކަމެއް ނެތި މަސައްކަތް ކުރާ މަސްކޮޅެކެވެ. އަނގައިގެ ތެރެއަށް ކާއެއްޗެހި ލެވުމުން، ދެ ދަތްޕިލައިގެ ދެމެދަށް އެ ތަކެތި އިރުއިރުކޮޅުން ފޮނުވައިދިނުމާއި، އަނގައިގެ ތެރޭގައި އެ ކާތަކެތި މަސްހުނިކުރުމުގެ މަސައްކަތް ކުރަނީ ދުލެވެ. ވާހަކަ ދައްކައިދެނީ ދުލެވެ. އަނގައިގެ ތެރޭގައި އުފެދޭ ކުޅުތައް، ހިންދިރުވުމުގެ ހަރަކާތާއެކު ކަރުން އެތެރެއަށް ފޮނުވައިދެނީ ދުލުންނެވެ. ނިދާފައި އޮންނަ ހިނދު ވެސް މި މަސައްކަތް ނުހުއްޓެއެވެ.
ލޮލުގެ މަސްކޮޅު އަދި ވަކިން ކުޑައެވެ. ނަމަވެސް ނިދާފައި އޮންނަ ވަގުތުގައި ނޫނީ، އެ މަސްކޮޅުގެ މަސައްކަތް ހުއްޓައެއް ނުލައެވެ. މީހަކު ގަޑިއެއްހާއިރު ފޮތް ކިޔާ ނަމަ، އެވްރެޖް ގޮތެއްގައި 10000 ފަހަރު، އެ މަސްކޮޅު ހަރަކާތް ކުރެއެވެ. އެއީ ލޮލުގެ ކަޅި އެއް ކޮޅުން އަނެއް ކޮޅަށް، މަތިން ތިރިއަށް އަދި ތިރިން މައްޗަށް ގެންދިއުމުގައެވެ.
އެހެންކަމުން، ހަށިގަނޑުގެ މަސްތަކުގެ ދައުރާ އަޅައި ބަލާއިރު، ކޮންމެ މަސްކޮޅަކީ ވެސް އަދި ކޮންމެ މަސްގަނޑަކީ ވެސް އެހާމެ ބާރުގަދަ މަސްގަނޑުކެވެ. (ލައިވްސައިންސް ޑޮޓް ކޮމް)






