ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗުތަކުން ކްލަބް ވެމްކޯ އާއި ޔުނައިޓެޑް ބީއެމްއެލް ލަނޑެއް ނުޖެހި އެއްވަރުވިއިރު، ކްލަބް ޓީޓީއެސް، އެމްޕީއެލް އަދި ޕޮލިސް ކްލަބް މޮޅަކުން މުބާރާތް ފަށައިފި އެވެ.
ޓީޓީއެސް އިން ގޭސް ރެކްރިއޭޝަން ކްލަބް އަތުން މޮޅުވީ 7-1 އިންނެވެ. އެމްޕީއެލް އިން ދިރާގުގެ މައްޗަށް 1-0 އިން ކުރިހޯދިއިރު، ޕޮލިސް ކްލަބުން ވަނީ 3-0 ކްލަބް އޭވިއޭޝަން ސެކިއުރިޓީ އަތުން މޮޅުވެފަ އެވެ.
ގްރޫޕް އެފްގައި، ބީއެމްއެލް އިން ވެމްކޯއާ ދެކޮޅަށް ކުޅުނު މެޗުގައި، ދެ ޓީމުން ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ. މި މެޗުގައި، ވެމްކޯގެ ގިނަ ހަމަލާތަކެއް ބީއެމްއެލްގެ ކީޕަރު، މުހައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފަ އެވެ. އަނެއްކޮޅުން، ކައުުންޓަ އެޓޭކުގައި ބީއެމްއެލް އަށް މި މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ލިބިގެންދިޔަ އެެވެ. މިދިޔަ ދެ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަން، ވެމްކޯ އިން މި އަހަރު މިހާތަނަށް ކިންގްސް ކަޕް ވެސް ހިމެނޭހެން ކުޅުނު ހަތަރު މެޗުން ވެސް ވަނީ އެއްވަރުވެފަ އެވެ.

ކްލަބް ޓީޓީއެސްގެ ސިމާހު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
މި ގްރޫޕްގައި ދެން ހިމެނޭ، ޓީޓީއެސް އިން ވަނީ ފަހަތުން އަރައި ގޭސް އަތުން މޮޅުވެފަ އެވެ. މުހައްމަދު ނަބީހުގެ ގޯލުން މެޗުގެ ފުރަތަމަ މިނިޓްގައި، ގޭހުން ލީޑުނެގި އެވެ. އެކަމަކު، ޓީޓީއެސް އިން ވަަނީ ފަހުން މެޗު ޑޮމިނޭޓްކޮށް ބޮޑު މޮޅެއް ހޯދައިފަ އެވެ. ޓީޓީއެސްގެ ލަނޑުތައް ޖެހީ، އީރާނުގެ ސައްޖާދު އަދެލްޕޫރު އާއި އިބްރާހިމް ސިމާހު (ތަޑޭ)، ކޮންމެ ކުޅުންތެރިއަކު ދެ ގޯލުގެ އިތުރުން، އިރާނުގެ އަލީ ރެޒާ އާއި މުހައްމަދު ތޯހިރު އަދި އަހުމަދު ރުވާއު ގޯލެކެވެ.
ގްރޫޕް އީގައި އެމްޕީއެލް އިން ދިރާގު ބަލިކުރި މެޗުގެ ހަމައެކަނި ގޯލު ޖެހީ، އިރާނުގެ ސަމަން ދަޝަން އެވެ. މި ގްރޫޕުގައި ޕޮލިހުން އޭވްސެކް އަތުން މޮޅުވިއިރު، ލަނޑުތައް ޖެހީ، އައިމަން ނަޒީރު، ހުސެއިން އަފްހާން އަދި އަބާން މުހައްމަދު އެވެ.












