ހަލާލް ޓޫރިޒަމުގެ ބަދަލުގައި ހަންކެޑެގައި ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ފަށަން ޕްރޮޖެކްޓެއް

ހަންކެޑެގެ އަމަލީ މަސައްކަތް ފެށުމަށް ކަމަށް ބުނެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ހަންކެޑެގެ އަމަލީ މަސައްކަތް ފެށުމަށް ކަމަށް ބުނެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

އައްޑޫ އަތޮޅު ހަންކެޑެގައި ކުރީ ސަރުކާރުން އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަން އިއުލާނުކޮށް، ފައިސާ ވެސް ހޯދައިފައި އޮއްވައި ހަލާލް ޓޫރިޒަމް ކޮންސެޕްޓަށް އެ ރަށް ތަރައްގީ ކުރަން މި ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް އެ ރަށަކީ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ރަށެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.

ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަހައްދެއްގެ ގޮތުގައި ހަންކެޑެ ކަނޑައެޅީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ރޭ ނެރުއްވި ގަރާރަކުންނެވެ.

މުއިއްޒު ނެރުއްވި ގަރާރުން ވަނީ އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ހަންކެޑެ ކުއްޔަށް ދިނުމަށް ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު ޑިސެމްބަރު 2، 2021، ގައި ނެރުއްވި ގަރާރު އުވައިލައްވާފަ އެވެ.

ޓޫރިޒަމާބެހޭ ގާނޫނަށް ގެނައި 10 ވަނަ އިސްލާހުން ބާރުލިބި ޓޫރިޒަމް އާމްދަނީ އިތުރުކުރުމުގެ ގޮތުން ބިދޭސީންނަށް ގެދޮރު ވިއްކަން ސަރުކާރުން ކުރިޔަށް ގެންދާ ރިއަލް އެސްޓޭޓް ޓޫރިޒަމް ޕްރޮޖެކްޓުތައް ހިންގާ ސަރަހައްދެއްގެ ގޮތުގައި މިދިޔަ ސަރުކާރުން ހަންކެޑެ ކަނޑައެޅީ ޑިސެމްބަރު 2، 2021، ގަ އެވެ.

އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ހަންކެޑެ ތަރައްގީ ކުރަން މިދިޔަ ސަރުކާރުން ހަވާލު ކުރީ ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ (ސީއެންއީސީ) އެވެ. ހަންކެޑެ ތަރައްގީ ކުރަން ނިންމާފައި އޮތީ ބޭންކް އޮފް ޗައިނާ އިން 142.9 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.

ވެރިކަން ބަދަލުވުމަށްފަހު އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް ބޭއްވުމަށްފަހު ހަންކެޑެގައި ތަރައްގީ ކުރަން ރާވާފައިވާ އިންޓަގްރޭޓެޑް ޓޫރިޒަމް ރިސޯޓުގައި ހޮޓާތައް މެނޭޖުކޮށް ހިންގަން ޑުބާއީގެ ދު ކުންފުންޏަކާ އޮކްޓޫބަރު 2، 2024، ގައި މި ސަރުކާރުން ހަވާލުކުރި އެވެ.

އޭގެފަހުން އެތަނުގެ އަމަލީ މަސައްކަތް އިފުތިތާހު ކުރުމަށް ކަމަށް ބުނެ މިދިޔަ ފެބްރުއަރީ މަހު ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ. ހަންކެޑެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށްޓަވައި ދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނައި, ފަންޑު މެނޭޖްމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ނާޒިމް އަބޫބަކުރުގެ އިތުރުން ސީއެންއީއީސީގެ މަންދޫބެކެވެ.

ނަމަވެސް އޭގެފަހުން ވެސް އެ ތަނުގެ ބިން ސާފު ކުރުން ފިޔަވައި އިތުރު ކަމެއް ކޮށްފައެއް ނުވެ އެވެ.

އެއަށްފަހު ޖޫން 29، 2025، ގައި ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ހަލާލް ޓޫރިޒަމަށް ތަރައްގީ ކުރާ ސަރަހައްދެއްގެ ގޮތުގައި ހަންކެޑެ ކަނޑައަޅައިފަ އެވެ. ސަރުކާރުން މިކަން ނިންމިއިރު، ކުރީގެ ޕްރޮޖެކްޓަށް ވީގޮތެއް ރަސްމީކޮށް ނުބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox