ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗުތަކަށް ފަހު، މޯލްޑިވިއަން އާއި ކްލަބް އެޗްޑީސީން ގަދަ 16 ބުރުގެ ޖާގައެއް ޔަގީންކޮށްފި އެވެ.
ގްރޫޕް ސީގައި ރޭ އެޗްޑީސީ އާއި ކްލަބް އެމްޓީސީސީ ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. މި ނަތީޖާއާ އެކު، މި ގްރޫޕްގައި އެޗްޑީސީ އަށް ތިން މެޗުން ޖުމްލަ ހަތް ޕޮއިންޓް ލިބޭނެ އެވެ. އެއީ، ސްޓެލްކޯ އަތުން ފުރަތަމަ ހޯދި މޮޅާއި، ރޭގެ ޕޮއިންޓްގެ އިތުރުން ގްރޫޕުން ނަން ނެގި، އުރީދޫ މެޗު ލިބިގެން، ޖުމްލަ ހަތް ޕޮއިންޓެވެ. ދެ ވަަނައިގައި އޮތް އެމްޓީސީސީގެ ހަތަރު ޕޮއިންޓް އޮތްއިރު، ތިން ވަނައިގައި އޮތް ސްޓެލްކޯ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.
އެޗްޑީސީ އާއި އެމްޓީސީސީ ބައްދަލުކުރި މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމަށް ވެސް ލަނޑު ޖަހަން ލިބުނު ފުރުސަތުގައި ގޯލާ ސީދަކޮށް ފޮނުވާލެވޭ ގޮތެއްނުވި އެވެ.

ގްރޫޕް ޑީގައި ރޭ މޯލްޑިވިއަން އިން ވަނީ ފަހު ވަގުތު އިސްމާއިލް އަހުމަަދު ޖެހި ދުރު ޕެނަލްޓީން 2-1 އިން ޕްރިޒަން ކްލަބް ބަލިކޮށްފަ އެވެ. މޯލްޑިވިއަން އަށް މުހައްމަދު އަބްދުﷲ (މޯޑު) ލީޑުނަގައިދިން މި މެޗުގައި ޕްރިޒަން އަށް އެއްވަރުކޮށްދިނީ އިސްމާއިލް ޒަރީރު އެވެ.
މި ގްރޫޕްގެ އަނެއް މެޗުން ރޭ ވަނީ ޓީމު އެފްއެސްއެމް އާއި ޓީމު ފެނަކަ 1-1 އިން އެއްވަރުވެފަ އެވެ. ހާޒިމް ފައުޒީ (ހަތީ) ފެނަކަ އަށް ލީޑުނަގައިދީފައިވަނިކޮށް، އެފްއެސްއެމް އަށް އެއްވަރުކޮށްދިނީ މުހައްމަދު ނާފިއު އަހުމަދު އެވެ.
ގަދަ 16 ބުރުން މިހާތަނަށް ޖާގަ ޔަގީންކޮށްފައިވަނީ، އެޗްޑީސީ އާއި މޯލްޑިވިއަންގެ އިތުރުން، ޓީމު އެމްއޭސީއެލް އާއި ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އެވެ.












