ބާސެލޯނާ (އޮކްޓޫބަރު 3) - މަރާމާތަށް ފަހު ހުޅުވަން ތައްޔާރުވަމުން އަންނަ ބާސެލޯނާގެ ސްޓޭޑިއަމް، ކޭމްޕް ނޯ އަށް އެ ކްލަބްގެ މެޗުތައް ބަދަލުކުރަން ކަނޑައެޅި ތާރީހަށް ބަދަލު ގެންނަން ޖެހިއްޖެ އެވެ.
ލައްކައެއްހާ މީހުންނަށް ވަދެވޭ ބާސެލޯނާގެ ސްޓޭޑިއަމް 1957 ވަނަ އަހަރު ހުޅުވިފަހުން، އެކި ފަހަރު މަތިން މަރާމާތު ކުރެވިފައިވެ އެވެ.
އެކަމަކު، މީގެ ދެ އަަހަރަށް ވުރެން ގިނަ ދުވަސްކުރިން، ބާސެލޯނާގެ ދަނޑު މަރާމާތު ކުރަން ބަންދުކުރިއިރު، މިއީ މިހާތަނަށް މި ދަނޑަށް ގެނެވޭ އެންމެ ބޮޑެތި ބަދަލުތައް ގެންނާނެ ފަހަރެވެ. މި ބަދަލުތަކަށް ފަހު ދަނޑު ހުޅުވައި، މެޗުތައް ކުޅެން ފެށުމުން ބާސެލޯނާގެ މާލީ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވާނެ ކަމަށް ބެލެެވޭއިރު، ބާސެލޯނާ އިން އަންނަނީ ދަނޑުގެ ކަންކަން އަވަހަށް ނިންމަން މަސައްކަތް ކުރަމުންނެވެ.
އެ ގޮތުން، ބާސެލޯނާ އިން މަސައްކަތް ކުރަމުން އައީ މި މަހު 21 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގައި، އޮލިމްޕިއާކޯސްއާ ދެކޮޅަށް ކުޅޭ މެޗު، ކޭމްްޕް ނޯގައި ކުޅެވޭ ގޮތަށް ކަންކަން ހަމަޖެއްސުމަށެވެ. އެކަމަށްޓަކައި، ސިޓީ ކައުންސިލްގެ ހުއްދަ އަށް ވެސް ބާސެލޯނާ އިން އެދުނެވެ.
އެހެން ނަމަވެސް، ބާސެލޯނާ އިން އިއްޔެ ބުނީ، މި މަހު 21 ވަނަ ދުވަހުގެ މެޗު ވެސް ކުޅޭނީ، މިހާރު ބާސެލޯނާގެ ހޯމް މެޗުތައް ކުޅޭ، އޮލިމްޕިކް ސްޓޭޑިއަމްގައި ކަމަށެވެ. އަދި، ކޭމްޕް ނޯ އަށް މެޗުތައް ބަދަލުކުރަން އަދި މަހެއްހާ ދުވަސް ނަގާނެ ކަމަށް ސްޕެއިނުގެ ރިޕޯޓްތައް ބުނެ އެވެ.
މަރާމާތަށް ފަހު، މިހާރު ބާސެލޯނާގެ ދަނޑަށް 105،000 މީހުންނަށް ވަދެވޭނެ އެވެ. އެކަމަކު، ފުރަތަމަ ބޭނުންކުރާނީ، 60،000 މީހުންގެ ޖާގަ އެވެ. މަޑުމަޑުން ދަނޑުގެ ފުލް ކެޕޭސިޓީ ބޭނުންކުރަން ވިސްނާފައިވާއިރު، މުޅި ދަނޑު ފުރާލައިގެން މެޗުތައް ކުރިއަށްގެންދަން އަހަރަކަށް ވުރެ ގިނަ ދުވަސް ނަގާނެ އެވެ.












