ރާއްޖޭގެ އެންމެ ވަރުގަދަ މާލީ ތަނބު، ރައީސް މުހައްމަދު މުއިއްޒުގެ ސިޔާސީ ކައްތިރި އަކަށް ހަދައިފި އެވެ. ބޭންކް އޮފް މޯލްޑިވްސްގެ 43 އަހަރުގެ ދިގު ތާރީހުގައި ކުރިން ފެނިފައި ނެތްފަދަ "ހުތުރު" މަންޒަރުތައް ފެންނަމުން އެދަނީ، މުއިއްޒުގެ ސިޔާސީ ގޮތްޕަކަށް އެތަން ބަދަލުވި ފަހުންނެވެ. އެ ނުބައި މަގަށް ބީއެމްއެލް އެޅުވީ ގަސްދުގަ އެވެ.
އެހެން ނޫން ނަމަ ރާއްޖޭގެ އެންމެ ވަރުގަދަ މާލީ އިދާރާއިން މާލީ ބަގާވާތެއް ގެންނަން އުޅުނު ކަމަށް ސިފައިންނާއި ފުލުހުންގެ ވެރިޔާ ކުރެއްވި ތުހުމަތަކީ އާރުލާ ތުހުމަތަކަށް ނުވެ އަހަރު ދުވަސް ވެގެނެއް ނުދާނެ އެވެ.
މާލީ ބަގާވާތުގެ ތުހުމަތު ފެށުނީ ރުފިޔާ އެކައުންޓުތަކުން ޑޮލަރު މުއާމަލާތް ނުކުރެވޭ ގޮތަށް ނިންމުމަށް މިދިޔަ އަހަރުގެ އޮގަސްޓު 21 ގައި ބޭއްވި ބީއެމްއެލްގެ ޑިރެކްޓަރުން ބޯޑުން ނިންމި ހިސާބުންނެވެ. އެ ނިންމުން ނޫސްތަކުގެ ސުރުހީތަކަށް އޮގަސްޓު 24 ގައި އައުމާއެކު ބީއެމްއެލްގެ ބޯޑުގައި ސަރުކާރުގެ އަގުލަބިއްޔަތު އޮތަސް، އެ ނިންމުމާމެދު ރައީސް މުއިއްޒު ހިތްޕުޅާ ނުވެ، ބޯޑުގައި ސަރުކާރުގެ އަގުލަބިއްޔަތު ނެތް ކަމަށް، ބުނެ، ބޭންކުން ގެންނަން އުޅުނީ މާލީ ބަގާވާތެއް ކަމަށް ތުހުމަތު ކުރެއްވި އެވެ.
ވެރިކަން ބަދަލުކުރަން އުޅުނު ކަމަށް ތުހުމަތުކޮށް، އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ވެސް ފެށި އެވެ. ނަމަވެސް، އަހަރެން ވެގެންދިޔައިރު ވެސް ކޮޅެއް މެދެއް، އަދި އެއީ ޒައްރެއްގެ އަސްލެއް އޮތް ކަމެއްކަން ވެސް ފުލުހުންގެ ތަހުގީގުން ނުހޯދުނެވެ. އެ ވާހަކަ ވެސް މިހާރު ފުލުހުން ދައްކަން ވެސް ބޭނުން ނުވެ އެވެ.
ސަރުކާރުން ބޭނުންވެގެން ބީއެމްއެލްގެ ބޯޑު ބަދަލުކުރި އެވެ. ކުރިން ހުންނެވި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމަަކް ބޭންކުގެ ހައްގާއި، ނަމާއި ކަރާމާތަށްޓަކައި އިސްތިއުފާ ދެއްވި އެވެ. އެއަށް ފަހު އެ މަގާމު ދެއްވީ މުހައްމަދު ޝަރީފަށެވެ.
އެމްއެމްޕީއާރުސީގެ ޗެކްތައް ބީއެމްއެލްއަށް ޖަމާކުރުމުގައި އޭނާގެ ދައުރެއް އޮތް ކަމަށް ތުހުމަތު ކުރެވިފައި އޮތެވެ. އެ ތުހުމަތު އޭނާ ދޮގުކުރައްވަ އެވެ. މިއަދު ބީއެމްއެލް ހިންގަމުންދާ ގޮތުންނާއި ބީއެމްއެލްގެ މުޅި ނަން ކިލަނބުކުރަމުން ގެންދާ ގޮތުން، ޝަރީފްއަކީ ސިޔާސީ ވެރިން ޖަހާ ބެރަށް ނަށާ ބޭފުޅެއްކަން އަމިއްލަ އަމަލުން ހެކިދެ އެވެ.
ބީއެމްއެލްގެ ބައެއް ނިންމުންތައް މިހާރު އިއުލާނު ކުރައްވަނީ އެ ބޭންކުގެ ތަރުޖަމާނެއް ފަދައިން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެވެ. ބީއެމްއެލްގެ ނިންމުންތައް ނިންމުމާއި، އިއުލާނު ކުރުމާއި، އޭޓީއެމް ހުޅުވުމާއި، ލޯން ސްކީމްތައް އިއުލާނު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވާޖިބެއް، ޒިންމާއެއް ވެސް ނޫނެވެ. ނަމަވެސް، އެ މިންވަރަށް ބޭންކު އޮފް މޯލްޑިވްސް ސިޔާސީ ވުމުން، ކޯޕަރޭޓް ހިންގުން ބޮއްސުންލާފައިވާ ވަރު ސިފަވެ އެވެ.
މިހާތަނަށް ބީއެމްއެލްއިން 200 އަށް ވުރެ ގިނަ އޭޓީއެމް ހުޅުވައިފި އެވެ. ނަމަވެސް، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އެއީ ބޭންކުގެ އަމިއްލަ އިވެންޓެކެވެ. ޗެއާމަން އާއި އެމްޑީ އަދި އިސްވެރިން އެ ދަތުރުތަކުގައި ބައިވެރިއެއް ނުވެ އެވެ. ހަރަދު ބޮޑު އަދި ކުލަގަދަ އިވެންޓަކަށް ނުހަދަ އެވެ.
ނަމަވެސް މިހާރު އޭޓީއެމް ހުޅުވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ޑޮލަރު އޭޓީއެމް ހުޅުވާ ރަށްތައް ވެސް އިއުލާނު ކުރައްވަނީ ރައީސް އެވެ. މީގެ ކުރިން ރައީސުންގެ ކެމްޕޭން ދަތުރުތަކުގައި ބޭންކު ބައިވެރިނުވެ އެވެ. ނަމަވެސް މިހާރު މަންޒަރު ބަދަލުވެ، ރައީސް މުއިއްޒުގެ ސިޔާސީ ދަތުރުތައް، ނުވަތަ ކެމްޕޭން ދަތުރުތަކުގެ ފަޅުކަން ފިލުވައިދެނީ ބޭންކުގެ ގަދަ ރަތްކުލައިންނެވެ.
ރައީސް މުއިއްޒުގެ ރިޔާސީ ވައުދުތައް ވެސް ފުއްދައި ދެނީ ބީއެމްއެލްއިންނެވެ. ކޮންޓެންޓު ކްރިއޭޓަރުންގެ ލޯނާއި 5 ޕަސެންޓު އިކްއިޓީ ބަހައްޓައިގެން ފްލެޓު ގަންނަން ލޯނު ދިނުމާއި، ރަށު ކައުންސިލްތަކުގެ އޮފީސް އިމާރާތްތަކުގެ ޕްރޮޖެކްޓަށް ސަރުކާރުން ފައިސާ ދެވެން ނެތިގެން، 631 މިލިއަން ރުފިޔާގެ އެ ޕްރޮޖެކްޓަށް ފައިނޭންސް ހަމަޖައްސައި ދިނީ ވެސް ބީއެމްއެލްއިންނެވެ.
ކައުންސިލްތަކުގެ އޮފީސް އިމާރާތް އަޅަން އާރުސީސީއާ ހަވާލުކުރި މައްސަލަ މިހާރު އޮތީ އޭސީސީގަ އެވެ. އެއީ ރައްޔިތުންގެ ފައިސާ އިސްރާފުކުރުމަށް، އަސްލު އަގަށް ވުރެ ބޮޑު އަގެއްގައި ހިންގާ މަޝްރޫއު އެކެވެ. އެފަދަ މަޝްރޫއެއްކަން އެނގި ތިބެ، ފައިނޭންސް ކޮށްދިނުމަކީ ވެސް ކޮރަޕްޝަންގެ އަމަލެއްގައި ބައިވެރިވުން ފަދަ ކަމެކެވެ.
ކޮންޓެންޓު ކްރިއޭޓަރުންނާއި 5 ޕަސެންޓު އިކުއިޓީގައި ހައުސިން ލޯން ދިނުމަކީ މާލީ ލުޔެއް ވެސް ނޫނެވެ. އެ ހަގީގަތް ބޭންކަށް އެނގިހުރެ، އެ ލޯންތައް އިއުލާނު ކުރީ އޮކްޓޯބަރު 3 އަކަށް އެމްޑީޕީން މުޒާހަރާ އަށް ތައްޔާރުވަމުން ދަނިކޮށެވެ.
ހަގީގަތަކީ ކޮންޓެންޓު ކްރިއޭޓަރުންގެ ލޯނަކީ ވެސް އަދި އިކްއިޓީ ދަށްކޮށްފައި ދޭ ހައުސިން ލޯނަކީ ވެސް "ދަރަނި ދަންތުރަ" އެއް ކަމެކެވެ. ކޮންޓެންޓު ކްރިއޭޓަރުންނަށް ލޯނު ލިބެނީ ކޮންމެ މަހަކު މުސާރަ ނުވަތަ ގަވާއިދުން އާމްދަނީ ލިބޭ ނަމަ އެވެ.
ބީއެމްއެލްގެ ފައިސާއިން ހިންގާ، އެ ބޭންކު ސަބްސިޑިއަރީއެއް ކަމަށްވާ އެސްއެމްއީ ބޭންކުން ކޮންޓެންޓު ކްރިއޭޓަރުންނަށް ލޯނު ތައާރަފުކުރީ 9.5 ޕަސެންޓު ރޭޓުގައި ރަހުނެއް ނެތި 150،000ރ. އާ ހަމައަށް ލޯނު ލިބޭ ގޮތަށެވެ.
ނަމަވެސް، ބޭންކުގެ ދުވަސްވީ ވަފާތެރި ކަސްޓަމަރުންނާއި އެ މީހުންގެ އާމްދަނީ އެއްކޮށް ބީއެމްއެލްގައި ޖަމާކުރާ ފަރާތްތަކަށް ރަހުނެއް ނެތި ދޫކުރާ ލޯނުތައް ދެނީ 15 ޕަސެންޓުގެ އިންޓަރެސްޓު ރޭޓުގަ އެވެ.
މިއިން ދައްކުވައި ދެނީ ބީއެމްއެލްގެ ލޯނު ދޫކުރުމުގެ ނިންމުންތައް މިހާރު ނިންމަނީ ރަނގަޅު މާލީ އުސޫލުތަކުގެ މައްޗަށް ބިނާކޮށްގެން ނޫންކަމާއި، ސިޔާސީ ގޮތުން ކަމެވެ. ވަކި ހާއްސަ ބަޔަކަށް ހާއްސަ ރޭޓެއްގައި ލޯން ދޫކުރާއިރު އެކަމުން ދައްކުވައި ދެނީ ދިވެހިންގެ ބޭންކެއްގެ ގޮތުގައި ބީއެމްއެލް ދެމިއޮތް ބިންގާ ގުޑުވާލީ ސިޔާސީ ބޭނުމަށް ކަމެވެ.
މިފަދަ ދަރަޖައަކަށް ބޭންކު ވެއްޓުނީ ކޯޕަރޭޓު ގަވަނެންސް ކޯޑުގައި ބާރު އަޅާފައިވާ ހަމަތަކަށް ބީއެމްއެލްގެ ބޯޑުން ވެސް ފަރުވާލެއް ނުބެހެއްޓުމުންނެވެ. ދޯހަޅި ނިންމުންތަކާއި ކޮރަޕްޝަނަށް މަގުފަހިވާ މަޝްރޫއުތަކަށް ސިޔާސީ ބޭނުމުގައި ލޯނު ދޫކުރާނަމަ ބޭންކުގެ ބޯޑުގެ އިހުމާލު އެބަ އޮތެވެ.
ބޭންކުގެ ކޯޕަރޭޓު މަސްލަހަތަށް ވުރެ ރައީސުލްޖުމްހޫރިއްޔާގެ ބޭނުންތަކަށް ބޭންކު އޮންނަ ނަމަ، އެ ހިނގަނީ ގޯސް މަގަކުންނެވެ. އެ ސިޔާސަތު ބަދަލު ނުކޮށްފި ނަމަ، ނަތީޖާ ގޯސްވެގެންދާނެ އެވެ. ބޭންކުގެ އިތުބާރު ފަނޑުވެ، ގެއްލިގެންދާނެ އެވެ.








