ސާނަވީ އަދި މަތީ ސާނަވީ ދަރިވަރުންނަށް ހާއްސަކޮށްގެން، މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ކުރިއަށް ގެންދާ ފިއުޗާ ފައިނޭންސް މަޒުމޫނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްއެމްއޭއިން ބުނީ މިއީ އެމްއެމްއޭއިން ކުރިއަށްގެންދާ ތަމްވީލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވްގެ ދަށުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.
މުބާރާތުގެ މައިގަނޑު މަގުސަދަކީ ޒުވާނުން، ވަކިން ޚާއްސަކޮށް ކިޔަވާކުދިންގެ މެދުގައި މާލީ ދާއިރާއާއި ދޭތެރޭ އިލްމީ ނަޒަރަކުން ވިސްނައި އަދި މާލީ މުސްތަގުބަލެއް ތަސައްވަރުކުރުމަށް ބާރުއެޅުން ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.
ސްކޫލުތަކުގެ ގްރޭޑް 8 އިން 12 އަށް ކިޔަވާ ދަރިވަރުންނަށް ހުޅުވާލެވިފައިވާ މި މުބާރާތް ބާއްވާނީ ދެ ގިންތިއަކަށް ބާހާލައިގެންނެވެ. އެގޮތުން، ޖޫނިއަރ ގިންތީގައި ހިމެނޭނީ ގްރޭޑް 8 އިން 10 ގެ ދަރިވަރުންނެވެ. އަދި ސީނިއާ ގިންތީގައި ހިމެނޭނީ ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނެވެ.
މުބާރާތުގެ ބައިވެރިން ހުރިހާ މަޒުމޫނެއް ވެސް ލިޔާނީ އިނގިރޭސި ބަހުންނެވެ. އެ ލިޔުންތަކަކީ ކުރިން ޝާއިޢުކޮށްފައިނުވާ އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިން އުފައްދާފައިވާ ލިޔުމަކަށް ވެގެންނުވާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
މުބާރާތުގެ ކޮންމެ ގިންތިއެއްގައިވެސް އެންމެ މޮޅު މަޒޫމޫނަށް 3,000ރ.، ދެވަނައަށް 2,000ރ.، ތިންވަނައަށް 1,000ރ.، އަދި ކޮންމެ ގިންތިއަކުންވެސް ހާއްސަ މަޒުމޫނަކަށް 500ރ. ގެ އިނާމު ލިބޭނެއެވެ. މި މުބާރާތުގެ ބައިވެރިން މަޒުމޫނު ހުށަހެޅުމުގެ ސުންގަޑިއަކީ 9 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ 23:59 އެވެ.










